ފަޅިމޫނު - 135

(1 ނޮވެމްބަރު 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"މި ރަށަށް އަންނަ އަމިއްލަ ރަށުގެ އަންހެންކުދިންނާ މެދު ވިސްނާ ގޮތަކީ ތިޔައީތަ؟ ތިޔަ ކަހަލަ ވިޔާނުދާ ވިސްނުމަކާ އެކުވެސް ބުނަމުން ތިޔަ ގެންދަނީ އަހަރެމެން ދެމީހުންނަކީ އެއް ރަށެއްގެ ދެ މީހުންނޭ."

"މިހާރު ތިޔަ ކުރަނީ މަލާމާތް."

"މުރާދާ ވާހަކަ ދައްކާކަށް ބޭނުމެއް ނޫނޭ އަހަރެން އެއް ފަހަރު ބުނެފިން. އަހަރެމެންގެ ވާހަކައިގެ ތެރެއަށް ނުވަދޭ. އަހަރެން މި ވާހަކަދައްކަނީ ކުންފުނީގެ މީހުންނާ."

ޑޭވިޑް ހޮކް ބުންޏެވެ. "އެންމެ ރަނގަޅު. އަހަރެން ވާހަކަ ދައްކާނަން. ޑޮކްޓަރ ލުއިސް ވަނީ ރުޚްސާނާގެ ފޮޓޯ އަހަރެމެންނަށް ދައްކާފައި. އޭނާ ބުނާ ގޮތުގައި ސާޖަރީއަށްފަހު ރުޚްސާނާ އެ ފޮޓޯއަށްވުރެވެސް ރީތިވާނެ. އަހަރެމެންނަށްވެސް މިހާރު ފެންނަނީ އެހެން. އުޖޫރައިގެ ކަންތަކުގައި ރުޚްސާނާ މާޔޫސުވާން ނުޖެހޭނޭކަމުގެ ޔަގީންކަން އަހަރެމެން ދެން. އެހެންވީމާ މަސައްކަތުގައި ރުޚްސާނާ އަހަރެމެން މާޔޫސް ނުކުރާނޭ ކަމަށް އުއްމީދުކުރަން. ރުޚްސާނާ ތިޔަ ހުށަހަޅަނީ ވަރަށް ހަރުކަށި ޝަރުތުތަކެއް. އަހަރެމެން މި އުޅެނީ އިރުމަތީގެ އަންހެންކުއްޖަކު ހުށަހަޅަން. އެހެންވީމާ ސްކްރިޕްޓް އޮތީވެސް އެހެން. އޭގައި އޮރިޔާންކަމެއް ނުހިމެނޭނެ. އެކަމަކު ފިރިހެންކުއްޖަޔާ އެކީ ތަންކޮޅެއް ގައިގޯޅިކޮށް އުޅެން ޖެހޭނެ."

"ފިރިހެންކުއްޖާ އަހަރެންގެ އަތުގައި ހިފާ ކަހަލަ ލޯބީގެ މަންޒަރެއް އަހަރެން ނުކުޅޭނަން. އެކަހަލަ މަންޒަރެއް އަހަރެންގެ ފިރިމީހާއަށް ފެނިއްޖެއްޔާ އަހަރެން މަރައިލާނެ. އޭގެ ފަހުން އަހަންނާއެކީ ފެންނަ ފިރިހެންކުއްޖާ ހޯދަން ލަންޑަނަށް އަންނާނެ. އެހެންވީމާ ފިރިމީހާގެ ހުއްދަ ނުލިބެނީހެއް އަހަރެން އެއްބަސްވުމަކު ސޮއެއް ނުކުރާނަން."

"ރަށަށް ސިޓީ ފޮނުވައިގެން ހުއްދަ ހޯދައިގެން އެއްބަސްވުމުގައި ސޮއިކުރާއިރު އޮންނާނީ ވަގުތު ފާއިތުވެފައި."

ރުޚްސާނާ ބުންޏެވެ. "ވަގުތު ފާއިތުވާންވީ ކީއްވެގެން. އަހަރެންގެ ޕްލާސްޓިކް ސާޖަރީއަށްވެސް ހައެއްކަ އަށެއްކަ މަސްދުވަސް އަދި ވާނެ. އެހައި ދުވަހަށް އިންތިޒާރެއް ނުކުރާނަންތަ؟"

"ޕްލާސްޓިކް ސާޖަރީ ނިމެންދެން އިންތިޒާރު ކުރާނަން. އެކަމަކު ސްކްރިޕްޓަށް ބަދަލު ގެނެވޭނީ އެއްބަސްވުމުގައި ސޮއިކުރީމައެއްނު؟ ސްކްރިޕްޓަށް ބަލާފައި ތައްޔާރުވާން ވަރަށް ގިނަ މަސައްކަތް ކުރަން ޖެހޭނެ. ހެދުން ފައްސަން ޖެހޭނެ. ހޮސްޕިޓަލުގައި އޮންނަ ދުވަސްވަރު އަހަރެމެންގެ އަންހެނަކު އެތަނަށް ގޮސް ބައެއް ކަހަލަ ކަންތައްތައް ދަސްކޮށްދޭނެ. މިސާލަކަށް ހިނގާނޭ ގޮތާއި އިށީނދެ އިންނާނެ ގޮތާއި ތެދުވާނޭ ގޮތްފަދަ އެތައް ކަމެއް ދަސްކުރަން ޖެހޭނެ. އެހުރިހައި ކަމަކަށް ވަގުތު ހޭދަވާނެ."

"ކޮންމެ ގޮތެއް ވިޔަސް ފިރިމީހާގެ ހުއްދަޔާ ނުލައި އަހަރެން ސޮއެއް ނުކުރާނަން."

"ރުޚްސާނާގެ ގޭގައި ފޯނެއް ހުރޭތަ؟"

"ގެޔަކު ނުހުރޭ. އަވަށްޓެރިއެއްގެ ގޭގައި ހުރޭ. އެގޭ ނަންބަރު އަހަރެން ދަންނަން."

"އެގޭގެ ނަންބަރު އަހަރެމެންނަށް ދީ. އަހަރެމެން ގުޅާފައި ފިރިމީހާއާ ގުޅޭނޭ ގޮތް ހަދައިދޭނަން. ވާހަކަދައްކައިގެން ހުއްދަ ހޯދާ."

"އަހަރެންގެ ފިރިމީހާ ގިނަ ވަގުތު އުޅޭނީ ގެއިން ބޭރުގައި. ޖެހޭނީ އެ ގެއަށް ގުޅާފައި ފިރިމީހާ ގާތު ވަކި ގަޑިއެއްގައި ފޯނުގެ އިންތިޒާރުގައި ހުންނާށޭ ބުނަން."

"ތިޔައީވެސް މާ ބޮޑު ކަމެއް ނޫން. ފޯނުގެ ޚަރަދު ކުރާނީ އަހަރެމެން. ކިތަންމެ ގިނަ އިރަކު ވާހަކަ ދެއްކިޔަސް މައްސަލައެއް ނެތް. އެކަމަކު ދެތިން ދުވަހުގެ ތެރޭގައި ހުރިހައި ކަމެއް ހަމަޖެހި އެއްބަސްވުމުގައި ސޮއި ކުރެވޭވަރު ވާންވާނެ."

ރުޚްސާނާ ބުންޏެވެ. "ކަންތައްތައް ތިޔަ ގެންދަނީ މާ އަވަސް ކުރަމުން. ސޮއިވެސް ތިޔަ އުޅެނީ މާ އަވަހަށް ކުރުވަން. އުޖޫރައަކީ ކޮބާ؟"

"އަހަރެމެން ރުޚްސާނާ ލައްވައި މޮޑެލް ކުރުވާނީ ބައެއް ކަހަލަ އެއްޗެހި އިޝްތިހާރު ކުރަން. އެކަމުގެ އަގަކަށް އެންމެ ބޮޑު ވެގެންވެސް ދެވޭނީ ހަ ހާސް ޕައުންޑު."

ޙަސަން މުރާދާ ދިމާއަށް ބަލައިލުމަށް ފަހު ރުޚްސާނާ އަނެއްކާވެސް އިނގިރޭސި ބަހުން ބުނެލިއެވެ. "ޙަސަން މުރާދު ހުށަހެޅި އަގާ ތިޔަ އަގަކާ އެއްވެސް ތަފާތެއް ނެތް. ތިޔައީ އަހަރެން އެއްބަސްވާނޭ އަގެއް ނޫން."

"އެއްބަސްވާނީ ކޮން އަގަކަށް؟"

"މަދުވެގެން ބާރަ ހާސް ޕައުންޑަށް."

މިސްޓަރ ޑޭވިޑް ހޮކް ހިނިތުންވެލިއެވެ. އަދި ގޮނޑީގައި ރަނގަޅަށް ހަމަޖެހިލުމަށް ފަހު ބުނެލިއެވެ. "ތިޔައީ ވަރަށް ބޮޑު އަގެއް."

"އަހަންނަށް ފެންނަ ގޮތުގައި ވަރަށް ކުޑަ އަގެއް. ނިކަން ހިސާބު ކޮށްލަބަލަ. މެދުއިރުމައްޗާއި ދުރުއިރުމަތީގައި ކިތައް ގައުމު އެބައޮތް؟ އެއިން ކޮންމެ ގައުމެއްގައި އެތައް ރަށެއް އޮވޭ. ތިޔަ ކުންފުނިން އިޝްތިހާރުކުރާ މުދާ އެ އިޝްތިހާރުގެ ޒަރީއާއިން އެ ހުރިހައި ތަނަކަށް ދާނެ. ހުރިހައި ތަނަކަށް ދާނީ އަހަރެންގެ މޫނާއެކު. އަދި ހިސާބު ޖެހިދާނެ އެހެން ގޮތެއްވެސް އެބައޮތް. ބަލަމާ ހިނގާ މި ކަމަށްޓަކައި އަހަރެން އަމިއްލަ ގައުމުގައި ހުރެފައި މިރަށަށް އައީ ކަމަށް. އެހެން ވެއްޖެއްޔާ ދަތުރުގެ ޚަރަދާއި އަހަރެން މިރަށުގައި ހުރުމުގެ ޚަރަދާއި ކެއިންބުއިމާއި އުފާކުރުމުގެ ޚަރަދުވެސް އޮންނާނެތާ؟ މި ހުރިހައި ކަމަކަށް ބަލާއިރު ބާރަހާސް ޕައުންޑު ބޮޑުތަ؟"

ވާހަކަ އެހައިތަނުން ނިމިއްޖެއެވެ.

ހަމަ އެދުވަހުގެ ހަވީރު ރުޚްސާނާ ދިން ނަންބަރަށް ފޯނު ކޮށްފިއެވެ. ފުރަތަމަ ބުނީ އެއްގަޑިއިރުގެ ތެރޭގައި ފޯނު ކުރާނެ ވާހަކަ ބާދްޝާ ޖާނީއަށް އަންގާށެވެ. އެއްގަޑިއިރު ފަހުން ގުޅީމާ ވާހަކަދެއްކީ ބާދްޝާއެވެ. އޭނާގެ އަޑުންވެސް އުފާވެރިކަން ފާޅުވެއެވެ. "ތިޔަހައި ދުރުގައި ހުރެގެން އަހަންނާ ވާހަކަދެއްކީމާ މިއީ ހަގީގަތެއް ބާވައޭވެސް އެބަ ހިތަށް އަރާ. ރުޚްސާނާގެ ހާލު ކިހިނެއް؟"

"އަހަރެންގެ ހާލު ރަނގަޅު. ހުރިހައި ކަމެއްވެސް މުޅީން ރަނގަޅު. ޖާނީއާއި ކާމީގެ ހަނދާން ވަރަށް ބޮޑަށް ވޭ. ޖާނީ. ބޭރު ގައުމަކަށް ފޯނު ކުރުމަކީ ވަރަށް އަގު ބޮޑު ކަމެއް. އަހަރެން މި ފޯނު ކުރަނީ ކުންފުންޏެއްގެ އެހީގައި. ޖާނީއާ އަހަރެން ދައްކަން ޖެހޭ ވަރަށް ބޮޑު ވާހަކައެއް އެބައޮތް. ރުޅި ނައިސް ރަނގަޅު މަޝްވަރާއެއް ދޭތި. އަހަރެން އަމަލު ކުރާނީ ޖާނީ ބުނާ ގޮތަކަށް."

އެޔަށް ފަހު އޭނާ ބާދްޝާއަށް ވަރަށް ތަފުސީލުކޮށް ހުރިހައި ވާހަކައެއް ކިޔައިދީފިއެވެ. ބާދްޝާ އަޑު އަހަން ހުރެފައި ބުންޏެވެ. "ހަދާނޭ ގޮތެއް އަހަރެންގެ ވިސްނުމަކަށް ނާދޭ. ހުއްދަ ދޭނީ ބާވައޭ ނުވަތަ ނުދޭނީ ބާވައޭ ހިތަށް އަރާ. އަނބިމީހާގެ ފޮޓޯ މަޖައްލާތަކުގައި ޖެހީމަޔާއި ފިލްމުތަކުން ފެނުމަކީ ހިތްހަމަ ޖެހޭ ކަމެއް ނޫން. އެކަމަކު އެންމެ ރަނގަޅޭވެސް އެބަ ހިތަށް އަރާ. ރަނގަޅު ވަނީ ކީއްވެގެން ކަމެއް ނޭނގޭ. ރަނގަޅު ނުވަނީ ކީއްވެގެން ކަމެއްވެސް ނޭނގޭ."

ރުޚްސާނާ ބުންޏެވެ. "މަންޒަރެއް ކުޅެފިއްޔާ މީހުންނަށް އަހަރެން ފެންނާނެއޭ ނޫނީ އެހެން ފިރިހެނަކާ އެކީ އަހަރެން ފެންނާނެއޭ ހިތަށް އެރީމާ އުނދަގޫ ވަނީ ދޯ؟"

"އާނ. ތިޔައީ ތެދެއް."

"ޖާނީ ހުއްދަ ދީފިއްޔާ އެހެން ފިރިހެނަކާ އެކީ އަހަރެން ފެނިދާނެ. އެކަމަކު އަހަރެންގެ ގައިގައި އިނގިލިކުރި ޖައްސައިލުމުގެ ހުއްދަވެސް އެއްވެސް މީހަކަށް ނުދޭނަން. އެކަހަލަ މަންޒަރެއް ދުވަހަކުވެސް ނުފެންނާނެ. އަހަރެންގެ މުޅި ހަށިގަނޑަކީ ޖާނީގެ ހައްގެއް."

"އެހެންވެއްޖެއްޔާ މައްސަލައެއް ނެތް. މަންޒަރު ކުޅޭ. އަހަރެންގެ އަނބިމީހާގެ ރީތިކަމުގެ ވާހަކަ އަހަރެން ފަޚުރުވެރިކަމާއެކު ދައްކާނަން. ބުއްދިވެރިކަމާއި ވިސްނުންތޫނުކަމާއި އިލްމުވެރިކަމުގެ ސަބަބުން މުޅި ދުނިޔެއަށް މަޝްހޫރު ވެއްޖެއޭ ކިޔައި ފޮނި ކަނޑާނަން."

ރުޚްސާނާ އުފާވެފައި ބުނެލިއެވެ. "އެހެންވީމާ ހުއްދަ ދިނީ ކަމަށް ބަލަންވީތަ؟"

"ހުއްދަ ދީގެން އަހަރެން މި އަޅަނީ ސީދާ ފިޔަވަޅެއް ކަމެއް ނުވަތަ ކަތި ފިޔަވަޅެއް ކަމެއް އަދި އަހަންނަކަށް ނޭނގޭ. އެކަމަކު އަހަންނަށް ވުރެ ރުޚްސާނާގެ ވިސްނުން ތޫނުކަން އެނގޭ. އެހެންވީމާ ފަހުން އަހަރެން ލަދު ގަންނަން ޖެހޭ ކަހަލަ އެއްވެސް ކަމެއް ނުކުރާތި."

"އަހަރެން އެއްބަސްވުމުގައި ސޮއި ކުރާނީ ވަރަށް ބޮޑަށް ވިސްނާފައި. މަންމަގެ އަތަށް ފޯނު ދީބަލަ. މަންމަޔާ ވާހަކަދައްކާފައި އަދި ޖާނީއާ ވާހަކަދައްކާނަން. ދުރަށް ނުގޮސް ހުންނާތި."

ކުޑައިރުކޮޅަކަށް ފަހު އިވުނީ މަންމަގެ އަޑެވެ. ދުޢާ ސަލާމަށް ފަހު ރުޚްސާނާ ބުންޏެވެ. "މަންމާ. ކާމީގެ އަޑު އިއްވައިލަބަލަ."

މަންމަ ބުންޏެވެ. "އަހަރެންގެ އުރުގައި އެ ސޮރު މީނީ. އަޑެއް އިއްވައެއް ނުލާ. އަތާ ކުޅެމުން ހިނިތުންވަނީ."

ދެން އިވެން ފެށީ ކާމްރާނަށް ވާހަކަދައްކާން ނުވަތަ އަޑެއް ލައްވައިލާން މަޖުބޫރުކުރުވާ ކަހަލަ ގޮތަކަށް މަންމަ ވާހަކަދައްކާ އަޑެވެ. ރުޚްސާނާ އަހައިލިއެވެ. "މަންމާ. ހުރިހައި ކަމެއް ރަނގަޅުތަ؟ ޖާނީއާ އަރައިރުންވަންތަ މިހާރުވެސް؟"

"ކީކޭ؟ އަރައިރުންވަނީ އަހަރެންތަ؟ ތިޔަހައި ދުރުގައި ހުރެގެންވެސް އަހަރެންގެ ބޮލުގައި އިލްޒާމު އަޅުވަނީތަ؟ އަހަރެމެން ދެމީހުން އުޅެނީ ނުލާހިކު ބޮޑަށް ގުޅިގެން އެކުވެރިކަމުގައި."

"މަންމާ. އަހަރެން މި ކުރާ ސުވާލަށް އާނއެކޭ ނުވަތަ ނޫނެކޭ ބުނެގެން ޖަވާބެއްދީ. ޖާނީ ފަރުޒާނާއާ ބައްދަލު ކުރޭތަ؟"

ކުޑަ ހިނދުކޮޅަކަށް ހިމޭންކަން ވެރިވުމަށް ފަހު މަންމަ ބުނި އަޑު އިވުނެވެ. "އާނއެކޭ ނުވަތަ ނޫނެކޭ ބުނެގެން ޖަވާބެއް ނުދެވޭނެ. ސީދާ އަހަރެން ނުދެކޭ ކަމަށް ވަންޏާ ޖަވާބެއް ދޭނީ ކިހިނެއް؟"

ދެން އިވުނީ ބާދްޝާގެ އަޑެވެ. އޭނާ ވާހަކަދެއްކީ މަންމަޔާއެވެ. "އާނއެކޭ ނޫނެކޭ ކިޔައިގެން ތިޔަ ދައްކަނީ ކޮން ވާހަކައެއް؟ ސީދާ ލޮލަށް ނުފެންނަނީ ކޮން އެއްޗެއް؟ މަންމަގެ ނުލާހިކު ބޮޑު ދެލޯ އެބަހުރި. އައިނެއް ހައްދަންވީތަ؟"

"މަންމާ. ޖާނީގެ އަތަށް ފޯނު ދީބަލަ."

ބާދްޝާގެ އަތަށް ފޯނު ދިނީމާ ރުޚްސާނާ އަހައިލިއެވެ. "ޖާނީ މަންމަޔާ އަރައިރުންވަނީތަ؟"

"ތިންއިރު ކާން ދަން. މަންމަގެ ޚިދުމަތުގައި ރެއެއް ދުވާލެއް ނުބަލަން. ބޮލުން އުކުނު ނަގައިދެން. ގަބޫލު ނުކުރަންޏާ މަންމަ ގާތު އަހާބަލަ."

"އަހަރެން އެއްވެސް މީހަކު ގާތު ނާހާނަން. ސީދާ ތެދަށް ބުނޭ."

"ކީކޭ ބުނަންވީ؟"

"ފަރުޒާނާއާ ބައްދަލު ކުރަންތަ؟"

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.