އިތިއޯޕިޔާގެ މައި ސަަރުކާރާ ދެބަސްވުން އުފެދިފައިވާ ޓިގްރޭ ސަރަހައްދުގެ ސަރުުކާރު އަމާންދިނުމަށް އިތިއޯޕިޔާއިން 72 ގަޑިއިރުގެ މުހުލަތެއް ދީފިއެވެ. ޓިގްރޭ ސަރަހައްދުގެ ގާތްގަނޑަކަށް %80 ހިފުމަށް ފަހު އިތިއޯޕިޔާ ސިފައިން މިހާރު ތިބީ ޓިގްރޭގެ ވެރިރަށް މެކެލޭ ވަށާލާފައެވެ. އަދި ޓިގްރޭ ސަރުކާރުން އަމާން ނުދީފިނަމަ ޓޭންކާ ބޮޑު ބަޑީގެ ބާރާއެކު އެރަށަށް ވަންނާނެ ކަމުގެ އިންޒާރު ސިފައިން ވަނީ ދީފައެެވެ.
"72 ގަޑިއިރުގެ ތެރޭގަައި އަމާންދިނުމަށް އަހަރެން ތިޔަަބައިމީހުންނަށް ގޮވާލަން. ތިޔަބައިމީހުން ތިތިބީ އަނބުރާ ރުޖޫއަނުވެވޭ ހިސާބަށް އައިސްފައި." އިއްޔެ ހަވީރު އިތިޔޯޕިޔާގެ ބޮޑުވަޒީރު އަބީ އަޙްމަދު ކުރެއްވި ޓުވީޓެއްގައި ޓިގްރޭގެ ސަރަހައްދީ ސަރުކާރަށް އިންޒާރުދެއްވަމުން ވިދާޅުވެފައި ވެއެވެ. ޓިގްރޭގައި ވެރިކަންކުރާ ޓިގްރެ ޕީޕަލްސް ލިބަރޭޝަން ފްރަންޓް (ޓީޕީއެލްއެފް) އިން މިއިންޒާރާ މެދު އަދި އެއްވެސް އެއްޗެއް ބުނެފައި ނުވެއެެވެ.
އަނެއްކޮޅުން އިތިއޯޕިޔާގެ އަސްކަރިއްޔާއިން ވަނީ ޓިގްރޭއަށް ޓޭންކާއެކު އަރާނެ ކަމަށް ބުނެ، އެރަށުގައި ތިބި އާއްމުން އެމީހުން އަމިއްލަ ރައްކާތެރިކަން ހޯދުމަށް ގޮވާލާފައެވެ.
"މިހާރުން ފެށިގެން ދެން ހިނގާނީ ޓޭންކުގެ ހަނގުރާމައެއް." "ޓިގްރޭގައި ތިބި އަަަހަރުމެންގެ އާއްމުންގެ ސަމާލުކަަމަށް ބުނަން. ބަރު ހަތިޔާރުގެ ހަމަލާއިން އެމީހުން އަމިއްލައަށް ރައްކާތެރިކަން ހޯދާ." ސިފައިންގެ ތަރުޖަމާނު ޑެޖެނޭ ސެގާޔޭ ބުނެފައި ވެއެވެ. އޭނާ ތުހުމަތުކުރި ގޮތުގައި ޓިގްރޭގެ ލީޑަރުން ތިބީ އެރަށުގައި ތިބި 5 ލައްކައެއްހާ އާއްމުންގެ ތެރެއަަށް ވަދެ ފިލާފައެވެ. އަދި އޭނާ ވަނީ އާއްމުން އެމީހުންނާ ދުރުގައި ތިބުމަށް އިލްތިމާސުކޮށްފައެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތެއް ކަމުގައިވާ ހިއުމަން ރައިޓްސް ވޮޗްއިން އިތިއޯޕިޔާ ސަރުކާރާއި ސިފައިންގެ މި އިންޒާރުތައް ކުށްވެރިކޮށްފައެވެ.
"މުޅި ރަށެއް އެކުގައި އަސްކަރީ އަމާޒުފަތްގަނޑަކަށް ހެދުން ވާނީ ހަމައެކަނި ޣައިރުގާނޫނީ ކަމަކަށް ނޫން. އެކަން ވަނީ 'ޖަމާއީ އަދަބަކަށް'" ހިއުމަން ރައިޓްސް ވޮޗްގެ ލެޓީޓާ ބޭޑާ ވިދާޅުވިއެވެ.
ރައީސު ބަަރަކް އޮބާމާގެ ވެރިކަމުގައި އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުކަން ކުރެއްވި ސޫޒަން ރައިސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ "އެހެން އިބާރާތަކުން ދަންނަވަނީ ނަމަ އެއީ ހަނގުރާމައިގެ ޖަރީމާއެއް" ކަމުގައެވެ.
ޓިގްރޭއަކީ އިތިއޯޕިޔާގެ އިއްތިހާދުގައި ހިމެނޭ ސަރަހައްދުތަކުގެ ތެެރެއިން އެންމެ އުތުރުގައި އޮންނަ ސަރަހައްދެވެ. އެ ސަރަހައްދުގެ ސަރުކާރާ އިތިޔޯޕިޔާގެ މައި ސަރުކާރާ ދެމެދު އުފެދިފައިވާ އަރާރުން ފުޅާވެ މައި ސަރުކާރުން ވަނީ މިމަހުގެ ކުރީކޮޅު އެ ސަަރަހައްދު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ސަރަހައްދީ ސަރުކާރު ވެރިކަމުން ފޭބުމަށް އަމުރުކޮށްފައެވެ.
1984 އިން ފެށިގެން އިތިއޯޕިޔާގައި ޚުދުމުޚުތާރު ވެރިކަމެއް ކުރަމުން އައި މެންގިސްޓޫ ހައިލެ މަރިއަމްގެ ކޮމިއުނިސްޓު ސަރުކާރު މޭ 1991 ގައި ވައްޓާލި އިންގިލާބަށްފަހު އިތިޔޯޕިޔާގެ ސިޔާސީ މައިދާނުގައި ބަސްކިޔަމުން އައީ ޓިގްރޭ މީހުންނެވެ. އެހެންނަމަވެސް، އޮމޯރޯ ނަސްލުގެ ބޭފުޅެއް ކަމުގައިވާ އަބީ އަޙްމަދު އެޕްރީލް 2018 ގައި ވެރިކަމަށް ވަޑައިގަތުމާ ގުޅިގެން މައި ސަކުރާކުގެ ތެރޭގައި ޓިގްރޭ މީހުންގެ ނުފޫޒު ދިޔައީ ކުޑަވަމުންނެވެ.
އިއްތިހާދީ ސަރުކާރާ އަބީ އަޙްމަދު ހަވާލުވެވަޑައިގަތް ފަހުން ކޮރަޕްޝަނަށް ކުރާ ހަނގުރާމައެއް ކަމަށް ބުނެ އިއްތިހާދީ ސަރުކާރުގައި ތިއްބެވި ޓެގްރޭ ދަރިކޮޅަށް ނިސްބަތްވެވަޑައިގަންނަވާ ގިނަ ބޭފުޅުން ވަނީ ޖަލަށްލާފައެވެ. ނުވަތަ މަގާމުން ދުރުކޮށްފައެވެ.
ފާއިތުވި ސެޕްޓެންބަރު މަހު އިތިއޯޕިޔާގެ ނޭޝަނަލް އިލެކްޓޯރަލް ބޯޑް އޮފް އިތިއޯޕިޔާއިން ޓިގްރޭ ސްޓޭޓުގައި ބާއްވަން ނިންމާފައި އޮތް އިންތިޚާބު އިތިއޯޕިޔާގެ އިއްތިހާދީ ސަރުކާރުން ކޮވިޑް-19 ގެ ސަބަބުން ކަމަށް ބުނެ ކެންސަލްކޮށްފައި ވަނިކޮށް ޓިގްރޭގައި ވެރިކަންކުރާ ޓީޕީއެލްއެފުން ވަނީ އިންތިޚާބު ބާއްވައި އެ އިންތިޚާބުގައި އެ ޕާޓީން ކާމިޔާބުކޮށްފައި ވާކަމަށް ބުނެފައެވެ. އޭރުއްސުރެ ސްޓޭޓުގެ ސަރުކާރާއި، މައި ސަރުކާރާ ދެމެދު އަރައިރުން އުފެދި މިހާރު މައްސަލަ މިވަނީ ކުރިމަތިލުމަކާ ހަމައަށް ގޮސްފައެވެ. އަދި މިމަހުގެ 3 ވަނަ ދުވަހު މައި ސަރުކާރުން ވަނީ ޓިގްރޭަގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް އެ ސަަރަހައްދަށް ސިފައިން ފޮނުވާފައެވެ.