ކަންދަހާރުގެ ޝީޢާ މިސްކިތަކަށް ދިން ބޮމުގެ ހަމަލާއެެއްގައި 32 މީހުން މަރުވެއްޖެ

ޠާލިބާން ޖަމާއަތުގެ އުފަން ރަށް ކަންދަހާރު (ޤަންދަހާރު) ގެ ޝީޢާ މިސްކިތެއްގައި ދިން ހަމަލާއެއްގައި 32 މީހުން މަރުވެ، 53 މީހުން ޒަޚަމްވެއްޖެ ކަމުގައި މަންޒަަރު ދުށް މީހުންނާ ހޮސްޕިޓަލުގެ އޮފިޝަލުންނާ ހަވާލާދީ ލިބޭ ޚަބަރުތައް ބުނެފިއެެވެ.

"މިހާތަނަށް މި ހޮސްޕިޓަލަށް މަރުވެފައިވާ 32 މީހުންގެ ހަށިގަނޑާއި، ޒަޚަމްވެފައިވާ 53 މީހުން ވަނީ ގެނެސްފައި." ކަންދަހާރުގެ މީރްވާއިޒް ހޮސްޕިޓަލުގެ ޑޮކްޓަރަކާ ހާވާލާދީ އޭއެފްޕީން ބުނެފައި ވެއެެވެ.

ކަންދަހާރުގައި ހުންނަ ޝީޢާއިންގެ އެންމެ ބޮޑު މިސްކިތް، ބީބީ ފާޠިމާ މިސްކިތުގައި ބޮން ގޮއްވާލާފައި ވަނީ މިއަދު ހުކުރު ނަމާދު ކުރުމަށް ގިނަ ބަޔަކު މިސްކިތަށް ގޮސް ތިއްބައެވެ. މިއަދުގެ ހަމަލާ ދީފައި މިވަނީ ފާއިތުވި ހުކުރު ދުވަހު އަފްޣާނިސްތާނުގެ އުތުރުގައި އޮންނަ ކުންދޫޒްގެ ޝީޢާ މިސްކިތަކަށް ދިން ހަމަލާއެއްގައި 60 މީހުން މަރުވެފައި ވަނިކޮށެވެ. އަައިސިސް (އިސްލާމިކް ސްޓޭޓް) ޖަމާއަތުގެ އަފްޣާނިސްތާނު ގޮފިން ވަނީ އެ ހަމަލާގެ ޒިންމާ އުފުލާފައެވެ.

މިސްކިތުގައި ބޮން ގޮއްވާލާފައި ވާގޮތާ މެދު ތަފާތު ގޮތްގޮތަށް ވަނީ ޚަބަރު ފެތުރިފައެވެ. ވަނީ ޖާނުން ފިދާވެގެން ދިން ހަމަލާއެއްގައި ކަމަށް ބައެއް ޚަބަރުތައް ބުނާއިރު، އަނެއްބައި ޚަަބަރުތައް ބުނާ ގޮތުގައި ގޮވާފައި ވަނީ އޭސީ ޔުނިޓެއްގައި ހަރުކޮށްފައިވާ ބޮމެކެވެ.

މިސްކިތުގެ އިސް ފަރާތެއް ކަމުގައިވާ މުރްތަޟާ ޡަރީފީއާ ހަވާލާދީ ބައެއް ނިއުސް އެޖެންސީތަކުން ބުނެފައިވާ ގޮތުގައި މިސްތިކުގައި ބޮން ގޮއްވާލާފައި ވަނީ ދެ މީހަކު ޖާނުން ފިދާވެެގެންނެވެ. އަދި މި ހަމަލާގައި މަދުވެގެން 30 މީހުން މަރުވެ، 200 މީހުން ޒަޚަމްވެފައި ވެއެވެ.

މަންޒަރު ދުށް މުރްތަޟާ ނަމަކަށް ކިޔާ މީހަކާ ހަވާލާދީ ބައެއް ޚަބަރުތައް ބުނެފައިވާ ގޮތުގައި ހަމަލާދީފައި ވަނީ ހަތަަރު މީހަކު ޖާނުން ފިދާވެގެންނެވެ. ދެ މީހަކު މިސްކިތުގެ ސެކިއުރިޓީ ގޭޓު ކައިރީގައި ބޮން ގޮއްވާލި ވަގުތު އަނެއް ދެ މީހުން މިސްކިތު ތެރެއަށް ވަދެ ބޮން ގޮއްވާލީއެވެ.

"ކަންދަހާރު ސިޓީގެ ފުރަތަމަ ޑިސްޓްރިކްޓުގައި ހުންނަ ޝީޢާ އަޚުންގެ މިސްކިތެއްގައި އެއްޗެއް ގޮއްވާލާފައިވާ ޚަބަރު އަހަރުމެން އެހީ ފުން ހިތާމަޔާއެކު. އެ ހަމަލާގައި އަހަރުމެންގެ ރައްޔިތުންގެ އެތައް ބަޔަކު ޝަހީދުވެ އެތައް ބަޔަކު ވަނީ ޒަޚަމްވެފައި." އިންޓީރިއާ މިނިސްޓްރީގެ ތަރުޖަމާނު ޤާރީ ސައްޔިދު ޚޮސްތީ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވިގޮތުގައި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ މި ހަމަލާއާ ގުޅޭ މައުލޫމާތު އެއްކުރަމުންނެވެ.

ކަންދަހާރު ކައުންސިލްގެ ކުރީގެ މެންބަރު ނިޢުމަތުﷲ ވަފާ ވިދާޅުވި ގޮތުގައި ބޮން ގޮވުމުގެ ސަބަބުން ގިނަ ބައެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. އެެހެންނަމަވެސް، އޭގެ ތަފްސީލު އަދި ހާމަކުރެވެން ނެތެެވެ.

އެސޯޝިއޭޓް (އޭޕީ) އަށް މައުލޫމާތުދެމުން އޭނާ ބުނިގޮތުގައި އެ މިސްކިތަށް ހުކުރު ނަމާދަށް އާއްމުކޮށް 500 މީހުން ހާޒިރުުވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.