(26 އޯގަސްޓް 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"އެތަނުން އެކަކު ބުނެފި. މަވްލަވީއޭ ތިޔަ ހަދަނީ ވަރަށް ބޮޑު ގޯހެކޭ. މާ ކަންތައް ބޮޑު ނުކުރާށޭ."
"އަހަރެން ބުނެފިން މިހާރު މިވީ ގޮތުން ކަންތައް ބޮޑު ނުވެއެއް ނުދާނެއޭ. އަހަރެން މިހިރީ ދޮރުމަތީގައޭ. އަހަރެންގެ ކުރިމަތީގައި މީހުން އެތިބަގެން ހިނގައިބިގައިވެ އުޅެނީއޭ. މުޅި އަވަށް މިއޮތީ ކުރިމަތީގައޭ. އަހަރެން ބޭނުމިއްޔާ ހަޅޭއް ލަވައިގަނެ މިތަނަށް މީހުން އެއްކުރެވިދާނެއޭ. އެކަމަކު އަހަންނަށް ދަސްވެފައި ހުރީ މީސްމީހުންގެ އަބުަުރު ރައްކާތެރިކޮށްދޭށޭ. ކަލޭމެން ތިޔަ ގެންގުޅޭ އަންހެންކުއްޖާއަކީ ކޮން އާއިލާއެއްގެ ކާކު ކަމެއްވެސް އަހަންނަކަށް ނޭނގެއޭ. އެކަމަކު މި ވަގުތު އޭނާގެ އަބުރު ރައްކާތެރިކޮށް ދިނުމަކީ އަހަރެންގެ ވާޖިބެކޭ. ކަންތައްތައް ރަނގަޅަށް ގެންދިޔައީމާ ކާވެނިކޮށްދޭކަށް އަހަރެން ދެކޮޅެއް ނުހަދާނަމޭ. އެކަމަކު އަހަރެން ބުނާ ގޮތަށް ނުހަދައިފިއްޔާ މިތަނުން ދާނީ އެ އަންހެންކުއްޖާ ގޮވައިގެންނޭ."
މަވްލަވީ ގެންދިޔައީ ވާހަކަ ދައްކަމުންނެވެ. ބާދްޝާ އިނީ އޭނާގެ މައްސަލަތަކުގެ ތެރެއަށް ގެއްލިފައެވެ. އޭނާ ވިސްނަމުން ގެންދިޔައެވެ. އަހަރެންގެ ކާވެނި ރުޚްސާނާއާ ކުރި އިރަކު އާއިލާގެ އެއްވެސް މީހަކު ނެތެވެ. އިންޖިނޭރުބޭބެ ރުޅި އައިސްގެން ހިނގައްޖެއެވެ. ބާދްޝާ ޖާނީއޭ ކަލެއަށް ވަރަށް ނުބައި ބޮނޑިއެއް ލިބޭނެއޭ އެ ދުވަހުވެސް ބޭބެ ބުންޏެވެ. މަވްލަވީ އެ ދެއްކީ ރަނގަޅު ވާހަކައެކެވެ. މައިންބަފައިންނާއި އާއިލާގެ ބޮޑެތި މީހުންގެ ބަސް ނޭހުމަކީ ފަހުން އޭގެ ގެއްލުން ފެންނަ ކަމެކެވެ. އެކަމަކު ވެދިޔަތަން ދިޔައީއެވެ. މިހާރަކު އެއްވެސް ޝަކުވާއެއް ނެތެވެ. ރުޚްސާނާވެސް ވީ ވަރަށް ރަނގަޅު އަނތްބަކަށެވެ. އެޔަށްވުރެ ރަނގަޅު އެހެން މީހަކު ނުވެސް ފެންނާނެއެވެ.
މަވްލަވީ ވާހަކަ ކުރިއަށް ގެންދިޔައެވެ. "އެ ޒުވާނުން ގޮސް އެގޭ ކޮޓަރިއަކަށް ވަދެއްޖެ. ކުޑައިރުކޮޅަކަށް ފަހު ރޮމުންރޮމުން ނުކުމެގެން އައީ މި މަންޖެ. އެމީހުން ގޭގެ ފުރަގަހު ދޮރުން ނުކުމެގެން ދުވެ ފިލައިފި. މި ވާހަކައަކީ މި މަންޖެ ލަދު ގަންނަވަން ދައްކާ ވާހަކައެއް ނޫން. އަހަރެން ބޭނުން ވަނީ ޒުވާނުންނަށް ވިސްނައިދޭން. އާއިލާ ބަދުނާމުވެ މައިންބަފައިން ލަދުން ގެއިން ބޭރަށް ނުނުކުމެ ތިބޭން ޖެހޭ ކަހަލަ ލޯތްބަކީ ރަނގަޅު ނަތީޖާއެއް ނުކުންނާނެ ލޯތްބެއް ނޫން. އެފަދަ ކާވެންޏަކުން ގެއެއް އާރާސްތު ވުމުގެ ބަދަލުގައި ހަލާކުވާނީ. މީހަކާ އިނދެގެން ދަރިއަކު ލިބިފައި ވަނިކޮށް އެހެން ކުއްޖަކާ ހިތާވެގެން ތިމާގެ ހަލާލު އަނބިމީހާއަށް މަކަރު ހަދައި އުޅޭ މީހުން ނުވިސްނާ ކަމެއް އޮވޭ. އަނބިމީހާއާއި ދަރިފުޅަށް ލިބިދާނޭ ގެއްލުމެއް..."
ބާދްޝާއަކަށް މިހާރަކު އެ ވާހަކައެއް ނީވެއެވެ. އޭނާގެ ސިކުނޑި އުފުރިދާން ތައްޔާރު ވަނީއެވެ. އޭނާއަށް ފެންނަނީ ކާމްރާން އޭނާގެ އުނގުގައި އޮތްތަނެވެ. ރުޚްސާނާ ރޮމުންރޮމުން ހިނިތުންވަނީއެވެ.
ކާރު ގޮސް ދާރުލްއަމާން ދޮށަށް މަޑުކޮށްފިއެވެ. މަވްލަވީ ކާރުން ފައިބަމުން ބުންޏެވެ. "ކޮއިފުޅާ. އިހަށް ނުގޮސް މަޑުކޮށްލާތި. މިތަނުން މި މަންޖެއަށް ޖާގައެއް ލިބޭނޭ ކަމެއްވެސް ނޭނގޭ. ބޭބެ އަހާ ގޮތުގައި ދާރުލްއާމާނަކީ ވަރަށް ކަންތައް ބޮޑު ތަނެއް. ވަރަށް ގިނަ ގޮތްގޮތަށް ބަލާފައި ނޫނީ މީހަކު ބަލައެއް ނުގަނޭ. ފަހަރެއްގައި މި މަންޖެ ބަލައިނުގެންވެސްފާނެ. އެހެން ތަނަކަށް ދާންވެސް ޖެހިދާނެ. އެހެންވީމާ ނުގޮސް މަޑުކޮށްލާތި."
ބާދްޝާ އޭނާގެ އަތުކުރީ ގަޑިއަށް ބަލައިލިއެވެ. އަށެއް ޖަހަނީއެވެ. އަށެއް ޖަހާއިރު ފަރުޒާނާގެ ކުލިނިކު ދޮށަށް ގޮސް މަގުގެ އަނެއް ފަރާތުގައި އޮންނާނޭ ވާހަކަ އޭނާ އޮތީ ބުނެފައެވެ. "ބޭބޭ. ވަރަށް ދެރަ. އެހެން ކާރެއް ނޫނީ ރެކިސާއެއް ލިބޭތޯ ބައްލަވާ. އަޅުގަނޑު ވަރަށް މުހިއްމު ކަމަކު ތަނަކަށް ދާން އެބަޖެހޭ."
"ކޮއިފުޅާ. ސަވާބެއް ލިބޭ ކަހަލަ މަސައްކަތަކަށް ވުރެ މުހިއްމު މަސައްކަތެއް ނޯންނާނެ. މިއީ ބީރައްޓެހި ކުއްޖެއް. މި މަންޖެއަށް ކުރިމަތިވާނީ ވަނީ ކޮންފަދަ މުސީބާތްތަކެއް ކަމެއްވެސް ނޭނގޭ. އަހަރެމެން ދެމީހުން ވެގެން މީނާ ސަލާމަތްކޮށް ނުދީފިއްޔާ ނިކަން ވިސްނައިލަބަލަ... ކޮއިފުޅުގެ ގާތް މީހަކު ބީރައްޓެހި ރަށެއްގައި ހާލުގައި ޖެހިގެން..."
މި ފަހަރުވެސް މަވްލަވީގެ ވާހަކަ ނިމުމުގެ ކުރިން އޭނާގެ ކުރިމަތީގައި އެނބުރިގަތީ ރުޚްސާނާއެވެ. ރުޚްސާނާ ލަންޑަނުގެ މަގުމަތީގައި ހާލުގައި ޖެހިގެން ހިނގަނީއެވެ. އެއްވެސް މީހަކު އޭނާއަކަށް އެހީތެރިއެއް ނުވެއެވެ. މަގުހިނގާ މީހުން ދިޔައީ އޭނާއާ ދިމާއަށް އެނދުންވެރިކަމުގެ ކަޅި އުކަމުންނެވެ. ބާދްޝާ ސިހިފައި ކާރުގައި އިން އަންހެންކުއްޖާއާ ދިމާއަށް ބަލައިލިއެވެ. "އެންމެ ރަނގަޅު. އަޅުގަނޑު ނުގޮސް އޮންނާނަން. ރޭގަނޑު ހަތަރުދަމު އޮންނާން ޖެހުނަސް ހެޔޮ."
މަވްލަވީ އޭނާއަށް ހެޔޮ ދުއާ ކުރަމުން އެ އަންހެންކުއްޖާ ގޮވައިގެން ގޮސް ދާރުލްއަމާނަށް ވަދެއްޖެއެވެ. ބާދްޝާއަށް ސިފަ ކުރެވުނީ އެހީތެރިކަމާއި ބޯހިޔާވަހިކަމަށް އެދިގެން ރުޚްސާނާ އެތަނަށް ވަދެގެން ދިޔަ ތަނެވެ. އޭނާގެ ހިތްބިރު ގަންނާން ފަށައިފިއެވެ. ރުޚްސާނާގެ ސިޓީއެއް ލިބޭނީ ކޮން ދުވަހަކުން ބާވައެވެ؟ އޭނާގެ ހާލު އޮޅުންފިލާނީ ކޮން ދުވަހަކުން ބާވައެވެ؟ އޭނާ ދުވަސް ގުނައިލިއެވެ. މިއަދު މިއީ ތިންވަނަ ދުވަހެވެ. އޭނާ އަމިއްލައަށް ހިތްހަމަ ޖައްސައިލިއެވެ. ރުޚްސާނާގެ ބޮޑޫބޭބެ ޖަމްޝީދާ ބައްދަލުވެ ހުރިހައި ކަމެއް މިހާރު އޮންނާނީ ހަމަޖެހި ނިމިފައެވެ. ކަންބޮޑުވާނޭ ކަމެއް ނެތެވެ. ރުޚްސާނާ މިހާރު އުޅޭނީ ހަމަޖެހިލައިގެން އުފަލާއި އަރާމުގައެވެ.
ބައިގަޑިއެއްހައި އިރުފަހުން މަވްލަވީ އެކަނި ނުކުމެގެން އަތުވެއްޖެއެވެ. "މިތާނގެ ގަވައިދުތައް ވަރަށް ހަރުކަށި. އެއީ ރަނގަޅުވެސް ކަމެއް. ވަރަށް ބޮޑަށް ޔަގީން ކޮށްފައި ނޫނީ އެއްވެސް މީހަކު ބަލައެއް ނުގަނޭ. މިތާނގެ އިސް މީހަކަށް ހުރި އަންހެންމީހާ ބުނީ މި ސަރަހައްދުގެ ފުލުސް އޮފީހުން އޮފުސަރަކު ގޮވައިގެން އައީމައޭ ރަސްމީކޮށް ބަލައިގަންނާނީ."
ބާދްޝާ ބުންޏެވެ. "މިތަނަށް މި އައީ ފުލުސް އޮފީހުން ބޭނުންވާ ހުރިހައި ކަމެއް ކޮށް ނިންމައިގެންނެއް ނޫންތޯ؟"
"އާނ. ތިޔައީ ރަނގަޅު ވާހަކައެއް. އެކަމަކު މިތާނގެ ވެރިން އަދި އެ ވަރަކުން ފުއްދައެއް ނުލާ. ބުނީ އެ ކުއްޖާ ރަޖިސްޓަރީކޮށް ބަލައިގަތުމުގެ ކަންތައް ނިންމާނީ ފުލުސް އޮފުސަރެއްގެ ހާޒިރުގައޭ. މައްސަލައެއް ނެތްތާ. މިތާ ކައިރީގައި ހުރި ފުލުސް އޮފީހުން އިންސްޕެކްޓަރަކު ގޮވައިގެން އަންނަމާ ބަހީ."
މަވްލަވީ ކާރުގެ ކުރިއަށް އަރައި އިށީނދެއްޖެއެވެ. ބާދްޝާ ކާރު ދުއްވާލައިފިއެވެ. މިނިޓެއްހައި އިރުގެ ތެރޭގައި ފުލުސް އޮފީހަށް ދެވިއްޖެއެވެ. އެތާނގައި ހުރި އާދައިގެ ފުލުހަކު ބުނި ގޮތުގައި އިންސްޕެކްޓަރު މި ވަގުތު އޮފީހަކު ނެތެވެ. އޭނާވީ މުހިއްމު ކަމަކު ބޭރަށް ގޮހެވެ. އެތާނގެ ޖިޕުވެސް އޮތީ ހަލާކު ވެފައެވެ. އެހެންވީމާ އަވަހަކަށް ނުވެސް އަންނާނެއެވެ. އަވަހަށް ބައްދަލު ކުރަން ބޭނުމިއްޔާ ޖެހޭނީ އިންސްޕެކްޓަރު ހުރި ތަނަކަށް ދާށެވެ.
މިހެން ބުނެފައި ފުލުހުމީހާ އައިސް ކާރުގެ ފަހަތަށް އަރައިފިއެވެ. "ހިނގާ... އިންސްޕެކްޓަރު ހުރިތަން އަހަރެން ދައްކާނަން."
މަވްލަވީ ބާދްޝާގެ މޫނަށް ބަލައިލާފައި ވަރަށް ދެރަވެފައި ބުންޏެވެ. "މާ ގިނައިރު ކާރު މަޑުކުރުވާފައި ބާއްވާ ވަރަކަށް އަހަރެންގެ އަތަކު ފައިސާއެއް ނެތް. އަހަރެން ހުރީ އެ މަންޖެ ގެންގޮސް ދާރުލްއަމާނަށް ލައިދިނީމާ ނިމުނީ ކަމަށް ބަލައިގެން. އެކަމަކު މިހާރު ކޮއިފުޅަށް ވަރަށް ބޮޑު ބުރައަކަށް މިކަން ވެއްޖެއެއްނު؟"
ބާދްޝާ ހިނިތުންވެލިއެވެ. "ބޭބޭ. އެކަމާ ފިކުރު ނުކުރައްވާ. މިއަދު އަޅުގަނޑުމެން ހަމަނޭވައެއް ލާނީ އެ އަންހެންކުއްޖާގެ ކަންތައް ރަނގަޅު ގޮތަކަށް ހަމަޖައްސައި ނިންމާފައި."
ބާދްޝާ ފުލުހުމީހާ ބުނި ދިމާއަށް ދުއްވާލައިފިއެވެ.
މަވްލަވީ ސުވާލު ކޮށްލިއެވެ. "ކޮއިފުޅު މީހަކާ އިނދެފިންތަ؟"
"ލައްބަ. އަޅުގަނޑު އުޅެނީ މީހަކާ އިނދެގެން. ދަރިއަކުވެސް އެބައޮތް. އަޅުގަނޑުގެ އަނބިމީހާއަކީ ކިޔަވައިގެން އިން މޮޅު މީހެއް. ޑަކްޓަރެއް. މިހާރު ވީ ލަންޑަނުގައި."
"އެކަނިތަ ދިޔައީ؟"
"ލައްބަ. އެއީ ވަރަށް ކުޅަދާނަ މީހެއް."
"ކުޅަދާނަ ވެދާނެ. އެކަމަކު އެހައި ދުރު ކަރައަކަށް އަންހެނަކު އެކަނިމާއެކަނި މަސައްކަތު ފޮނުވުމަކީ ރަނގަޅު ކަމެއް ނޫން."
"އޭނާ ދިޔައީ މަސައްކަތަކު ނޫން. ބޭހަކަށް. އޭނާގެ މޫނު އެނދީ. އެހެންވީމާ މޫނުގައި ޕުލާސްޓިކު އަޅުވަން ދިޔައީ."
މަވްލަވީ ކުޑައިރުކޮޅަކު ވިސްނައިލުމަށް ފަހު ބުންޏެވެ. "އަހަރެންގެ ދުއާއަކީ ކޮއިފުޅުގެ އަނބިމީހާ ގަދަވެ ސަލާމަތުން އެނބުރި ރަށަށް އަންނާނޭ ގޮތް މެދުވެރިކޮށް ދެއްވުން."
ބާދްޝާ ހިތުގެ އަޑީން ބުނެލިއެވެ. "އާމީން."
މަވްލަވީ ހިނިތުން ވެލާފައި އޭނާއާ ދިމާއަށް ބަލައިލިއެވެ. "އަނބިމީހާ ދެކެ ވަރަށް ބޮޑަށް ލޯބިވޭ ދޯ؟"
"ލައްބަ. އެއީ ވަރަށް ރަނގަޅު އަނތްބެއް. ރަނގަޅުކަން ބޮޑުކަމުން އޭނާގެ ތާރީފުގައި ބުނާނޭ އެއްޗެއްވެސް އަޅުގަނޑަކަށް ނޭނގޭ."
"އަނބިމީހާ ދުރަށް ދިޔައީމާވެސް އޭނާގެ މަތީން ހަނދާން ކުރުމަކީ ވަރަށް ރަނގަޅު ކަމެއް. މިހާރުގެ ގިނަ ޒުވާނުންގެ ކިބަޔަކު ތިޔަ ކަހަލަ ސިފައެއް ނުހުރޭ. އަނބިމީހާ ލޯ މަތީން ކައްސައިލުމާއެކު އެހެން އަންހެނެއްގެ ފަހަތުން ހިނގައިގަނޭ. ލޯބީގެ ރީތި ޖަޒުބާ އެހައި ލުއި ވެގެން ދިޔަ ގޮތެއް އަހަންނަކަށް ނުވެސް ވިސްނޭ. ލޯތްބަކީ ރަނގަޅު އެއްޗެއް. އެކަމަކު އެއީ ބައްޔެއް ކަމަށް ހަދައިގެން ނުވާނެ. އަދި މުޅި ދިރިއުޅުން ބަރުބާދު ކޮށްލާފަދަ ކަމަކަށް ހަދައިގެންވެސް ނުވާނެ."
(ނުނިމޭ)