ޓިިގްރޭ ހަނގުރާމަވެރިން ވެރިރަށް އެޑިސް އަބާބާއަށް އަރާނެކަމަށް ދިން އިންޒާރާއެކު އިތިއޯޕިޔާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި

އިތިއޯޕިޔާ ސިފައިން ޓިގްރޭ ސަރަހައްދުގައި ހަރަކާތްތެރިވަނީ

އިތިއޯޕިޔާ ސަރުކާރާ ފާއިތުވި އަހަރެއްހާ ދުވަހު ހަނގުރާމަކުރަމުންދާ ޓިގްރޭ ޕީޕަލްސް ލިބަރޭޝަން ފްރަންޓްް (ޓީޕީއެލްއެފް) އިން ވެރިރަށް އެޑިސް އަބާބާއަށް އަރާނެކަމަށް އިންޒާރުދީފިއެވެ. މި އިންޒާރާއެކު އިތިއޯޕިޔާ ސަރުކާރުން އިއްޔެ ވަނީ މުޅި ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ.

"ކުއްލި ނުރައްކަލުގެ ހާލަތުގެ މަގުސަދަކީ ޓީޕީއެލްއެފް ޓެރަރިސްޓު ޖަމާއަތުން ގައުމުގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ އަނިޔާވެރި އަމަލުތައް ހުއްޓުވުން." ސަރުކާރުގެ ފަނާ ބްރޯޑްކާސްޓިންގްއިން އާއްމުކުރި ބަޔާނެއްގައި ވެއެެވެ.

ބޮޑުވަޒީރު އަބީ އަޙްމަދު ވަނީ ރައްޔިތުން ހަތިޔާރާއެކު ނުކުތުމަށް ގޮވައިލައްވާފައެވެ. އޭނާގެ ފޭސްބުކް ސަފުހާގައި ލިއުއްވާފައިވާ ބަޔާނެއްގައި އޭނާ ވަނީ ގައުމުގެ ދިފާއުގައި ރައްޔިތުން ގާނޫނީ ގޮތުން އުފުލެން އޮތް ކޮންެެމެ ހަތިޔާރެއް އުފުލައި ސަރުކާރު ސިފއިންނާއެކު ގައުމުގެ ދިފާއުގައި ނުކުތުމަށެވެ. އޭނާ ވިދާޅުވިގޮތުގައި ޓިގްރޭ ހަނގުރާމަވެރިން ހޯދަމުންދާ ކުރިއެރުންތަކާއެކު ގައުމު ވަނީ "ނެތިދިއުމުގެ ތުންފަތްމަތީގަ"އެވެ.

މީގެ އިތުރަށް އެޑިސްއަބާބާގެ ސިޓީ ކައުންސިލުން ވަނީ އެރަށުގެ ވަޒަންވެރިން އެމީހުން އަތުގައި ހުރި ހަތިޔާރު ރަޖިސްޓަރީކުރުމަށް ފަހު، އެބަޔަކު ތިބި އަވަށެއް ދިފާއުކުރުމަށް އެބަޔަކު ތައްޔާރުވުމަށް ގޮވައިލާފައެވެ. އަދި އެ ކައުސިލުން ބުނިގޮތުގައި ހަމަނުޖެހުން އުފައްދާ މީހުން ހޯދުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ ގޭގެއަށް ވަދެ ފާސްކުރަމުންނެވެ.

ފާއިތުވި އަހަރުގެ ތެރޭގައި އިތިޔޯޕިޔާ ސަރުކާރު ސިފައިން އެގައުމުގެ ޓިގްރޭ ސަރަހައްދަށް އަރައި އެ ސަރަހައްދުގައި އޮތް މައި ސަރުކާރާ އިދިކޮޅު ސަރުކާރު ވެރިކަމުން ދުރުކުރުމާ ގުޅިގެން ޓިގްރޭގެ ހަނގުރާމަވެރި ޖަމާއަތް ޓީޕީއެެލްއެފުން ވަނީ މައިސަރުކާރާ ދެކޮޅަށް ހަނގުރާމަ ފަށާފައެވެ.

ޓީޕީއެލްއެފްގެ ހަނގުރާމަވެރިން ވަނީ ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ބޮޑެތި ކުރިއެރުންތަކެެއް ހޯދާފައެވެ. އެމީހުން ވަނީ ވެރިރަށް އެޑިސް އަބާބާގެ އުތުރުން އެންމެ 300 ކިލޯމީޓަރު ދުރުގައި އޮންނަ އަމްހަރާ ސްޓޭޓުގެ މައި ދެރަށް ކަމަށްވާ ޑެސީއާއި ކޮމްބޮލްޗާ ހިފާފައެވެ.

ޓީޕީއެލްއެފްގެ ތަރުޖަމާނު ގެޓާޗޫ ރިދާ އިއްޔެ ބުނި ގޮތުގައި ބޮޑުވަޒީރު އަބީ އަޙްމަދުގެ ސަރުކާރު ވައްޓާލެވިއްޖެނަމަ އެ ފްރަންޓާއި ފްރަންޓްގެ ބައިވެރިން ވަގުތީ ސަރުކާރެއް އެކުލަވާލާނެއެވެ. އަދި ގައުމުގެ މުސްތަގުބަލާ ބެހޭގޮތުން ފުޅާާ ދާއިރާއެއްގައި ގައުމީ ފެންވަރުގައި މަޝްވަރާތައް ބާއްވާނެއެވެ. އެހެންނަމަވެސް އަބީ އަޙްމަދު އަދި އޭނާގެ މިނިސްޓަރުން އެ މަޝްވަރާތަކުގައި ބައިވެރިނުކުރާނެއެވެ.

2018 ވަނަ އަހަރުގެ އެޕްރީލް މަހު ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، އިތިއޯޕިޔާގެ ހަތުރެއްގެ ގޮތުގައި ކުރިން އޮތް އެރިޓްރިޔާއާއެކު ސުލްހަ ގާއިމުކުރުމަށް އޭނާ ކުރެއްވި މަސައްކަތްޕުޅުގެ ސަަބަބުން އަބީ އަޙްމަދަށް ވަނީ 2019 ވަނަ އަހަރުގެ ނޯބެލް ސުލްހައިގެ އިނާމު ލިބިވަޑައިގެންފައެވެ. އެހެންނަމަވެސް، އޭނާ އަމިއްލަފުޅު ގަައުމުގެ ސުލްހަ މަސަލަސްކަން ގެއްލި ދާޚިލީ ހަނގުރާމައެއްގެ ތުންފަތްމައްޗަށް ގައުމު ދިއުމާއެކު އޭނާއަށް ވަނީ ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.