އަފްޣާނިސްތާނުގައި ހުކުރު ވަގުތު މިސްކިތަކަށް ހަމަލާދީ 62 މީހުން މަރާލައިފި

މިއަދުގެ ހަމަލާ އަމާޒުވި މިސްކިތް ފުނޑުފުނޑުވެފައި

އަފްޣާނިސްތާނުގެ ނަންގަހާރް ޕްރޮވިންސުގެ މިސްކިތަކަށް މިއަދުގެ ހުކުރު ވަގުތުގައި ހަމަލާދީ 62 މީހުން މަރާލައިފިއެވެ. ހަސްކާމޭނާ ޑިސްޓްރިކްޓްގެ މިސްކިތުގައި ހުކުރަށް ތިއްބާ ގޮވި  ބާރުގަދަ ގޮވުމުގެ ސަބަބުން މިސްކިތުގެ ފުރާޅު ވަނީ ވެއްޓިފައެވެ. މަންޒަރު ދުށް މީހަކު ބުނި ގޮތުގައި ގޮވުމުގެ އަޑާއެކު މިސްކިތުގެ ފުރާޅު ވަނީ ވެއްޓިފައެވެ. އަފްޣާނިސްތާނުގެ ތޯލޯ ނިއުސް ޗެނަލުން ބުނި ގޮތުގައި މިސްކިތުގައި ގޮއްވާލާފައި ވަނި ދެ ބޮމެވެ.

ހަސްކާމޭނާގެ ޖޯދާރާ ސަރަހައްދުގައި ހުންނަ އެ މިސްކިތުގައި ބޮން ގޮއްވާލާފައި ވަނީ މެންދުރު ފަހު 1:30 (ރާއްޖޭ ގަޑިން މެންދުރު ފަހު 1:00) ގައެވެ. އޭރު އިމާމު ޚުޠުބާ ދެއްވަނީއެވެ. ބޮން ގޮވި އަޑާއެކު އިމާމުގެ އަޑު ކެނޑިއްޖެ ކަމަށް މަންޒަރު ދުށް މީހަކު ބުންޏެވެ.  

ނަންގަހާރް ޕްރޮވިންސުގެ ގަވަރުނަރުގެ ތަރުޖަމާނު ޢަބްދުﷲ ޚޮގްޔާނީ ވިދާޅުވީ ޒަޚަމްވި މީހުންގެ ތެރޭގައި ކުޑަކުދިންވެސް ހިމެނޭ ކަމުގައެވެ. އަދި މަރުވި މީހުންގެ އަދަދު އިތުރުވުން ގާތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނަންގަހާރް ޕޮރޮވިންސުގެ ކައުންސިލް މެންބަރެއް ކަމުގައިވާ ސޮހްރާބް ޤާދިރީ ބޭރުގެ ބައެއް ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި ޒަޚަމްވި މީހުން އަދަދު 100 އަށް އަރައެވެ. އޭނާވެސް ފާހަގަކުރެއްވި ގޮތުގައި މަރުވި މީހުންގެ އަދަދު މައްޗަށް ދިއުން އެކަށީގެން ވެއެވެ.

"މަރުވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވޭ. މީހުން ސަލާމަތްކުރުމުގެ މަސައްކަތްކުރާ މީހުން ދަނީ ވެއްޓިފައިވާ ބައިތަކުގެ ދަށުން މީހުން ނަގަމުން." އޭނާ ވިދާޅުވިއެވެ.

އެއްވެސް ފަރާތަކުން މިހަމަލާގެ ޒިންމާ އަދި އުފުލާފައި ނުވެއެވެ. ނަމަވެސް، އިރުމަތީ އަފްޣާނިސްނަކީ، އަދި ވަކިން ޚާއްސަކޮށް ނަންގަހާރް ޕްރޮވިންސަނީ ޠާލިބާން ޖަމާއަތުގެ ހަނގުރާމަވެރިންނާއި، އިސްލާމިކް ސްޓޭޓް (އައިސިސް) ގެ ހަނގުރާމަވެރިން ވަރަށް ހަރަކާތްތެރި ސަރަހައްދެއްކަން ފާހަގަކޮށްލަން ޖެހެއެވެ. ޠާލިބާން ޖަމާޢަތުން ވަނީ މިއަދުގެ ހަމަލާއަކީ އެ ޖަމާއަތުން ދިން ހަމަލާއެއް ނޫންކަމުގައި ބުނެފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.