ސޫދާނުގެ ވެރިރަށް ޚުރްޠޫމުގައި އިހްތިޖާޖުކުރާ މީހުންނާއި، ސިފައިންގެ ގަޔަށް ބަޔަކު ބަޑިޖަހައިފި

ސޫދާނުގެ ވެރިރަށް ޚުރްޠޫމުގައި މަސްރަހު ގޯސްވެ ހަމަނުޖެހުން ބޮޑުވެއްޖެއެވެ. މަސްރަހު ގޯސްވެފައި ކުރީގެ ރައީސު ޢުމަރު ޙަސަން އަލްބަޝީރު ވެރިކަމުން ދުރުކުރުމަށްފަހު، ވެރިކަމާ ހަވާލުވި އަސްކަރީ ކައުންސިލްގެ ބާރުތައް މަދަނީ ބަޔަކާ ހަވާލުކުރުމަށް ގޮވާލައި އިހްތިޖާޖުކުރާ މީހުންގެ ތެރެއަށް ބަޑިޖެހުމުގެ ސަބަބުންނެވެ.

ސޫދާނު ޑޮކްޓަރުންގެ ޖަމްއިއްޔާއިން ބުނި ގޮތުގައި "ވެއްޓުނު ވެރިކަމާގުޅޭ ހަތިޔާރުއެޅި މީހުން" ބަޑިޖެހުމުގެ ސަބަބުން އިޖްތިޖާޖުކުރަމުން ދިޔަ 5 މީހަކު މަރުވެ 15 މީހަކު ޒަޚަމްވެފައި ވެއެވެ. އަދި ސިފައިން މޭޖަރަކުވެސް ވަނީ މަރުވެ އިތުރު ތިން އޮފިސަރަކު ވަނީ ޒަޚަމްވެފައެވެ.

މަސްރަހު ގޯސްވެފައި މިވަނީ ވެރިކަމުގެ ބާރުތައް މަދަނީ ބަޔަކަށް ބަދަލުކުރާނެ ގޮތަކާމެދު، އިހްތިޖާޖުކުރާ މީހުން ތަމްސީލުކުރާ ފްރީޑަމް އެންޑް ޗޭންޖް އެލަޔަންސާއި، އަސްކަރީ ކައުންސިލު އެއްބަސްވުމަކަށް އައި ޚަބަރު ލިބުމާއެކުގައެވެ. އެހެންކަމުން، އެލަޔަންސުން ތުހުމަތުކުރާ ގޮތުގައި  މަސްރަހު ހަލަބޮލިކޮށްފައި ވަނީ މި އެއްބަސްވުން ކާމިޔާބުވިޔަ ނުދިނުމަށް މަސައްކަތްކުރާ، ކުރީގެ ސަރުކާރާ ގުޅުން ހުރި މީހުންނެވެ.

އަނެއްކޮޅުން، އަލްބަޝީރު ވެރިކަމުން ދުރުކުރީއްސުރެ ޑިފެންސް މިނިސްޓްރީގެ ކުރިމަތީގައި އޮންނަ މައިދާނުގައި ކޭމްޕްޖަހައިގެން ތިބިމީހުންގެ ތެރެޔަށް "ގޮތް ނޭނގޭ ބަޔަކު" ބަޑިޖަހާފައި މިވަނީ އިހްތުޖާޖު ކުރިމީހުން މެރުމުގެ ކުށުގައި އަލްބަޝީރުގެ މައްޗަށް ދައުވާ އުފުލާފައިވާކަން ޕްރޮސެކިއުޓަ ޖެނެރަލް އިއްޔެ އިއުލާންކުރައްވާފައި ވަނިކޮށެވެ.

އިއްޔެ ބަޑިޖެހުމުގެ ސަބަބުން މަސްރަހު ހަލަބޮލިވުމުގެ ކުރިން ފްރީޑަމް އެންޑް ޗޭންޖް އެލަޔަންސާއި އަސްކަރީ ކައުންސިލުންވެސް ބުނެފައި ވަނީ، މަދަނީ ބަޔަކަށް ވެރިކަމުގެ ބާރުތައް ބަދަލުކުރާނެ ގޮތުގެ އޮނިގަނޑެއް އެކުލަވާލެވި އެއަށް އެއްބަސްވެވިފައިވާ ކަމުގައެވެ.

"ވެރިކަން ހިންގުމުގެ ފެންވަރުގައި (މަދަނީން) ބައިވެރިވާނެ ނިސްބަތަކާއި، އިންތިގާލީ ކައުންސިލް ދެމިއޮންނާނެ މުއްދަތާ ބެހޭގޮތުން މާދަމާ އަހަރުމެން މަޝްވަރާކުރާނަން. އިރާދަކުރެއްވިއްޔާ އެ ދެ ނުކުތާގެ މައްޗަށް އަހަރުމެންނަށް އެއްބަސްވެވޭނެ" އިންތިގާލީ އަސްކަރީ ކައުންސިލްގެ ތަރުޖަމާނު ލެފްޓިނަންޓް ޖެނެރަލް ޝަމްސުއްދީން ކަބާޝީ އިއްޔެ ވިދާޅުވިއެވެ.

އިހްތިޖާޖީ ހަރަކާތުގެ ތަރުޖަމާނު ޠާހާ އުސްމާނުވެސް ވަނީ އެއްބަސްވުމަކަށް އާދެވިފައިވާކަން ޔަގީންކޮށްދެއްވާފައެވެ. "މިއަދުގެ ބައްދަލުވުމުގައި އަހަރުމެން ވަނީ ވެރިކަން ހިންގާ ބާރުތަކާއި އެކުލެވިގެންވާނެ ގޮތާއި، އެފަރާތަށް ލިބިދޭ ބާރުތަކާމެދު އެއްބަސްވެފައި." އޭނާ ވިދާޅުވިއެވެ.

އެ ބާރުތަކަކީ، ވެރިކަން ހިންގާ ކައުންސިލާއި، ވަޒީރުންގެ މަޖިލީހާއި، ގާނޫނުހަދާ މަޖިލީސް." އޭއެފްޕީއަށް މައުލޫމާތުދެއްވަމުން ޠާހާ އުސްމާން ވިދާޅުވެފައި ވެއެވެ.

އިއްޔެގެ ހަމަނުޖެހުމަށް ފަހު ނެރުނު ބަޔާނެއްގައި އަސްކަރީ ކައުންސިލުން ބުނެފައިވަނީ އިޖްތިޖާޖުތައް އިންތިޒާމުކުރާ ފަރާތްތަކާ ގުޅިގެން މަސްރަހު ހަމައަކަށް އެޅުވުމަށް މަސައްކަތްކުރަމުންދާ ކަމުގައެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.