އޯއައިސީގެ ވަފުދެއް ކަޝްމީރުގެ އެލްއޯސީއަށް ޒިޔާރަތްކޮށް އެ ސަރަހައްދުގެ ހާލަތު ބަލައިފި

އޯއައީސެ ވަފުދު ކަޝްމީރުގައި

އިސްލާމީ ގައުމުތަކުގެ ޖަމްއިިއްޔާ، އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ އިންޑިޕެންޑެންޓް ޕާމަނެންޓް ހިއުމަން ރައިޓްސް ކޮމިޝަން (އައިޕީއެޗްއާރްސީ) ގެ 12 މެންބަރުން ވަފުދެއް ކަޝްމީރު އެލްއޯސީ އަށް ޒިޔާރަތްކޮށް އެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ހާލަތު ބަލައިފިއެވެ.

އެލްއޯސީ (ލައިން އޮފް ކޮންޓްރޯލް) އަކީ ކަޝްމީރުގެ އިންޑިޔާ ފަޅިއާއި ޕާކިސްތާނު ފަޅި ވަކިކުރާ 'ވަގުތީ ސަރަހައްދީ ރޮނގެވެ. އޯއައިސީގެ ވަފުދު ޒިޔާރަތްކޮށްފައި ވަނީ ކަޝްމީރުގެ ޕާކިސްތާނު ފަޅިއަށެވެ.

ޕާކިސްތާނުން 'އާޒާދު ޖައްމޫ އެންޑް ކަޝްމީރު' ގެ ގޮތުގައި ސިފަކުރާ ކަޝްމީރުގެ ޕާކިސްތާނު ފަަޅީގެ ޕޫންޗް ސަރަހައްދަށް އޯއިސީގެ ވަފުދުގެ މެންބަރުން ވަޑައިގަތުމުން އެ ސަރަހައްދުގެ އަސްކަރީ ކޮމާންޑަރު ވަނީ ސަރަހައްދުގައި ދިރިއުޅޭ އާާއްމުންގެ ހާލަތާއި، އެމީހުން ރައްކާތެރިކަމަށްޓަކައި އަސްކަރިއްޔާއިން އަޅާފައި ސަލާމަތީ ފިޔަވަޅުތަކުގެ ތަފްސީލު ވަފްދުގެ މެންބަރުންނަށް އަރުވާފައެވެ.

އޯއައިސީގެ ސްޕެޝަލް އެންވޯއީ ފޯ ޖައްމޫ އެންޑް ކަޝްމީރު ޔޫސުފު އައްދުބައިޢީގެ ރިޔާސަތުގައި ކަޝްމީރަށް ޒިޔާރަތްކުރަމުންދާ ވަފުދާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޢިމްރާން ޚާން ވަނީ ފާއިތުވި އަންގާރަ ދުވަހު ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައި ޢިމްރާން ޚާން ވިދާޅުވެފައި ވަނީ ކަޝްމީރުގެ ރައްޔިތުން އެދޭ ގޮތަށް، އަދި އދ.ގެ ގަރާރުތަކާ އެއްގޮތަށް ކަޝްމީރުގެ މައްސަލަ ހައްލުވެގެން ނޫނީ ދެކުނު އޭޝިޔާގައި ދާއިމީ ސުލްހަ ގާއިމުނުުކުރެވޭނެ ކަމުގައެވެ.

މީގެ އިތުރަށް، ޢިމްރާން ޚާން ވަނީ ކަޝްމީރުގެ ހަގީގީ ހާލަތު ދުނިޔެއަށް ހާމަކޮށްދިނުމަށްޓަކައި، ދުނިޔޭގެ ޚަބަރުފަތުރާ ވަސީލަތްތަކަށް ކަޝްމީރުގައި މިނިވަންކަމާއެކު މަސައްކަތްކުރުމުގެ ފުރުސަތު ދޭންޖެހޭ ކަމުގައެވެ.

އޯއިސީން ކަޝްމީރުގެ މައްސަލައާ 'ބެހޭތީ' އިންޑިޔާއިން ވަނީ ނުރުހުން ފާޅުކޮށްްފައެވެ.

"އިންޑިޔާއާއި ވަކިނުކުރެވޭނޭ، އިންޑީޔާގެ ބައެެއް ކަމުގައިވާ ޖައްމޫ އެންޑް ކަޝްމީރުގެ ޔުނިއަން ޓެރިޓަރީގެ ކަންކަމާ ބެހުނުގެ އެއްވެސް ހައްގެއް އޯއައިސީއަކަށް ނެތް. ވަކި މަސްލަހަތަކަށްޓަކައި އިންޑިޔާގެ ދާޚިލީ ކަންކަމާ ބެހޭގެޮތުން ވާހަކަ ދެއްކުމުން އޯއިސީގެ ސެކްރެޓޭރިއަޓް ޖެނެރަލް އެއްފަރާތް ވާންެޖޭކަން ހަނދާންކޮށްދެން." އިންޑިޔާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްގެ ތަރުޖަމާން އަރިންދަމް ބަގްޗީ ބުނެފައި ވެއެވެ.

އިންޑިޔާގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި ކަޝްމީރުގެ ޕާކިސްތާނު ފަޅިއަށް މީހާރު ޒިޔާރަތްކުރަމުންދާ އޯއައިސީގެ ވަފުދުގައި އޯއައިސީން ކަޝްމީރަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ޔޫސުފު އައްދުބައިޢުއާއި އެ ޖަމްއިއްޔާގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ޠާރިޤު ބަޚީތުގެ އިތުރަށް ސައޫދީ އަރަބިއްޔާ، މޮރޮކޯ (މަޣްރިބު) ސޫދާން އަދި ދިވެހިރާއްޖޭގެ ޑިޕްލޮމޭޓުން ހިމެނިވަޑައިގަންނަވައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.