(2 މާރިޗު 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ރޭގަނޑުގެ ވަގުތުތައް ގުނެމުން ދަނީއެވެ. މޭޒުމަތީގައި އޮތީ އޮރެންޖު ކުލައިގެ ފޮތެކެވެ. އެއީ ޑައިރީއެކެވެ. ފަރުޒާނާ އޮތީ އެ ފޮތުގެ މަތީގައި އަތްތިލަ ބާއްވައިލައިގެން ފުން ވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ. އެތައް އިރަކަށް ފަހު ކުއްލިއަކަށް ސިހިފައި ޚިޔާލީ ދުނިޔެއިން ނުކުމެވިއްޖެއެވެ. އޭނާއަށް އިހުސާސް ކުރެވުނު ގޮތުގައި އެހެން އިންނަތާ މިހާރު ވަރަށް ގިނައިރު ވެއްޖެއެވެ. އޭނާ ޑައިރީ ހުޅުވައިލިއެވެ. އޭގެ ސަފުހާތަކުގައި ވަނީ އޭނާގެ މާޒީގެ ދާސްތާނެވެ. އޭނާ ގަނޑެއް އެއްލިއެވެ. އެ ސަފުހާގައި ވަނީ ނުނިމި އޮތް ވާހަކައެކެވެ. އެއީ ނިންމަން ޖެހޭ ވާހަކައެކެވެ. އޭނާ ގަލަން ނަގައިގެން ލިޔާން ފަށައިފިއެވެ.
"އަހަރެން ހީކުރީ އަހަރަކާއި ދެމަސް ދުވަސްވީމާ ބާދްޝާ ހުންނާނީ ރުޚްސާނާއަށް އާދަވެ، ހޭނިފައި ކަމުގައެވެ. ރުޚްސާނާ ބާދްޝާއަށް ޚިދުމަތް ކުރުމުގައި އަވަދިނެތި އުޅޭނެއެވެ. އޭނާއަށްޓަކައި ރެޔާއި ދުވާ އެއްކޮށްގެން މަސައްކަތް ކުރާނެއެވެ. އެފަދަ މާހައުލެއްގައި އެއްވެސް ފިރިހެނަކަށް އަސަރު ނުކޮށެއް ނުހުންނާނެއެވެ. ރުޚްސާނާގެ މަސައްކަތް މިހާރު ލުއި ވެދާނެއެވެ. ދިރިއުޅުން ހަމަޖެހިދާނެއެވެ. މިހާރު ދައްކާނީ ދިރިއުޅުމުގެ ވާހަކައެވެ. ޝަކުވާއެއް އޮތަސް އޮންނާނީ ގޭތެރޭގެ ކޮންމެވެސް ކަމެއް ނުކުރެވިގެން ކުރާ ކުޑަކުޑަ ޝަކުވާއެކެވެ. އެކަންވެސް މަޑުމަޑުން ގޮސް ހަމަޖެހިދާނެއެވެ.
އެކަމަކު މިއަދު ބާޒާރުމަތީން ބާދްޝާއަށް އަހަރެން ފެނުނީމާ އޭނާގެ އެހެރަ ފޯރިގަނޑު ފެނިފައި އަހަރެން ހިތް ތެޅިގަތީ މާ ވަރަކަށެވެ. އޭނާ ގެންދިޔައީ އަޑުގެ ކޮޅަށް އަހަންނަށް ގޮވަމުންނެވެ. އެކަމަކު އަހަރެންގެ ނަމަކުންނެއް ނޫނެވެ. އޭނާ ދަންނަ، އަހަރެންގެ ނަމުންނެވެ. އޭނާގެ ގޮވުމާއި ހަޅޭކުން ލިބެމުން ދިޔައީ އެންމެ މެސެޖެކެވެ. އޭނާ ބުނާ ކަހަލައެވެ. ރުޚްސާނާއާއި އަހަންނާ ބައްދަލު ނުކުރެވޭނޭ ގޮތް ހެދުމަކީ ދުނިޔޭގެ އެއްވެސް ބާރަކަށް ކުރެވޭނޭ ކަމެއް ނޫނެވެ. މަގުތައް ފުރި ބަންޑުންވާ ވަރަށް އުތުރިއަރަމުންދާ އިންސާނުންގެ ބައިގަނޑަކަށްވެސް އަހަރެން ނުހުއްޓުވޭނެއެވެ. ކޮންމެވެސް އެއް ދުވަހަކުން އޭނާ އަހަރެންގެ ކުރިމައްޗަށް އަރާނެއެވެ. ދިމާވާ ދުވަހަކީ ބޮޑު ދުވަހަކަށް ވާނެއެވެ. އެއް އަހަރާއި ދެމަސް ދުވަހުގެ ހުރިހައި ހިއްޗެއް ފިލުވައިލާނެއެވެ. އެތައް ސުވާލެއް ކުރާނެއެވެ. ފަރުޒާނާއެވެ. ކަލޭ އަހަންނަށް މަކަރު ހެދީ ކީއްވެގެން ހެއްޔެވެ؟ އެއް އަހަރާއި ދެ މަސް ދުވަހަށް ވިސްނައިލާށެވެ. އެ މުއްދަތުގެ ކޮންމެ ދުވަހަކު އަހަރެން އޭނާގެ އަތުގައި ހިފައިލާ ކޮންމެ ފަހަރަކު އަހަރެން ހިފީ ކަލޭގެ އަތުގައެވެ. އަހަރެން އޭނާޔާ ބައްދައިލާ ކޮންމެ ފަހަރަކު އަހަރެން އިހުސާސް ކުރަނީ ކަލޭގެ ނޭވާގެ ހޫނުކަމެވެ. އަހަރެން ފިރިހެނެއްގެ ގޮތުގައި އޭނާއަށް ދޭ ލޯތްބާއި، ކުރާ އިތުބާރާއި، ކުރާ ޚަރަދަކީ ހަމައެކަނި ކަލެއަށްޓަކައި ކުރާ ކަންކަމެވެ.
ޑައިރީގެ މި ސަފުހާ ލިޔަމުން ދާއިރު އަހަރެންގެ ކަންފަތުގައި ގުގުމަމުން މިދަނީ އޭނާގެ އަޑެވެ. އޭނާ އަހަންނާ ކުރާ ސުވާލެވެ. ފަރުޒާނާއެވެ. އަހަރެންގެ އެންމެ ސުވާލަކަށް ޖަވާބެއް ދީބަލާށެވެ. ގާޒީ ކީރިތި ޤުރްއާން ކިޔަވައި ސަލަވާތްކިޔަވައި ހެދުމަށް ފަހު އަހަރެންގެ ކާވެނި ރުޚްސާނާއާ ކޮށްދިންއިރު އެ ރުޚްސާނާއަކީ ކާކު ހެއްޔެވެ؟ އެ ނަމަކީ ނުބައި ކަމެއް ކަމުގައި ވަނީވިއްޔާ އަހަރެންގެ ކާވެނި ކުރެވުނު ހެއްޔެވެ؟ އަހަރެންގެ ކާވެނި ކުރެވުނީ ކަލޭގެ ލޯތްބާއެވެ. ކަލޭގެ އެދުމާއެވެ. ކާވެންޏަށް ފަހު އަހަރެން ރުޚްސާނާ ގޮވައިގެން ނުކުތީ ކީރިތި ޤުރްއާނުގެ ހިޔަލުގައެވެ. އަހަރެން ހުވައި ކޮށްފައި މި ބުނަނީއެވެ. އަހަރެން އެ ހުރިހައި ވަގުތެއް ހޭދަކުރީ ކަލެޔާ އެކީގައެވެ.
އަހަރެމެންގެ ކާވެނި ނުކުރެވެއޭ ބުނީ ކާކު ހެއްޔެވެ؟ ކަލެއަކީ އަހަރެންގެ އަނބިމީހާއެވެ.
ކީރިތި ޤުރްއާނުގެ ހިޔަލުގައި ދޮގު ހެދި މީހުންގެ ވާހަކަ ބާއްވާށެވެ. އަހަރެންގެ ވާހަކަ ދައްކާށެވެ. ލޯތްބަކީ އުޑެކެވެ. އެ އުޑުމަތީން ބާވައިލެއްވި ފޮތުގެ ހިޔަލުގައި މިއަދުވެސް ދުވަސްތައް ހޭދަކުރަމުން މި ގެންދަނީ ކަލެޔާ އެކީގައެވެ.
އަހަރެންގެ ލޯބިވާ އަނބިމީހާއެވެ. އަހަރެންގެ ހަޔާތުގެ ބައިވެރިޔާއެވެ. އަހަރެމެންގެ ދިރިއުޅުމުގެ އެއް އަހަރާއި ދެމަސް ދުވަހުގެ ހުރިހައި ކަމެއް ރަނގަޅަށް ހިސާބުކޮށް ބަލައިބަލާށެވެ. ކަލޭ މިހާރު މަޔަކަށް ވެއްޖެއެވެ."
ފަރުޒާނާ ސިއްސައިގެން ދިޔައީ މަންމަގެ އަޑަށެވެ. އޭނާ އެނބުރި ބަލައިލިއެވެ. މަންމަ ދޮރު މައްޗަށް އެހެރަގެން ސުވާލު ކުރަނީއެވެ. "ބަލަ... އަދިވެސް ނުނިދަންތަ؟"
"އާނ. އެއްޗެއް ލިޔެލީ. މިހާރު މި އުޅެނީ ނިދަން."
އޭނާ ޑައިރީ ލައްޕައިލުމަށް ފަހު މޭޒުގެ ވަތްގަނޑަށް ލައިފިއެވެ.
މަންމަ ކޮޓަރިތެރެއަށް ވަދެއްޖެއެވެ. "ހިތުގެ އުދާސް ހިތު ތެރޭގައި ފޮރުވިފައެއް ނޯންނާނެ. މޫނުމަތީން އޭގެ އަސަރު ފެންނާނެ."
ފަރުޒާނާ ގޮނޑިން ތެދުވެއްޖެއެވެ. މަންމަޔާ ދިމާއަށް އެއްފަހަރު ބަލައިލާފައި އިސް ދަށަށް ޖަހައިލިއެވެ. އެޔަށް ފަހު މަޑުމަޑުން ހިނގާފައި ގޮސް އެނދުގައި އޮށޯވެއްޖެއެވެ.
މަންމަ ބުންޏެވެ. "މިރޭ ތިޔަހެން ނިދާކަށް ދޫކޮށެއް ނުލާނަން. ހަމަޖެހިލައިގެން އޮވޭ. މިރޭ މަންމަ ދަރިފުޅު ނިންދަވާނަން."
އޭނާ ހިމޭނުން އޮތީއެވެ. މަންމަ ނިދާ ބޮކި ދިއްލާފައި ކޮޓަރީގެ މައި ބޮކި ނިއްވައިލިއެވެ. އެޔަށް ފަހު އެނދުގައި އިށީނދެ އޭނާގެ ބޮލުގައި ފިރުމާން ފަށައިފިއެވެ. ކޮޓަރި ތެރެއަށް އޮތީ އަނދިރިކަން ފެތުރިފައެވެ. އެހެންވީމާ ދެމައިންނަށް އެކަކު އަނެކެއްގެ މޫނު އެހައި ސާފުކޮށެއް ނުފެނެއެވެ. އޭނާ އޮތީ ލޯ ހުޅުވައިގެން އަނދިރީގެ ތެރެއަށް ނަޒަރު ހުއްޓާލައިގެންނެވެ. އޭނާގެ ހިތަށް އެރިއެވެ. ބާދްޝާވެސް މިހާރު އޮންނާނީ އަނދިރީގައި ބާވައެވެ؟ އެކަމަކު ބާދްޝާ އެކަންޏެއް ނުވާނެއެވެ. އޭނާ އަހައިލިއެވެ. "މަންމާ. މަންމައަށް އެންމެ ފަހުން ރުޚްސާނާ ފެނުނުއިރު އޭނާ އިނީ ބަލިވެތަ؟"
"އާނ.. ދަރިފުޅާ. މަންމައަށް ހީވާ ގޮތުގައި މިހާރު އޭނާ ވިހައިފާނެ. ދަރިފުޅު ތިޔަ ސުވާލު ކުރީ ކީއްވެގެން؟ ދަރިފުޅުގެ ސިކުނޑި ތިޔަ އެނބުރެނީ އޭނާގެ ވަށައިގެން ހޭލައި ހުރެގެންނާއި ނިދާފައި އޮވެގެން ތާއަބަދު ތިޔަ ވިސްނަނީ އޭނާޔާމެދު. އެހެން ނުހަދާ. އެކަހަލަ ފިކުރު ނުކުރޭ. ސިކުނޑިއަށް ލުޔެއް ދީ. އެހެން ދިމާއަށް ވިސްނުން އަނބުރައިލާ."
ވިސްނުން އެހެން ދިމާއަކަށް އަނބުރައިލެވޭތޯ އޭނާ މަސައްކަތް ކުރެއެވެ. އެކަމަކު އޭނާ ކުރާ މަސައްކަތުގައިވެސް އެކުލެވިފައި ވަނީ ބާދްޝާއެވެ. އޭނާ އަހައިލިއެވެ. "މަންމާ. ވިސްނުން އަނބުރައިލާނީ ކިހިނެއް؟ ފިކުރު ކޮށްކޮށް އަހަރެން ވަރުބަލިވެއްޖެ. އަހަންނަށް ހީވަނީ އޭނާޔާ ބައްދަލުވީމާ ހިތުގައި މި ހިނގާ ހުރިހައި ޝައްކަކާއި އުދާހެއް ފިލައިފާނެހެން."
"ދަރިފުޅާ. މަންމައަކީ ތަންދޮރު ނުދަންނަ މީހަކީމެއް ނޫން. ދަރިފުޅު ތިޔަ ބިރު ގަންނަނީ އޭނާ ދަރިފުޅަށް ގެއްލުމެއް ކޮށްފާނެތީއެއް ނޫން. ދަރިފުޅު ތިޔަ ބިރުގަންނަނީ އޭނާޔާ ދެން ބައްދަލު ވެއްޖެއްޔާ ދުރަށް ނުދެވިދާނެތީ. އޭނާގެ ކުރިމަތީގައި ބަލިކަށިވެދާނެތީ ދަރިފުޅު މާ ބޮޑަށް ބިރުގަންނަނީ. އެއީ މާ ރަނގަޅު ގޮތަކަށް ނުވާނެކަން މަންމައަށްވެސް އެނގޭ."
"މަންމާ. އަހަރެން ދެން ހަދާނީ ކިހިނެއް؟"
"ނިދާ... ދަރިފުޅާ."
އޭނާ ފުން ނޭވައެއް ލިއެވެ. އަވަހަކަށް ނިންޖެއް ނާންނާނޭކަން އެ ނޭވައިންވެސް އެނގެއެވެ. މަންމަ ބުންޏެވެ. "ދަރިފުޅާ. ﷲ ގެ ކަލާމުފުޅުގައި ވަރަށް ބާރު ހުރޭ. ޤުރްއާނުން ހަނދާނުގައި ހުރި އާޔަތްތައް ކިޔަވައިލާ. ރޭގަނޑު ނިދުމުގެ ކުރިން ޤުރްއާނުގެ ހައެއް އާޔަތްނަމަވެސް ކިޔަވައިލާތި. މިހާރު ލޯމަރައިލާ. ސިކުނޑީގައި އޮތް ބުރައެއް ވިއްޔާ ފިލުވައިލާން މަސައްކަތް ކުރޭ. ގައިން ވާގި ދޫކޮށްލައި ހަމަޖެހިލާ. ހިތުގެ އަޑިން ﷲ އަށް ދަންނަވާ. ހިތުގެ އަޑިން ކުރާ ދުޢާ ﷲ އިޖާބަކުރައްވާނެ."
ފަރުޒާނާއަށް ވަށައިގެން ފެންނަނީ ރޭގަނޑުގެ ކަނުއަނދިރިކަމެވެ. އޭނާ ލޯމަރައިލުމަށް ފަހު އޭނާ ހައްދަވައި ބޮޑުކުރެއްވި ﷲ އަށް ދަންނަވާން ފަށައިފިއެވެ.
"ޔާ ﷲ. މިއަޅާއަށް ނިދޭނޭ ގޮތް ހައްދަވައި ދެއްވައިފާނދޭވެ. މިއަޅާ ބޭނުންވަނީ ހަމައެކަނި ލޯމަރައިލާކަށް ނޫނެވެ. ހަށިގަނޑަށް ނިދީގެ އަސަރު ވެރިވުމެއް ނޫނެވެ. މިއަޅާ ބޭނުންވަނީ މި އަޅާގެ ލޯބިވެސް ނިދާނޭގޮތް ވާށެވެ. އަދި އެ ލޯބި ދުވަހަކުވެސް ނިދިން ހޭލާގޮތް ނުވުމެވެ.
ޔާ ﷲ. އިބަކަލާނގެއަކީ ޒުލައިޚާގެ މުސްކުޅި އުމުރުގައިވެސް އެކަމަނާގެ ދުޢާ އިޖާބަކުރެއްވި ކަލާނގެއެވެ. އެކަމަނާއަށް ޒުވާންކަން އިއާދަކޮށް ދެއްވިއެވެ. މިއަދު މި އަޅާގެ ދުޢާވެސް އިޖާބަ ކުރައްވައިފާނދޭވެ. މިއަޅާއަށް މުސްކުޅިކަން ދެއްވައިފާނދޭވެ. ޒުވާންކަން ނެތިއްޖެނަމަ މިހާރު މިއަޅާއަށް ކުރިމަތިވެފައިވާ މައްސަލަތަކެއްވެސް ނުހުންނާނެއެވެ. އަރާމުގައި ނިދޭގޮތް ވާނެއެވެ.
ޔާ ﷲ. އޭނާގެ ހަނދާންތައް ހިތުން ނެރެ އެއްލައިލެވޭތޯ މި އަޅާ އެތައް މަސައްކަތެއް ކުރަމެވެ. ހަނދާނުގެ ޓަކި ޖެހުމާއެކުވެސް ހިތުގެ ދޮރެއް ނުހުޅުވަމެވެ. އޭނާގެ ކަމެއް ހަނދާނަށް އަތުވެއްޖެނަމަ ހަނދާނުން އެކަމެއް ފޮހެލަމެވެ. އޭނާއަށްޓަކައި ޚިޔާލުގެ ފިޔަ ހުޅުވައެއް ނުލަމެވެ. މިއަޅާގެ ސިކުނޑިއާއި ޝުއޫރުތަކުގެ މައްޗަށް ބާރު ފޯރުވޭތޯ މަސައްކަތް ކުރަމެވެ. އެކަމަކު ކުރާނީ ކީއްތޯއެވެ؟ އޭނާއަށް އެހެން މަގެއް ނުފެނިއްޖެނަމަ މި އަޅާގެ ދުޢާގެ ތެރެއަށްވެސް ވަދެގަންނަނީއެވެ. ސުކޫނާއެކު މިއަޅާ ދުޢާއެއްވެސް ކުރާނީ ކިހިނެއްތޯއެވެ؟"
* * *
ބާދްޝާ ޖާނީ ހުރީ ހަށަންބަނދެގެން ފާރަށް ލެނގިލައިގެންނެވެ. ކުރިމަތީގައި ހުރި އެނދުގައި އޮށޯވެގެން އޮތް ރުޚްސާނާއާ ދިމާއަށް ބަލަހައްޓައިގެންނެވެ. ރުޚްސާނާ އޭނާގެ ދަރިފުޅާއެކު އެނދުގައި އޮށޯވެގެން އޮވެ އޭނާގެ ދާސްތާން ބާދްޝާއަށް ކިޔައިދެނީއެވެ. އެ ދާސްތާނުގެ ފެށުމަކީ ބާދްޝާ ޖާނީއާއި ފަރުޒާނާއެވެ. އެކަމަކު ނިމުމުގެ ކުރީން ވަކި ހިސާބެއްގައި ވާހަކަ ހުއްޓުނީއެވެ. ބާދްޝާ ޖާނީއަކަށް ފަރުޒާނާއެއް ނުލިބުނެވެ. ފަރުޒާނާއަކަށް ސުކޫނެއް ނުލިބުނެވެ. ރުޚްސާނާގެ އަތުން ފިރިމީހާގެ ލޯބި ބީވެގެން ދަނީއެވެ.
(ނުނިމޭ)
V reethi
Yes avahah up kohdheeba