ފަޅިމޫނު - 116

(7 އޯގަސްޓް 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

މައިދައިތަ ވަރަށް ބޮޑަށް އުފާވެއްޖެއެވެ. "ދަރިފުޅު ހާދަހާ ރަނގަޅޭ. މަންމައަށް ތިޔަ ކުރާ އިހުތިރާމާއި ގަދަރު ހާދަހާ ބޮޑޭ."

މައިދައިތަ އޭނާގެ އަތުގައި ހިފައިގެން ކާރާ ހަމައަށް އަތުވެއްޖެއެވެ. އޭނާ ކާރުގެ ކުރީ ދޮރު ހުޅުވައިލާފައި މައިދައިތަ އަރުވައިފިއެވެ. އެޔަށް ފަހު ގޮސް ކުރިއަށް އަރައިފިއެވެ. ކާރު ދުއްވާލައިފިއެވެ. ދުއްވަމުން ދިޔައީ ތަންކޮޅެއް މަޑުންނެވެ. އޭނާ ބޭބުން ވަނީ ދާން އުޅޭ ތަނަށް ދެވުމުގެ ކުރިން މައިދައިތަގެ ބޮލުގައި ހަރުލާފައިވާ މަސްކޮޅު ނުވެއްޓޭގޮތް ހަދާށެވެ.

މައިދައިތަ އަހައިލިއެވެ. "ތިޔަހައި މަޑުން ކާރު ދުއްވަނީ ކީއްވެގެން؟"

"އަހަރެން ބޭނުން ވަނީ އިތުރު ތުރާލެއް މެދުވެރި ނުވާނޭ ގޮތަށް މަންމަ ޑަކްޓަރަކާ ހަމައަށް ގެންދަން. ބާރަށް ދުއްވީމާ ވަޅުގަނޑުގަނޑަށް ޖަހާ ކޮންމެ ފަހަރަކު މަންމައަށް ތަދުވާ ގޮތް ވާނެ."

މައިދައިތަ ހިނިތުންވެލުމަށް ފަހު ހެޔޮ ދުއާ ކުރާން ފަށައިފިއެވެ. "އަހަރެންގެ ދަރިއަކީ ޑަކްޓަރެއް. އޭނާ ރަށުގައި ހުރިނަމަ ގޭގައި ބޭސް ކުރެވުނީސް. މިވަގުތު ދަރިފުޅު އުޅޭނޭ ހާލު ދެނެވޮޑިގެންވަނީ ﷲ. އޭނާ ހެޔޮ ހާލުގައި ލަހައްޓަވާށި."

ބާދްޝާ އަހައިލިއެވެ. "ރުޚްސާނާ ދިޔަ ފަހުން މިހާރު މިވީ ތިން ދުވަސް. ސިޓީއެއް ލިބޭވަރު ވާނީ ކިތައް ދުވަހުންތަ؟"

މައިދައިތަ ކުޑަކޮށް ވިސްނައިލިއެވެ. "ގިނަ ވެގެން ހަފުތާއެއްހައި ދުވަހުން ލިބެން ވާނެ."

"އޭނާ ދިޔައީމާ މަންމަ ތިޔަ ހުންނަނީ އަހަރެން މަގުން ކައްސައިލަފާނެތީ ކަންބޮޑު ވެފައި ދޯ؟"

މައިދައިތަ ދިޔައީ ސިއްސައިގެންނެވެ. "ނޫނޭ. ތިޔައީ މަންމަ ވިސްނާ ކަމެއް ނޫން. ތިޔަހެން ބުނީ ކީއްވެގެން؟"

"ހަމަ ބުނެލީ. ލޮލުގެ ކުރިމަތީގައި ކަމެއް ހިނގީމާ... ކަމެއް ތަޖުރިބާ ކުރެވުނީމާ މި ކަހަލަ ސުވާލުވެސް ކުރެވޭނެ."

"ތިޔަ ކިޔާ އެއްޗެއް ނޭނގުނު. ކޮން ތަޖުރިބާއެއް. ކޯނޗެއެް ފެނުނީ؟"

"އަހަރެންގެ އެކުވެރިއެއްގެ މައިދައިތަ ހުންނަނީ އަބަދު އޭނާއަށް ސިހުރު ހަދަހަދައި."

"ދަރިފުޅު މަންމައަށް ޝައްކު ކުރަނީތަ؟"

"އެއްގޮތަކަށްވެސް ޝައްކެއް ނުކުރަން. އިރު އަރަނީ އިރުމަތީ ފަރާތުން. އެއީ މީހަކު ޝައްކު ކުރާ ކަހަލަ ކަމެއްތަ؟"

މައިދައިތަ ކުރިއަށް ބަލައިލިއެވެ. "ތިޔަ ދަނީ ކޮން ތަނަކަށް؟ އަހަރެން ގޮވައިގެން ތިޔަ ދަނީ ކޮން ޑަކްޓަރެއްގެ ގާތަށް؟"

"އެއީ ތަންކޮޅެއް ދުރު ހިސާބެއްގައި ހުންނަ ޑަކްޓަރެއް. އަހަރެން ދަންނަ މީހެއް. ވަރަށް ރަނގަޅު މީހެއް. ވަރަށް އަގު ހެޔޮކޮށް ބޭސް ކޮށްދޭވެސް މީހެއް."

މައިދައިތަގެ ހިތް ހަމަ ޖެހިއްޖެއެވެ. އިރުކޮޅެއް ވާންދެން ބޭރަށް ބަލަން އިނދެފައި ކުއްލިއަކަށް ބުނެފިއެވެ. "ދެންމެ އަހަންނަށް ޝައްކު ކުރީމެއްނު؟"

"އެއީ އެވަރުގެ ކަމެއް ނޫން. އެކަކު އަނެކަކަށް ޝައްކު ކުރުމަކީ އާދައިގެ ކަމެއް. ފަހުން އެ ޝައްކު ފިލައިދޭ. އަހަރެންގެ ޝައްކުވެސް ފިލައިފި."

"ނިކަން ސާފުކޮށް ބުނެބަލަ. އަހަންނާމެދު ދެކެނީ ކިހިނެއްތަ؟"

އޭނާ ވާހަކައިގެ މިސްރާބު ބަދަލު ކޮށްލިއެވެ. "ކާމީ ކިހިނެއް؟"

"ރަނގަޅު. ތިޔައީ ކޮން ކަހަލަ ބައްޕައެއް. މިއަދު ހަތަރުދަން މި ދަނީ އެކުއްޖާފުޅު ދެކިވެސްނުލައި."

"އަވަދިނެތި އުޅެން ޖެހުނީމާ ނުދެވުނީ. ދާނަން."

"މަންމަ ޑަކްޓަރަށް ދައްކައި ނިމިގެން ގެއަށް ހިނގާ. އެ ސޮރު ދެކިލަން ވާނެއެއްނު؟"

"އާނ. ދާނަން."

ވާހަކައިގައި ހިފަހައްޓައިލުމަށް ފަހު މަޑުމަޑުން ގޮސް ކާރު މަޑުކޮށްލީ ފަންޑިތަވެރިޔާގެ ގޭ ދޮށަށެވެ. ކާރުން ފައިބައިގެން ގޮސް އަނެއް ދޮރު ހުޅުވުމަށް ފަހު އޭނާ ބުނެލިއެވެ. "ފައިބާ."

މައިދައިތަ ކާރުން ފޭބުމަށް ފަހު ވަށައިގެން ހޯދައި ބަލައިލިއެވެ. "މިއީ ކޮން ތަނެއް؟ މިއީ ކޮން ގެއެއް؟"

ކުއްލިއަކަށް އޭނާގެ ލޮލުގައި އަޅައިގަތީ އެ ގޭ ދޮރުމަތީގައި އޮތް ނަންބޯޑެވެ. "މިއީ ފަންޑިތަވެރިއެއްގެ ގެއެއްނު؟"

"އާނ. އޭނާ ކިޔަވައި މަތުރައި ފުމެ ހަދައިގެން މަންމަގެ ރިހުން ކަނޑުވައިލާނެ. ހިނގާ."

ބާދްޝާ މައިދައިތަގެ އަތުގައި ހިފައިގެން ދަމައިފައި ކަހަލަ ގޮތަކަށް ގޮސް ދޮރުމައްޗަށް ހުއްޓިއްޖެއެވެ.

"ކާކު؟" އެތެރެއިން އިވުނީ ފަންޑިތަވެރިޔާގެ އަޑެވެ. "މިގޭ ދޮށަށް އެ އައީ ކޮން ކާރެއް؟"

ފަންޑިތަވެރިޔާގެ އެހީތެރިޔާ ކުޑަދޮރުން ބޯދީ ބޭރު ބަލައިލިއެވެ. "އެއްކަލަ ހަތް ސަތޭކަ ރުފިޔާ ދިން މީހާ."

"ކަލޭ ބަކަރި މެޔާއި ބޯ ގެންފިންތަ؟"

"ގެންފިން. އަނެއް ކޮޓަރީގައި ހުންނާނެ."

"ދޮރު ހުޅުވައިލާފައި ގޮސް އެ އެއްޗެހި ހިފައިގެން އާދޭ."

އެމީހާ ގޮސް ދޮރު ހުޅުވައިލައިފިއެވެ. ބާދްޝާ އޭނާގެ މައިދައިތަގެ އަތުގައި ހިފައިގެން އެތެރެއަށް ވަދެގެން ހިނގައިގަތީމާ މައިދައިތަ އަހައިލިއެވެ. "ތިޔަހެން އަހަރެން ދަމާފައި ގެންދަނީ ކީއްވެގެން؟"

އެ ސުވާލަށް ސަމާލުކަމެއް ނުދީ ބާދްޝާ ފަންޑިތަވެރިޔާއާ ދިމާއަށް ބުންޏެވެ. "ބޭބޭ. ބޭބެ ހެދީ ވަރަށް މޮޅު ފަންޑިތައެއް. ވަގު ހިފިއްޖެ. އަހަރެން ހީކޮށްގެން ހުރީ އަހަންނަށް ސިހުރު ހެދީ އަހަރެންގެ ލޯބިވެރިޔާ ކަމަށް. އެކަމަކު ސިހުރު ހެދި މީހާ މިހިރީ. ނިކަން ބަލާބަލަ. ބޮލުގައި މިހާރުވެސް އެހެރީ ބޭބެ ރަށު ތެރެއަށް އުކި މަހުން އެތިކޮޅެއް."

ފަންޑިތަވެރިޔާ ހައިރާން ވެފައި މައިދައިތަގެ ބޮލަށް ބަލައިލިއެވެ. އޭނާގެ ބޮލުގައި މަސްކޮޅެއް ހަރުލާފައި އެބަހުއްޓެވެ. ކަންތައް މިވީއަކީ އޭނާ ހީކުރި ގޮތަކަށް ނޫނެވެ. ބާދްޝާ ދިން ހަތް ސަތޭކަ ރުފިޔާ އޭނާގެ ޖީބުގައި އަދިވެސް އެބައޮތެވެ. ބަކަރިއެއްގެ މެޔާއި ބޯ ގަންނަން އޭނާ ޚަރަދު ކުރީ އެންމެ ވިހި ރުފިޔާއެވެ. އެއީ ބާދްޝާ އެނބުރި އައީމާ ބަކަރިއެއް ގަތް ކަމުގެ ހެކި ދައްކާން ވެގެންނެވެ. އެކަމަކު ހެކި ހިފައިގެން މި އައީ ޚުދު ބާދްޝާއެވެ.

ބާދްޝާގެ ވާހަކަ އިވުނީމާ މައިދައިތަ ބޮލުގައި އަތް ޖައްސައިލިއެވެ. އެއީ ތެދެކެވެ. ބޮލުގައި މަސްކޮޅެއް އެބައޮތެވެ. އޭނާ ބާދްޝާގެ އަތުގައި ހިފައި ދަމައިގެންފައި ބުންޏެވެ. "މިއީ ބަހުގައި ދިމާވީ ހާދީސާގެ ތެރެއިން އަހަރެން ބޮލުގައި ހަރުލީ މަސްކޮޅެއް. އެތަނުން އަންހެނަކު ގެންގުޅުނު މަސް ޓުކުރިއެއް އަހަރެންގެ ބޮލަށް ވެއްޓުނީ."

އެވާހަކަ އިވުމާއެކު ފަންޑިތަވެރިޔާ ޗާލާކު ގޮތަކަށް ހީނގެންފިއެވެ. "މަކަރުވެރި ސިހުރުވެރިޔާ. ކަލޭގެ ތިޔަ ބަހަނާއަކުން މިހާރަކު ކުރާނޭ ކަމެއް ނެތް. އަހަރެން މިއީ އާދައިގެ ފަންޑިތަވެރިޔަކީމެއް ނޫން. އަހަރެންގެ ކިޔެވެލީގައި ކަލޭ ތިޔަހަރީ ރަނގަޅަށް ޖެހިފައި."

ބާދްޝާ ޖީބުން ކުޑަކުޑަ ދަޅެއް ނަގައިފިއެވެ. އެ ދަޅުން އިސްތަށްޓެއް ނަގައި ފަންޑިތަވެރިޔާގެ އަތަށް ދީފިއެވެ. "މިއީ މީނާގެ އިސްތަށްޓެއް ނޫންތޯ މީނާ ކުރެން ނިކަން އަހާބަލަ."

ފަންޑިތަވެރިޔާ ބޯ ޖަހައިލިއެވެ. "އެއްވެސް ޝައްކެއް ނެތް. ތިޔައީ އޭނާގެ އިސްތަށްޓެއް. އޭނާ އެއްބަސްވެސް ވާނެ."

މައިދައިތަ ކަންބޮޑުވެފައި އެ އިސްތަށްޓާ ދިމާއަށް ބަލައިލިއެވެ. އެ ސިއްރު ބޭޒާރު ވެދާނެއެކޭ އޭނާގެ ހިތަކަށް ފަހަރެއްގައިވެސް ނާރައެވެ. އޭނާ އިންކާރު ކުރުމުގެ ގޮތުން ބޯ ހޫރައިލިއެވެ. "ތިޔައީ އަހަރެންގެ އިސްތަށްޓެއް ނޫން. އަހަރެންގެ ދަނބިދަރިއަށް އިސްތަށި ދޭންވީ ކީއްވެގެން؟"

"އެއީ އޭނާއަށް ސިހުރު ހަދަން ވެގެން."

ބާދްޝާ ބުންޏެވެ. "އާނ. އެއީ އަހަންނަށް ހަދާފައި އޮތް ސިހުރެއް. ކަލޭގެ ދަރިފުޅު ރަށުގައި ނެތީސް އަހަރެން އެހެން އަންހެނެއްގެ ގާތަށް ހިނގައިދާނެތީ ހަދާފައި އޮތް ސިހުރެއް."

މައިދައިތަ ލޯތްބާއެކު ބުނެލިއެވެ. "ތިޔައީ އަހަރެންގެ ދަރިއެއް. އަހަރެންގެ ދަރިއަކަށް ސިހުރު ހަދަންވީ ކީއްކުރަން؟"

"މީގެ ފަހުން އަހަންނާ ދިމާއަށް ދަރިފުޅާއޭ ކިޔައިގެން ނުވާނެ. އެންމެ ފުރަތަމަ އިސްތަށި އެންދި ރޭވެސް ކަލޭ ވަގުތުން އަތުވެއްޖެ. އެރޭވެސް އަހަންނަކަށް ނުވިސްނުނު. އެކަމަކު ދެން އަހަރެން މޮޔައެއް ނުހެއްދޭނެ."

ފަންޑިތަވެރިޔާ ބުންޏެވެ. "މީނާ ތިޔަހެންނެއް އެއްބަހެއް ނުވާނެ. އަހަރެންގެ އެހީތެރިޔާ މިހާރު މީނާ ބަނދެފައި މިތާ ބިންމަތީގައި ބައިންދާނެ. ދެން މިރުސްދުން އަޅާނީ. މިރުސް ދުން އެތެރެހަށްޓައް ދިޔައީމާ މީނާގެ ހަށިގަނޑުގައި ފިލައި އޮތް ޖިންނި ނުކުމެ ހުރިހައި ވާހަކައެއް ކިޔައިދޭނެ."

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.