ނައިޖަރުގެ ހުޅަނގުގެ ރަށެއް ކަމުގައިވާ ޓިލަބެރީގެ އަސްކަރީ ކޭންޕަކަށް ދިން ނިރުބަވެރި ހަމަލާއެއްގައި 71 މީހުން މަރުވެ 12 މީހުން ޒަޚަމްވެެއްޖެއެވެ. ނައިޖަރުގެ ޑިފެންސް މިނިސްޓްރީގެ މަސްދަރަކުން މި އަދަދު ކަށަވަރުކޮށްދީފައި ވާއިރު، އިސްލާމްދީނުގެ ނަމުގައި ހަނގުރާމަކުރާ ހަރުކަށި ޖަމާއަތަކުން ދިން ކަމަށް ބެލެވޭ މި ހަމަލާގައި ބައެެއް މީހުން ގެެއްލިފައިވާ ކަމަށްވެސް އެ މަސްދަރުން ވަނީ ބުނެފައެވެ.
"ނިރުބަވެރިން ބޮޑުބަޑިއާއި މޯޓަރު ހަމަލާދިނީ. ލިބުނު ގެއްލުން ބޮޑުވެގެން ދިޔައީ (ތަނުގައި ހުރި ބަޑިބޭހާއީ ތެލުގައި ރޯވުމުން." ޑިފެންސް މިނިސްޓްރީން ބުންޏެވެ.
ފްރާންސް ރޭޑިޔޯގެ އެފްރިކާ ސާވީސްއިން ޚަބަރުދީފައިވާ ގޮތުގައި ހަމަލާދިން ހަނގުރާމަވެރިން ކޭންޕުގެ ތެރެއަށް ވަދެގަތީ ކާރާއި މޮޓޯސައިކަަލުގައެވެ.
އެއްވެސް ފަރާތަކުން ހަމަލާގެ ޒިންމާ އުފުލާފައި ނުވިނަމަވެސް، ނައިޖީރިޔާގެ ހަރުކަށި ޖަމާއަތެއް ކަމަށްވާ ބޯކޯ ހަރާމް ނައިޖަރުގައި ހަރަކާތްތެރިވާކަން ފާހަގަކޮށްލަން ޖެހެއެވެ.
އިސްްލާމްދީނުގެ ނަމުގައި ހަނގުރާމަކުރާ ހަރުކަށި ޖަމާއަތްތަކުން ވަނީ ހުޅަނގު އެފްރިކާގެ ސާހިލް ސަރަހައްދުގެ ގައުމުތަކުގެ ތެރޭގައި ހިމެނޭ ނައީޖީރިޔާ، ނައިޖަރު، މާލީ އަދި ބުރްކީނާ ފާސޯގައި ފާއިތުވި މަސްތަކުގައި ވަަރުގަަަދަ ހަމަލާތަކެއް ދީފައެވެ.
ނައިޖަރުގެ ރައީސު މަހަމަދޫ އިސޫފޫ މިސްރަށް ކުރައްވަމުން ގެންދެވި ރަސްމީ ދަތުރުފުޅު ކުރުކޮށްލާފައި ގައުމަށް އެނބުރިވަޑައިގެންފައި ވާކަމަށް ނައިޖަރުގެ ރައީސު އޮފީހުން ކުރި ޓުވީޓެއްގައި ވެއެވެ. އަދި އިސްލާމިކް ސްޓޭޓާއި އަލްޤާޢިދާއާ ގުޅިފައިވާ ހަރުކަށި ޖަމާއަތްތައް އެފްރިކާގަައި ހަލުވިިކަމާއެކު އިތުރުވަމުންދާކަވެސް އެޓުވީޓުގައި ވަނީ ފާހަގަކޮށްފައެވެ.
ފާއިތުވި އަހަރުތަކުގައި ނައިޖަރުން ވަނީ އެގައުމުުގައި ފެތުރެމުންދާ ހަނގުރާވެރި ޖަމާއަތްތަކުގެ ބާރު ކަނޑުވާލެވޭތޯ ފްރަންސޭސި ސިފައިންނާއި، އަވަށްޓެރި ގަައުމުތަކުގެ އަސްކަރީ ބާރުތަކާއި ގުޅިގެން މަސައްކަތް ކޮށްފައެެވެ. އެހެންނަމަވެސް، އެކަމުން އެދެވޭ ނަތީޖާއެއް ނުކުމެފައި ނުވެއެވެ. ނައިޖަރުގައި ހަރުކަށި ޖަމާއަތްތަކުގެ ހަމަލާތަކުގެ ސަބަބުން އެތައް ހާސް ބަޔަކު މަރުވެ މިިލިއަނެއްހާ މީހުން ގެދޮރު ދޫކޮށް ހިޖުރަކޮށްފައިވާ ކަމަށް އދ. ގެ އަންދާޒާތަކުން ދައްކައެވެ.
އެފްރިކާގެ ހުޅަނގު ބިތުގެ ގައުމުތަކުން ވަނީ ހަރުކަށި ޖަމާއަތްތަކުގެ މައްސަލައާ ކުރިމަތިލުމަށް ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި 1 ބިިލިއަން އެމެރިކާ ޑޮަލަރު ހޭދަކުރުމަށް ވައުދުވެފައެވެ. އެހެންނަމަވެސް، ސާހިލުގެ ގައުމުތަކަކީ ދުނިޔޭގެ އެންމެ ފަގީރު ގައުމުތައް ކަމުގައި ވާތީ، އެ ގައުމުތަކުގައި ހުރި ވަސީލަތްތައް މަދުކަމުން މައްސަލައާ އެކަށީގެންވާ ގޮތުގައި ކުރިމަތިނުލެވެއެވެ.