ފަޅިމޫނު - 140

(24 ނޮވެމްބަރު 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ބާދްޝާ ކާރު އަނބުރާލައިފިއެވެ. "އަހަރެންގެ ވާހަކައަކަށް ޖަވާބެއް ނުދެމެއްނު؟ ތިޔަ މަސައްކަތް ކުރަނީ ރެކެން. އަހަރެންގެ ވާހަކަ އޮއްބައިލާން. އެކަމަކު ހަނދާން ކުރާތި. އަހަރެން މި ބުނި ގޮތަށް ކަންތައް ކުރާނަން."

"ޖާނީ ބޭނުން ކަމެއް ބޭނުން ގޮތަކަށް ކުރޭ. އަހަރެން ގުރުބާންވީ ރުޚްސާނާއަށްޓަކައި. ޖާނީއަށް މަކަރު ހެދުނީތީ އަހަރެން ލަދުވެތިވަން. ޖާނީ އޭނާ ވަރިކޮށް އެއްލައިލިޔަސް އަހަރެންގެ ގުރުބާނީ ބޭކާރެއް ނުވާނެ. އަހަރެން ކުރި ކަމެއް އެ އޮތީ ކޮށް ނިންމާފައި."

"ތިޔަހެން ބުނެލުމަކުން ހުރިހައި ކަމެއް ނުއެއް ނިމޭނެ."

"އަހަރެން އޮޅުން ފިލުވަން ބޭނުންވާ ކަމަކީ ތިޔައީ. މި ކަންތައް ނިމޭނީ ކިހިނެއްތަ؟"

"އަހަރެން ފަރުޒާނާ ދެކެ ލޯބިވޭ. އެހެންވީމާ ނިމޭނީ އަހަންނަށް ފަރުޒާނާ ލިބުނީމާ."

"އަހަރެން ޖާނީއަކާ ނީންނާނަން."

"ނީނަސް ހެޔޮ. އަހަރެންމެ މީހަކަށް ވީމާ އެ ނިމުނީ."

"ހޭބުއްދި ފިލީތަ؟ ނީނދެ ޖާނީގެ މީހަކަށް އަހަރެން ވާންވީތަ؟ ތިޔަ ހީކުރަނީ އަހަރެން މިއީ ކޮން ކަހަލަ މީހެއް ކަމަށްތަ؟ އަހަރެން މިއީ ކަސްބީ އަންހެނެއްތަ؟ ނޫނީ ލޯބިން ދެތިން ފަހަރު ވާހަކަދައްކައިލުމާ އެކީ ލޯ މަރައިލާފައި ޖާނީގެ އުނގަށް ވެއްޓިގަންނަ ކަހަލަ ވިޔާނުދާ ޖަޒުބާތެއެްގެ ވެރިއެއް ކަމަށް ހީވަނީތަ؟ ބުނަންތަ ޖާނީ؟ އަހަރެންގެ ޒާތަކީ އަހަންނަށް ލިބިފައިވާ އެންމެ އަގުހުރި މުދާ. އެއީ އަހަރެންގެ ދުނިޔެ. އަހަރެންގެ އީމާން. އެ ޒާތު ނުބައި އަތަކަށް ފުރޮޅާލައިފިއްޔާ އަހަރެންގެ އީމާންކަން ނެތިގެން ދިޔައީ. އަހަރެންގެ ނަފުސުގެ އަގުވެސް ވެއްޓުނީ."

"ތިޔަ ވާހަކަ އަހަރެން ވަރަށް ރަނގަޅަށް އަޑުއަހައިފިން. ދެން އަހަރެން ދައްކާ ވާހަކަ ކަނުލައި އަހާ. ފަރުޒާނާއަކީ އަހަރެންގެ އެދުމެއް. އެ އެދުން އަހަންނަށް ހާސިލު ކުރެވިފައިވެސް ނުކުރެވޭ. އެހެންވީމާ ހާސިލު ކުރެވެންދެން މަސައްކަތް ކުރާނަން. ފަހަތުން ދުވާނަން. މަގުގެ އަނެއް ފަރާތުގައި އެހެރީ ފަރުޒާނާގެ ކުލިނިކު. އެތާނގެ ކުރިމަތީގައި މަގުގެ އަނެއް ފަޅީގައި އަހަރެންގެ ކާރު އޮންނާނެ. އަހަންނާ ދުރުގައި ހުރުން އެއީ ފަރުޒާނާ ބޭނުންވާ ގޮތް. މައްސަލައެއް ނެތް. ދުރުގައި ހުރޭ. އަހަރެން ފަރުޒާނާގެ ހިޔަންޏަށް ވެގެން ފަހަތުގައި އެނބުރޭނަން."

ބާދްޝާ ކުލިނިކާ ދުރަށް ކާރު މަޑުކޮށްފިއެވެ. ފަރުޒާނާ ބޭސް ދަބަސް ހިފައިގެން ފައިބައިގެން ގޮސް މަގު ހުރަސް ކޮށްފިއެވެ. އެނބުރި ބާދްޝާއާ ދިމާއަށް ބަލައިލާކަށްވެސް އޭނާ ބޭނުމެއް ނުވިއެވެ. ދަބަސް ހިފައިގެން މަޑުމަޑުން ހިނގާފައި ދަނީއެވެ. ބާދްޝާ އޭނާޔާ ދިމާއަށް ބަލާ ކަމުގައި އިހުސާސް ކުރެވުނެވެ. އޭނާގެ ހަށިގަނޑުގެ އެކި ދިމަދިމާއަށް ބާދްޝާގެ ނަޒަރު ހުއްޓޭ ކަމުގެ އިހުސާސްވެސް ކުރެވުނެވެ. ދެން އިވުނީ ކާރު ދުއްވައިލީ އަޑެވެ. އޭނާ އެ ދަނީއެވެ.

އެއީ ހީވީ ގޮތެއް ކަމުގައިވެސް ވެދާނެއެވެ. ހިނގަމުން ދިޔަ ވަރަކަށް ކާރުގެ އަޑު ދިޔައީ އިވެމުންނެވެ. އެނބުރި ދިޔައީނަމަ އަޑު މަޑުވަމުން ދާން ވާނެއެވެ. އެކަމަކު އެ އަޑު މަޑެއް ނުވެއެވެ. ފަރުޒާނާ މަޑުމަޑުން އެނބުރި މަގުގެ އަނެއް ފަޅިއަށް ބަލައިލިއެވެ. އަނެއް ފަޅީގައި އޮވެގެން ބާދްޝާ އޭނާގެ ފަހަތުން ކާރުގައި އަންނަނީއެވެ. މަގުމަތީގައި މީހުން ހިނގައިބިގައިވެ އުޅެއެވެ. ބާދްޝާ އޭނާގެ ފަހަތުން އަންނަނީ ކަމެއް އެއިން މީހަކަށް ނޭނގެއެވެ. އޭނާ ވަރަށް ބާރަށް ހިނގާފައި ގޮސް ކުލިނިކަށް ވަދެ ވަރަށް ބާރަށް ދޮރު ލައްޕައިފިއެވެ.

ޖާނީ އިރުކޮޅެއް ވާންދެން ކުލިނިކާ ދިމާއަށް ބަލަހައްޓައިގެން އޮތެވެ. އިރުކޮޅެއް ފަހުން އޭނާއަށް ދެ ފަސިންޖަރުން ލިބިއްޖެއެވެ. އޭނާގެ ދުވަހުގެ މަސައްކަތް ފެށުނީއެވެ. ދުވާލު ހަތަރުދަމު ކާރު ދުއްވީއެވެ. ރޭގަނޑު އަށެއް ޖެހުމާއެކު އައިސް ކުލިނިކާ ދިމާއަށް މަގުގެ އަނެއް ފަޅީގައި ކާރު މަޑުކޮށްފިއެވެ.

މިއީ ކޮންމެ ދުވަހެއްގެ އާދަ ކަމުގައި ވެއްޖެއެވެ. ރޭގަނޑު އަށެއެް ޖެހުމާއެކު އެ ތަނަށް އާދެއެވެ. ނިދަނީ ކާރުގައެވެ. ގެއަށް ދަނީ ހެނދުނު ހައެއް ޖެހީމައެވެ. ކުލިނިކު ހުޅުވަނީ ހެނދުނު ދިހައެއް ޖެހީމައެވެ. މެންދުރަށް ބަންދު ކުރަނީ އެކެއް ޖެހީމައެވެ. ދެން ހުޅުވަނީ އިރުއޮއްސި ހައެއް ޖެހީމައެވެ. ބަންދު ކުރަނީ ރޭގަނޑު ނުވައެއް ޖެހީމައެވެ. ކުލިނިކުގެ ދޮރު ހުޅުވައި ލައްޕައި ހަދާއިރު ބައެއް ފަހަރަށް ފަރުޒާނާގެ މޫނު ފެނެއެވެ. އޭގެ ފަހަކުން ނުފެނެއެވެ.

ހަފުތާއެއް ފަހަނައަޅައި ގޮސް މައްސަރެއްހައި ދުވަސް ވެއްޖެއެވެ. ގެއަށް ބޭނުންވާ އެއްޗެހި ގަނެދެނީ ރާޝިދެވެ. ބޭރަށް ނުކުމެ ކުރަން ޖެހޭ ހުރިހައި ކަމެއް ކޮށްދެނީ އޭނާއެވެ.

އެއް ދުވަހަކު ހެދުނު ބާދްޝާއަށް ހޭލެވުމާއެކު ތެދުވެ ކުލިނިކުގެ ދޮރާ ދިމާއަށް ބަލައިލިއެވެ. އެހެން ދުވަސްދުވަހާ ޚިލާފަށް މިއަދު ދޮރު ހުރީ ހުޅުވައިފައެވެ. މިއީ މީގެ ކުރިން ވީ ކަމެއް ނޫނެވެ. މި ވަގުތު ދޮރު ހުޅުވައިފައި އެހެރީ ކީއްވެގެން ބާވައެވެ؟ މިއީ ބަލި މީހަކު އަންނަ ކަހަލަ ވަގުތެއްވެސް ނޫނެވެ. އޭނާ ކާރުން ފައިބައިގެން މަޑުމަޑުން ކުލިނިކާ ދިމާއަށް ހިނގައިގެންފިއެވެ. ހިތް ދިޔައީ ބާރަށް ތެޅެމުންނެވެ. ފަރުޒާނާއާ ވާހަކަ ނުދައްކާނޭ ކަމަށް އޮތީ ބުނެފައެވެ. އެކަމަކު މިހާރު އޭނާ އެހެރީ ކުލިނިކުގެ ދޮރުމަތީގައެވެ.

އޭނާ އިރުކޮޅަކު ވިސްނައިލާން މަޑުކޮށްލުމަށް ފަހު އެތެރެއަށް ވަދެއްޖެއެވެ. ފަރުޒާނާ ދިމާއަށް ފެންނަ ގޮތަށް ގޮނޑިއެއްގައި އިށީނދެގެން އިނެވެ. އޭނާ ފެނުނީމާ ސިހުނުކަން އެނގުނެވެ. ފަރުޒާނާ އިނީ ވަރަށް އާދަޔާ ޚިލާފު ގޮތަކަށެވެ. ބޯ ހުރީ ހޭވިފައެވެ. ލޯ ހުރީ ވަޅު ވަދެފައެވެ. މޫނު ހުރީ މިލައިފައެވެ. ހީވަނީ އެތައް ޒަމާނެއް ވާންދެން ބަލިވެ އުޅެފައިވާ މީހަކު ހެންނެވެ.

ފަރުޒާނާވެސް ބާދްޝާ ޖާނީއާ ދިމާއަށް ބަލައިލިއެވެ. ބާދްޝާގެ ހާލުވެސް ވަކިން ދެރައެއް ނޫނެވެ. ލޯ ހުރީ ވަޅު ވަދެފައެވެ. ބޮލާއި ތުނބުޅި ދިގުވެފައެވެ. ލައިގެން ހުރި ހެދުން ހީވަނީ ރޫބޮނޑިއެއްހެންނެވެ. އޭނާ ކާރުގައި ނިދާތާ ދެ މަސް ދުވަސް ވީއެވެ. އެހެންވީމާ ރަނގަޅަކަށް ނުނިދެއެވެ. ކަނީ ހޮޓަލުންނެވެ. ސިއްހަތަކަށް މާ ބޮޑު ފަރުވާލެއް ނުބަހައްޓައެވެ. ހިކި އަނަރޫފަ ވެއްޖެއެވެ.

ބާދްޝާއަށް ބޭއިޚްތިޔާރުގައި އަހައިލެވުނެވެ. "ތިޔަހަރީ ކިހިނެއް ވެފައި؟"

މިހެން އަހައިފައި ކުއްލިއަކަށް އަނެއް ފަރާތަށް އެނބުރިއްޖެއެވެ. މިހާރު އޭނާ އެހެރީ ފަރުޒާނާއަށް ފުރަގަސް ދީގެން ފާރާ ދިމާއަށް އެނބުރިއެވެ. "މީހަކާ ވާހަކަ ނުދައްކާނަމޭ ބުނެފިއްޔާ އެ ބަހުގެ އިތުބާރު ހިފަހައްޓަން ވާނެ. އެފަދަ ހާލަތެއްގައި ފާރާ ވާހަކަދެއްކިދާނެ. އޭތް މިހިރާ ފާރާ! އަހަރެން އެ މީހަކު ދެކެ ލޯބިވާ މީހާ… އެ މީހަކު ނުލިބިގެން މި ތެޅޭ މީހާ… އަހަންނާ ހެދި ނުކުޅަދާނަ ވެގެން ބޮޑު ބަލިމީހަކަށް ވެއްޖެކަން ކަލެއަކަށް ނޭނގޭތަ؟"

ފަރުޒާނާ ބުންޏެވެ. "ޖާނީވެސް ތިޔަހަރީ އެފަދަ ހާލަތެއްގައެއްނު؟ ﷲ އަށްޓަކައި ބުއްދީގެ ބޭނުން ކޮށްބަލަ. އަހަރެމެން ދެ މީހުން މިހާރު މިތިބީ އެކަކު އަނެކަކަށް މިލްކު ކުރެފޭ ފަދަ ހާލަތެއްގައެއް ނޫން. ލޯތްބަކީ ވަރަށް ރީތި ޖަޒުބާތެއް. އެ ޖަޒުބާތު ހުތުރު ކުރާކަށް ނުވާނެ. ލޯބީގެ މޫނުމަތި ހުތުރު ކުރާކަށް ނުވާނެ. މިއަދު އަހަރެން މި އިގުރާރު ވަނީ. އަހަރެން އަބަދުވެސް ޖާނީ ދެކެ ލޯބިވިން. އަހަރެން ދިރިހުންނަނީ އެ ލޯބީގެ ބާރުގައި. ބާދްޝާއަށްޓަކައި. އެކަމަކު އަހަރެން މި ބުނަނީ… ހެޔޮ ނުވާނެ… އެ ލޯބި ބަދުނާމު ނުކުރޭ. އަމިއްލަ ގޭގައި ހުޅު ނުޖަހާ. ރުޚްސާނާގެ ހައްގުތަކަށް އުނިކަން އަންނަ ކަހަލަ ކަމެއް ނުކުރޭ. ދަރިފުޅުގެ ކުރިމަގު އަނދިރި ނުކުރޭ. ޖާނީ. އަހަރެމެން ދެ މީހުންނަކީވެސް އިންސާނުން. އަމިއްލަ ދިރިއުޅުމާ މެދު ވިސްނާން ވާނީ އިންސާނުން ވިސްނާ ގޮތަށް."

ބާދްޝާ ފާރާ މުޚާތަބުކޮށް ބުނެލިއެވެ. "އަހަރެން ފަރުޒާނާ ބުނާ ގޮތަށް ހެދިއްޔާ ސިއްހަތަށް ފަރުވާތެރި ވެގެން އުޅޭނަންތަ؟"

"އާނ."

"އަހަރެންގެ ކާރުގެ ފަހަތު ގޮނޑިން ފިނިފެންމަލުގެ ވަސް ދުވަން ފެށުމާއެކު އަހަރެންގެ ޚިޔާލަށް އަންނަނީ ފަރުޒާނާ. އަހަރެން ބޭނުން ވަނީ ފަރުޒާނާ އަލަށް ފޮޅޭ ފިނިފެންމަލެއްހައި ތާޒާކޮށް ހުންނަން."

"ޖާނީ ބޭނުން ގޮތަކަށް އަހަރެން ހުންނާނަން."

ބާދްޝާ ފުން ނޭވައެއް ލިއެވެ. "މީގެ ފަހުން ފަރުޒާނާއަކަށް އަހަރެންގެ ކާރުވެސް އަދި އަހަރެންވެސް ނުފެންނާނެ."

ބާދްޝާ ނުކުންނާން ހިނގައިގަތީމާ ފަރުޒާނާ ގޮވައިލިއެވެ. "މަޑުކޮށްލަބަލަ ޖާނީ. މީގެ ކުރިން އަހަރެން ޖާނީ މި ގޭ ދޮށަށް އައުން މަނާކުރިން. އެކަމަކު ޖާނީ މިހާރު ތިޔަހަރަ ގޮތް ބަދަލުކޮށް ރަނގަޚު ވެއްޖެކަން ޔަގީން ކުރަން އަހަރެން ބޭނުންވޭ. މާދަމާ މި ގޭދޮށަށް އަންނާތި. އަހަރެން ކުޑަދޮރުން ބަލައިލާނަން. އަހަރެން ބޭނުން ވަނީ އިހަށް ހުރި ޖާނީ ދެކެން."

"އެންމެ ރަނގަޅު. އިންސާނެއްގެ ސިފަ ޖެހިގެން މާދަމާ އަންނާނަން."

(ނުނިމޭ)

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.