ފަޅިމޫނު - 109

(11 ޖުލައި 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ފަންޑިތަވެރިޔާ އޭނާގެ ރަތް ދެލޯ ބާދްޝާއަށް އަމާޒުކޮށްލިއެވެ. ބޮޑުވަމުން އަންނަ ބަނޑު ފޫޅުމަޔަކަށް ސިއްރު ނުކުރެެވޭ ފަދައިން އަމަލުވުމުގެ ތެރޭގައި އުޅޭ މީހަކަށް އެފަދަ އެހެން މީހަކަށް ހެދޭނޭ މަކަރެއް ނޯންނާނެއެވެ. އޭނާ އެ އިނީ ހިކި އެއްޗެއް ބޮއިގެންކަން ފުރަތަމަ ނަޒަރުންވެސް ބާދްޝާއަށް އެނގިއްޖެއެވެ.

"ބުނޭ ކަލޯ. ކިހިނެއްވީ؟"

"އަހަރެން މީހަކު ހޯދާތާ މިހާރު އެތައް އަހަރެއް ވެއްޖެ. އެއްގޮތަކަށްވެސް އެމީހާއެއް ނުފެނުނު."

"މަރުވެއްޖެއްޔާ ނުފެންނާނެ. ދިރިހުރިއްޔާ ފެންނާނެ."

"ދިރިއެބަހުރި. އެކަމަކު ވީ ތަނެއް ނޭނގޭ."

"ވީތަނެއް ނޭނގޭ މީހާ ކަލޭ ހުރި ތަނަކަށް އަންނާނެ."

"އަންނާނީ ކޮން އިރަކު؟"

"ބަކަރިއެއް އައީމާ. ބަކަރިއެއް ގެނައީމާ އެ ބަކަރި ކަތިލައިގެން މަސް ކޮށައިގެން އަހަރެން އެޔަށް ކިޔަވާނަން. އެ މަސް ގެންގޮސް ޖެހޭނީ މި ރަށުގެ އެކި ތަންތަނަށް އުކައިލާން. އެކަމަކު..."

"އެކަމަކު ކިހިނެއްވީ؟" ބާދްޝާ ކަންބޮޑުވެފައި އަހައިލިއެވެ.

"ބަކަރި ގަންނާނީ އަހަރެން ފޮނުވާ މީހެއް. ކަތިލާނީވެސް އޭނާ. މަސް ގެންގޮސް އެކި ތަންތަނަށް އުކާނީވެސް އޭނާ. ބަކަރީގެ އަގު އޭނާޔާ ހަވާލުކޮށްލާ."

އެ ކޮޓަރީގެ އެއް ކަނެއްގައި އިށީނދެގެން އިން މީހަކު ތެދުވެގެން އައިސް ބާދްޝާގެ ކަންފަތްދޮށުގައި ބުނެފިއެވެ. "ފަލަ ބަކަރިއެއް ލިބޭނީ ހަތް ސަތޭކަ ރުފިޔާއަށް. އަނަރޫފަ ބަކަރިއެއް ތިން ސަތޭކަ ރުފިޔާއަށް ލިބިދާނެ. ބަކަރީގެ މަސް ގިނަވީ ވަރަކަށް ގިނަ ތަންތަނަށް އުކައިލެވޭނެ."

ބާދްޝާ ޖީބުން ސަތޭކައިގެ ހަތް ނޫޓު ނަގައި އެމީހާގެ އަތަށް ދީފިއެވެ. "މިކަހަލަ ބޮޑު ރަށެއްގައި އުޅުމުގެ ގެއްލުމަކީ މިއީ. ކުޑަކުޑަ ރަށެއްގައި އުޅޭނަމަ ކުކުޅަކުން ފަރުޖައްސައިލެވުނީހެއްނު؟"

މިހެން ބުނެފައި އަނެއްކާވެސް ފަންޑިތަވެރިޔާއާ ސުވާލުކޮށްލިއެވެ. "އޭނާ އަމިއްލައަށް އަހަރެންގެ ގާތަށް އަންނާނެތަ؟"

"އާނ. އަމިއްލައަށް އަންނާނެ. އެކަމަކު..."

"އަނެއްކާވެސް އެކަމަކު..."

"ކަލޭ ތިޔަ ހިތާވެގެން އުޅޭ މީހާގެ އެއްވެސް އެއްޗެއް ކަލޭގެ އަތުގައި އެބައޮތްތަ؟ މިސާލަކަށް ރުމާލެއް، އަނގޮޓިއެއް..."

"ނޫން. އަހަރެންގެ އަތަކު ތިޔަ ކަހަލަ އެއްވެސް އެއްޗެއް ނެތް."

މުސައްވިރު ބުނެލިއެވެ. "ވެރިޔާ. ކީކޭ ތިޔަ ކިޔަނީ؟ ބަލަ އޭނާގެ އިސްތަށި އެބަހުއްޓެއްނު؟" ދެން އޭނާ ވާހަކަ ދެއްކީ ފަންޑިތަވެރިޔާއާއެވެ. "އިއްޔެ އަޅުގަނޑު ނަންގަތީމެއް ނޫންތޯ؟ ލޯބިވެރިޔާ ފިލުމުގެ ކުރިން ދެތިން އިސްތަށި ވެރިޔާގެ އަތްމައްޗަށް ދޫކޮށްލި."

ފަންޑިތަވެރިޔާ ބާދްޝާއާ ދިމާއަށް ކަޅި އަޅައިލިއެވެ. "ހޫނ... އެނގިއްޖެ. ވިސްނިއްޖެ. ޔަގީން ވެއްޖެ. ކަލެއަށް ތިޔަހަރީ ސިހުރު ހަދާފައި. އަހަރެން އެ ސިހުރު އޭނާޔާ ދިމާއަށް އަނބުރައިލާނަން. އެކަމަކު..."

"އަނެއްކާ..."

"އެ އިސްތަށި މަގޭ އަތަށް ގެނޭ. ފުރަތަމަ ބަކަރި މަސް އުކާނީ. އޭގެ ފަހުން އިސްތަށްޓައް ކިޔަވާފައި ވަޔަށް ދޫކޮށްލާނީ. އޭނާ އުދުހިފައި ކަލޭގެ ގާތަށް އަންނާނެ."

ބާދްޝާ ޖީބުން އެއްކަލަ ކުޑަކުޑަ ފޮށި ނަގައިފިއެވެ. "އެއް އިސްތަށިން ވާނެތަ؟ މީގައި ދެތިން އިސްތަށި އެބައޮތް. ރޭ އަހަރެމެން އެއް އިސްތަށި އަންދާލައިފިން. އެއް އިސްތަށި ދިނީމާ ބާކީ ދޭތި ތިނެތި އޮންނާނެ."

"އެންމެ ރަނގަޅު. އެއް އިސްތަށި ގެނޭ."

ބާދްޝާ ވަރަށް ފަރުވާތެރިކަމާއެކު އެއް އިސްތަށި ނަގައި ފަންޑިތަވެރިޔާގެ އަތަށް ދީފިއެވެ. "އޭނާ މިއަދު އަހަރެންގެ ގާތަށް އަންނާނެތަ؟"

"ފަހަރެއްގައި މިއަދުވެސް އަތުވެދާނެ. މިހައި ބޮޑު ރަށެއްގެ ހުރިހައި ހިސާބަކަށް ބަކަރި މަސް އެއްރެއިން އުކުމަކީ ކުރެވޭނޭ ކަމެއް ނޫން. އޭނާ އުޅޭހެން ކަލެއަށް ހީވާ ސަރަހައްދެއް އޮތިއްޔާ ބުނޭ. އޭރުން އެންމެ ފުރަތަމަ މަސް އުކާނީ އެ ސަރަހައްދަށް."

"އެންމެ ފުރަތަމަ އުޅުނީ ޢައްބާސީ ޝަހީދު ހަސްފަތާލުގެ ކައިރީގައި ނިޒާމްއާބާދުގައި. އެތަނުން ކޮންމެވެސް އެހެން ތަނަކަށް ހިނގައްޖެ. އެއް ދުވަހަކު އޯރަންގީ އެއް ނަންބަރުން ފެނުނު. އެކަމަކު..."

"ލޯބިވެރިޔާގެ އެއް އިސްތަށި ގޭގެ މައިދޮރުގެ ކޮންމެވެސް ތަނެއްގައި އައްސާފައި ބާއްވާ. އޭނާ ތެޅެމުން ފޮޅެމުން ނިކަމެތި ހާލެއްގައި އައިސް ކަލޭގެ ފައިބުޑަށް ވެއްޓިގަންނާނެ."

ކުޑައިރުކޮޅަކު ފަންޑިތަވެރިޔާގެ އިރުޝާދުތައް އަޑުއަހާން ތިބެފައި ދެމީހުން އެތަނުން ނުކުމެއްޖެއެވެ. ކާރަށް އަރައި އިށީނދެފައި ބާދްޝާ ބުންޏެވެ. "އަމަލު ވެގެން ހުންނަ މީހަކު ފަންޑިތަ ހަދާނީ ކިހިނެއް؟ އެކަމަކު ކީއްކުރާނީ؟ ލޯބީގެ މައްސަލައެއް ވީމާ ހަތް ސަތޭކަ ރުފިޔާވެސް ދިނީ. ދެން އޭނާ ނުފެނިއްޖެއްޔާ ހަދާނީ ކިހިނެއް؟" އެޔަށް ފަހު ދަތްކުނޑި ވިކައިލުމަށް ފަހު ގޮށްމުށް ކަވައިލިއެވެ. "ކެތް ކުރާނީ. އެކަމަކު އަތުޖެހުނީމާ އެނގިދާނެތާ... އޭނާގެ މަރު ލިޔުއްވައިފައިވަނީ އަހަރެންގެ އަތުގައި ކަމަށް ވާނީ."

މުސައްވިރު ކަންބޮޑު ވެފައި އޭނާޔާ ދިމާއަށް ބަލައިލިއެވެ. އަދި ބިރުން ކަހަލަ ގޮތަކަށް ކުއްލިއަކަށް ކާރުން ފައިބައިފިއެވެ.

ބާދްޝާ އަހައިލިއެވެ. "ކިހިނެއްވީ؟"

އޭނާ ދޮރުފަތް ލައްޕައިލަމުން ބުންޏެވެ. "ވެރިޔާ. އަހަންނަށް މާފު ކުރޭ. ވެރިޔާ މާދަމާ ހައްޔަރު ނުކޮށް ހުރިއްޔާ ބައްދަލު ކޮށްލަން ގެއަށް އަންނާން."

ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތި އޭނާ ހަލުއިކޮށް ހިނގާފައި ގޮސް ޖެހިގެން އޮތް ގޯޅިއަށް ވަދެއްޖެއެވެ.

ބާދްޝާ ކުޑައިރުކޮޅަކު ވިސްނައިލާން އިނދެފައި ކާރު ދުއްވައިލިއެވެ. އޭރު އެގާރަ ޖެހީއެވެ. އޭނާގެ ހިތަށް އެރިއެވެ. ނާގިން ޗޯރަންގީއަށް ދާ މީހަކާ ދިމާވޭތޯ ބަލައިލާން ދޭއް ޖަހަންދެން މަސައްކަތް ކޮށްލާނީއެވެ. މީހަކާ ދިމާވެއްޖެއްޔާ ގެއަށް ގޮސް މައި ދޮރުގައި އިސްތަށި އައްސައިލާނީއެވެ. އެޔަށްފަހު ހަވީރު ވާންދެން ފަންޑިތަވެރިޔާގެ ވާހަކަ ދިމާވޭތޯ އިންތިޒާރު ކުރާނީއެވެ.

ކާރުގައި އެކި ފަހަރު އެކި މީހުން އަރުވައިގެން ދަތުރު ކުރަމުން ދަނިކޮށް ފިހާރައެއްގެ ދޮރުމަތީން މޫނުބުރުގާ އަޅައިގެން ތިބި ތިން އަންހެނުން ކާރަށް އަރައިފިއެވެ. ތިން ބުރުގާގައި ހުރީ ތިން ކުލައިގައެވެ. އެއް ބުރުގާ ކަޅެވެ. އަނެއް ބުރުގާ ހުދެވެ. އަނެއް ބުރުގާގައި ހުރީ ބަދަން ކުލައެވެ. އެއް ދުވަހަކު އޭނާ ބަދަން ކުލައިގެ ބުރުގާއަކަށްޓަކލައި ކާރުގެ ފަހަތު ގޮނޑިއަށް ފިނިފެންމާ އެޅިއެވެ. އަނެއް ދުވަހަކު ފަރުޒާނާގެ ކުލަވަރު ދެއްކީ ވައިގެބަނދަރުން ދިމާވީ ކަޅު ބުރުގާއެކެވެ. ބަދަން ބުރުގާއާއި ކަޅު ބުރުގާ ހުދު ބުރުގާއާ ދިމާއަށް ކިޔަމުން ދިޔައީ ފަރީއެވެ.

ފަރީދާއަކަށް ނުވަތަ ފީރޯޒާއަކަށްވެސް ފަރީ އޭ ކިޔައިފާނެއެވެ. ބާދްޝާގެ ފަރީއަކީ އެހެން ފަރީއެއްކަން މާ ގިނަ އިރުތަކެއް ނުވެ އެނގިއްޖެއެވެ. ދަތުރު މަތީގައި ހުދު ބުރުގާ އެޅި މީހާ އޭނާގެ ތުންފަތުގެ ކުލަ ރަނގަޅުތޯ ބަލައިލާން ވެގެން ލޯގަނޑެއް ނަގައިގެން މޫނުބުރުގާ ހިއްލާލައިފިއެވެ. އެއީ މުޅީން އެހެން މީހެކެވެ. ބާދްޝާ އަމިއްލަ ނަފުސު ކޮންޓްރޯލު ކުރީ ވަރަށް އުނދަގުލުންނެވެ. ހިތަށް އެރިއެވެ. އަހަންނަށް މަކަރު ހަދަނީ ހަމައެކަނި އޭނާއެއް ނޫނެވެ. އޭނާގެ ނަމަކީވެސް ބޮޑު މަކަރެކެވެ.

އެ ތިން މީހުން ފޭބީ ހާޖީ ހޮޓަލާ ވަރަށް ކައިރި ހިސާބަކަށެވެ. މިވީ ގޮތުން ޖެހޭނީ ފަސިންޖަރަކާ ނުލައި ގެޔާ ދިމާއަށް ދާށެވެ. އޭނާ ކާރު ދުއްވައިލިއެވެ. ޖެހިގެން އޮތް ގޯޅިއަށް ވަންއިރު ފަންސާހަކަށް ފޫޓު ދުރުން ބަޔަކު އެއްވެގެން އުޅޭތަން ފެނިއްޖެއެވެ. އެތަނުން ޒުވާން ފުރައިގެ ކުއްޖަކު އަތް ހިއްލާލައިފައި ކާރު މަޑު ކުރަން އިޝާރާތް ކޮށްފިއެވެ. އޭނާ އެމީހުންގެ ކައިރިއަށް ގޮސް ކާރު ހުއްޓައިފިއެވެ. އެކަކު ބުންޏެވެ. "މުސްކުޅި މީހަކު އަނބުރައިގަނެގެން ވެއްޓުނީ. އޭނާ ގޮވައިގެން ހަސްފަތާލަކަށް ހިނގާ."

ކާރު ހުއްޓުވި ޒުވާނާ ބުންޏެވެ. "މިތަނާ ވަރަށް ކައިރީގައި ޑޮކްޓަރ އެފް. ވާސްޠީގެ ކުލިނިކު ހުންނާނެ. އަވަހަށް މި ބޭބެ ކާރަށް އަރުވާ."

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.