އީރާނުން ތެޔޮ އެކްސްޕޯޓްކުރުން ހުއްޓުވުކީ އެމެރިކާއަށް ކުރެވޭނެ ކަމެއް ނޫންކަމުގައި އީރާނުގެ ރައީސުގެ އިސް ނާއިބު އިސްޙާޤު ޖަހާންގީރީ ވިދާޅުވެއްޖެއެވެ. އިސްލާމިކް ރިޕަބްލިކް އޮފް އީރާން ނިއުސް އެޖެންސީ (އިރްނާ) އިން ޚަބަރުދިން ގޮތުގައި ޖަހާންގީރީ ވިދާޅުވީ އެކަން ނުހުއްޓުވޭނީ "އީރާނުން އެކަން ކުރާނެ ވަސީލަތްތަކާއި، ކުރާނެ ގޮތްތައް ހަމަޖައްސާފައި ވާތީއެވެ.
"އީރާނުން ދިޔައީ ފާއިތުވި މަސްތަކުގައި ދުވަހަކު 2.5 މިލިއަން ފީފާ އެކްސްޕޯޓުކުރަމުން. މިހާތަނަށް އެ އަދަދުން ދުވަހު ހާހެއްހާ ފީފާ މެނުވީ މަދުވެފައި ނުވޭ." އޭނާ ހާމަކުރެއްވިއެވެ.
އޭނާ އިތުރަށް ބަޔާންކުރެއްވި ގޮތުގައި ތެޔޮ އެކްސްޕޯޓުކޮށްގެން އީރާނުން ކުރަން ޖެހޭ ކަންކަން ދުވާލަކު އެއް މިލިއަން ފީފާ ބޭރުކުރެވުނަސް އީރާނަށް ކުރެވޭނެއެވެ. އަދި އެއަށްވުރެ ދަށަށް ތެލުގެ އެކްސްޕޯޓު ނުދާނެއެވެ.
"ތެޔޮ ފީފާއެއްގެ އަގު 30 ޑޮލަރަށްވެސް ދަށަށް ދިޔަ. އަދި މިހާރު ވަނީ 80 ޑޮލަރަށް އަރާފައި. ދެން އީރާނުގެ ތެޔޮ އެކްސްޕޯޓުކުރުން ހުއްޓުވުގައި ވޮޝިންޓަނަށް ކާމިޔާބުވެއްޖެ ހަލާތެގައި ތެޔޮފީފާއެއްގެ އަގު 100 ޑޮލަރަށް އަރާނެ." ޖަހާންގީރީ ވިދާޅުވިއެވެ.
އީރާނާއި ދުނިޔޭގެ ބޮޑު ހަ ބާރާއި ދެމެދު 2015 ވަނަ އަހަރު ވެވުނު ނިއުކުލިޔާ އެއްބަސްވުމުން ފާއިތުވި މޭ މަހު އެމެރިކާ ވަކިވެ، ފާއިތުވި އޮގަސްޓު މަހުން ފެށިގެން އީރާނާ ދެކޮޅަށް އިގްތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅު ވަނީ އަޅަންފަށާފައެވެ. އަދި މިފެށޭ ނޮވެންބަރު މަހުގެ 4 ވަނަ ދުވަހުން ފެށިގެން ހަކަތައާއި މާލީ އެހީ ފޯރުކޮށްދިނުމުގެ ދާއިރާއިން އީރާނާ ދެކޮޅަށް ފިޔަވަޅުން އަޅަން ފަށަން އެމެރިކާއިން ފަށާނެއެވެ.
އީރާނާއި ދެކޮޅަށް އަޅާ ދަތިކުރުމުގެ ފިޔަވަޅުގެ ސަބަބުން އީރާނުގެ ތެޔޮ ދުނިޔޭގެ ބާޒާރަށް އެކްސްޕޯޓު ނުކުރެވިއްޖެނަމަ، އެކަން ފޫބެއްދޭނެތޯ ސައޫދީ ތެލާ ބެހޭ ވަޒީރު ޚާލިދު އަލްފާލިޙުއަށް ދާދި ފަހުން ދެންނެވުނު ސުވާލެއްގެ ޖަވާބުގައި އޭނާ ވިދާޅުވި ގޮތުގައި ސައޫދީ އަރަބިއްޔާއިން އެކްސްޕޯޓު ކުރާ ތެލުގެ މިންވަރު ފާއިތުވި މަހުވެސް ދުވާލަކު 10.7 މިލިއަން ފީފާއަށް އަރާފައި ވެއެވެ. އެ މިންވަރު 12 މިލިއަނަށް އިތުރުކުރުމުގެ ކުޅަދާނަކަން އެގައުމަށް ލިބިގެން ވެއެވެ. އެހެންނަމަވެސް، ތެލުގެ ބާޒާރުން ދުވާލަކަށް 3 މިލިއަން ފީފާ ތެޔޮ މަދުވެއްޖެނަމަ، ސައޫދީންނަށް އެތަން ފޫނުބެއްދޭނެއެވެ.