ފަޅިމޫނު - 55

(18 މާރިޗު 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އެމީހުން އަޅައިގެން ތިބި ހެދުމަށް ބަލައިލީމާ ފޯރާ ބައެއްކަން އެނގެއެވެ. ކުރީ ގޮނޑީގައި އިން މީހާގެ އަތުގައި އޮތް ފިސްތޯލާ ބާދްޝާގެ ބަނޑުގައި ވިއްދާފައި އެހެރަ ގޮތަށް އަދިވެސް އެބަހުއްޓެވެ. އެމީހާ ބުންޏެވެ. "ކާރު ދުއްވައިލާ. ފަރުވާތެރިވާތި. މާ ހުސިޔާރުވާން ނޫޅޭތި ކަލޯ. އަހަރެމެންގެ ހިތަކަށް ރަހުމެއް ނުވަންނާނެ."

ބާދްޝާ ކާރު ދުއްވާލައިފިއެވެ. "މިއީ ކޮން ކަމެއް؟ އަހަރެން ކަހަލަ ނިކަމެތި މީހަކު ކަލޭމެންގެ ސަކަރާތްގަނޑުގެ ތެރެއަށް ވައްދަނީ ކީއްވެގެން."

ފިސްތޯލަ ހިފައިގެން އިން މީހާ ބުންޏެވެ. "ކަލެއަކަށް އެއްވެސް ގެއްލުމެއް ނުވާނެ."

އެޔަށް ފަހު ފަހަތުގައި ތިބި މީހުންނާ ދިމާއަށް ބުންޏެވެ. "އޭނާ ހުއްޓުވަބަލަ."

އެތަނުން އެކަކު ބުނެލިއެވެ. "ރުޔަދީ. ރޯނީ ކިހައި އިރެއް ވާންދެން؟ ރޮއިރޮއިފައި ހުއްޓައިލާނެ."

ދެވަނަ މީހާ ބުންޏެވެ. "ބޮޑު މުސީބާތެއް. މިކަހަލަ ދަނޑިވަޅެއްގައި ކާރު ހަލާކު ވެދާނެއެކޭ އަހަރެމެންގެ ހިތަކަށްވެސް ނާރާ. ކުލީކާރެއްގައި ހުރިހައި ވަގުތެއް ހޭދައެއް ނުކުރެވޭނެ. ގާޒީވެސް ގެންނާން ޖެހޭނެ."

"ބާދްޝާ އަހައިލިއެވެ. "ދާންވީ ކޮން ތަނަކަށް؟"

"މުޙައްމަދު ޢަލީ ސޮސައިޓީއާ ދިމާއަށް ހިނގާ."

ކާރު ދުވެފައި ދެއެވެ. އެތެރޭގައި އޮތީ ހަމަހިމޭންކަމެވެ. މަޑުމަޑުން ގިސްލާ އަޑު ފިޔަވައި އެހެން އަޑެއް ނީވެއެވެ. މި ގޮތުގައި އިރުކޮޅެއް ވުމަށް ފަހު ފަހަތުން ވާހަކަދައްކާ އަޑު އިވުނެވެ. "މިހާރު ތިޔަ ރޮނީ ކީއްވެގެން؟ ލޯބީގައި އަހަންނަށް މަކަރު ހެދިއިރު އަހަރެން މިއީ ކިހައި ގޮތްދޫނުކުރާ މީހެއްކަން ނޭނގެނީތަ؟"

ދެވަނަ މީހާ ބުންޏެވެ. "ޒަފަރު. މީނާ ކަންތައް ކުރިގޮތް އެނގޭތަ؟ މަކަރު ހަދަން ވެގެން ނާޒިމްއާބާދުގެ ގެވެސް ދޫކޮށްލީ. ދެން ހެދި ގޮތަކީ އަހަރެމެންނަށް ނޭނގޭނޭ ގޮތް ހަދަން ވެގެން މޫނުބުރުގާ އެޅީ."

ބާދްޝާއަށް އެ ހުރިހައި ވާހަކައެއް އަޑު އިވުމާއެކު ކުރިމަތީގައި އެނބުރިގަތީ ފަރުޒާނާގެ ސޫރައެވެ. ފަރުޒާނާވެސް ލޯބީގައި މަކަރު ހަދާފައި ފިލަން ވެގެން ނިޒާމްއާބާދު ދޫކޮށް ދިޔައީއެވެ. މިހާރު އުޅޭނީ މޫނުބުރުގާ އަޅައިގެން ނޫންކަމެއްވެސް ނޭނގެއެވެ. އޭނާގެ ހިތަށް އެރިއެވެ. "ލޯބީގައި އަންހެންކުދިން ފިރިހެންކުދިންނަށް ފަރިވެފޮޅިފައި އޮންނަ ރީތި ބަގީޗާއެއް ދައްކަނީ ކީއްވެގެން ހެއްޔެވެ؟ އެކަމުން ހާސިލު ކުރެވެނީ ކޮން ކަމެއް ހެއްޔެވެ؟"

ކާރުތެރެއަށް އަނެއްކާވެސް ހިމޭންކަން ވެރިވެއްޖެއެވެ. އިރުކޮޅަކަށް ފަހު ބާދްޝާ އަހައިފިއެވެ. "ކަލޭމެން ތިޔަ ކުރާ ކަމަކާ ބެހޭ ގޮތުން ވާހަކަ ދެއްކުމަކީ އަހަރެން ކުރަން ޖެހޭ ކަމެއް ނޫން. އެކަމަކު ސުވާލެއް އެބައޮތް. ތިޔަ ގޮތަށް އަންހެން ކުއްޖަކު ގެންގޮސްގެން ގަދަކަމުން އިނީމާ އެ ކާވެނި ސައްހަ ވާނެތަ؟ ޖާއިޒު ކާވެންޏަކަށް ވާނެތަ؟"

ފިސްތޯލަ ހިފައިގެން އިން މީހާ ބުންޏެވެ. "ޖާއިޒުތޯ ނާޖާއިޒުތޯ ބަލާނީ ފަހުން. މިއީ އަހަރެމެންގެ އާއިލީ އަރައިރުމެއް. އަހަރެމެންގެ އަބުރާ ގުޅޭ ކަމެއް. މި މަންޖެ އަހަރެންގެ ކޮއްކޮ ޒަފަރާ ނުދެވައިފިއްޔާ އަހަރެންގެ އަގު ވަރަށް ބޮޑަށް ވެއްޓޭނެ."

ބާދްޝާ ބުންޏެވެ. "އެކަމަކު ކާވެންޏަކުން އަދި އަންހެންކުއްޖާ ނުއެއް ހިފެހެއްޓޭނެއެއްނު؟ ކޮންމެ ވަގުތަކުވެސް ފިލައިގެން ހިނގައިދާނެ."

"އެހެންނެއް ނުދެވޭނެ. ކޮއްކޮއާ އިނދެގެން ދިރިއުޅެން ފަށްޓާފައި ފިލައިގެން ގޮސް އެހެން މީހުންނަށް ދައްކާނީ ކޮން މޫނެއް؟ ކާވެނި ގަބޫލުކުރަން އޭނާގެ ގޭ މީހުންނަށްވެސް މަޖުބޫރުވާނެ. ގަބޫލު ނުކުރިއްޔާ ދެމަފިރިންނަށް ދަރިން ލިބެންދެން އަހަރެމެން އޭނާ ގެންގުޅޭނީ ފޮރުވައިގެން. މީހަކާ އިނުމާއެކު އަންހެންމީހާ މަޖުބޫރީގެ ތެރެއަށް ވެއްޓޭނެ. ދަރިއަކު ލިބުނީމާ މުޅީން ބަލިކަށިވެ ނިމިދާނެ. ފިރިހެނުންގެ ހާލަކީވެސް މިއީ. މިކަހަލަ ހާލަތުގައި ފިރިހެންމީހާއަށްވެސް މަޖުބޫރުވަނީ އަނބިމީހާއާއި ދަރިފުޅު ގަބޫލުކޮށްގެން ދިރިއުޅުން ކުރިއަށް ގެންދަން."

އެމީހާ ވާހަކަ ދައްކަމުން ދިޔައިރު ބާދްޝާގެ ކުރިމަތީގައި ސިފަވަމުން ދިޔައީ ރުޚްސާނާއެވެ. ރުޚްސާނާ އޭނާގެ ދަރިފުޅު އުނގުގައި ބައިންދައިގެން އިނދެ ހިނިތުންވަނީއެވެ. އެއީ ވަރަށް ބޮޑު ތެދެކެވެ. އޭނާވެސް މިހާރު އެހެރީ ރަނގަޅަށް މަޅީގައި ޖެހިފައެވެ. ރުޚްސާނާގެ ކިބައިން އޭނާއަށް ސަލާމަތް ވެވިދާނެ ހެއްޔެވެ؟ ނެވެވޭނެއެވެ.

ދީނުގެ ނަމުގައި މީސްމީހުން ހާދަހައިވާ ގިނަ ކުޅިއެއް ކުޅެއެވެ. ކާވެނި ޖާއިޒުވެފައިމެ ޝައިތާނީ މަގުސަދެއް އޮންނަތަން ފެނެއެވެ. ﷲ އާއި އެކަލާގެ ރަސޫލާގެ ނަންފުޅު ގެންފައި ކުރާ ކާވެނީގެ ފަހަތުގައި މަކަރުވެރި ރޭވުންތަކެއް ހުންނަކަމެއް މީހުންނަކަށް ނޭނގެއެވެ. ބުރުގާ އަޅައިގެން އޭނދަ މަންޖެގެ ކާވެނި ކުރުވާނީ ފިސްތޯލައިގެ ބާރުގައެވެ. ބިރު ދައްކައިގެންނެވެ. ދަރިއަކު ހޯދާނީވެސް މަޖުބޫރު ހާލަތުގައި ގަދަކަމުންނެވެ. އެހައިތަނުން ހާލަތާ ރުހިގެން އަންހެންމީހާ ގޭގައި ހިމޭނުން އިނދެދާނެއެވެ. ދެން ހަދާ ގޮތަކީ މަޑުމަޑުން ގޮސް ކާވެނި ޖާއިޒު ކުރަނީއެވެ. އެކަމަށްޓަކައި ވަޅިއެއް ނުވަތަ ފިސްތޯލައެއްގެ ބޭނުން ކުރާކަށް ނުޖެެހޭނެއެވެ. ބާދްޝާއާ މެދު ކަންތައް ކުރި ގޮތަށް ކުރީމާ އެ އޮތީ ހުރިހައި ކަމެއް ހަމަޖެހިފައެވެ.

ފަހަތުން އަނެއްކާވެސް ގިސްލާ އަޑު އިވޭން ފަށައިފިއެވެ. ބާދްޝާގެ ހިތަށް އެރިއެވެ. އެ ފަކީރުގެ ދިރިއުޅުން ހަލާކު ވަނީއެވެ. އެކަމަކު އަހަންނަށް ކުރެވޭނީ ކޮން ކަމެއް ހެއްޔެވެ؟ އަހަރެން މިއީ ފިލްމެއްގެ ހީރޯއަކީމެއް ނޫނެވެ. އެހެންވީމާ ދިމާވާ ކޮންމެ ކަމެއްގެ ތެރެއަށް މޭފުއްޕާފައި ވަދެއެއް ނުގަނެވޭނެއެވެ. އެކަހަލަ ކަމެއް ކުރާން އުޅުނަސް އަމިއްލަ ފުރާނަ ނަގައިލުން ނޫން ކަމެއް ނުކުރެވޭނެއެވެ. ފިސްތޯލަ އެހެރީ ބަނޑުގައި ވިއްދައިފައެވެ. ކިރިޔާ ނުބައި ހަރަކާތެއް ކޮށްލިޔަސް ފުރާނަ ދުއްވައިލާނެކަން ޔަގީނެވެ.

އަނެއްކާވެސް ހިމޭން ވެއްޖެއެވެ. ކާރު ތެރެއަށް ދޭތެރެއަކުން އަރާ ގިސްލުމެއްގެ އަޑު ފިޔަވައި އެހެން އަޑެއް ނީވެއެވެ. މިއީ ރަށުތެރޭގައި އައު ކަމެއް ނޫނެވެ. މިފަދަ ކަމެއް ހިނގާ ކޮންމެ ފަހަރަކު ކުލީކާރު ދުއްވާ މީހަކު ހީރޯއަކަށް ވެގަތުމުން ސަލާމަތް ކުރެވޭނީ ކިތައް ކުދިން ހެއްޔެވެ؟ އެފަދަ ފިޔަވަޅެއް އަޅާ މީހަކަށް ގިނަ ފަހަރަށް ޖެހޭނީ ގާނޫނީ ދުއްތުރާލުން ސަލާމަތް ނުވެގެން ގަނަތެޅޭށެވެ. މިފަދަ ހާލަތެއްގައި އެންމެ ރަނގަޅު ގޮތަކީ ނުބެހޭ ކަމަކާ ނުބެހި މަޑުމަޑުން އިނުމެވެ.

ބާދްޝާ ހިތާހިތާ ކިޔައިލިއެވެ. ކަންތައް މި ވަނީ ރަނގަޅަށެވެ. އެ ކުއްޖާއަށް އަދަބު ހައްގެވެ. އޭނާ ޒަފަރަށް މަކަރު ހެދީއެވެ. ފަރުޒާނާވެސް ހެދީ އެހެންނެވެ. ފަރުޒާނާ ފެނިއްޖެއްޔާ އަހަރެންވެސް ހަދާނީ ހަމަ މިހެންނެވެ. އެހެން އަންހެންކުދިންނަށް އިބުރަތަކަށް ވާކަހަލަ ގޮތަކަށް ބަދަލު ހިފާނަމެވެ.

މި ޚިޔާލުގައި އިނދެފައި އޭނާ ފަހަތް ބަލާ ލޯގަނޑުން ފަހަތަށް ބަލައިލިއެވެ. ބުރުގާ އެޅި ކުއްޖާގެ ދެ އަތުގައި ދެމީހުން ތިބީ ހިފަހައްޓައިގެންނެވެ. އެކުއްޖާ މަސައްކަތް ކުރަނީ ވީއްލިގަނެވޭތޯއެވެ. ޒަފަރު ވަޅިއެއް ނަގައިފިއެވެ. "ފަރުޒާނާ... މާ ބޮޑަށް ގަދަ ހަދަންޏާ..."

އޭގެ ފަހުން ދެއްކި އެއްވެސް ވާހަކައެއް ބާދްޝާއަކަށް އަޑެއް ނީވެއެވެ. އޭނާގެ ސިކުނޑީގައި އެތައް ރަނގަބީލެއް އެއްފަހަރާ ޖެހޭން ފަށައިފިއެވެ. އެ ރަނގަބީލުގެ ތެރެއިން އިވެނީ ފަރުޒާނާގެ ނަމެވެ. "ފަރުޒާނާ... ފަރުޒާނާ... ފަރުޒާނާ..."

އެއީ އެނަމުން އެކަނިވެސް ހިތުގެ ހިނގުން އަވަސް ވެގެންދާ ނަމެކެވެ. އެއީ ހިނގަމުންދާ ވަގުތާއި އުމުރަށް ދާންދެން ހުއްޓުވައިލާ ނަމެކެވެ. އެހެންވީމާ ކާރު ނުހުއްޓި ހުންނާނީ ކިހިނެއް ހެއްޔެވެ؟ ކުއްލިއަކަށް ބުރެކި ޖެއްސުމާއެކު ފިސްތޯލަ ހިފައިގެން އިން މީހާގެ އަތުގައި ހިފައި މައްޗަށް ހިއްލައިލިއެވެ. އެޔާއެކު ބާރު އަޑަކާއެކު އުންޑައެއް ނުކުމެގެން ހިނގައްޖެއެވެ. އަދި އެމީހާ ގޮސް ކާރުގެ ޑޭޝްބޯޑުގައި ޖެހިއްޖެއެވެ. ފަހަތުގައި ތިބި މީހުން ގޮސް ޖެހުނީ ކުރީ ގޮނޑިބަރީގެ ފުރަގަހުގައެވެ. އެވަގުތުކޮޅުގެ ތެރޭގައި ބާދްޝާގެ އަތަށް ފިސްތޯލަ އަތުވެއްޖެއެވެ. އޭނާ ފުރަގަހަށް އެނބުރި ފިސްތޯލަ ދިއްކޮށްފައި ބުންޏެވެ. "އަންހެންކުއްޖާ ކާރުގައި ބައިންދާފައި ކަލޭމެން ދެމީހުން ފައިބާ. އަނިޔާ ވެފައި ތިބިއްޔާ ކާރުން ފައިބައި ފިރުމާ."

ކުރީ ގޮނޑީގައި އިން މީހާ ބުންޏެވެ. "ބޭފުޅާ... މިއީ އަހަރެމެންގެ އާއިލީ ކަމެއް. މި ކަމުގެ ތެރެއަށް..."

ބާދްޝާ އޭނާގެ ވާހަކަ މެދުކަނޑައިލިއެވެ. "އަނގަނުތަޅާ. މި ވަގުތާ ހަމައަށް އަހަރެން މިއީ އާދައިގެ ކުލީކާރު ދުއްވާ ސޮރެއް. މިހާރު އަހަރެން ބޭފުޅަކަށް ވީތަ؟ ލަސް ނުކޮށް ފައިބާ. އެހެން ނޫނީ ކަލޭމެންގެ ތެރެއިން މަދު ވެގެން އެކަކު އަހަރެންގެ އަތުން މަރުވާނެ. ފައިބާ..."

ފަހަތުގައި ތިބި ދެމީހުންކުރެ އެކަކު ބުނެލިއެވެ. "އެންމެ ރަނގަޅު ބޭފުޅަކަށް ނުވިޔަސް އަހަރެމެން ބުނާ ތަނަކަށް ގެންގޮސް ދިނީމާ ފަސް ހާސް ރުފިޔާ ދޭނަން. މިހާރުވެސް ފަސް ހާސް ރުފިޔާ އެބައޮތް."

"އަހަރެން ހައްލައިލާން މަސައްކަތް ނުކުރޭ. އަހަރެން ކަލޭމެންގެ ތެރެއިން އެކެއްގެ ގަޔަށް ބަޑި ޖަހާނަން. އެހެން ނޫނީ ކަލޭމެން ގެންގޮސް ފުލުހުންނާ ހަވާލު ކުރާާނަން. ފުލުހުންގެ ކުޅިގަނޑުގެ ތެރެއަށް ވަންނާން އަހަރެންވެސް ބޭނުން ނުވާތީ މި ބުނަނީ... ފައިބައިގެން ދާށޭ... ފައިބާނީތަ؟ ނޫނީ..."

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.