ނައިޖަރުގެ މަދަރުސާއެއްގައި ރޯވެ 26 ދަރިވަރުން މަރުވެއްޖެ

ނައިޖަރުގެ މަދަރުސާއެއްގައި ހަދާފައިވާ ވަގުތީ ކިލާހެއް

ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ ނައިޖަރުގެ މަދަރުސާއެެއްގައި އަލިފާން ރޯވުމުގެ ސަބަބުން 26 ދަރިވަރުން މަރުވެއްޖެއެވެ.

ގަވަރުނަރު ޝައިބޫ އަބޫބަކަރް ވިދާޅުވި ގޮތުގައި ވެރިރަށް ނިއާމޭގެ އިރުން 600 ކިލޯމީޓަަރު ދުރުގައި އޮންނަ މަރާޑީގެ އެ މަދަރުސާގައި ލަކުޑިއާއި ހުއި ބޭނުންކޮށްގެން ހަދާފައިވާ ތިން ކިލާހެއް ވަނީ އަނދައިގެން ގޮސްފައެެވެ.  އިއްޔެ މި ހާދިސާ ހިނގާފައި ވަނީ ހެނދުނުގެ ވަގުތު ދަރިވަރުން ކިޔަވަން ތިއްބައެވެ.

ނައިޖަރުގެ މަދަރުސާތަކުގައި ރާނައިގެން ހަދާފައި ހުންނަ ކިލާސްތަައް ފުރިގެން، ދަރިވަރުންނަށް އިތުރު ޖާގަ ހޯދައިދިނުމަށް ލަކުޑިއާއި ހުއި ބޭނުންކޮށްގެން ކިލާސްތައް ހެދުމަކީ އާއްމު ކަމެކެވެ.

ފިރިހެން ކުދިންނާއި، އަންހެން ކުދިން އެކުގައި ކިޔަވަމުންދާ އެ މަދަރުސާގައި މަރުވި ދަރިވަރުންގެ އިތުރަށް، 80 ދަރިވަރުން ވަނީ ވަރަށް ބޮޑަށް ފިހިފައެވެ.

މަދަރުސާގައި އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި އެނގިފައި ނުވެއެެވެ.

މަންޒަރު ދުށް ބައެއް މީހުން ހުޅަނގެ ބައެެއް ޚަބަރުފަތުރާ ވަސީލަތްތަކަށް ކިޔައިދީފައިވާ ގޮތުގައި، މަރުވެފައިވާ ދަރިވަރުންގެ ހަށިތަކުގެ އިތުރަށް، ފިހިގެން ޒަޚަމްވެފައިވާ ގިނަ ދަރިވަރުންތަކެއް އުޅަނދުތަކަށް އަރުވައިގެން ދާތަން ފެނިފައި ވެއެެވެ. ޒަޚަމްވި ބައެއް ދަރިވަރުންގެ ހާލު ދެރަކަމަށް ވެއެވެ.

މިއީ މި އަހަރުގެ ތެރޭގައި ނައިޖަރުގެ މަދަރުސާއެއްގައި ހިނގި އަލިފާނުގެ ދެވަނަ ހާދިސާއެވެ. އެޕްރީލް މަހުގެ ތެރޭގައި ވެރިރަށް ނިއާމޭގެ ފަށާ ތައުލީމުދޭ މަދަރުސާއެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 20 ދަރިވަރުން މަރުވެފައި ވެއެވެ.

އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާ (އދ.) އިން ހާމަކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި 25 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ނައިޖަރަކީ ދުނިޔޭގެ އެންެމެ ފަގީރު އެެއް ގައުމެވެ.

ތައުލީމަށް ކަނޑައަޅާފައި އޮންނަ ބަޖެޓު ކުޑަކަމުން ބޭނުންވާ ވަރަށް މަދަރުސާތައް ބިނާނުކުރެވެއެވެ. އެހެންކަމުން، ލަކުޑިއާއި ހުއި ބޭނުންކޮށްގެން ހަދާފައިވާ ކިލާސްތައް ވަރަށް ގިނަ މަދަރުސާތަކުގައި ބޭނުންކުރެއެވެ. ބައެެއް ކުދި އަވަށްތަކުގައި ކިލާސްތައް ބާއްވަނީ ގަސްގަހުގެ ހިޔަލުގައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.