ޤަޠަރުގެ ގާނޫނުހަދާ މަޖިލިސް، 'ޝޫރާ ކައުންސިލް'، އަށް މެންބަރުން ހޮވުމަށް އަންނަ އޮކްޓޯބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އާއްމު އިންތިޚާބުގެ ގާނޫނު އެ ގައުމުގެ އަމީރު ތަމީމް ބިން ޙަމަދް ބިން ޘާނީ މިއަދު ތަސްދީގުކުރައްވައިފިއެވެ.
ޤަޠަރުގައި 2022 ވަނަ އަަހަރު އޮންނަ ދުނިޔޭގެ ތަށްޓަށް ކުޅޭ ފުޓުބޯޅަ މުބާރާތުގެ އަހަރެއްހާ ދުވަސް ކުރިން ބާއްވާ މިއިންތިޚާބުގައި ހޮވުމަށް ހަމަޖެހިފައި ވަނީ 'ޝޫރާ ކައުންސިލް' ގެ 30 މެންބަރުންނެވެ. 45 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ޝޫރާ ކައުންސިލްގެ ގާނޫނުވެސް އަމީރު ވަނީ މިއަދު ތަސްދީގުކުރައްވާފައެވެ.
15 މެންބަރުން އައްޔަންކުރައްވާނީ އަމީރެވެ.
200 ވަނަ އަހަރު އޮތް ފެންނަ ނުފެންނަ ވޯޓެއްގައި ޤަޠަރުގެ ރައްޔިތުން ވަނީ ޝޫރާ ކަައުންސިލެއް އެކުލަވާލައި އެ މަޖިލީހުގެ ތިންބައިކުޅަ ދެބައި މެންބަރުން އިންތިޚާބުކުރުމަށް މަގުފަހިކޮށްދިން ގާނޫނު އަސާސީއަށް ތާއީދުކޮށްފައެވެ. އެހެންނަމަވެސް، މިހާތަނަށް ޝޫރާ ކައުންސިލްގެ އިންތިޚާބު ބާއްވާފައި ނުވެއެވެ.
ޤަޠަރުގެ ގަވަމެންޓް ކޮމިއުނިކޭޝަން އޮފީސް (ޖީސީއޯ) އިން މިއަދު ނެރުނު ބަޔާނެއްގައި ވާގޮތުން ގާނޫނުހަދާ މަޖިލީހަށް އިންތިޚާބުކުރާ މެންބަރުންނާއި، އަމީރު އައްޔަންކުރައްވާ މެންބަރުންނަށް ލިބިގެންވާ ބާރުތައް ހަމަހަމަވާނެއެވެ. އޭގެތެރޭގައި ސަރުކާރުގެ އާއްމު ސިޔާސަތު ކަނޑައެޅުމާއި ބަޖެޓު ފާސްކުރުން ހިމެނެއެވެ.
އިންތިޚާބާ ބެހޭ އާ ގާނޫނުގައި ވާގޮތުން އެމީހެއްގެ ކާފަ ޤަޠަރުގައި އުފަންވެފައިވާ، އުމުރުން 18 އަަހަރު ފުރިފައިވާ ކޮންމެ ރައްޔިތަކަށް މި އިންތިޚާބުގައި ވޯޓުލެވޭނެއެވެ. އިންތިޚާބަށް ކުރިމަތިލެވޭނީ ޤަޠަރުގެ ރައްޔިތުންގެ ތެރޭން 30 އަހަރު ފުރިފައިވާ މީހުންނަށެވެ.
ދުނިޔޭގައި ގުދުރަތީ ގޭސް އެންމެ ގިނައިން އުފައްދާ، ދުނިޔޭގެ އެންމެ މުއްސަނދި ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމުގައި ބާއްވާ ފުރަތަމަ އާއްމު އިންތިޚާބުގައި އެ ގައުމު ބަހާލެވިފައި ވަނީ އިންތިޚާބީ 30 ދާއިރާއަށެވެ. ކޮންމެ ދާއިރާއަކުން ޝޫރާ ކައުންސިލަށް އިންތިޚާބުކުރަނީ އެެއް މެންބަރެވެ.
2.7 މިލިއަން މީހުންގެ އާބާދީއެއް އޮތް ޤަޠަރުގައި، އެގައުމުގެ ރައްޔިތުންގެ ނިސްބަަތަކީ %10 އެެވެ. އެ ގައުމުގައި ގިނައީ ބޭރު ގައުމުތަކުގެ މަސަައްކަތްތެރީންނެވެ.
ވަޒީރުންނާއި، ޝަރުއީ މުއައްސަސާތަކުގެ މެންބަރުންނަށާއި، ސިފައިންނަށާއި، މުނިސިޕަލް ކައުންސިލްގެ މެންބަރުންނަށް އިންތިޚާބުގައި ވާދަނުކުރެވޭނެ ކަމަށް އިންތިޚާބުގެ ގާނޫނުގައި ބުނެފައި ވާއިރު، ކޮންމެ ކެންޑިޑޭޓަކަށް އިންތިޚާބީ ކެންޕޭނަށް ޚަރަދުކުރެވޭނީ ގިނަވެގެން 2 މިލިއަން ޤަޠަރީ ރިޔާލު (8.5 މިލިއަން ދިވެހި ރުފިޔާ) އެވެ.