ފަޅިމޫނު - 4

(29 ސެޕްޓެމްބަރ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"އެއީ މީސްމީހުންގެ މައިންނާއި އަނބިން. އެކަމަކު ޑިރައިވަރުގެ އަނބިންނާއި މައިންނެއް ނޫނެއްނު؟ ހެނދުނު ފަށާ ގޮތަށް އިރުއޮއްސެންދެން އެ ފަކީރު އެ ހުންނަނީ ޕަރީންގެ މެދުގައި. އޭނާއަށް އޭގެ ތެރެއިން އެކަކުނަމަވެސް ކަމުދާގޮތް ވާނެއެއްނު؟ އެކަކަު ކީއްކުރަން... ޑަޒަނެއްހައި ކުދިން ކަމުދާނެ. އެ ޑަޒަނުގެ ތެރެއިން އެކަކު މަޅީގައި ޖައްސަން ޅެމުގެ ބޭނުން ޖެހޭނެ. މިނީބަހުގައި ޅެން ލިޔެފައި އެ ހުންނަނީ އެހެން ވެގެން. އެއިން ޅެންބައިތަކުން ކޮންމެވެސް ކުއްޖަކަށް އަސަރު ކުރާނެ. ކާރުގައިވެސް ރީތި ޢިޝްޤީ ޅެންބައިތެއް ލިޔެލީމާ ފައިދާ ކުރާނެ. ޅެންބައިތު ކިޔާފައި ކާރުދުއްވާ މީހާގެ ހިތުގެ ހާލަތު އެ ކުއްޖާއަށް ވަޒަން ކުރެވިދާނެ."

ބާދްޝާ ވިސްނާން ފަށައިފިއެވެ.

ބޯކޮށާމީހާ ބުންޏެވެ. "އެއީ ރަނގަޅު ޚިޔާލެއް. ގެއްލުމެއްވެސް އޮތް ކަމެއް ނޫން. އެންމެ ޅެންބައިތެއް ލިޔެލީމާ ހިތުގެ ހާލަތުވެސް ބަޔާން ކުރެވުނީ. އެޔަށްވުރެ ރަނގަޅު ގޮތެއް ނެތް."

ބާދްޝާ ބުންޏެވެ. "ޅެންބައިތެއް ލިޔާށޭ މީގެ ކުރިންވެސް މުސައްވިރަކު އަހަރެން ގާތު ބުނި. އެކަމަކު އަހަންނަށް ގަބޫލު ކުރެވުނު ގޮތުގައި އެއީ ވަރަށް މުޑުދާރު ކަމެއް. ނިކަން ވިސްނާލަބަ. އަހަރެންގެ ކާރަށް ދެމައިން އެކީގައި، ދެބަފައިން އެކީގައި އެބައަރާ. އަދި ފިރިހެނުން އެކަނިވެސް އަރާ. ޅެންބައިތު ފެނުނީމާ އެމީހުންގެ ހިތަށް އަރާނީ ކީކޭ؟ ޅެންވެރިކަމަކީ ނުބައި ކަމެއް ނޫން. ފޮތްފޮތުގައި ޅެންތައް ހުރީމާ ރަނގަޅު. އެކަމަކު ޅެންތައް ކާރުކާރުގެ ބިއްލޫރިގަނޑަށް އަރަން ފެށީމާ އެވަނީ އަވަގުރާނައަށް."

އޭނާ ގޮނޑިން ތެދުވެ ލޯގަނޑުން މޫނު ބަލާން ފަށައިފިއެވެ. މޫނު މުޅީން ސާފުވެ ރީތި ވެއްޖެއެވެ. މިހާރު ފެންނަނީ ބުރުސޫރަ ރީތި މޫނެކެވެ. އޭނާ ހިނިތުންވެލުމަށް ފަހު، ހެދުން ހިފައިގެން ފެންވަރާ ކޮޓަރިއާ ދިމާއަށް ހިނގައިގެންފިއެވެ. އޭރު ގަޑިން ބާރަގަޑި ފަނަރަ ހިނގައިފިއެވެ. "ދޭއް ޖެހުމުގެ ކުރިން އެތަނަށް ދާން ޖެހޭނެ."

އޭނާ ފެންވަރަން ފެށިތަނާ މުސައްވިރު ފެންވަރާ ކޮޓަރި ދޮށަށް އައިސް ބޭރުގައި ހުރެގެން ގޮވައިލިއެވެ. "ދެތިން ގަޑިއިރަށް ޅެންބައިތެއް ލިޔެލަމާ ހިނގާ. އެ ކުއްޖާ ޅެންބައިތު ކިޔައި ނިމުނީމާ ފޮހެލާނީ."

އެތެރެއިން ފެން ފައިބާ އަޑާއެކު ބާދްޝާ ޖާނީގެ އަޑު އިވުނެވެ. "އާނ. ތިޔައީ ރަނގަޅު ގޮތެއް. ރަނގަޅު ބައިތެއް ނިކަން ކިޔާލަބަލަ. އެނގޭނީ އޭރުންނެއްނު؟"

"މިހާރުގެ ހާލަތު ކޮންމެވެސް ވަރަކަށް ކިޔައިލަދީ. އެކުއްޖާއާ މުޚާތަބް ކުރަނީ ކިކޭ ކިޔާފައި؟"

ކުޑަ އިރުކޮޅަކަށް ހިމޭންކަން ވެރިވެފައި އޮތުމަށް ފަހު އެތެރެއިން އަޑު އިވުނެވެ. "ބުނާނީ ކީކޭ؟ އަހަރެން އެކުއްޖާ ދެކެ ލޯބިވީ. އޭނާ ރަނގަޅުވީ ވަރުންގޮސް މިހާރު އަހަރެންގެ އަމިއްލަ ނަފުސުވެސް އަހަންނަކަށް ކަމަކު ނުދޭ. ތާއަބަދު ފެންނަނީ އޭނާ. އެކަމަކު ކުޑަކުޑަ މައްސަލައެއްވެސް އެބައޮތް. ކުލީކާރު ދުއްވާ މީހަކު ލޯބިވާނީ ކިހިނެއް؟ ލޯބިވަމުން ކާރު ދުއްވަނިކޮށް ދާ ގޮތަށް ގޮސް އެއްޗެއްގައި ޖެހިދާނެ. ޓްރެފިކު ފުލުހުން ދެކެވެސް އެހައި ބިރު ގަނޭ. މިކަހަލަ ހައިޖާނު ގަނޑެއްގެ ތެރޭގައި ލޯބިވާނީ ކިހިނެއް؟ އަހަރެންގެ މި މަޖުބޫރީގެ ވާހަކަ ބަޔާންކޮށްދޭ ކަހަލަ ޅެންބައިތެއް ލިޔޭ."

"މައްސަލައެއް ނެތް. މި ވިސްނައިލަނީ. ސިގިރޭޓުގެ ދެތިން ކޯވަރު ދުމާއެކީ މޮޅު ޅެންބައިތެއް ހަނދާން ވެދާނެ."

ވީވެސް އެހެންނެވެ. ކުޑައިރުކޮޅަކަށް ފަހު މުސައްވިރު ބުންޏެވެ. "ވަރަށް ފައްކާ ޅެންބައިތެއް ހަނދާން ވެއްޖެ. ގުޅޭ ގޮތަށް ބަދަލު ކޮށްލީމާ އެނިމުނީ. އަޑު އަހާ. މި ކިޔައިދެނީ ތަފުސީލު. އަހަރެންގެ ކުލީކާރުގަނޑުގައި ކަލާގެ ފައިންޕުޅު ބީއްސެވުމީ ގުދުރަތުގެ ހަދިޔާއެއް. އަހަރެންގެ ނަޒަރު ހުއްޓެނީ އެއް ފަހަރު ކާރުގަނޑަށް، އަނެއް ފަހަރު މަގަށް، އަނެއް ފަހަރު ޓްރެފިކު ފުލުހަށޭ..."

އެތެރެއިން އަޑުއިވުނެވެ. "ކަލޭ ތިޔަ އުޅެނީ އަހަރެން ޖޫރިމަނާ ކުރުވަންތަ؟ ތިޔަ ބައިތުގައި ކިޔަނީ އަހަރެން ދެންމެ ދެއްކި ވާހަކައެއްނު؟ ޅެންވެރިކަން ކޮބާ؟ ޅެންވެރިން ކިޔާ ކަހަލަ މާނަ ފުން ވާހަކައެއް ކިޔާ."

މުސައްވިރު ބުންޏެވެ. "ޅެންވެރިން ކިޔާނީ ހިތުގައި ހުންނަ ވާހަކަ އެ ހުންނަ ގޮތަށް. އެހެން ބައިތެއް ކިޔައިލާނަން. މިހާރު މި ކިޔާ ބައިތަކީ ދެތިން ކާރެއްގައި މީގެ ކުރިން އަހަރެން ލިޔެދީފައި އޮތް ބައިތެއް. މި ކިޔަނީ ތަފުސީލު. އަންހެން ކުދިން ކާރުކާރަށް އަރައި ތިބެނީ އިސްޖަހާލައިގެން މައުސޫމު ގޮތަކަށޭ. އަހަރެމެންގެ ހިތް ކަތިލެވިގެން ދަނީ އެ މައުސޫމު އަދާގެ ސަބަބުންނޭ..."

އެތެރެއިން އަޑުއިވުނެވެ. "ސާބަހޭ ކަލޯ. ތިޔައީ ހަމަ ކަން ހިނގި ގޮތް. އޭނާ އަހަރެންގެ ހިތް އަތުލައިގަތީ އޭނާގެ މައުސޫމު ބެލުމުން. ތިޔަ ވާހަކަ ޅެންބައިތަކަށް ހަދައިލާ."

މުސައްވިރު ބުންޏެވެ. "މި ހަދައިލީ... އޭނާގެ ކަތި ބަލައިލުން... އިސްޖަހާލައިގެން އިން އިނުން... އަހަރެންގެ ހިތް ކަތިލެވުނީ... އެ މައުސޫމު ބެލުމުން..."

"ތިޔަ ކިޔަނީ މާ ފާޅުކޮށް. ތިޔަ ވާހަކަ ކާރުގައި ލިޔުމަށް ވުރެ އަހަރެން ސީދާ ބުނެލުން މާ ރަނގަޅުވާނެ. ތިޔަ ކަހަލަ ޅެންވެރިކަމެއްގެ ބޭނުމެއް ނެތް. ތިޔަޔަކު ވަޒަނެއްވެސް ނެތް."

ބާދްޝާ ޖާނީ ފެންވަރާ ކޮޓަރިން ނުކުމެއްޖެއެވެ. ހެދުން އަޅައި، ބޫޓަށް އެރުމަށް ފަހު އޭނާ ލޯގަނޑުން އަމިއްލަ ސޫރައަށް ބަލައިލިއެވެ. ކުލީކާރު ދުއްވާ މީހަކު ހެންނެއް ހިއެއް ނުވެއެވެ. ހީވަނީ ކިޔަވައިގެން ހުރި މޮޅު މީހަކު ހެންނެވެ. ބޯކޮށާމީހާ ހިނިތުންވެލިއެވެ. "ވަރަށް ރީތި. ދެން މީރުވަސް ދުވާ އަތަރެއް ވަށައިލަނިކޮށް ފުރިހަމަވީ."

އޭނާ ބޯކޮށާމީހާއަށް ދިހަ ރުފިޔާ ދިނުމަށް ފަހު އެތަނުން ނުކުމެއްޖެއެވެ. ޖެހިގެން ހުރި ފިހާރައަށް ވަދެ އަހައިލިއެވެ. "ސޭޓާ. މީރުވަސް ދުވާ އަތަރެއް ނެތްތަ؟"

ފިހާރަވެރިޔާ އެތައް ފުޅިއެއް ގެނެސް ކައުންޓަރު މަތީގައި ބަހައްޓައިފިއެވެ.

"މީގެ ތެރެއިން އަންހެން ކުދިންނަށް އެންމެ ކަމުދާ އަތަރަކީ ކޮބާ؟"

ފިހާރަވެރިޔާ އެތަނުން ހައެއްކަ ފުޅި އެއްފަރާތް ކޮށްލިއެވެ. "މިހިރީ ހައްތަހާވެސް މީރުވަސް ދުވާ އަތަރު. އަންހެން ކުދިންނަށް ކަމުދާ ވައްތަރުތައް. އެންމެ ގިނައިން ވިކެނީ ވައިޓް ރޯޒް. އަގުވެސް ހެޔޮ. އަގަކީ އެންމެ ދުއިސައްތަ ފަންސާސް ރުދިޔާ."

އޭނާ މީގެ ކުރިން ދެރުފިޔާ ބައިގެ އަތަރު ފުޅިއެއްވެސް ނުގަނެއެވެ. އެކަމު މިއަދު ދުއިސައްތަ ފަންސާސް ރުފިޔާ ދީފައި ވައިޓް ރޯޒް ފުޅިއެއް ގެންފިއެވެ. އެތަނުން ނުކުމެގެން ކާރާ ހަމައަށް އައި އިރު އެއްކަލަ ކުއްޖާ ހުރީ ކާރު އޮފު އަރުވައިފައެވެ. އެ ކުއްޖާއަށް ދެ ރުފިޔާ ދީފައި ކާރަށް އަރާން އުޅުނު ވަގުތު މުސައްވިރު ދުވެފައި އަތުވެއްޖެއެވެ. "ހަނދާން ވެއްޖެ. ހަނދާން ވެއްޖެ. މުޅިން އައު، ތާޒާ ޅެންބައިތެއް. އަޑު އަހައިލާ. ރަނގަޅު ވާނެކަން ގައިމު."

ބާދްޝާ އަތް އުފުލައިލިއެވެ. "ޅެންބައިތު ކިޔައި ދިނުމުގެ ކުރިން އަހަރެން ޝަރުތެއް އެބައޮތް."

"ކޮން ޝަރުތެއް؟"

"ޝަރުތަކީ ތިޔަ ޅެންބައިތު މީގައި ލިޔުމަށް ފަހު ކަލޭގެ ގެއިން ކޮންމެވެސް އަންހެނަކު މި ކާރަށް އެރުވުން."

މުސައްވިރު ނުރުހުމުގެ ރާގަކަށް ބުންޏެވެ. "ތިޔައީ ކޮން ކަމެއް؟ ގޭގައި ތިބި އަންހެންނުންނާ ބެހިގަތީ ކީއްވެގެން؟"

"ރައްކާވޭ. ކަލޭގެ ގޭގެ އަންހެނަކާ ޖެހުނީމާ އަބުރުވެރިކަމާއި އަޚްލާގު ހަނދާން ވެއްޖެ ދޯ؟ ކަލެއަކަށް ނޭނގޭނެ. ލޯތްބަކީ ކުކުޅު ހިފާހެން މަޅިފަތި ޖަހައިގެން ހިފާ އެއްޗެއް ނޫން. އެއީ ލޯތްބާއި ރީތި އަޚުލާގުން ހާސިލުކުރާ އެއްޗެއް."

އޭނާ ކާރަށް އަރައި އިސްޓާޓު ކުރުމަށް ފަހު މެޑިކަލް ކޮލެޖާ ދިމާއަށް ދުއްވައިލިއެވެ. ފަހަތް ބަލާ ލޯގަނޑުން އަމިއްލަ މޫނަށް ބަލައިލާފައި އޭނާގެ ހިތަށް އެރިއެވެ. މިވަރުން އެ ކުއްޖާގެ ހިތަށް އަސަރެއް ކުރާނޭ ބާވައެވެ؟ އިތުރަށް ކުރެވޭނޭ ކަމަކީ ކޮބައި ބާވައެވެ؟ އޭނާ ވިސްނައިގެން ހުރީ ކޮލެޖް ދޮށަށް ކާރު މަޑު ކުރުމަށް ފަހު ރަނގަޅަށް ގައިގައި އަތަރު ވަށައިލާށެވެ. ހިތް ބުނަމުން ގެންދަނީ އިތުރު އެހެން ކަމެއްވެސް ކުރަން ޖެހޭނޭ ކަމުގައެވެ. ވަކި ކަމެއް ނުކުރެވުނީތީ ފަހުން ހިތާމަ ކުރަން ނުޖެހޭނީ އޭރުންނެވެ. އޭނާގެ ޝަޚްސިއްޔަތަކީ ދިލްޗަސްޕު ޝަޚްސިއްތަކަށް ހެދުމަކީ ވަރަށް މުހިއްމު ކަމެކެވެ.

އޭނާ މައު ވިއްކާ ފިހާރައެއްގެ ދޮށަށް ކާރު މަޑުކޮށްފިއެވެ. އެތަނުން ހެޔޮވަރުގެ ފިނިފެންމާ ބޮނޑިއެއް ގަނެގެން އައިސް އަނެއްކާވެސް މެޑިކަލް ކޮލެޖާ ދިމާއަށް ކާރު ދުއްވައިލިއެވެ. ވަކި ހިސާބަކަށް ގޮސްފައި އަނެއްކާވެސް ކާރު މަޑުކޮށްފިއެވެ. އަދި ކާރުން ފޭބުމަށް ފަހު ފަހަތު ދޮރު ހުޅުވައިލިއެވެ. އަދި ފަހަތު ގޮނޑި ރަނގަޅަށް ފޮޅައި ސާފު ކުރުމަށް ފަހު ފިނިފެންމާ ފިޔަތައް ގޮނޑިމައްޗަށް އަޅައިލިއެވެ. އަދި އޭގެ މައްޗަށް އަތަރު ބުރުވައިލިއެވެ.

ގަޑި ޖެހުމުގެ ބައިގަޑިއިރު ކުރިން އޭނާ މަންޒިލަށް ވާސިލު ވެއްޖެއެވެ. މަދަނީ ހަސްފަތާލުގެ ކައިރިއަށް އޭނާ ކާރު މަޑުކޮށްފިއެވެ. އަދި ފަހަތު ގޮނޑިއަށް އަތަރުކޮޅެއް ޖެހުމަށް ފަހު ގައިގައިވެސް ވަށައިފިއެވެ. އޭނާ ޑޭޝްބޯޑުގެ ވަތްގަނޑު ހުޅުވައިލީ އިރު ސިގިރޭޓެއް ފެންނާން އޮތެވެ. އެއީ އާދައިގެ ސިގިރޭޓެއް ނޫނެވެ. އޭނާ އަވަސްއަވަހަށް އެ ސިގިރޭޓު ނަގައި ބޭރަށް އެއްލައިލިއެވެ. އެޔަށް ފަހު ކާރު މަޑުމަޑުން ދުއްވައިލިއެވެ. ގޮސް މަޑުކޮށްލީ ސީދާ މެޑިކަލް ކޮލެޖުގެ ދޮރުމައްޗައް މަގުގެ އަނެއް ފަރާތަށެވެ. އޭނާގެ ހިތް ބާރަށް ތެޅެނީއެވެ. ހިތަށް އެރިއެވެ. އެ ކުއްޖާ އައުމާއެކު އޭނާ ކާރުން ފައިބައި ފަހަތު ދޮރު ހުޅުވައިދޭނެއެވެ. އެކުއްޖާއަށް މަލާއި މީރުވަހުން ފުރިފައިވާ މާހައުލު ފެނުނީމާ ހައިރާން ވާނެއެވެ. އަހަންނާ ދިމާއަށް ބަލައިލާފައި ހިނިތުންވެލުމަށް ފަހު ބުނާނެއެވެ. "އަހަންނަށްޓަކައި ތައްޔާރު ކޮށްފައި މިވަނީ ހާދަހާ ރީތި ސުވަރުގެއެކެވެ."

އޭނާ ގެންދިޔައީ ވިސްނަމުން، ޚިޔާލީ ފޮލާ ކައްކަމުން، އުފާކުރަމުންނެވެ. އެކަމަކުވެސް އެތެރެއިން ކުޑަކުޑަ ބިރުވެރިކަމެއް އިރުއިރުކޮޅާ ބޯ ހިއްލައިލައެވެ. އޭނާ ދާ ހިއްލާން ފަށައިފިއެވެ. ކާރުގެ ބިއްލޫރި ހުރީ މައްޗަށް ނަގައިފައެވެ. އެތެރެއަކަށް ވައިފޮދެއް ނުވަދެއެވެ. ހޫނުކަން އެހައި ބޮޑެވެ. އެކަމަކު ބިއްލޫރި ތިރިކޮށްފިއްޔާ ކާރުގެ އެތެރޭގައި މިހާރު ހުރި މީރު އަތަރުވަސް ވައިގެ ތެރެއަށްގޮސް، ކާރުތެރެއިން ވަސް ކެނޑިދާނެއެވެ. އޭނާގެ ހިތަށް އެރިއެވެ. ކުޑައިރުކޮޅަކަށް ކެތްކޮށްލާނީއެވެ. އެހެން ނޫނީ ކާރުން ފައިބައި ބޭރުގައި ހުންނަނީއެވެ. މިހެން ހިތަށް އެރުމާއެކު އޭނާ ކާރުން ފައިބައިފިއެވެ. ފޭބި ގޮތަށް ހަލުވިކަމާއެކު ދޮރު ލައްޕައިލިއެވެ. ހީވީ ދިރޭ އެއްޗެއް ކާރުން ފައިބައިގެން ހިނގައިދާނެތީ އުޅުނު ހެންނެވެ. ކާރުގައި އަތަރުވަަސް ފުކެއްގެ މިންވަރަށްވެސް މަޑުވާކަށް އޭނާ ބޭނުމެއް ނުވެއެވެ.

ދޭއް ޖަހައިފިއެވެ. އޭނައެއް ނުފެނެއެވެ. އަންހެންކުދިންނާއި ފިރިހެން ކުދިން ބައިބަޔަށް ނުކުމެގެން އެކި ދިމަދިމާއަށް ދާތަން ފެނެއެވެ. ބައެއް ކުދިން ގޮސް އެރީ ކުރިމަތީގައި އޮތް ކޮލެޖު ބަހަށެވެ. ދޭއް ޖަހައި ދިހައެއް ހިނގައިފިއެވެ. ފަނަރަ މިނިޓު ހިނގައިފިއެވެ. އަދިވެސް އެ ކުއްޖާއެއް ނުފެނެއެވެ. ގެއަށް ދިޔައީ ބާވައެވެ؟ އޭނާގެ ހިތް މަޑުމަޑުން ގެނބެމުން ދާން ފަށައިފިއެވެ. ހެނދުނުއްސުރެ ދެކެމުން އައި ރީތި ހުވަފެން ބިލާހަކަށް ވަނީ ހެއްޔެވެ؟ އޭނާގެ ހުވަފެނުގެ ތައުބީރުގެ ގޮތުގައި އެ ކުއްޖާ ނާންނާނީ ހެއްޔެވެ؟ ދޭން ޖަހައި ވިހި މިނިޓު ހިނގިތަނާ އެ ކުއްޖާ ނުކުންނާން ދޮރާށްޓާ ދިމާއަށް އަންނަތަން ފެނިއްޖެއެވެ.

އެ ކުއްޖާ ހުރީ އިސްޖަހައިލައިގެންނެވެ. ހިނގަމުން ދަނީ ވަރަށް މަޑުމަޑުންނެވެ. ދޮރާށިން ނުކުމެ ފާރަށް ލެނގިލިއެވެ. ހީވަނީ ހިނގާން އުނދަގޫ ވެގެން އުޅޭހެންނެވެ. މާ ބޮޑަށް ވަރުބަލިވީ ކަމުގައިވެސް ވެދާނެއެވެ. ނުވަތަ ކަމަކާ މާ ބޮޑަށް ކަންބޮޑުވެފައި ހުރީ ކަމުގައިވެސް ވެދާނެއެވެ. ބޮލުގެ އިސްތަށިގަނޑު އޮތީ ރޫޅި، ވިހުރުވިފައެވެ. މޫނުމަތީންވެސް ފެންނަނީ ދަލުގެ ތިކިވަރެވެ. އެ ކުއްޖާއަކަށް އަދި ބާދްޝާ ޖާނީއެއް ނުފެނެއެވެ. ފާރަށް ލެނގިލައިގެން ހުރެ މާނޭވާ ލަނީއެވެ.

ބާދްޝާގެ ހިތަށް އެރިއެވެ. މީހަކު އެ ކުއްޖާޔާ ބެހުނީ ބާވައެވެ؟ ހާސްވެ ކަންބޮޑުވާ ކަހަލަ ކަމަކާ ލައިގަތީ ބާވައެވެ؟ ކޮންމެވެސް ކަމެއް ވެއްޖެކަން ގައިމެވެ. އޭނާ އެ ފެންނަނީއަކީ ރަނގަޅު ހާލަތެއްގައި ހުއްޓައެއް ނޫނެވެ.

ބާދްޝާ ޖާނީ ޖެހިލުންވެފައި ހުރެ ދެތިން ފިޔަވަޅެއް ކުރިއަށް އަޅައިފައިމެ ހުއްޓިއްޖެއެވެ. އެ ވަގުތު އެ ކުއްޖާ އިސް އުފުލައިލިއެވެ. ބާދްޝާ ފެނުނީމާ ސިހުނެވެ. އޭނާ ލައިގެން ހުރީ މަޑު ފިޔާތޮށި ކުލައިގެ ގަމީހަކާއި އުޑުނޫކުލައިގެ ފަޓުލޫނެކެވެ. އެއީ ނުގުޅޭ ކުލަތަކެއް ކަމުަގއި ވިޔަސް އެ ހެދުމުގައި ހުންނަ އިރު އޭނާ ފެންނަނީ ރީތި ފިރިހެނެއްގެ ގޮތުގަައިކަން ޔަގީނެވެ. ބާދްޝާގެ ހިތަށް އެރިއެވެ. އަހަރެންގެ ސިފައަށް އައިސްފައިވާ ބަދަލުގެ ސަބަބުން ކާކުކަން ނޭނގުނީތީ ހައިރާންވެ ސިހުނީ ކަމުގައި ވެދާނެއެވެ. މިހާރު ފެންނާން މިހިރީއަކީ ކުލީކާރު ދުއްވާ މީހަކު ނޫނިއްޔާއެވެ. މިހާރު އޭނާ ހީވަނީ ރަސްދަރިކަލެއް ހެންނެވެ. ނުވަތަ ރައްޔިތުންގެ ހާލުއަހުވާލު ބައްލަވައިލައްވާން ނުކުމެވަޑައިގެން އުޅުއްވާ ރަސްކަލެއް ހެންނެވެ.

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.