ނިއުޔޯކުގެ ދަ ޕްލާޒާ ހޮޓެލް ޤަޠަރުން 600 މިލިއަން ޑޮލަރަށް ގަންނަނީ

ނިއުޔޯކުގެ ދަ ޕްލާޒާ: މިތަނުގެ އެންމެ ފެންވަރު މަތި ކޮޓަރީގައި ނިދާލުމަށް ރެއަކު 30 ހާސް ޑޮލަރު ޚަރަދުކުރަން ޖެހޭ

އެއް އިރެއްގައި ޑޮނާލްޑް ޓްރަމްޕްގެ މިލްކިއްޔާތުގައި ހުރި، ނިއުޔޯކުގެ އެންމެ މަޝްހޫރު އެއް ހޮޓެލް، ދަ ޕްލާޒާ ގަންނަން ޤަޠަރުން ނިންމައިފިއެވެ. ޤަޠަރުގެ ދައުލަތުގެ އިންވެސްޓްމަންޓް ފަންޑު ކަޓާރާ ހޯލްޑިންގުން އެތަން ގަންނަނީ 600 މިލިއަން ޔޫއެސް ޑޮލަރަށެެވެ.

ޤަޠަރުން ގަންނަނީ އެ ހޮޓަލުގެ ހުރިހާ ހިއްސާ އެކުގައެވެ. އޭގެ ތެރޭގައި އިންޑިޔާގެ ކުންފުނި ސަހާރާ އިންޑިޔާ ޕަރީވާރުގެ މިލްކިއްޔާތުގައި ހުރި އެތަނުގެ %75 ހިއްސާވެސް ހިމެނެއެވެ.

300 ބިލިއަން ޑޮލަރުގެ އިންވެސްޓް ފަންޑު ބޭނުންކޮށްގެން ފާއިތުވި ދިހަ ވަރަކަށް އަހަރު ތެރޭގައި ޤަޠަރުން ވަނީ ދުނިޔޭގެ މަޝްހޫރު ބޮޑެތި ހޮޓެލްތައް ގަނެފައެވެ. އެއީ، ތެލާއި ގޭހުގެ މައްޗަށް ބަރޯސާވުން ކުޑަކޮށް، އާމްދަނީ ލިބޭނެ ވަސީލަތްތައް އިތުރުކުރުމުގެ ބޭނުމުގައެވެ.

ޤަޠަރުގެ މިލްކިއްޔާތުގައި މިހާރު ހުރި މަޝްހޫރު ހޮޓެލްތަކުގެ ތެރޭގައި ލަންޑަނުގެ ސެވޯއިއާއި ކޮނޯޓް ވެސް ހިމެނެއެވެ.

ޤަޠަރު އިންވެސްޓްމަންޓް އޮތޯރިޓީ (ކިއުއައިއޭ) ވަނީ ފޯކްސްވާގަން ފަދަ ހުޅަނގުގެ މަޝްހޫރު ކުންފުނިތަކުގެ ހިއްސާވެސް ގަނެފައެވެ.

އަރަބި ހަތަރު ގައުމަކުން ޤަޠަރު އިގްތިސާދީ ގޮތުން ހިސާރުކުރުމުގެ ސަބަބުން އެ ގައުމުން ބޭރުގައި އިންވެސްޓުކުރާ މިންވަރު ދަށްވެގެން ދާނެ ކަމަށް ލަފާކުރެވުނެވެ. އެހެންނަމަވެސް ފެންނަ ފެނުމަށް އެކަމަށް މާ ބޮޑު ބަދަލެއް އައިސްފައި ނުވެއެވެ.

ހިސާރުގެ ސަބަބުން އިގްތިސާދީ ގޮތުން ދިމާވި ދަތިތައް ހައްލުކުރަން ޤަޠަރުން ވަނީ އެތައް ބިލިއަން ޑޮލަރެއް ވިޔަފާރީގައި އިތުރަށް ދައުރުކުރަން ފަށާފައެވެ. މީގެ އިތުރަށް ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރަން ފަށާފައެވެ. މިގޮތުން ރަޝިޔާގެ ބިޔަ ތެޔޮ ކުންފުނި ރޯޒްނެފްޓްގެ ހިއްސާވެސް ޤަތަރުން ގަނެފައި ވެއެވެ.

ޑޮނާލްޑް ޓްރަމްޕް ދަ ޕްލާޒާ ބައްލަވައިގަތީ 1988 ގައެވެ. އެހެން ނަމަވެސް މާލީ ދަތިތަކާ ކުރިމަތިވެވަޑައިގަތުމުން ޓްރަމްޕް ވަނީ 1998 ވަނަ އަަހުރު ސައޫދީ އަމީރު އަލްވަލީދު ބިން ޠަލާލު ހިމެނިވަޑައިގަންނަވާ އިންވެސްޓްމަންޓް ގުރޫޕަަކަށް އެތަން ވިއްކަވާލައްވާފައެވެ. ފަހުން އެތަނުގެ ހިއްސާގެ ބޮޑުބައި ގަތީ އިންޑިޔާގެ ސަހާރާ އިންޑިޔާ ޕަރީވާރުންނެވެ. ސަހާރާއަށްވެސް މާލީ ދަތިތައް ކުރިމަތިވެ، އެތަނުގައި އޮތް އެކުންފުނީގެ ހިއްސާ ވިއްކާލަން މަސައްކަތްކުރާތާ ދުވަސްކޮޅެއް ވެއްޖެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.