ޤަޠަރުގެ މަޝްވަރާ މަޖިލިސް 'މަޖްލިސުއްޝޫރާ' އަށް މެންބަރުން ހޮވުމަށް އިއްޔެ ބޭއްވި އިންތިޚާބު އިއްޔެ ނިމިއްޖެއެވެ. މިއީ ޤަޠަރުގައި މިފަދަ އިންތިޚާބެއް ބޭއްވި ފުރަތަމަ ފަހަރެވެ. މި އިންތިޚާބުގައި މަޖްލިސުއްޝޫރާއަށް 30 މެންބަރުން އިންތިޚާބު ކޮށްފައި ވެއެވެ. އެއީ އެ މަޖިލީހުގެ މެންބަރުންެގެ ތިންބައިކުޅަ ދެބައެވެ. ބާކީ ތިންބައިކުޅަ އެއްބައި މެންބަރުން އައްޔަންކުރައްވާނީ ޤަޠަރުގެ އަމީރު ތަމީމް ބިން ޙަމަދް އާލްޘާނީއެވެ.
މީގެ ކުރިން މަޝްވަރާ މަޖިލީހުގެ 45 މެންބަރުންވެސް އައްޔަންކުރައްވަނީ އަމީރެވެ. މިއީ މަހްދޫދު ގާނޫނީ ބާރުތަކެއް ލިިބިފައިވާ، އަމީރަށް މަޝްވަރާއެރުވުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ މަޖިލީހެކެވެ.
އިންތިޚާބުގެ ކަންކަން ބެލެހެއްޓި ކޮމިޓީން ރޭ ނަތީޖާ އިއުލާންކުރަމުން ބުނި ގޮތުގައި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ %63.5 ބައިވެރިވެފަައި ވެއެެވެ.
30 ގޮނޑިއަށް މެންބަރުން ހޮވުމަށް ބޭެއްވި އިންތިޚާބުގައި 234 ކެންޑިޑޭޓުން ވާދަކޮށްފައި ވެއެވެ. އޭގެތެރޭގައި 28 އަންހެނުން ހިމެނެއެވެ.
2019 ވަނަ އަހަރު ޤަޠަރުން ވަނީ މުނިސިޕަލް ކައުންސިލްތަކަށް މެންބަރުން ހޮވުމަށްވެެސް އިންތިޚާބެއް ބާއްވާފައެވެ. ގަލްފުގެ އަރަބި ގައުމުތަކަކީ ވެރިކަން ހިންގުމުގެ ފުރިހަމަ ބާރު ރަސްގެފާނަށް ލިބިދޭ ވިރާސާ ރަސްކަން އޮންނަ ގައުމުތަކަށް ވާއިރު، އަރަބި ގަލްފުގެ ސަރަހައްދުގައި އިންތިޚާބުތައް ބޭއްވުމަކީ ވަރަށް މަދުން ނޫނީ ނުފެންނަ ކަމެކެވެ.
ގަލްފުގެ ސިޔާސީ މަސްރަހު ދިރާސާކުރައްވާ ބައެއް ބޭފުޅުން ފާހަގަކުރައްވާ ގޮތުގައި، މަޝްވަރާ މަޖިލީހުގެ އިންތިޚާބުގެ ވާހަކަ އެތައް ފަހަރަކު ދެއްކުމަށް ފަހު ލަސްކުރަމުން އައިސް، މި ފަހަރު އިންތިޚާބު މި ބޭއްވީ ދުނިޔޭގެ ތަށްޓަށް ކުޅެވޭ ފުޓުބޯޅަ މުބާރާތް 2022 ވަނަ އަހަރު ޤަޠަރުގައި ބޭއްވުމަށް ހަމަޖެހިފައި ވުމުން ދުނިޔޭގެ ލޯތައް ޤަޠަރަށް އަމާޒުވެފައި ވާތީއެވެ.
"ޤަޠަރު ބޭނުންވަނީ ދުނިޔޭގެ މަސްރަހުގެ އެމީހުންގެ ދައުރު ވަރުގަަދަ ކުރާނެ ގޮތެއް ހޯދަން." ޤަޠަރުގައި ކުރިން ހުންނެވި އެމެރިކާގެ ސަފީރު ސޫޒާން ޒައިދާ ވިދާޅުވިއެވެ.
"ވާލްޑް ކަޕް ބޭއްވުމުގެ ފުރުސަތު އެމީހުންނަށް ވަނީ ލިބިފައި. އެހެންކަމުން، އަނެއްކާވެސް އެމީހުންނަށް ދުނިޔޭގެ މަސްރަހުގައި ސަމާލުކަން ލިިބިގެން ދާނެ." އޭނާ އިތުރަށް ވިދާޅުވިއެވެ.
މަޖްލިސުއްޝޫރާއަށް ގާނޫނުތައް ހެދުމާއި، ބަޖެޓު ފާސްކުރުމާއި، މިނިސްޓަރުންގެ ނަންފުޅު އަނބުރާ ގެންދިއުމުގެ ބާރު ލިބިގެންވެއެވެ. އެހެންނަމަވެސް، އެ މަޖިލީހުން ނިންމުންތައް ވީޓޯ ކުރެއްވުމުގެ ބާރު އަމީރުގެ އަތްޕުޅުގައި އޮވެއެވެ.
ޤަޠަރުގައި ދިރިއުޅޭ 2.5 މިލިއަން މީހުންގެ އަޣުލަބިއްޔަތަކީ ބިދޭސީންނެވެ. އެމީހުންނަށް އިންތިޚާބުތަކުގައި ވޯޓުލުމުގެ ހައްގު ލިބިގެން ނުވެއެވެ.