އަފްޣާނިސްތާނުގައި ކައިވެނީގެ ހަފްލާއަކަށް ދިން ހަމަލާއެއްގައި ތިން މީހުން މަރާލައިފި

ޠާލިބާން ޖަމާއަތުގެ ހަނގުރާމަވެރިން ކަމަށް ހެދިގެން ތިބި ބަޔަކު އަފްޣާނިސްތާނުގެ އިރުމަތީގެ ރަށެއްގައި ކުރިއަށް ދިޔަ ކައިވެނީގެ ހަފްލާއެއްގައި ޖަހަމުން ދިޔަ މިއުޒިކު ހުއްޓުވުމަށް ކަމަށް ބުނެ އެ ޕާޓީގައި ތިބި މީހުންނަށް ހަމަލާދީ ތިން މީހުން މަރާލައިފިއެެވެ.

ޠާލިބާންގެ ތަރުޖަމާނު ޒަބީޙުﷲ މުޖާހިދު ވިދާޅުވި ގޮތުގައި ހަމަލާދިން ތިން މީހުންގެ ތެރޭން ދެ މީހަކު މިހާރު ވަނީ ހައްޔަރުކޮށްފައެވެ. އަދި އޭނާ ވިދާޅުވި ގޮތުގައި އެެއީ ޠާލިބާނުން ދިން ހަމަލާއެެއް ނޫނެވެ.

"ނަންގަހާރު (ޕްރޮވިންސު) ގެ އަވަށެއް ކަމުގައިވާ ޝަމްސްޕޫރް މަރްޣުންދީ އަވަށުގައި ކުރިއަށް ދިޔަ ޙާޖީ މަލަންގް ޖާންގެ ކައިވެނީގެ ހަފްލާއަށް ގޮސް ތިން މީހަކު ވަނީ އެއީ ޠާލިބާނުންކަމަށް ބުނެ ތައާރަފުވެފައި. އަދި އެތަނަށް ވަދެ މިއުޒިކު ހުއްޓާލުމަށް އެމީހުން އެދުނު. (އެކަމުގެ ތެރޭގައި) ހިނގި ބަޑިޖެހުމުގެ ނަތީޖާއެއްގެ ގޮތުން ތިން މީހަކު ވަރުވެ އެތައް ބަޔަކު ވަނީ ޒަޚަމްވެފައި." އޭނާ ވިދާޅުވިއެވެ.

"އެކަމާގުޅިގެން ޠާލިބާނުންވަނީ ތުހުމަތުކުރެވޭ ދެ މީހަކު ހައްޔަރުކޮށްފައި. އަދި އެކަކު ފިލާފައި ވާއިރު، އޭނާ ހޯދުމުގެ މަސައްކަތް ކުރިއަށް އެބަދޭ." ޒަބީޙުﷲ ވިދާޅުވިއެވެ.

'އެއްވެސް މީހަކު އޭނާ އަމިއްލައަށް މީހަކު މަރާލައިފިނަމަ، އެއީ އަަހަރުމެންގެ މީހުން ކަމުގައި ވިޔަސް، އެއީ ޖަރީމާއެއް. އަހަރުމެން އެބަޔަކު ކޯޓަށް ހާޒިރުކުރާނަން. އަދި އެމީހުން ޝަރީއަތާ ކުރިމަތިލާނެ." ޠާލިބާންގެ ތަރުޖަމާނު ވިދާޅުވިއެވެ.

ޠާލިބާން ޖަމާޢަތުން އަފްޣާނިސްތާނުގައި ވެރިކަން ކުރިއިރު، މިއުޒިކު މަނާކުރިއެވެ. އެހެންނަމަވެސް، އެެ ޖަމާއަތުން މިފަހަރު ވެރިކަމަށް އައި ފަހުން އަދި މިއުޒިކު މަނާކުރުމާ ބެހޭގޮތުން އެއްޗެެއް ބުނެފައި ނުވެއެވެ. އަދި އިއްޔެގެ ހާދިސާގެ މައުލޫމާތު ދެއްވަމުން ދެއްކެވި ވާހަކައިގައި ތަރުޖަމާނު ޒަބީޙުﷲ ވިދާޅުވީ މިއުޒިކަށް ލޯބިކުރާ މީހުން މެރުމުގެ ސިޔާސަތެއް ޠާލިބާނުން ނުގެންގުޅޭ ކަމުގައެެވެ.

މިފަހަރު ވެރިކަމަށް އައި ފަހުން، ޠާލިބާން ޖަމާއަތުން މަސައްކަތްކޮށްފައި ވަނީ، އެޖަމާއަތުން މިހާރު ގެންގުޅެނީ ކުރިއަށްވުރެ މައިތިރި ސިޔާސަތުތަކެއް ދުނިޔެއަށް ދެއްކުމަށެވެ.

މަރުވި މީހެއްެގެ ތިމާގެ މީހަކު ނޫސްވެރިންނަށް މައުލޫމާތުދެމުން ބުނި ގޮތުގައި ޒުވާން ފިރިހެން ކުދިންތަކެއް ވަކި ކޮޓަރިއެއްގައި މިއުޒިކުޖަހަން ތިއްބާ ޠާލިބާނުންގެ ބަޔަކު ކަމަށް ބުނާ ބަަޔަކު އެެތަނަށް ވަދެ ބަޑިޖަހަން ފެށީއެވެ. އޭނާ ބުނިގޮތުގައި ޒަޚަމްވި މީހުންގެ ތެރޭން ދެ މީހެއްގެ ހާލު ދެރައެެވެ.

ނަންގަހާރު ޕްރޮވިންސުގެ ގަވަރުނަރުގެ ތަރުޖަމާނު ޤާޒީ މުއްލާ ޢާދިލް މި ހާދިސާ ހިނގިކަން ކަށަވަރުކޮށްދީފައިވާއިރު، އޭނާ ހާދިސާގެ ތަފްސީލު ދީފައެެއް ނުވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.