ފަޅިމޫނު - 128

(20 ސެޕްޓެމްބަރު 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ވިޔާނުދާ އަނގަ ނުތަޅާ. އެޔަށް ކިޔަނީ ބިރޭ. އަހަންނަށް ނުނިދިގެން މި އުޅެނީ ޖާނީ ދެކެ ގަންނަ ބިރެއްގެ ސަބަބުން. ބައެއް ފަހަރު ހަނދާނަށް އަންނަނީ ވާނޭ ބަދުނާމު. އަނެއް ބައި ފަހަރު ޖާނީގެ އަނިޔާވެރިކަން. ދެން ރޮވެނީ. މި ދުނިޔެއަކު އަހަރެންގެ އެއްވެސް މީހަކު މިހާރަކު ނެތް. ޖާނީ އަހަރެން މަރައިލިޔަސް އެކަމާ އަޅައިލާނޭ މީހަކު ނުހުންނާނެ. އަހަރެން މި އައީ އެހެން ވެގެން. އަހަރެން ދުރު ތަނަކަށް ގެންގޮސް ގަތުލުކޮށްލާ. ބަދަލު ހިފާން ބޭނުން ވަރަކަށް ބަދަލު ހިފާ. މަރު ވުމަށް ފަހު އަހަރެން ގަންނާނޭ ބިރެއް ނޯންނާނެ."

"ފަރުޒާނާގެ ރުޅީގެ ފުރަގަހުގައި ފޮރުވިފައި އޮތީ ލޯބިކަން އަހަންނަށް އެނގޭ."

"އެނގިގެން ހުރޭ."

"ދެކޮޅު ހެދިޔަކަސް ވާނޭ ކަމެއް ނެތް. އަހަރެން ފަރުޒާނާގެ ގޭ ދޮށުގައި ފާރައަށް އޮންނަތާ ހަރޭ ވެއްޖެ. ފަރުޒާނާ ބޭނުންވީނަމަ ތަންގަނޑު މީހުން ލައްވައި އަހަންނަށް އަނިޔާ ކުރެވުނީސް. ފުލުހުން ގެނެވުނީސް. އަހަންނާ ދެކޮޅަށް ރިޕޯޓު ކުރެވުނީސް. ގާނޫނީ ފިޔަވަޅު އެޅުވުނީސް. އެކަމަކު ރުޅިވެރިކަން ފާޅުވާ ކަހަލަ އެއްވެސް ކަމެއް ނުކުރަމެއްނު؟"

"ޖާނީ. އެންމެ ދެރަ ކަމަކީ ތިޔައީ. ޖާނީ އަބަދުވެސް ތިޔަ ބަލަނީ ހަމައެކަނި އަމިއްލަ ނަޒަރުން. ވިސްނަނީ އަމިއްލަ މަސްލަހަތަށް. އަހަރެން މިއީ އެކަނި ދިރިއުޅޭ އަންހެނެކޭ ހިތަކަށް ނާރުވަމެއްނު؟ ތިޔަ ބުނާ ކަހަލަ ކަމެއް އަހަރެން ކޮށްފިއްޔާ ބަދުނާމު ވާނީ އަހަރެން. މީސްމީހުންގެ އަނގައިގައި ހިފެހެއްޓުމަކީ އަހަންނަކަށް ކުރެވޭނޭ ކަމެއް ނޫން. ތަނގަނޑު އެންމެން އަހަންނޭ ކިޔައިގެން އެކި ކަހަލަ ވާހަކަ ފަތުރަން ފަށާނެ. ބައެއް މީހުން އަހަރެން މިއީ ކުށެއް ނެތް މީހަކު ކަމުގައި ބެލުމަކީ އެކަށީގެންވާ ކަމެއް. އެކަމަކު އަހަރެން މިއީ ވިޔާނުދާ ބަދުއަޚްލާގީ މީހަކު ކަމުގައި ކިޔާނޭ މީހުން ވަރަށް ގިނަ ވާނެ. މަންމަ ނިޔާވީމާ އަހަރެން އުޅޭ އެކަނިވެރި ހާލުގެ ވާހަކަ އަހަރެން ކިޔައި ދިނަސް މީހަކަށް ނުވިސްނޭނެ. އަހަރެންގެ މައްސަލަތަކާ މެދު ވިސްނައިލާ. އަހަރެން ބަދުނާމު ކުރަން މަސައްކަތް ނުކުރޭ. އަހަރެންގެ ގޭ ދޮށުގައި ތިޔަ ގޮތަށް ކޮންމެ ރެއަކު އޮންނަނީ ކަމަށް ވަންޏާ ބޭރަށް ނުކުމެ އުޅެންވެސް ލަދުގަންނަ ދުވަސް އަންނާނެ. ހުރިހައި ކަމެއް ތިޔަ ކުރަނީ ބަދަލު ހިފަން ކަމަށް ވަންޏާ އެއް ފަހަރުން ހުރިހައި ކަމެއް ނިންމައިލާ. އަހަރެން ގަތުލުކޮށްލާ."

ބާދްޝާ ކުރިއަށް ބަލަހައްޓައިގެން އިނދެ ބުނެލިއެވެ. "އަހަރެން މިއީ ތިޔަ ހީކުރާހައި ނުބައި ނުލަފާ މީހަކު ނަމަ އެންމެ ފުރަތަމަ ގަތުލު ކޮށްލީހީ ރުޚްސާނާ. ދޮގު ހަދައިގެން އަހަރެންގެ ހަޔާތުގެ ބައިވެރިއަކަށް ވެގެން އައި މީހަކީ އެއީ. އެކަމަކު ކީއްކުރާނީ. އެއީ އަހަންނަކަށް ކުރެވޭނޭ ކަމެއް ނޫން. އަހަރެން މިހިރީ ވަރަށް ގިނަ ތަންތަން ދެކިފައި. މަންމަމެންގެ ގަބުރު ދެކެފައި. އެއްބަނޑު އަންހެނުންގެ ބަރަހަނާ މުޅަ މަސްގަނޑު ނިވައިކުރީ އަހަރެންގެ އަތުން. ކުޑަކުދިންގެ ބަނޑަށް ޚަންޖަރު ގޯޅައިލާ މަންޒަރު އަހަރެން ދުށިން. އަހަރެންގެ ގާތަށް ރުޅި އައީމާ… އެ ރުޅީގައި ބަދަލު ހިފަން ބޭނުންވާ ކޮންމެ ވަގުތަކު އެ ހުރިހައި މަންޒަރެއް އަހަރެންގެ ކުރިމަތީގައި އެނބުރިގަނޭ."

އޭނާ މި ވަގުތު ބަލަހައްޓައިގެން އިނީ ކުރިމަތީން ފަހަތަށް ފިރުކެމުންދާ މަގާ ދިމާއަށް ކަމުގައި ވިޔަސް ކުރިމަތީގައި އެނބުރެނީ އެ ހިތާމަވެރި އަދި ބިރުވެރި މަންޒަރެވެ.

އޭނާ ފުން ނޭވައެއް ލުމަށް ފަހު ވާހަކަ ކުރިއަށް ގެންދިޔައެވެ. "މިހާރު މީހަކު އަހަންނަށް ދޮގެއް ހެދިޔަސް، އަހަންނަށް މަކަރެއް ހެދިޔަސް ވަރަށް އަވަހަށް އަހަރެން މާފުކޮށްލަން. ރުޅި އައީމާ ހިތަށް އަރާ މަކަރުވެރިންނަށްވެސް ދުނިޔޭގައި އުޅުމުގެ ފުރުސަތު އޮންނާން ވާނެއޭ. އެކަހަލަ ދަނޑިވަޅެއް އަންނަނާނީ ކޮން ދުވަހަކު ކަމެއް ނޭނގޭ. މީހަކު އައިސް ފަރުޒާނާ ނުވަތަ ރުޚްސާނާ މަރައިލައިފިއްޔާ ދިރިއުޅުން މުޅީން ހުއްޓިދާނެ. ދިރިހުރުމުގެ ބޭނުން ކެނޑިދާނެ. އެކަހަލަ ނުލަފާކަމަކުން ކުރާނޭ ފައިދާއަކީ ކޮބާ؟ ރުޅި އަންނަ ވަގުތު ކެތްތެރިވުމާއި މާފުކުރުމަކީ ވަރަށް އުނދަގޫ ކަމެއް. އެ އުނދަގޫކަންތައް އަހަރެން މި ގެންދަނީ ކުރަމުން."

ކުޑަ އިރުކޮޅަކަށް ހިމޭންކަން ވެރިވެފައި އޮތެވެ. އެޔަށް ފަހު ނިދިބަރުކައިފައިވާ އަޑަކުން ފަރުޒާނާ އަހައިލިއެވެ. "އަހަރެން ދެކެ ޖާނީ ލޯބިވޭތަ؟"

"ތިޔައީ ސުވާލު ކުރަން ޖެހޭ ކަމެއް ނޫން. ދެނެގަންނާން ޖެހޭ ކަމެއް. ފަރުޒާނާ މި ވަގުތު ތިޔަ އިނީ ވަރަށް ބޮޑަށް ނިދި އައިސްފައި. ތިޔަ ވާހަކަ ފަހުން ދައްކަން ބާއްވާ. އަހަރެން ފަރުޒާނާ ގޮވައިގެން މި ދަނީ އަހަރެންގެ ގެއަށް. ގޭގައި އޮވެ އަރާމުކޮށް ނިދައިލާ."

"އަހަރެން ނުދާނަން."

"ދާނެ. ފަރުޒާނާގެ ގޭގައި ނިދަން އުޅެގެންނެއް އެކަމެއް ނުވާނެ. ބަލި މީހުން އައިސް އުނދަގޫ ކުރާނެ. އަހަރެންގެ ގެއަށް ގޮސް، އަހަރެންގެ ކޮޓަރިއަށް ވަދެ އެތެރެއިން ތަޅުލައިގެން އޮވެ ނިދައިލާ. ދޮރު ތަޅުލައިފާ ހުރީމާ އަހަރެންގެ ކަންބޮޑުވުމެއްވެސް ނޯންނާނެ. އަހަރެންގެ ބެލުމުގެ ދަށުގައި އޮވެ ނިދީމާ އިރުއިރުކޮޅުން ސިހިފައި ހެއެއް ނުލެވޭނެ."

އެއީވެސް މުޅިއަކުން ދޮގު ވާހަކައެއް ނޫނެވެ. އަމިއްލަ ގޭގައި ނިދާން އުޅުނަސް އެކަމެއް ނުވާނެއެވެ. އިރުއިރުކޮޅާ ކޮންމެވެސް މީހަކު އައިސް އުނދަގޫ ކުރާނެއެވެ. ކުލިނިކު އާއްމުކޮށް ހުޅުވަނީ ހެނދުނު ދިހައެއް ޖަހާއިރުއެވެ. އެކަމަކު އެކަނި ހިލޭ މީހެއްގެ ގެއަށް ދިއުމަކީވެސް ރަނގަޅު ކަމެއް ނޫނެވެ. އެމީހަކީ ކިތަންމެ ރަނގަޅު މީހަކު ކަމުގައި ވިޔަސް އެންމެ ރަނގަޅެވެ. "އަހަރެން ނުދާނަން. އަހަރެން ގެއަށް ގެންގޮސްދީ."

"މިހާރު މި ދަނީ އަހަރެންގެ ގެޔާ ދިމާއަށް. ފަރުޒާނާ ދެކޮޅު ހަދާ ކަމަށް ވަންޏާ ހަޅޭއް ލަވައިގަނޭ. ބަޔަކު އައިސް އަހަރެން ހިފައި ހައްޔަރުކޮށްގެން ގެންގޮސް ފުލުހުންނާ ހަވާލު ކޮށްފާނެ."

"އަހަރެން އެހެން ނުހަދާނެކަން ޖާނީއަށް އެނގޭނެ."

"އެހެން ނަހަދަންވީ ކީއްވެގެން؟"

"އެއްވާ މީހުން ސުވާލު ކުރާނީ އަހަންނާ. އަހަރެން މި ކާރަށް އެރީ ކީއްވެގެން ހެއްޔޭ އަހާނެ."

"ކާރުކާރަށް އަރައިގެން ތަންތަނަށް ދިއުމަކީ އަންހެނުން އަލަކަށް ކުރާ ކަމެއް ނޫން."

"ކުދިން އަރައި ތިބެނީ ފަހަތު ގޮނޑީގައި. އަހަރެން މީނީ ކުރީ ގޮނޑީގައި. ފަހަތު ގޮނޑިއާއި ކުރީ ގޮނޑީގެ ތަފާތު މީހުންނަށް ވަރަށް ރަނގަޅަށް އެނގޭނެ."

"އެ ތަފާތު ފަރުޒާނާވެސް ދަންނަމެއްނު؟ ކުރިއަށް އެރީ އެކަން ދަނެގެން ހުރެއެއްނު؟"

ފަރުޒާނާ އަނގަޔަކުން ނުބުންޏެވެ. މިހާރު އެ ދެއްކި ވާހަކައަށް ދޭނޭ ޖަވާބެއް އޭނާއަކަށް ނޭނގެއެވެ.

ބާދްޝާ މަގުގެ އެއް ފަރާތަށް ކާރު މަޑުކޮށްލިއެވެ. "އެހެރަ ފިހާރައިން ތާޒާ ޕޫރީއާ ހިކިރިހަ ލިބޭނެ. ބަނޑަށް ހުރެގެން ނިދާކަށް ނުވާނެ. އަހަރެން ކާ އެއްޗެހި ގަނެގެން އަންނާނަން. މަޑުކޮށްލާ."

އޭނާ ކާރުން ފައިބައިގެން ފިހާރައާ ދިމާއަށް ހިނގައިގެންފިއެވެ. އެއީ ކާރު ޕާކު ކުރުން ހުއްދަ ތަނެއް ނޫނެވެ. އެހެންވީމާ ކާރު ބާއްވަން ޖެހުނީ ފިހާރައާ ތަންކޮޅެއް ދުރުގައެވެ. ފަރުޒާނާ ފައިބައިގެން އެހެން ކާރަކަށް އަރައިގެން ގެއަށް ހިނގައިދާނެއޭ ހިތަށް އެރިއެވެ. މީގެ ކުރިންވެސް އެކަހަލަ ކަމެއް އޮތީ ކޮށްފައެވެ.

ފިހާރައިގައި ވަރަށް މީހުން ގިނައެވެ. އެހެންވީމާ ފަނަރަ ވަރަކަށް މިނިޓު ހޭދަވިއެވެ. އެއީ ދާން ބޭނުންވާ މީހަކަށް ފިލައިގެން ދެވިދާނޭ މިންވަރެކެވެ. އެކަމަކު އޭނާ އެނބުރި އައި އިރުވެސް ފަރުޒާނާ ކާރުގައި އިނެވެ. ކައިރިއަށް އައިސް ބަލައިލީއިރު އިނީ ނިދައިފައެވެ.

ގެނައި ކާއެއްޗެހި ޑޭޝްބޯޑުމަތީގައި ބަހައްޓައިފައި އޭނާ ވަރަށް މަޑުމަޑުން ދޮރު ލައްޕައިލިއެވެ. އަދި ކާރު އިސްޓާޓުކޮށްލިއެވެ. އިންޖީނުގެ އަޑަކީ އޭނާއަށް ކޮންޓުރޯލު ކުރެވޭނޭ އަޑެއް ނޫނެވެ. އެއީ ނިދައިފައި އިން މީހަކުވެސް ހޭލެވޭ ވަރުގެ ގަދަ އަޑެކެވެ. އެކަމަކުވެސް ފަރުޒާނާ ހެއެއް ނުލިއެވެ.

އޭނާ މަޑުމަޑުން ކާރު ދުއްވައިލިއެވެ.

ފަރުޒާނާ ހަމައަށް ނުނިދާތާ ހައެއްކަ ދުވަސް ވެއްޖެއެވެ. ކަންތައްތައް ބަދަލު ވެގެން ދަނީ ހާދަހާ އަވަހަށެވެ. އޭނާ އެހައި ބޮޑަށް ބިރު ގަންނަ މީހާގެ ކައިރީގައި މިހާރު އެ އޮތީ ނިދައިމަރުވެފައެވެ.

ބާދްޝާ ކާރު ގެންގޮސް ގޯތިތެރެއަށް ވައްދައިފިއެވެ. މިހާރު ވިސްނަމުން އެ ގެންދަނީ ހަދާނޭ ގޮތަކާ މެދުގައެވެ. ފަރުޒާނާ ހޭލައްވަން ވީ ހެއްޔެވެ؟ އޭނާ ފަރުޒާނާގެ މޫނަށް ބަލައިލިއެވެ. މޫނުމަތީން ފެންނާން ހުރި މައުސޫމުކަން ފެނުނީމާ ހޭލައްވާކަށް ނުކެރުނެވެ. އޭނާ މަޑުމަޑުން ކާރުން ފައިބައިފިއެވެ.

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.