ޕާކިސްތާނުގެ ބަލޯޗިސްތާނަށް އައި ބާރުގަދަ ބިންހެލުމެއްގައި މަދުވެގެން 20 މީހުން މަރުވެއްޖެ

ބަލޯޗިސްތާނަށް އައި ބިންހެލުމަށް ފަހު ބަޔަކު މަގުމަތީގައި މަޑުކޮށްލައިގެން

ޕާކިސްތާނުގެ ހުޅަނގު ދެކުނު ޕްރޮވިންސު ބަލޯޗިސްތާނަށް ރޭ ދަންވަރު ތިނެއް ޖެހިއިރު އައި ބާރުގަދަ ބިންހެލުމުގައި މަދުވެގެން 20 މީހުން މަރުވެ، 200 އަށްވެރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމުގައި އެ ގައުމުގެ ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް ނަސީރު ނާސިރު ވިދާޅުވެއްޖެއެވެ. ބިންހެލުން އައިސްފައިވަނީ މީހުން ނިދާފައިވާ ވަގުތުގައި ކަމުން މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ.

ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމުގައި ހަރަކާތްތެރިވާ ފަރާތްތަކާ ހަވާލާދީ ޕްރޮވިންޝަލް ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި މަރުވި މީހުންގެ ތެރޭގައި 6 ކުޑަކުދިންނާއި އަންހެނަކު ހިމެނެއެވެ.

ޔުނައިޓެޑް ސްޓޭޓްސް ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނެފައިވާ ގޮތުގައި ރޭ ދަންވަރު 3:01 ގައި އައި 5.7 މެގްނިޓިއުޑްގެ ބިންހެލުން އައިސްފައިވަނީ ބަލޯޗިސްތާނުގެ ވެރިރަށް ކުއެޓާގެ އިރުން 102 ކިލޯމީޓަރު ދުރުގައި އޮންނަ ހަރްނާއީއަށް، ބިމު އަޑީގެ 20 ކިލޯމީޓަރު އަޑިއަށެވެ.

އެހެންނަމަވެސް، ޕާކިސްތާނުގެ ނޭޝަނަލް ސީޒްމިކް މޮނިޓަރިިންގެ ސެންޓަރުން ބުނެފައިވާ ގޮތުގައި އައިސްފައިވަނީ 5.9 މެގްނިޓިއުޑްގެ ބިންހެލުމެކެވެ. އެއީ ބިމު އަޑީގެ 15 ކިލޯމީޓަރު އަޑިއަށެވެ. ބިންހެލުމުގެ އަސަރު ބަލޯޗިސްތާނުގެ ގިނަ ރަށްތަކަަކަށް ވަނީ ކޮށްފައެވެ.

ގިނަ ގެތަކެއް ވެއްޓިފައިވާއިރު، އެހީތެރިވުމުގައި ހަރަކާތްތެރިވާ މީހުން ދަނީ ވެއްޓިފައިވާ ގެތަކުގެ ތެރޭން މީހުން ސަލާމަތްކުރުމުގެ މަސައްކަތްކުރަމުންނެވެ.

"ވަރަށް ގިނަ ސަރަހައްދުތަކަކުން ބިންގަނޑު ކަނޑައިގެން ގޮސްފައިވަނީ. ޓީމުތައް މީހާރު ދަނީ މަގުތައް ސާފުކޮށް ހުޅުވުމުގެ މަސައްކަތްކުރަމުން." ބަލޯޗިސްތާނު ޕްރޮވިންސުގެ މިނިސްޓަރ ފޯ ފޮރެސްޓް އެންޑް ވައިލްޑްލައިފް މީރް ޒިޔާއުﷲ ލަންގޯވް ވިދާޅުވިއެެވެ.

ދެކުނު އޭޝިޔާއަށް އައި އެންމެ ބާރުގަދަ އެއް ބިންހެލުން އައިސްފައިވަނީ ބަލޯޗިސްތާނަށެެވެ. 1935 ވަނަ އަހަރު އެ ސަރަހައްދަށް އައި ބިންހެލުމުގައި 30 ހާހާއި 60 ހާހާއި ދެމެދުގެ އަދަދަކަށް މީހުން މަރުވެފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.