އދ.ގެ 7 އޮފިޝަލަކު އިތިއޯޕިޔާ ދޫކޮށް ދިއުމަށް އެގައުމުގެ ސަރުކާރުން އަންގައިފި

ޓިގްރޭގެ ވެރިރަށް މެކޭލޭ ގެ މަންޒަރެއް

ހަމަނުޖެހުން ބޮޑުވެފައިވާ ސަރަހައްދު ޓިގްރޭގެ މައްސަލައިގައި 'ގައުމުގެ ދާޚިލީ ކަންކަމާ ބެހެނީ' ކަަމަށް ބުނެ އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާ (އދ.) ގެ 7 އޮފިޝަލަކު އިތިއޯޕިޔާ ދޫކޮށް ދިއުމަށް އެގައުމުގެ ސަރުކާރުން އަންގައިފިއެވެ. މި އެންގުން އައިސްފައި މިވަނީ ޓިގްރޭގެ އިންސާނީ ހާލަތު ނުރައްކާތެރި ދަރަޖައަކަށް ގޮސްފައިވާ ކަމަށާއި، ހަތަރު ލައްކައެއްހާ މީހުންނަށް ބަނޑަށް ޖެހުމުގެ ބިރު ކުރިމަތިވެފައިވާ ކަމަށް އދ. ގެ އޮފިޝަލުންތަކެއް ވިދާޅުވުމާ ގުޅިގެންނެވެ. އިތިއޯޕިޔާގެ މައިސަރުކާރާ، ޓިގްރޭ ސަރަަހައްދުގެ ހަނގުރާމަވެރިންނާ ދެެެމެދު ކުރިމަތިލުންތައް ހިނގާތާ 11 މަސްދުވަސް ވެއްޖެެއެވެ.

އިތިއޯޕިޔާގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ބަޔާނެއްގައި ވާތުން 'ޕާސޮނާ ނަން ގްރާޓާ' ކަމަށް ކަނޑައަޅައި 72 ގަޑިއިރުގެ ތެރޭގައި އިތިއޯޕިޔާއިން ނުކުތުމަށް އަންގާފައިވާ އޮފިޝަލުންގެ ތެރޭގައި އދ. ކުޑަކުދިންނާ ބެހޭ ޖަމްއިއްޔާ (ޔުނިސެފް) އާއި އދ. ގެ އިންސާނީ އެހީއާ ބެހޭ ކަންކަން ވިލަރެސް ކުރާ އޮފީސް (ޔޫއެންއޯސީއެޗްއޭ) ގެ އޮފިޝަލުން ހިމެނިވަޑައިގަންނަވައެވެ. އެހެންނަމަވެސް، އެބޭފުން ގައުމުގެ ދާޚިލީ ކަންކަމާ ބެހިވަޑައިގަތް ގޮތުގެ ތަފްސީލެއް ބަޔާނުގައި ދީފައި ނުވެއެވެ.

މި ހަފުތާ ތެރޭގައި އެސޯޝިއޭޓެޓް ޕްރެސް (އޭޕީ) އަށް ދެއްވި ބަސްދީ ގަތުމެއްގައި ވާހަކަފުޅުދައްކަވަމުން އދ.ގެ އަންޑަރ ސެކްރެޓަރީ ޖެނެރަލް ފޯ ހިއުމެނިޓޭރިއަން އެފެއާޒް އެންްޑް އެމަޖެންސީ ރިލީފް ކޯޑިނޭޓާ މާޓިން ގްރިފިތުސް ވަނީ އިތިއޯޕިޔާގެ ކާރިސާއަކީ "އަހަރުމެންގެ ހަމަހޭގައި ޖެހިފައިވާ ލައްގަނޑެއް" ގެ ގޮތުގައި ސިފަކުރައްވާފައެވެ. އިތިއޯޕިޔާއިން ވަނީ ޓިގްރޭ ސަރަހައްދަށް ކާބޯތަކެއްޗާއި، ބޭހާއި، ހަކަތައިގެ ބާވަތްތައް އެތެރެކުރުން މަނާކޮށް އެސަރަހައްދު ގާތްގަނޑަކަށް ހިސާރުކޮށްފައި ކަމަށް އދ.ން ސިފަކޮށްފައި ވެއެެެވެ.

މިއީ ގްރިފިތުސް އިތިއޯޕިޔާގެ މައްސަލައިގައި މިހާތަނަށް ދެއްކެވި އެންމެ ފާޅުކަން ބޮޑު ވާހަކަފުޅެވެ. ޓިގްރޭގައި ކުރިއަށްދާ އިންސާނީ ކާރިސާއަށް އަހަރެއް ވާން ކައިރިވެފައިވާއިރު، 1980 ގެ އަހަރުތަކުގެ ތެރޭގައި އިތިއޯޕިޔާގެ ރައްޔިތުންގެ ގިނަ ބަަޔަކު ބަނޑަށްޖެހި މިލިއަނެއްހާ މީހުން މަރުވި ހާދިސާތައް އޭނާ ހަނދުމަފުޅު ނުނެތޭނެކަން ޔަގީނެވެ.

އިތިއޯޕިޔާއިން ބޭރުކޮށްލި އދ. އޮފިޝަލުންގެ ތެރޭގައި ޔޫއެއޯސީއެޗްއޭގެ ޑިޕިއުޓީ ކޯޑިނޭޓާ މާކް ލެއަޓީއާއި އިތިއޯޕިޔާގައި ހުންނަވާ ޔުނިސެފްގެ މަންދޫބު އާދިލް ޚުޟްރު ހިމެނިވަޑައިގަންނަވައެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި އދ.ގެ ތަރުޖަމާނު ސްޓެފަނީ ޓްރެމްލޭ ހާމަކުރެއްވި ގޮތުގައި ސެކްރެޓަރީ ޖެެނެރަލް އެންޓޯނިޔޯ ގުޓަރޭޝް ވަނީ އދ. އޮފިޝަލުން އިތިއޯޕިޔާއިން ބޭރުކުރަން އެގައުމުން ނިންމުމުން އޭނާ އަށް "ކުއްލި ސިހުމެއް" ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވެފައެވެ.

"(ޓިގްރޭގެ މައްސަލައާ ގުޅުން އޮތް) އދ.ގެ ބޭފުޅުންނަށް އެބޭފުޅުންގެ މުހިއްމު މަސައްކަތް ކުރިއަށް ގެންދެވުމުގެ ހުއްދަދޭނެ ކަމުގެ އުއްމީދުގައި އަހަރުމެން މިދަނީ އިތިއޯޕިޔާގެ ސަރުކާރާ ވާހަކަދައްކަމުން." ތަރުޖަމާނު ވިދާޅުވިއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.