ފަޅިމޫނު - 120

(28 އޯގަސްޓް 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ބާދްޝާ ބުންޏެވެ. "ބޭބެ ތިޔަ ބުނުއްވަނީ ލޯތްބަކީ ރަނގަޅު އެއްޗެކޭ. ރަނގަޅު ވަނީ ކިހިނެއްތޯ؟ މިސާލަކަށް އަޅުގަނޑު އެހެން ކުއްޖަކު ދެކެ ލޯބި ވެއްޖެއްޔާ އެވީ ދިރިއުޅުން ހަލާކު ވެގެން ހިނގައިދާނޭ ސަބަބަކަށް ނޫންތޯ؟"

"ލޯތްބަކީ ދިރިއުޅުން ހަލާކު ވެދާނޭ ސަބަބެއްކަން އެނގެންޏާ އެކަހަލަ ލޯތްބެއްގެ ބޭނުމަކީ ކޮބާ؟ އަނބިމީހާގެ ލޯބިން ވާވަރު ނުވަނީތަ؟"

ބާދްޝާ ކުޑަކޮށް ވިސްނައިލާފައި ބުންޏެވެ. "ބޭބޭ. އަނބިމީހާގެ އިތުރަށް އެހެން އަންހެން ކުއްޖަކާ ދިމާއަށް ހިތް ލެނބި އަނބިމީހާއަށްވުރެ އެ ކުއްޖާ ރަނގަޅުވާ ގޮތް ވެއްޖެއްޔާ ހަދާނީ ކިހިނެއްތޯ؟"

"ފުރަތަމަ ކަމަކަށް ކުރަން ޖެހޭ ކަމަކީ އެ ކުއްޖާގެ މަތީން ހަނދާން ނައްތައިލުން. އެ ކުއްޖާގެ ފަރާތުން ލިބޭ އުފަލާއި ހިތްހަމަޖެހުން އަނބިމީހާގެ ފުށުން ހޯދަން މަސައްކަތް ކުރުން. އަނބިމީހާގެ ކިބައިގައި އުނިކަމެއް ހުރެއްޖެނަމަ... ދަރިއަކު ލިބޭނޭ ކަމުގެ އުއްމީދު މުޅީން ކެނޑިއްޖެނަމަ... ދާއިމީ ބައްޔެއްގެ ސަބަބުން އަނބިމީހާ ތަނުއެޅިކުނަލެއްހެން ވެއްޖެނަމަ... މި ނޫނަސް މިފަދަ ކަމެއް ވެގެން އެހެން މީހަކާ އިނުން މަޖުބޫރު ހާލަތެއް މެދުވެރި ވެއްޖެނަމަ... އެހެން މީހަކާ އިނުމުގައި އެއްވެސް މައްސަލައެއް ނެތް. އެކަމަކު މީހަކާ އިނދެގެން ހުރެ އެހެން ލޯބިވެރިޔަކު ގެންގުޅުމަކީ އެއްގޮތަކަށްވެސް ކޮށްގެން ވާނޭ ކަމެއް ނޫން. ނިކަން ބަލައިލަބަލަ. މި ދުނިޔޭގައި ﷲ ތަޢާލާ ވަނީ ވަރަށް ރީތި އެއްޗެހި ލައްވައިފައި. އެއީ އަންހެނުން ކަމުގައި ވިޔަސް، މައު ކަމުގައި ވިޔަސް އަދި ރީތި މަންޒަރެއް ކަމުގައި ވިޔަސް... ރީތި ކަމަށް ޝައުގުވެރިކަން ބޮޑުވާ ވަރަކަށް އެ ރީތިކަމުގެ ތެރެއަށް އިންސާނާ ވަންނަގޮތް ވާނެ. އެ ރީތިކަން ލިބިގަތުމުގެ އެދުން ހިތުގައި ހިނގާން ފަށާނެ. އެކަމަކު އެއިން އެއްވެސް އެދުމެއްގެ ސަބަބުން ތިމާގެ ގެއަށާއި އަނބިދަރިންނަށް ދެރައެއް ލިބިގެން ނުވާނެ. އެފަދަ ނުބައި ކަމެއް ނުހިންގައި ރީތިކަން ދެކެ ލޯބިވުމަކީ ކުޑަވެސް މައްސަލައެއް އޮތް ކަމެއް ނޫން. އެއީ ރަނގަޅުވެސް ކަމެއް."

ބާދްޝާގެ ސިކުނޑީގައި ވަކި ބާވަތެއްގެ ޚިޔާލެއް އެނބުރޭން ފަށައިފިއެވެ. ދެވަނަ ކާވެންޏެއް ކުރުމަކީ ހުއްދަ ކަމެކެވެ. އެކަމަކު އެއީ އެކަމަށް އޮތް ސައްހަ ސަބަބަކާ އެކީގައެވެ. ފަރުޒާނާއާ އިންނާން އެފަދަ ސައްހަ ސަބަބެއް ހޯދާނީ ކިހިނެއް ހެއްޔެވެ؟

އެޔާއެކު އެހެން ވާހަކައެއްވެސް ބޮލަށް ވަދެއްޖެއެވެ. އެހެން މީހަކާ އިނދެގެން އުޅޭހައި ހިނދަކު ފަރުޒާނާ އޭނާޔާ އިންނާކަށް އެއްބަހެއް ނުވާނެއެވެ. ރުޚްސާނާއާއި ފަރުޒާނާއާ ދެމީހުންނަކީވެސް ކިޔަވައިގެން ތިބި މޮޅު ދެ މީހުންނެވެ. އެކަކު އަނެކެއްގެ ރަގީބަކަށް ވާކަށް އެއްބަހެއް ނުވާނެއެވެ.

ކާރު ގޮސް މަޑުކޮށްލީ ފުލުހުމީހާ ބުނި ފިހާރައިގެ ދޮރުމައްޗަށެވެ. އޭނާ ކާރުން ފައިބައިގެން ގޮސް ފިހާރައަށް ވަދެއްޖެއެވެ. ފަސް މިނިޓެއްހައި އިރު ފަހުން އެނބުރި އައިސް މަވްލަވީ ގޮވައިގެން ގޮސް އަނެއްކާވެސް ފިހާރައަށް ވަދެއްޖެއެވެ. އޭގެ ފަނަރަ މިނިޓު ފަހުން މަވްލަވީއާއި ފުލުސް އިންސްޕެކްޓަރާ ދެމީހުން އައިސް ކާރަށް އަރައިފިއެވެ. ޖާނީ އެ ދެމީހުން ގޮވައިގެން ދާރުލްއަމާނަށް ހިނގައްޖެއެވެ. މަވްލަވީއާއި އިންސްޕެކްޓަރު ފައިބައިގެން ހިނގައިގަތީމާ ބާދްޝާ ބުންޏެވެ. "ބޭބޭ. ހާސްވެނުލައްވާތި. އެ އަންހެންކުއްޖާގެ ކަންތައް ހަމަޖެހެންދެން އަޅުގަނޑު ނުގޮސް އޮންނާނަން."

މަވްލަވީ އޭނާއަށް ޝުކުރު އަދާކޮށްފައި ވަދެގެން ހިނގައްޖެއެވެ. ދެމީހުން އެތަނުން ނުކުތްރިއު ދިހައިގަޑި ބައި ވާން ގާތް ވެއްޖެއެވެ. އިންސްޕެކްޓަރު ކުރިއަށް އަރައި އިށީނދެފައި ބުންޏެވެ. "އަހަރެން ދާން ބޭނުންވަނީ ކޯރަންގީއަށް. އަވަހަށް ހިނގާ."

މަވްލަވީ އެރީ ފަހަތަށެވެ. އޭނާ ބުނި ގޮތުގައި އެ އަންހެންކުއްޖާ ދާރުލްއަމާނުގައި ރަޖިސްޓަރީ ވެއްޖެއެވެ. މާދަމާ ހެދުނު އެ ތަނުން އެ ކުއްޖާގެ މައިންބަފައިންނާ ގުޅާނެއެވެ. ހެޔޮ ކަމެއް ކޮށް ނިމުނީއެވެ.

ބާދްޝާ ކާރު ދުއްވާލައިފިއެވެ.

މަވްލަވީ ފޭބީ ނާޒިމްއާބާދާ ކައިރި ހިސާބަކަށެވެ. ހެޔޮ ދުއާ ކުރަމުން ހިނގައްޖެއެވެ. އަނެއްކާވެސް ކާރު ދުއްވާލައިފިއެވެ.

އިންސްޕެކްޓަރު ބުންޏެވެ. "މަވްލަވީ ކަލެއަށް ހާދަހާ ތާރީފެއް ކުރިއޭ. ކަލޭ ކަހަލަ މީހުން މީސްމީހުންނަށް މި ގޮތަށް އެހީ ވަމުން ދަންޏާ އަންހެންކުދިން ހާލުގައި ނުޖެހޭނެ. ނުބައި މީސްމީހުންގެ އަތްދަށު ނުވާނެ. މުސާފިރުން މަގު އޮޅޭ ގޮތެއް ނުވާނެ. ކޮންމެ މުސާފިރަކަށްވެސް އެ މީހަކު ދާން އުޅޭ ތަނަށް ރައްކާތެރިކަމާއެކު ދެވޭނެ."

"ތިޔަ ވިދާޅުވީ ރަނގަޅު ވާހަކަފުޅެއް. އެކަމަކު ބައެއް މީހުން އަޅުގަނޑުމެންނަށް ހެޔޮ ކަމެއް ކުރިޔަ ނުދޭންވެސް އުޅޭ."

"އެހެންތަ؟ ހެޔޮ ކަމެއް ކުރިޔަ ނުދޭން އުޅޭނީ ކާކު؟"

"ބައެއް ފަހަރު ހުރަސް އަޅަނީ ހާލަތު. އަނެއްބައި ފަހަރު ތިޔަ ބޭފުޅުން."

އިންސްޕެކްޓަރު ސިހިފައި އޭނާޔާ ދިމާއަށް ބަލައިލިއެވެ. ބާދްޝާ އިންސްޕެކްޓަރުގެ މޫނަށް އެއް ފަހަރު ބަލައިލުމަށް ފަހު ދިމާ މަގަށް ނަޒަރު ހުއްޓައިލިއެވެ. "ދެންމެ އަޅުގަނޑުގެ ރަނގަޅު ކަމުގެ ވާހަކަ ދައްކަވައިފީމެއް ނޫންތޯ؟ އަޅުގަނޑުމެންނަށް ރަނގަޅު ކަންކަން ނުކުރެވޭ ސަބަބުވެސް އަޑުއައްސަވާ. ދާރުލްއަމާނުން ފެށިގެން ލިޔާރީއަށް މަނިކުފާނު ބަލައި ކުރި ދަތުރުގެ ދިގު މިނަކީ ގާތްގަނޑަކަށް ވިއްސަކަށް މޭލު. އެނބުރި ދާރުލްއަމާނަށް އައީމާ އެ ކުރެވުނީ އަނެއް ވިހި މޭލުގެ ދަތުރު. މިހާރު މި ދަނީ ކޯރަންގީއަށް. ކޯރަންގީ ނިމޭ ހިސާބަށް ދާ ކަމަށް ވަންޏާ އެއީ ތިރީހަކަށް މޭލު. ދެން އަޅުގަނޑު އެނބުރި އަންނާން ކުރާ ދަތުރަށް އަނެއް ތިރީސް މޭލު. ހިސާބު ކުރައްވާ. މިހާރުވެސް ފަންސާހަކަށް ރުފިޔާގެ ޕެޓުރޯލު އަންދައިފިން. ކުލީކާރު ދުއްވާ މީހަކު މި ގޮތަށް ހެޔޮ ކަންތައް ކޮށްދީފައި ގެއަށް ގޮސް އަނބިދަރިންނަށް ކާންބޯން ދޭނީ ކިހިނެއްތޯ؟ އަނެއް ދުވަހު ކާރަށް އަޅާނޭ ޕެޓުރޯލު ހޯދާނީ ކިހިނެއްތޯ؟"

އިންސްޕެކްޓަރު ބޯ ޖަހައިލާފައި ބުންޏެވެ. "ތިޔަ ދެއްކީއަކީވެސް ދޮގު ވާހަކައެއް ނޫން. އެކަމަކު ކުލީކާރު ދުއްވާ މީހުން ހަރާން ފައިސާ ކާ ވަރަކީ ސިއްރެއްވެސް ނޫން. ކާރަށް އަރާ މީހުން ލޫޓުވުމަކީ ކަލޭމެން ނުކުރާ ކަމެއް ނޫން. އެހެންވީމާ ފުލުހަކު އަރައި ހިލޭ ދަތުރެއް ކޮށްލިއަކަސް މާ ބޮޑު ގެއްލުމެއް ވާނެ ހެންނެއް ހިއެއް ނުވޭ."

"ތިޔައީ ނޫންތޯ މައްސަލައަކީ. ހަރާން ފައިސާ ކައި އުޅޭ މީހުންނަށް އަދަބު ދެއްވުމަކީ ތިޔަ ބޭފުޅުން ކުރައްވާ ކަމެއް ނޫން. އެފަދަ މީސްމީހުންގެ ކާރުގައި ހިލޭ ދަތުރު ކުރައްވައިގެން ކުރައްވާ ކަމަކީ އެ ހަރާން ފައިސާގެ ބައިވެރިއެއް ކަމަށް ވެވަޑައިގަތުން."

"ތިޔައީ ކޮން ކަހަލަ ވިޔާނުދާ ވާހަކައެއް؟"

"ކޯފާވާ ކަމަށް ވަންޏާ އަޅުގަނޑު މި ވާހަކަ ހުއްޓައިލަފާނަން. ހެޔޮކަމުގެ ވާހަކަ ފެއްޓެވީ މަނިކުފާނު. އެހެންވީމާ އަދިވެސް އަޑު އައްސަވާ. ނުބައި ކަމުގެ އަދަބު މި ދުނިޔޭގައި ވަގުތުން އެބަލިބޭ. އެކަން ކުރަނީ ގާނޫނުން. އެކަމަކު ހެޔޮކަމުގެ އިނާމު ވަގުތަކުން ނުލިބޭ. އެބައި ތިޔަބޭފުޅުން ދޫކޮށްލައްވަނީ ﷲ ތަޢާލާއަށް. ﷲ ތަޢާލާ އިނާމު ދެއްވާ ކަމާ މެދަކު އެއްވެސް ޝައްކެއް ނެތް. އެކަމަކު އެކަލާނގެ އަޅުތަކުންގެ ވާޖިބެއްވެސް އޮވެއެއް ނޫންތޯ؟ ކުލީކާރު ދުއްވާ ކޮންމެ މީހަކަށް އޭނާގެ ހެޔޮކަމުގެ ބަދަލުގައި މެޑެލެއް ނުދެއްވިޔަސް، ނަގުދު ފައިސާގެ އިނާމެއް ނުދެއްވިޔަސް، ތާރީފުގެ ބަސްފުޅެއް ވިދާޅު ނުވިޔަސް، އޭނާގެ އަތުން ޚަރަދުވާ ޕެޓްރޯލުގެ އަގު ދެއްވިދާނެއެއް ނޫންތޯ؟ އެހެން ހައްދަވާން ފައްޓަވައިފިއްޔާ ކުލީކާރު ދުއްވާ ކޮންމެ މީހަކު އުފަލުން، ހިތުން ރުހުމުން ހެޔޮ ކަންތައް ކޮށްދޭނެ."

އިންސްޕެކްޓަރު އަނގައިންވެސް ނުބުނެ އަޑު އަހާން އިނީއެވެ. އެ އިންސްޕެކްޓަރުގެ އަމިއްލަ މިނީބަހެއް އޮވެއެވެ. އެބަސް އޮންނަނީ ޖޫނާ މާކެޓުން އޯރްނަގީއަށް ފަސިންޖަރުން އަރުވައިގެން ދަތުރު ކުރާ ގޮތަށް ކުއްޔަށް ދޫކުރާ ގޮތަށެވެ. މީގެ ދުވަސްކޮޅެއް ކުރީން އޭނާއަށް ވުރެ މަގާމުގެ ގޮތުން އިސް އޮފުސަރެއްގެ ދަރިއަކު މީހަކާ އިންނާން ވެގެން ބޭއްވި ޕާޓީގެ ކަންތައްތަކުގައި ބޭނުން ކުރަން އޭނާގެ ބަސް ގެންދިޔައެވެ. އެ ކަންތަކުގައި ދުއްވި ދުއްވުމަށް އެޅި ޕެޓުރޯލުގެ ޚަރަދުވެސް ކުރަން ޖެހުނީ އިންސްޕެކްޓަރުގެ ޖީބުންނެވެ. ދެ ދުވަހުގެ ތެރޭގައި އެތައް ސަތޭކަ ރުފިޔާއެއްގެ ގެއްލުން ވިއެވެ. ހެޔޮ ކަންތައް އާއްމު ނުވާ ސަބަބު މިހާރު އޭނާއަށް ވިސްނިއްޖެއެވެ. ދަށުގައި ތިބޭ މީހުން ހެޔޮ ކަންތައްތަކާ ދުރު ކުރުވަނީ އެ މީހުންގެ މައްޗަށް ތިބޭ ބޮޑެތި މީހުންނެވެ. ކޮންމެ މީހަކުވެސް މި ހުންނަނީ އެ މީހެއްގެ ދާއިރާގެ ތެރޭގައި އުޅޭ މީހުން ހެޔޮ ކަންތައް ކުރަން އޮންނަ މަގަށް ހުރަސް އަޅައިގެންނެވެ.

އިންސްޕެކްޓަރު ކުރިއަށް އިޝާރާތް ކޮށްފައި ބުނެލިއެވެ. "ކުރިމަތީން އެހެރަ ފެންނަ ބަސްހުއްޓާ ތަނަށް މަޑުކޮށްލާ."

ބާދްޝާ ހައިރާން ވެފައި އަހައިލިއެވެ. "ކިހިނެއް ވީތޯ؟ އޯރަންގީއަށް ވަޑައިނުގަންނަވަނީތޯ؟"

"އަހަރެން ދާނީ ބަހުގައި."

ބާދްޝާގެ ހިތަށް އެރިއެވެ. މިއީ ހާދަހައި އާދަޔާ ޚިލާފު ކަމެކެވެ. އަވީގައި ހިނގާ މީހާއަށް އެހެން މީހުންގެ ހަށިގަނޑަށްވާ ހޫނު އިހުސާސް ކުރެވުނީތާއެވެ. އޭނާ ކާރު ހުއްޓައިލީމާ އިންސްޕެކްޓަރު ފައިބައިފިއެވެ. "އަހަރެން ދޭންވީ ކިތައް ރުފިޔާ؟"

"އަޅުގަނޑު ލަދު ނުގަންނަވާ. އަޅުގަނޑު އެންމެ ރުފިޔާއެއްވެސް ނާތުލާނަން."

އިންސްޕެކްޓަރު ދޮރާ ދިމާއަށް ގުދު ވެލައިފައި ބުންޏެވެ. "ކަލޭ ތިޔަ ދަނީ އަހަންނަށް ކުޑަކުޑަ ހެޔޮ ކަމެއް ދަސްކޮށް ދީފައި. އެ ހެޔޮކަން އަހަރެން އެހެން މީހުންނާ ހިއްސާ ކުރާނަން. އަވަހަށް ދޭ. އަހަރެން ހެޔޮ ދުއާ ކުރާނަން."

ބާދްޝާ ހިނިތުން ވެލައިފައި ޝުކުރިއްޔާއޭ ބުނެފިއެވެ. އަދި ކާރު ދުއްވާލައިފިއެވެ. ދުއްވާލި ވަގުތު އިންސްޕެކްޓަރު ޖީބުން ފަންސާސް ރުފިޔާ ނަގައި ކާރު ތެރެއަށް އެއްލައިފިއެވެ. އޭނާ ސީދާ ވެލިއެވެ. މިހާރު އޭނާ ފެންނަނީ ހަގީގީ އިސްކޮޅަށްވުރެވެސް ދިގު މީހެއްގެ ގޮތުގައެވެ. މޫނުމަތީން އުފާވެރިކަން ފެންނާން ހުއްޓެވެ.

ބާދްޝާ މިސްރާބު ޖެހީ ފަރުޒާނާގެ ގެއަށެވެ. ކާރު ދުއްވާފައި ދަނީ ވަރަށް ބާރަށެވެ. ހީވަނީ ތޫފާނަކާ ރޭސް ޖަހަނީ ހެންނެވެ. އޭނާ ދެއްކީ ދޮގު ވާހަކައެއް ނޫނެވެ. ދަތުރު ކޮށްފައި ޕެޓުރޯލުގެ އަގުވެސް ފުލުހުން ގިނަ ފަހަރަކަށް ނުދެއެވެ. އެކަމަކު އަނެއްކޮޅުން ވިސްނައިލާއިރު އޭނާ އެ ގެންދަނީ އެއްވެސް ކަމަކާ ނުލައިވެސް ޕެޓުރޯލު އަންދަމުންނެވެ. ފަރުޒާނާ ހޯދުމުގެ މަސައްކަތް ފެށިފަހުން މިހާރު އޭނާ އެތައް ހާސް ރުފިޔާއެއްގެ ޕެޓުރޯލު އަންދައިފިއެވެ. އެއީ އޭނާގެ އަމިއްލަ ކަމެއް ކަމާ މެދަކު އެއްވެސް ޝައްކެއް ނެތެވެ. ލޯބީގެ ހައްގުގައި އަމިއްލަ ގޭގައި ހުޅުޖެހުމަކީވެސް އޭނާއަށް ލިބިގެންވާ ހައްގެކެވެ. މީހަކު ހޯދަން ކުރާ މަސައްކަތުގައި ހުރިހައި ވަގުތަކު ޕެޓުރޯލެއް ނާނދައެވެ. އެކަމަކު މީހަކާ އިން ފަހުން އޭނާ އެ ގެންދަނީ އޭނާގެ ލޯބިވާ އަނބިމީހާގެ ލޭ އަންދަމުންނެވެ. މިއީ އެތައް ދިމާއަކުން ނަޒަރު ހިންގިދާނޭ މައްސަލައެކެވެ. އެކަމަކު އެއްވެސް ދިމާއަކަށް ބަލާކަށް އޭނާ ބޭނުމެއް ނުވެއެވެ.

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.