އަފްޣާނިސްތާނުގެ މިސްކިތެއްގައި ބޮމެއް ގޮއްވާލުމުގެ ސަބަބުން 60 މީހުން މަރުވެއްޖެ

ކުންދޫޒްގައި މިއަދު ބޮމުގެ ހަމަލާ އަމާޒުވި މިސްކިތަށް ލިބިފައިވާ ގެއްލުން

އުތުރު އަފްޣާނިސްތާނުގެ ރަށެއް ކަމުގައި ކުންދޫޒްގެ ޝީޢާ މިސްކިތަކަށް ދިން ބޮމުގެ ހަމަލާއެއްގައި 60 އަށްވުރެ ގިނަ މީހުން މަރުވެ 100 އަށްވުރެ ގިނަ މީހުން ޒަަޚަމްވެއްޖެ ކަމަށް އެ ސަރައްދުން ލިބޭ ޚަބަރުތައް ބެނެފިއެވެ.

ކުންދޫޒް ޕްރޮވިންސުގެ ޑެޕިއުޓީ ޕޮލިސް ޗީފް ދޯސްތު މުޙައްމަދު ޢުބައިދާ ވިދާޅުވި ގޮތުގައި މަދުވެގެން 100 މީހުން މަރުވެ ނުވަތަ ޒަޚަމްވެފައިވާކަން ވަނީ ކަށަވަރުވެފައެވެ. "އޭގެ ތެރޭން ގިނަ މީހުން ވަނީ މަރުވެފައި." އޭނާ ވިދާޅުވިއެވެ.

"ޠާލިބާނުން ތިބީ އަަަހަރުމެންގެ ޝީޢާ އަޚުންގެ ރައްކާތެރިކަން ކަށަވަރުކަން ތައްޔާރަށް ކަމުގެ ޔަގީން އަހަރެން އެއަޚުންނަށް ދެން." ޢުބައިދާ ވިދާޅުވިއެވެ.  

މަންޒަރު ދުށް މީހުންނާ ހަވާލާދީ ލިބޭ ޚަބަރުތައް ބުނާ ގޮތުގައި، ހަޒާރާ ދަރިކޮޅުގެ ޝީޢާ މީހުން ގިނަ އަދަދަކަށް ދިރިއުޅޭ ސަރަހައްދެއްގައި ހުރި ގުޒާރޭ ސައްޔިދް އާބާދް މިސްކިތުގައި ބޮން ގޮއްވާލާފައި ވަނީ މިއަދު މެންދުރު ފަހު 1:30 (ރާއްޖޭ ގަޑިން މެންދުރު ފަހު 2:00) ހާއިރު ހުކުރު ނަމާދަށް މީހުން ތިއްބައެވެ.

ހަމަލާގައި މަރުވީ ކިތައް މީހުންކަން ކަށަވަރު ކުރެވިފައި ނުވާއިރު، ކުންދޫޒްގެ 'އައްސަލާމް' ކިޔާ ރޭޑިޔޯ ސްޓޭޝަަނަކުން ބުނެފައިވާ ގޮތުގައި މި ހަމަލާގައި 100 މީހުން މަރުވެ، 200 މީހުން ޒަޚަމްވެފައި ވެއެވެ.

މީސް މީޑިޔާގައި ދައުރުވާ ފޮޓޯތަކުން ފެންނަ ގޮތުގައި ބޮންގޮވުމުގެ ސަބަބުން މިސްކިތަަށް ބޮޑެތި ގެއްލުންތަކެއް ލިބިފަައި ވެއެވެ.

ކުންދޫޒް ޑިރެކްޓަރ އޮފް ކަލްޗަރ އެންޑް އިންފޯމޭޝަން މުޠީޢުﷲ ރޫޙާނީ ވިދާޅުވި ގޮތުގައި ހުކުރު ވަގުތު މިސްކިތުގައި ބޮންގޮއްވާލާފައި ވަނީ ޖާނުން ފިދާވެގެންނެވެ.

"އަހަރުމެންގެ އިބްތިދާއީ ހޯދުންތަކުން ދައްކާގޮތުގައި އެއީ ޖާނުން ފިދާވެެގެން ދީފައިވާ ހަމަލާއެއް." އޭނާ ވިދާޅުވިއެވެ.

ކުންދޫޒް ޕްރޮވިންސުގެ ވެރިރަށް ކުންދޫޒް ސިޓީގައި މިއަދު ބޮން ގޮއްވާލުމުގެ ޒިންމާ އެެއްވެސް ފަރާތަކުން އުފުލާފައި ނުވެއެވެ. އެެހެންނަމަވެސް، މާޒީއަށް ބަލާއިރު، އަފްޣާނިސްތާނުގައި ބައިމަދު ޝީޢާއިންގެ ތަންތަނަށް ހަމަލާދިނުމަކީ އިސްލާމިކް ސްޓޭޓް (އައިސިސް) ގެ އަފްޣާން ގޮފުން ކުރަމުން އައިސްފައިވާ ކަމެކެވެ. އަދި ޠާލިބާން އަފްޣާނިސްތާނުގެ ވެރިކަމަށް ދެވަނަ ފަހަރަށް އައުމާއެކު އެގައުމުގައި އައިސިސްގެ ހަމަލާތައް ވަނީ އިތުރުވެފައެވެ.

އެމެރިކާ ސިފައިން އަފްޣާނިސްތާން ފައިބަމުން ދިޔަ ދަނޑިވަޅު، އޮގަސްޓުމަހުގެ 26 ވަނަ ދުވަހު ކާބުލްގެ ހާމިދް ކަރްޒާއީ އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ބޮމުގެ ހަމަލާގެ ޒިންމާ އައިސިސްއިން އުފުލާފައި ވެއެވެ. އެ ހަމަލާގައި 169 މީހުން މަރުވެފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.