އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުުމުގެ މަސައްކަތް ދަނީ ކުރަމުން: ޠާލިބާން

ޠާލިބާނުން ކާމިޔާބު ހޯދައިފި، ގައުމު ދޫކޮށް އައީ ލޭ އޮހޮވުމުކަށް ފުރުސަތު ނުދޭން: އަޝްރަފް ޣަނީ

ޠާލިބާންގެ ބައެއް ލީޑަރުން އަފްޣާނިސްތާނުގެ ރިޔާސީ ގަނޑުވަރުތެރޭގައި

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލް އެ ޖަމާއަތުގެ ބާރުގެ ދަަށަށް ގެނައުމަށް ފަހު، ޠާލިބާން ޖަމާއަތުން ވަނީ ބައިނަލްއަގުވާމީ މުޖުތަމައަށާއި އަފްޣާނިސްތާނުގެ ރައްޔިތުންނަށް ކަންބޮޑުނުވުމަށް އިލްތިމާސްކޮށްފައެެވެ. އަދި އެއްބައިވަންތަަަކަމުގެ ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާކަމުގެ ޔަގީންކަން ދީފައެވެ.

އެމެރިކާއާއި ނޭޓޯގެ ސިފައިން އަރައި ޠާލިބާންނުންގެ ވެރިކަން ވައްޓާލައި، އެޖަމާއަތް ކާބުލްއިން ފައްސާލިތާ 20 އަހަރު ފަހުން އެޖަމާއަތުން އިއްޔެ ކާބުލްއަށް އަރައި ސަރުކާރު އިމާރާތްތައް އެޖަމާއަތުގެ ބާރުގެ ދަށަށް ގެނެސްފައެވެ. ރައީސު އަޝްރަފް ޣަނީ ގައުމު ދޫކުރައްވައި ފިއްލަވާފައިވާއިރު، ޠާލިބާން ހަނގުރާވެރިން ވަނީ ރިޔާސީ ގަނޑުވަރުވެސް ހިފާފައެވެ. އިއްޔެ ކާބުލްއަށް ޠާލިބާނުން ވަނީ ދެ ހަފުތާއެއްހާ ދުވަހުގެ ތެެރޭގައި އަފްޣާނިސްތާނުގެ 36 ޕްރޮވިންސުގެ ތެރެއިން 26 ޕްރޮވިންސު ހިފުމަށް ފަހުގައެވެ.

ގައުމުން ބޭރަށް ވަޑައިގަތުމަށް ފަހު ފޭސްބުކް މެދުވެރިކުރައްވައި ދެއްވި ބަޔާނެއްގައި ރައީސު އަޝްރަފް ޣަނީ ވިދާޅުވީ އޭނާ ގައުމު ދޫކުރައްވައި ވަޑައިގަތީ އިތުރު ލޭ އޮހޮރުުވުމަށް ފުުރުސަތު ނުދެއްވުމަށެވެ.

"ޠާލިބާނުން ކާމިޔާބު ހޯދީ އެމީހުންގެ ކަނޑިއާއި ބަޑީގެ ބާރުން. ގައުމުގެ ރައްޔިތުންގެ ޝަރަފާއި، މިލްކިއްޔާތާއި، އަމިއްލަވަންތަކަން ދެމެހެއްޓުމަކީ މިހާރު އެމީހުންގެ މަސްއޫލިއްޔަތެއް." ޣަނީ ވިދާޅުވެފައި ވެއެވެ.

ރައީސު ޣަނީގެ ބޮޑީގާޑާ ހަވާލާދީ ބައެއް ޚަބަރުތައް ބުނާ ގޮތުގައި އޭނާއާއި އަނބިކަނބަލުންނާއި، ރައީސު އޮފީހުގެ ޑިރެކްޓަރާއި، ރައީސުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވަައިޒަރާއެކު ވަޑައިގަތީ އުޒްބަކިސްތާނުގެ ވެރިރަށް ތާޝްގަންދަށެވެ. އެހެންނަމަވެސް އުޒްބަކިސްތާނުން ވަނީ އެކަން ދޮގުކޮށްފައެވެ.

އަޝްރަފު ޣަނީ ހުންނެވި ތަނެއް އޭނާ ހާމަކުރައްވާފައި ނުވާއިރުު، އަނަޑޯލޫ ނިއުސް އެޖެންސީން ބުނެފައި ވަނީ އޭނާ ހުންނެވީ އޮމާން (ޢުމާން) ގައި ކަމުގައެވެ.

ޠާލިބާން ޖަމާއަތުން އަފްޣާނިސްތާނުގައި 'އިސްލާމިކް އެމިރެޓް އޮފް އަފްޣާނިސްތާން' އަނެއްކާވެސް ގާއިމުކުރަން އުޅޭ ވާހަކަ އެޖަމާއަތުގެ ބައެެއް މަސްއޫލުވެރިންނާ ހަވާލާދީ އެސޯޝިއޭޓެޑް ޕްރެސްއިން ބުނި ނަމަވެސް، ޕާކިސްތާނުގައި ހުންނެވި އެ ޖަމާއަތުގެ ކުރީގެ ސަފީރު ޢަބްދުއްސަލާމް ޟަޢީފު ވިދާޅުވީ ޠާލިބާނުން މިވަގުތު އެންމެ އިސްކަން ދެނީ ކާބުލްގެ އަމާންކަމާއި ހަމަޖެހުން ދެމެހެއްޓުމަށް ކަމަށެވެ.

"ޠާލިބާނުން ބޭނުންވަނީ އަފްޣާން ރައްޔިތުން ތަފާތު ފަަރާތްތައް ބައިވެރިވާ ސަރުކާރެއް އުފައްދަން.  އެންމެ ފަހުގެ ނިންމުން ނިންމާނީ ޠާލިބާންގެ ޕޮލިޓިކަލް ބިއުރޯއިން." އެ ޖަމާއަތުގެ މަރުކަޒީ ސަލާމަތީ މަޖިލީހުގެ އިސްވެރިޔާ މުއްލާ ޤާރީ ޞަލާޙުއްދީން އިއްޔެ ވިދާޅުވެފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.