އެފްރިކަން ޔުނިއަނުން ސޫދާން އެކަހެރިކޮށްފި

ސޫދާނުގައި އަސްކަރީ އިންގިލާބާ ދެކޮޅަށް އިހުތިޖާޖުކުރާ މީހުން ނުކުމެ މަގު ބަންދުކޮށްފައި

ސޫދާނުގައި ގެނައި އަސްކަރީ އިންގިލާބާ ގުޅިގެން އެފްރިކާގެ ގައުމުތަކުގެ ޖަމްއިއްޔާ، އެފްރިކަން ޔުނިއަން (އޭޔޫ) އިން އެ ގައުމު އެކަހެރިކޮށްފިއެވެ.

އެފްރިކަން ޔުނިއަނުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސޫދާނުގެ މަދަނީ ސަރުކާރަށް ބާރުތައް އަލުން ދެންދެން އެ ގައުމު އެ ޔުނިއަންގެ ހުރިހާ ހަރަކާތަކުން އެކަހެރިކޮށްފައިވާ ކަމުގައެވެ. އެ ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި އިންތިޚާބަކާ ހަމައަށް ގައުމު ގެންދިއުމަށް އެކުލަވާލާފައިވާ އިންތިގާލީ ސަރުކާރު "އަމަލީގޮތުން އަނބުރާ ގެނައުމާ" ހަމައަށް ސޫދާން އެކަހެރިކުރުން ދެމިގެންދާނެ ކަމުގައެެވެ.

އޭޔޫއިން މި ފިޔަވަޅު އަޅާފައިވާއިރު، ވާލްޑް ބޭންކުން ވަނީ ސޫދާނަށް ދޭ އެހީ މެދުކަނޑާލާފައެވެ. އަދި އެމެރިކާއިންވެސް މި ފިޔަވަޅު އަޅާފައިވާއިރު، ޔޫރަޕިއަން ޔުނިއަން (އީޔޫ) އިން ވެސް ދަނީ އެހީ މެދުކަނޑާލުމާމެދު ވިސްނަމުންނެވެ.

ސޫދާނުގެ މަދަނީ ބޮޑުވަޒީރު ޢަބްދުﷲ ޙަމްދޫކް މަގާމުން ދުރުކޮށް، ސަރުކާރު އުވާލައި އަސްކަރީ ވެރިޔާ ޖެނެރަލް ޢަބްދުލްފައްތާޙު ބުރްހާނު އިންގިލާބު ގެނެސްފައިވަނީ އިންތިގާލީ މަރުހަލާ ނިމުމަކަށް ގެނެސް، އަސްކަރިއްޔާއިން ވެރިކަން އަތުލައިފިނަމަ، ސޫދާނަށް ކުރިިމަތިވާނެ ދަތިކުރުމުގެ ފިޔަވަޅުތަކާމެދު އެމެރިކާގެ މަންދޫބު އިންޒާރުދެއްވާފައިވާ ފުރައިވަޑައިގަތްތާ ގަޑިއެެއްހާއިރުގެ ތެރޭގައެެވެ.

ޚަބަރު ލިބޭ ގޮތުގައި މުޅި ދުނިޔެއާ ދެކޮޅަށް، ދުނިޔޭގެ ގޮވާލުންތަކަށް ބީރު ކަންފަތެއްދީ ސޫދާނު ސިފައިން ވެރިކަން އަތުލީ މިސްރާއި، ސައޫދީ އަރަބިއްޔާއާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ތާއީދު އޮތްކަމުގެ ޔަގީންކަން ލިބިފައިވާތީއެވެ. މި ޚަބަރު އިތުރަށް ކަވަަށަރުކޮށްދެނީ ސައޫދީ އަރަބިއްޔާގެ ސަފީރު އަސްކަރީ ވެރިޔާ ޖެނެރަލް ބުރްހާނާ އިއްޔެ ބައްދަލުކުރެއްވުމުންނެވެ. ސައޫދީން ބުނެފައިވާ ގޮތުގައި އެގައުމުން ސޫދާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޢަލީ ޙަސަން ބިން ޖަޢުފަރު ވަނީ އިއްޔެ ޖެނެރަލް ޢަބްދުލްފައްތާޙު ބުރްހާނާ ބައްދަލުކުރައްވައި ސޫދާނުގެ ސިޔާސީ މަސްރަހާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

އަސްކަރީ އިންގިލާބާ ދެކޮޅަށް މެދުނުކެނޑި ކުރިއަށްދާ މުޒާހަރާތައް ރޫޅާލުމަށް އިއްޔެ ވަނީ ގިނަ އަދަދެއްގެ ސިފައިން މަގުމައްޗަށް ނެރެފައެެވެެ. ޚަބަރުލިބޭ ގޮތުގައި ސިފައިން ވަނީ ކަރުނަ ގޭސް ބޭނުންކޮށްގެން މުޒާހަރާ ރޫޅާލުމަށް ފަހު މުޒާހަރާގައި ބައިވެރި ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައެވެ.

ސޫދާުނުން ބައެއް ގައުމުތަކަށް ކަނޑައަަޅާފައި ތިއްބެވި ސަފީރުން އަސްކަރީ އިންގިލާބާ ދެކޮަޅަށް ބަޔާން ނެރުއްވުމުން އަސްކަރީ ސަރުކާރުން ވަނީ އެބޭފުޅުން މަގާމުން ވަކިކޮށްފައެވެ. އެ ބޭފުޅުންގެ ތެރޭގައި، އެމެރިކާ، ފްރާންސް، ޗައިނާ އަދި ޤަޠަރުގައި ތިއްބެވި ސަފީރުންނާއި، އީޔޫއަށް ސޫދާނުން ކަނޑައަޅާފައި ހުންނަވާ މަންދޫބު ހިމެނިވަޑައިގަންނަވައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.