އިހުތިޖާޖުކުރާ މީހުންނާ ކުރަމުން އައި މަޝްވަރާތައް މެދުކަނޑާލަން ސޫދާނުގެ އަސްކަރިއްޔާއިން ނިންމައިފި

ސޫދާނުގައި މިހާރު ވެރިކަންކުރާ އިންތިގާލީ އަސްކަރީ ކައުންސިލްގެ ރައީސު ލެފްޓިނެންޓް ޖެނެރަލް ޢަބްދުލް ފައްތާޙު އަލްބުރްހާން

އާއްމު ނުކުމެ ކުރި ވަރުގަދަ އިހުތިޖާޖަށް ފަހު، ފާއިތުވި އެޕްރީލް މަހު ރައީސުލް ޢުމަރު ޙަސަން ބަޝީރުގެ ވެރިކަން ބަދަލުކޮށް ގެނައި އިންގިލާބުގެ ސުލްހަވެރިކަން މިހާރު ގެއްލިފައިވާ ކަމަށް ބުނެ ސޫދާނުގެ އިންތިގާލީ އަސްކަރީ ކައުންސިލުން އިހުތިޖާޖުކުރާ މީހުންނާ ކުރަމުން އައި މަޝްވަރާތައް 72 ގަޑިއިރަށް މެދުކަނޑާލައިފިއެވެ.

މިއަދު (ބުރާސްފަތި ދުވަހު) ފަތިހު ޓީވީން ފޮނުވި ޚިޠާބެއްގައި އިންތިގާލީ އަސްކަރީ ކައުންސިލްގެ ރައީސު ލެފްޓިނެންޓް ޖެނެރަލް ޢަބްދުލް ފައްތާޙު އަލްބުރަހާން ތުހުމަތުކުރެއްވި ގޮތުގައި މަޝްވަރާތައް ކުރިއަށް ދާއިރު، މަސްރަހު ހަލަބޮލިނުކުރުމަށް ވެފައިވާ ވައުދާ އިހްތިޖާޖުކުރާ މީހުން ޚިލާފުވެފައެވެ.

ޑިފެންސް މިނިސްޓްރީ ކުރިމަތީގައި މުޒާހަރާކުރަމުން ދިޔަ މީހުން އެތަނުން ދުރުކުރުމަށް ރޭ ސިފައިން ބަޑިޖެހުމުގެ ސަބަބުން މުޒާހަރާގެ ބައިވެރިންގެ ތެރެއިން މަދުވެން 14 މީހުން  ވަނީ ޒަޚަމްވެފައެވެ. ސޫދާނު ޑޮކްޓަރުންގެ ކައުންސިލުން ބުނި ގޮތުގައި ޒަޚަމްވި މީހުންގެ މެޔަށާއި، ކަކުލަށާއި، ބަނޑަށާއި، ކަށިމައްޗަށް ވަޒަން އަރާފައިވާ ކަމުގައެވެ. އަދި ބޮލުގައި ގަލުން ޖެހުމާއި، ހާސްވުމާއި، ކަނދުރާގައި ބަޑީގެ މުށްގަނޑުން ޖެހުމުގެ ސަބަބުން ވެސް ބައެއް މީހުންނަށް އަނިޔާވެފައިވާ ކަމުގައެވެ.

އަސްކަރީ މަޖިލީހުން ބުނަނީ މަގުތަކާއި، ރޭލްވޭތައް ބަންދުނުކުރުމަށް އިހުތިޖާޖުކުރާ މީހުންނަށް އިލްތިމާސްކޮށްފައި ވަނިކޮށް އެމީހުން އިލްތިމާސާ އެއްގޮތަށް އަމަލުނުކޮށް ހަރުކަށި އަމަލުތައް ހިންގަން ފެށުމުން އެމީހުންގެ އިހުތިޖާޖު މިހާރު ސުލްހަވެރިކަމަށް ބެލެވެން ނެތް ކަމުގައެވެ. އެހެންކަމުން، އިއްޔެ އިއުލާނުކުރެވުނު އެއްބަސްވުމާ ގުޅޭ އެންމެ ފަހުގެ ނިންމުންތައް ނިންމުމަށް ބާއްވަން ހަމަޖެހިފައި އޮތް މަޝްވަރާ ބައްދަލުވުން އަސްކަރިއްޔާއިން ވަނީ މިހާރު ކެންސަލްކޮށްފައެވެ. އަދި އިހުތިޖާޖު ސުލްހަވެރިކަން ސާބިތުކޮށްދިނުމަށް 72 ގަޑިއިރުގެ މުހުލަތެއް ދީފައެވެ.

އެހެންނަމަވެސް، އިހުތިޖާޖުކުރާ މީހުން ދެކޭ ގޮތުގައި މަސްރަހު ގޯސްކުރީ ސިފައިންނެވެ. "އަހަރުމެން ދެކޭގޮތުގައި އާއްމުންނަށް ހަމަލާދިނުމުގެ ޒިންމާ އުފުލަން ޖެހޭނީ އަސްކަރިއްޔާއިން." އިހުތިޖާޖުތައް އިންތިޒާމްކުރާ ސޫދާން ޕްރޮފެޝަނަލްސް އެސޭސިއޭޝަން (އެސްޕީއޭ) ގެ ތަރުޖަމާނު އަމްޖަދު ފަރީދު ވިދާޅުވިއެވެ.

އަސްކަރީ ކައުންސިލުން ތުހުމަތުކުރާ ގޮތުގައި މަސްރަހު ގޯސްވީ އިހުތިޖާޖުކުރާ މީހުންގެ ތެރެއަށް ހަތިޔާރުއެޅި ބަޔަކު ވަދެ އެމީހުން ސިފައިންގެ ގަޔަށް ބަޑިޖެހުމުގެ ސަބަބުންނެވެ.

އަލްބަޝީރު މަގާމުން ދުރުކުރުމަށް ފެށި އިހުތިޖާޖު ހުއްޓާނުލައި ކުރިއަށް މިގެންދަނީ، މަދަނީ ބަޔަކާ ވެރިކަން ހަވާލުކުރުމަށް އިންތިގާލީ އަސްކަރީ ކައުންސިލަށް މަޖުބޫރުކުރުމަށެވެ. އެކަމާމެދު، އެއްބަސްވުމަކަށް އާދެވި، އެންމެ ފަހުގެ ނިންމުން ނިންމާ ހިސާބަށް އައިސްފައިވަނިކޮށް، މިހާރު މިވަނީ އެއްބަސްވުމަކާ އާދެވިދާނެކަމާމެދު ސުވާލު އުފެދޭ ހިސާބަށް މަސްރަހު ގޯސްވެފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.