ޤާހިރާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 19 މީހުން މަރުވެއްޖެ

މިސްރު (އިޖިޕްޓް) ގެ ވެރިރަށް ޤާހިރާ (ކައިރޯ) ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 19 މީހުން މަރުވެއްޖެއެވެ. ބައެއް ޚަަބަރުތަކުގައި މިއެކްސިޑެންޓުގައި ޒަޚަމްތަކަކާއެކު އެކަކު ސަލާމަތްވި ކަމަށް ބުނެފައިވާއިރު، އެނެއްބައި ޚަބަރުތަކުގައި ވާގޮތުން އެކްސިޑެންޓުގައި ބަހުގައި ތިބި އެންމެންނާއި، ކޮންޓޭނާ ލޮރީގެ ޑްރައިވަރުވެސް ވަނީ މަރުވެފައެވެ.

އަލްއަހްރާމް ނޫހުން ބުނެފައިވާ ގޮތުގައި ޤާހިރާގެ ހުޅަނގުގައި އޮންނަ 6 އޮކްޓޯބަރު އަވަށުގެ ކައިރިން ރިންގް ރޯޑުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ކޮންޓޭނާ ލޮރީއަކާއި، މިނީ ބަހެއް ޖެހިގެންނެެވެ.

އަޚްބާރުލް ޔައުމް ނޫހުގައި ވާގޮތުން އެކްސެންޓް ހިނގަން މެދުވެރިވީ، ކޮންޓޭނާ ލޮރީ ނުބައިފަޅިން އައިސް މިނީ ބަހާއި މުޑިއެރުމުގެ ސަބަބުންނެވެ.

މީސް މީޑިޔާގައި ދައުރުވަމުންދާ މަންޒަރުތަކުން ފެންނަ ގޮތުގައި އެކްސިޑެންޓުވި ބަހުގައި ތިބި މީހުންގެ ހަށިތައް ވަނީ މަގުމައްޗަށް ބުރައިގެން ގޮސްފައެވެ. އެ ހަށިތައް މިހާރު ވަނީ ކައިރީގައި ހުރި ތިން ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މިސްރަކީ އެއްގަމު ދަތުރުފަތުރުގެ ސަލާމަތްތިކަން ކުޑަކަން ފާހަގަކުރެވިފައިވާ ގައުމަކަށް ވާއިރު، އެ ގައުމުގެ މަގުތަކުގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓުތަކުގައި ކޮންމެ އަހަރަކު އެތައް ހާސް ބަޔަކު މަރުވެއެވެ.

ފާއިތުވި ސެޕްޓެންބަރު މަހު ޤާހިރާ-ސުވޭސް ހައިވޭއިން ދަތުރުކުރި ބަހެއް ފުރޮޅާލުމުގެ ސަބަބުން 12 މީހުން މަރުވެ 30 މީހުން މަރުވެފައި ވެއެވެ. އަދި ފާއިތުވި އެޕްރީލް މަހު ދެކުނު ރަށެއްކަމުގައިވާ އަސްޔޫޠުގައި ބަހެއް ފުރޮޅާލުމުގެ ސަބަބުން 21 މީހުން މަރުވެ 3 މީހުން ޒަޚަމްވެފައި ވެއެވެ.

މިސްރުގެ ރަސްމީ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2020 ވަނަ އަަހަރު އެގައުމުގައި ހިނގި އެކްސިޑެންޓްތަކުގައި 7 ހާސް މީހުން މަރުވެފައި ވެއެވެ. މިއީ އޭގެ ކުރީ ދެއަހަރަށްވުރެ ދެގުނަ ބޮޑު އަދަދެކެވެ. 2019 ވަނަ އަހަރު އެ ގައުމުގައި 10 ހާސް އެކްސިޑެންޓް ހިނގައި 3480 މީހުން މަރުވެފައި ވާއިރު، 2018 ވަނަ އަހަރުގެ އެެކްސިޑެންޓުތަކުގައި މަރުވެފައި ވަނީ 3080 މީހުންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.