ޤަަަޠަރުގެ އަސްކަރިއްޔާއަށް ޔޫރޯފައިޓާ މަތިންދާބޯޓު

ޤަޠަރުގެ ވައިގެ ބާރު އިތުރަށް ވަރުގަދަކުރުމުގެ ގޮތުން އިނގިރޭސިިވިލާތުން ގަތް 'ޔޫރޯފައިޓާ ޓައިފޫން' ގެ ފުރަތަމަ ބެޗަށް ޤަޠަރުން ފައިސާ ދައްކައިފިއެވެ.

އިނގިރޭސި ޑިފެންސް މިނިސްޓްރީން ބުނީ ޤަޠަރުން ދައްކަން ޖެހޭ ފައިސާގެ ފުރަތަމަ އިންސްޓޯމަންޓް ދައްކާފައިވާކަމުގައެވެ. އެންމެ ޒަމާނީ ޓެކްނޮލޮޖީ ހިމެނޭ އެ މަތިންދާބޯޓު އުފައްދާ ކުންފުނި ބީއޭއީ ސިސްޓަމްސް އިން ބުނީ 5 ބިލިއަން ޕައުންޑު (6.57 ބިލިއަން ޔޫއެސް ޑޮލަރު) ގެ ކޮންޓްރެކްޓުގެ ފުރަތަމަ ބެޗުގައި ހިމެނޭ 9 މަތިންދާބޯޓު މިހާރު އުފައްދަން ފާށާފައިވާ ކަމުގައެެވެ. އެ 9 ބޯޓުތައް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ 2022 ގައެެވެ.

2017 ވަނަ އަހަރު ސޮއިިކުރެވުނު މި އެއްބަސްވުމުގެ ދަށުން ޤަޠަރަށް 'ޔޫރޯފައިޓާ ޓައިފޫން' މަރުކާގެ ގެ 25 ފައިޓާ މަތިންދާބޯޓާއި 'ހޯކް' މަރުކާގެ 8 ޓްރޭނާ މަތިންދާބޯޓު ހަވާލުކުރެވޭނެއެވެ. އަދި އެބޯޓުތަކަށް ޤަޠަރުގެ އަސްކަރިއްޔާގެ ސިފައިން ތަމްރީނު ކުރުންވެސް އެއްބަސްވުމުގައި ހިމެނެއެވެ.

ޤަޠަރުގައި 2022 ވަނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި މި މަތިންދާބޯޓުތައްް ބޭނުންކުރުމަށް ވަނީ ހަމަޖެހިފައެވެ.

'ޔޫރޯފައިޓާ ޓައިފޫން' އަކީ ޔޫރަޕުގެ އެންމެ ޒަމާނީ ހަނގުރާމަތީ މަތިންދާބޯޓެެވެ. މިހާތަނަށް އެބޯޓު ގަނެފައިވަނީ 9 ގައުމަކުންނެވެ. އެއީ ޔޫރަޕްގެ ޖަރުމަނު، އިޓަލީ، އިނގިރޭސިވިލާތް، އޮސްޓްރިއާ އަދި ސްޕޭންގެ އިތުރަށް ގަލްފުގެ ގައުމުތައް ކަމުގައިވާ ސައޫދީ އަރަބިއްޔާ، އޮމާން، ކުވޭތު އަދި ޤަޠަރެވެ.

ގަލްފުގައި ޤަޠަރުގެ އަވަށްޓެރި ދެ ގައުމު ކަމުގައިވާ ސައޫދީ އަރަބިއްޔާއާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގުޅިގެން ޤަޠަރު ހިސާރުކުރުމަށް ފަހު، އެ ގައުމުން ވަނީ އެތައް ބިލިއަން ޑޮލަރެއްގެ ހަތިޔާރު ގަންނަން އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ. އޭގެ ތެރޭގައި ހެލިކޮޕްޓަރާއި، މިސައިލާއި، ރޮކެޓް ސިސްޓަމްތައް ހިމެނެއެވެ. މިއީ އެމެރިކާއާއި ފްރާންސުން ގަންނަ ތަކެއްޗެވެ. އަދި މީގެ އިތުރަށް ޤަޠަރުން ދަނީ އެންމެ ޒަމާނީ ވައިގެ ދިފާއީ ނިޒާމު ކަމުގައިވާ އެސް-400 ގަތުމަށް ރަޝިޔާއާއި ވާހަކަދައްކަމުންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.