ކާބުލް އެއާޕޯޓު ހިންގުމުގައި ތުރުކީގެ ފަންނީ އެހީއަށް ޠާލިބާނުން އެދިއްޖެ

ކާބުލް އެއާޕޯޓުގައި އޮތް ތުރުކީ ވައިގެ ސިފައިންގެ އޭ400-އެމް މަތިންދާބޯޓެއް

އަފްޣާނިސްތާނުގައި ތިބި ބޭރު ގައުމުތަކުގެ ސިފައިން މިމަހުގެ ނިޔަލަށް ފައިބާ ނިމުމުން، ވެރިރަށް ކާބުލްގެ ހާމިދް ކަރްޒާއީ އިންޓަނޭޝަނަލް އެއާޕޯޓް ހިންގުމުގައި ތުރުކީގެ ފަންނީ އެހީއަށް ޠާލިބާން ޖަމާއަތުން އެދިއްޖެއެވެ. އެހެންނަމަވެސް، ތުރުކީ ބައެއް އިސް އޮފިޝަލުން ހާމަކުރެއްވި ގޮތުގައި ޠާލިބާނުންގެ ޝަރުޠަކީ ތުރުކީ އަސްކަރީ އެއްވެސް ބަޔަކު އަފްޣާނިސްތާނުގައި ނުބޭތިއްބުމެވެ. އެހެންކަމުން، އަފްޣާނިސްތާނުގައި ތިބި ތުރުކީ ސިފައިންވެސް މިމަހުގެ ނިޔަލަށް އެގައުމުން ފައިބަން ޖެހޭނެއެވެ.

ޠާލިބާނުންގެ ޝަރުޠުގެ ސަބަބުން ތުރުކީއަށް އެއާޕޯޓުގެ ކަންކަމާ ހަވާލުވުމާމެދު ގޮތެއް ނިންމަން ވަނީ އުނދަގޫ ވެފައެވެ. އަމިއްލަ ސަލާމަތީ ބާރުތަކުގެ ރައްކާތެރި ކަމެއް ނެތި ކާބުލްފަދަ ނުރައްކާތަކުން ފުރިފައިވާ ތަނެއްގެ އެއާޕޯޓާ ހަވާލުވުމަކީ ފަސޭހަ ކަމެއް ނޫނެވެ.

ތުރުކީ އަކީ ނޭޓޯ (ނޯތު އެޓްލާންޓިކް ޓްރީޓީ އޮގަނައިޒޭޝަން) ގެ މެންބަރެއްގެ ހައިސިއްޔަތުން އަފްޣާނިސްތާނުގައި އެމެރިކާއާއެކު ހަރާތްތެރިވި ގައުމެކެެވެ. ތުރުކީގެ އެތައް ސަތޭކަ ސިފައިން މިހާރުވެސް ކާބުލްގައި އެބަތިއްބެވެ. ތުރުކީގެ އޮފިޝަލުން ވިދާޅުވި ގޮތުގައ ތުރުކީ ސިފައިން މިހާރު ތިބީ އަފްޣާނިސްތާނުން ފޭބުމަށް ތައްޔާރުވެގެންނެވެ.

ރައީސު ރަޖަބް ޠައްޔިބް އެރްދޮޣާން ކުރިން ވިދާޅުވެފައި ވަނީ ތުރުކީ ސިފައިން އަފްޣާނިސްތާނުގައި ކޮންމެވެސް ވަރަކަށް ބައިތިއްބަން ތުރުކީ ތައްޔާރަށް އޮތް ކަމުގައެެވެ. ތުރުކީން ހުށަހަޅާފައި ވަނީ ވެސް ކާބުލް އެއާޕޯޓުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާއެކު އެތަން ހިންގަން ހަވާލުވުމަށެވެ.

"ޠާލިބާނުން ވަނީ ކާބުލް އެއާޕޯޓު ހިންގުމުގައި ތުރުކީ ފަންނީ އެހީއަށް އެދިފައި." ތުރުކީގެ އިސް އޮފިޝަލަކު ވިދާޅުވިއެވެ. އެހެންނަމަވެސް، އޭނާ ވިދާޅުވި ގޮތުގައި ތުރުކީ ސިފައިންގެ އެންމެން ފައިބަންޖެހޭނެ ކަމަށް ޠާލިބާނުން ޝަރުޠުކުރުމުން

"ތުރުކީގެ ހަތިޔާރު އެޅި ސިފައިން ނެތި (އެއާޕޯޓުގައި) މަސައްކަތްކުރާ މީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ނުރައްކަލަށް އެމީހުން ހުށަހެޅޭނެ ކަމެއް." ނަން ހާމަކުރައްވަން ބޭނުންފުޅު ނުވާ އޮފިޝަލް ވިދާޅުވިއެވެ.

މިކަމާ ބެހޭ ގޮތުން ޠާލިބާނުންނާ މިހާރު ދަނީ މަޝްވަރާކުރަމުންނެވެ. އަނެއްކޮޅުން، ސިފައިން ފޭބުމުގެ ހުރިހާ ތައްޔާރީތަކެއް މިހާރު ވަނީ ނިމިފައެވެ.

އިސް އެހެން އޮފިޝަލަކު ހާމަކުރެއްވި ގޮތުގައި ސިފައިން ފައިބަން އޮތް ސުންގަޑި ކަމުގައިވާ އޮގަސްޓު މަހުގެ 31 ގެ ކުރިން ޠާލިބާނުންގެ ހުށަހެޅުމާދު ގޮތެއް ނިންމާނެއެވެ.

ބޭރު ގައުމުތަކުގެ ސިފައިން އަފްޣާނިސްތާނުން ފައިބައިިގެން ދިއުމަށް ފަހު ކާބުލް އެއާޕޯޓު އޮމާންކަމާއެކު ހިނގުމަކީ މުހިއްމު ކަމެކެވެ. އަފްޣާނިސްތާނު ބޭރު ގައުމުތަކާއި ގުޅިފައި އޮތުމުގެ އިތުރަށް. ގައުމަށް ބޭނުންވާ މުދަލާއި، އިންސާނީ އެހީ އެތެރެކުރުމަށްވެސް އެއާޕޯޓުގެ މުހިއްމުކަން ބޮޑެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.