ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ދާތީ އަގު ކޮންޓުރޯލުކުރުމަށް އެމެރިކާއާއި ބައެއް އެހެން ގައުމުތަކުގެ ރިޒާވުން ބާޒާރަށް ތެޔޮ ދޫކުރަން ނިންމިތާ ގިނަ އިރުތަކެއް ނުވެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ހިނގައްޖެއެވެ.
އިއްޔެ ތެލުގެ ބާޒާރުގައި ވިޔަފާރި ނިންމާލިއިރު، ބްރެންޓް ސާފުނުކުރާ ތެޔޮ ފީފާއަކުން 2.61 އެމެރިިކާ ޑޮަަލަރު މައްޗަށް ޖެހި ފީފާއެއްގެ އަގު ވަނީ 82.31 ޑޮލަރަށް އަރާފައެވެ. އަދި ޓެކްސާސް ސާފުނުކުރާ ތެޔޮ ފީފާއަކުން 1.75 ޑޮަލަރު މައްޗަށް ޖެހި ފީފާއެއްގެ އަގު ވަނީ 78.50 ޑޮލަރަށް އަރާފައެވެ. އިއްޔެއަކީ ހަފުތާއެއްގެ ތެރޭގައި ތެލުގެ އަގު އެންމެ ބޮޑަށް މައްޗަށް ޖެހުނު ދުވަހެެެވެ.
ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެމެރިކާގެ ރައީސު ޖޯ ބައިޑަން ވަނީ ތެލުގެ އަގު ދަށަށް ޖެއްސެވޭތޯ މަސައްކަތްޕުޅުުކުރައްވާފައެވެ. އޯޕެކް+ ގެ ގައުމުތަކުން ބާޒާރަށް ތެޔޮ ދޫކުރާ މިންވަރު ދޫކުރުން އިތުރުކޮށް، މިހާރު އަމަލުކުރަމުންދާ ހިފެހެއްޓުންތަައް ދޫކޮށްލުމަށް އިލްތިމާސްކުރައްވައިގެންނެެވެ. އެހެންނަމަވެސް، އެ ގައުމުތަކުން ތެލުގެ ސިޔާސަތަށް ބަދަލެއް ގެންނަން އެއްބަސް ނުވިއެވެ.
އެންމެ ފަހުން ރައީސު ބައިޑަން ނިންމެވީ ބާޒާރުގައި ތެޔޮ ގިނަކުރުމަށް އެމެރިކާގެ ސްޓްރެޓީޖިކް ރިޒާވުން ތެޔޮ ބާޒާރަށް ނެރުމަށެވެ. އެގޮތުން އިއްޔެ ބައިޑަން ވަނީ އެމެރިކާގެ 600 މިލިއަން ފީފާއަށްވުރެ ބޮޑު ސްޓްރެޓީޖިކް ރިޒާވުން 50 މިލިއަން ފީފާ ބާޒާރަށް ދޫކޮށްލުމަށް ނިންމަވާފައެވެ. އަދި އެމެރިކާއާއެކު އިންޑިޔާ، ޖަޕާން، އިނގިރޭސިވިލާތް އަދި ދެކުނު ކޮރެޔާއިންވެސް ސްޓްްރެޖީކް ރިޒާވުން ބައެއް ދޫކޮށްލަން އެއްބަސްވެފައިވާކަން ބައިޑަން ވަނީ ހާމަކުރައްވާފައެވެ.
ރައީސު ބައިޑަންގެ ނިންމެވުން ހާމަކުރެއްވުމާއެކު އިންޑިޔާއިން ވަނީ އެގައުމުގެ ތެލުގެ ރިޒާވުން 5 މިލިއަން ފީފާ ތެޔޮ ދޫކޮށްލާނެކަން އިއުލާންކޮށްފައެވެ. އިނގިރޭސިވިލާތުން ބުނެފައި ވަަަނީ އެގައުމުގެ ތެލުގެ ރިޒާވުން 1.5 މިލިއަން ފީފާ ބާޒާރަށް ދޫކޮށްލާނެ ކަމަށެވެ. ޗައިނާއިން ވަކިވަރެއް ހާމަނުކުރި ނަމަވެސް އެގައުމުންވެސް ވަނީ އެގޮތަށް އަމަލުކުރާނެކަމަށް ބުނެފައެވެ.
ވައިޓް ހައުސްއިން ހާމަކުރި ގޮތުގައި، އޯޕެކް+ ގައުމުތަކުގެ ނުރުހުމާއެކު އެމެރިކާއިން ބާޒާރުގައި ތެޔޮ ގިނަކޮށްލުމަށް ނިންމި ނަމަވެސް ރައީސު ބައިޑަން އަދިވެސް ގެންދަނީ އެގައުމުތަކާ މަޝްވަރާކުރައްވަމުންނެވެ. އަދި ރައީސު ބައިޑަން އުއްމީދުކުރައްވާ ގޮތުގައި އޯޕެކް+ ގެ ގައުތަކުން ކުރިން އެއްބަސްވެފައިވާ ގޮތަށް އެގައުމުތަކުން އުފައްދާ މިންވަރަށް މިއަހަރުގެ ފަހުކޮޅު ދުވާލަކަށް 4 ލައްކަ ފީފާ އިތުރުކުރާނެއެވެ.
ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެޔޮ ވިކޭ މިންވަރު ދަށްވާން ފެށުމުން ތެޔޮ އުފައްދާ ގައުމުތަކުން ވަނީ ބާޒާރަށް ތެޔޮ ނެރޭ މިންވަރު މަދުކޮށްފައެވެ. އަދި ކޮވިޑް-19 ގެ ހާލަތު ރަނގަޅުވެ، ތެލުގެ ބާޒާރު ރަނގަޅުވާން ފެށުމާއެކު، އެ ގައުމުތަކުން ނިންމާފައިވަނީ މި މަހުގެ ފަހުކޮޅު ބައެްދަލުވުމެއް ބޭއްވުމަށް ފަހު ދުވާލަކު 4 ލައްކަ ފީފާ އިތުރުކުރުމާމެދު ގޮތެން ނިންމުމަށެވެ. އެހެންނަމަވެސް، ބައެއް ގައުމުތަކުގެ ރިޒާވުން ތެޔޮ ބާޒާރަށް ދޫކޮށް ބާޒާރުގައި ތެޔޮ ގިނަކޮށްލުމުން ތެޔޮ އުފައްދާ ބައެއް ގައުމުތަކުން 4 ލައްކަ ފީފާ އިތުރުކުރުމާމެދު ދެވަނަ ވިސްނުނަމަކަށް ދިއުމަކީ އެކަށީގެންވާ ކަމެކެވެ.