ސޫދާނުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް މަދަނީ ސަރުކާރު އުވާލައިފި

ސޫދާނުގެ އަސްކަރީ ވެރިޔާ ޖެނެރަލް ޢަބްދުލް ފައްތާޙު އަލް-ބުްރްހާން

ސޫދާނުގެ އަސްކަރިއްޔާއިން ސޮވްރެންޓީ ކައުންސިލާއި، މަދަނީ ސަރުކާރު އުވާލައި ކުއްލި ނުރައްކަލުގެ ހާރަތު އިއުލާންކޮށްފިިއެވެ. ސޮވްރެން ކައުންސިލްގައި ހިމެނޭ ހުރިހާ މަދަނީ މެންބަރުން ހައްޔަރުކޮށްފައިވާ ކަމުގެ ޚަބަރު ލިބޭއިރު، ބޮޑުވަޒީރު ޢަބްދުﷲ ޙަމްދޫކް ހުންެނެވީ ގޭބަންދުގައެވެ.

މިއަދު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރައްވަމުން ސޮވްރެންޓީ ކައުންސިލްގެ ޗެއާމަން ޖެނެރަލް ޢަބްދުލް ފައްތާޙު އަލްބުރްހާން ވަނީ އަސްކަރީންނާއި މަދަނީ ގުޅިގެން ވެރިކަން ހިންގުމުގެ ގޮތުން 2019 ވަނަ އަހަރުގެ އޮގަސްޓް މަހު އެކުލަވާލި އެއްބަސްވުމުގެ ބައެއް މާއްދާތަކަށް އަމަލުކުރުން ހުއްޓާލާފައިވާ ހާމަކުރައްވާފައެވެ

2019 ވަނަ އަހަރުގެ އެޕްރީލް މަހު ކުރީގެ ރައީސު ޢުމަރު ޙަސަން އަލްބަޝީރުގެ ވެރިކަން ނިމުމަކަށް އައިފަހުން ސޫދާނުގައި ވެރިކަން ކުރަމުން އައީ ޓްރާންސިޝަަނަލް މިލިޓަރީ ކައުންސިލުންނެވެ. މަދަނީ ޖަމްއިއްޔާތަކާއި، މަސައްކަތްތެރިންގެ ޖަމްއިއްޔާތަކުން ކުރި ވަރުގަަދަ އިހުތިޖާޖުތަކަަށް ފަހު، ސިފައިން ވަނީ މަދަނީންނާއި ގުޅިގެން ވެރިކަން ހިންގުމަށް ސޮވްރެްންޓީ ކައުންސިލެއް އުފައްދާފައެވެ. މިއަދު އިއުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތާއެކު އުވާލި އެ ކައުންސިލްގައި ތިއްބެވީ އަސްކަރީ 6 ބޭފުޅުންނާއި، މަދަނީ ފަސް ބޭފުންނެވެ. މިކައުންސިލްގެ ޗެއާމަނަކަށް ހުންނެވީ ޖެނެރަލް އަލްބުރްހާނެވެ.

މިއަދު ގައުމީ ޓީވީ މެދުވެރިކުރައްވައި ގައުމާ މުޚާޠަބުކުރައްވަމުން ޖެނެރަލް އަލްބުރްހާން ވަނީ ސޮވްރެެންޓީ ކައުންސިލާއި، ބޮޑުވަޒީރު ހަމްދޫކްގެ ކެބިނެޓް އުވާލައި، ހުރިހާ ޕްރޮވިންސުތަކެއްގެ ގަަވަރުނަރުންނާއި މިނިސްޓްރީތަކުގެ ވަކީލުން މަގާމުން ދުރުކޮށްފައި ވާކަން އިއުލާންކުރައްވާފައެވެ.

"އިގްތިސާދަށާއި، އަމާންކަމަށް އޮތް ނުރައްކަލަށް ނުބަލައި ވެރިކަމާހެދި އެއްބަޔަކު އަނެއް ބަޔަކަށް ތަޅާފޮޅައި، އެއްބަޔަކު އަނެއް ބަޔަކު ވައްޓާލައި، ހަމަނުޖެހުމަށް ހިތްވަރުދިނުން އެއީ ސޫދާނުގެ ސިޔާދަތާއި ގުދުރަތީ މުއްސަނދިކަން ރައްކާތެރިކުރުމަށް ފިޔަވަޅުއަޅަން ޖެހުނު ސަބަބު." އަލްބުރްހާނުގެ ޚިޠާބުގައި ވިދާޅުވިއެެވެ.

ގިނަ ބަޔަކު އަސްކަރީ އިންގިލާބެއްގެ ގޮތުގައި ސިފަކުރާ މި ފިޔަވަޅު ދުނިޔޭގެ ގައުމުތަކުން ކުށްވެރިކުރަމުން ދާއިރު، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔާ ގުޓަރޭޝް ވަނީ ބޮޑުވަޒީރު ޙަމްދޫކް ދޫކޮށްލުމަށް މިހާރު ވެރިކަމުގައި ތިބި ޢަސްކަރީ ވެރިންނަށް ގޮވައިލައްވާފައެވެ.

އަލްބުރްހާން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރެއްވި ފަހުން، އޭނާގެ އެ ފިޔަވަޅަށް ރައްދުދީ މިނިސްޓްރީ އޮފް އިންފޯމޭޝަނުން ނެރުނު ބަޔާނެއްގައި ވަނީ އޭނާ ގެންނެވީ އަސްކަރީ އިންގިލާބެއް ކަމުގައި ސިފަކޮށްފައެވެ.

މަގާމުން ވަކިކޮށް ބަންދުކޮށްފައިވާ ބޮޑުވަޒީރު ޙަމްެދޫކް ވަނީ ޑިމޮކްރެސީގެ ދިފާއުގައި ރައްޔިތުން މަގުތަކަށް ނުކުމެ މަގުތައެް ފުރާލުމަށް ގޮވައިލައްވާފައެވެ. އަދި މިއަދު ސިފައިން މައި މަރުކަޒު ކައިރިއަށް އެއްވެ ތިބި މީހުންގެ ތެރެއަށް ސިފައިން ބަޑިޖެހުމުގެ ސަބަބުން 12 މީހަކު ވަނީ ޒަޚަމްވެފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.