ޠާލިބާނުން 90 ދުވަހުގެ ތެރޭގައި މުޅި އަފްޣާނިސްތާނު ހިފުމަކީ އެކަށިގެންވާ ކަމެއް: އެމެރިކާ

ޠާލިބާން ހަނގުރާމަވެރިން ފަރާހް ޕްރޮންވިސުގެ ވެރިރަށް ފަރާހްގައި

އަފްޣާނިސްތާނު ސަރުކާރާ ހަނގުރާމަކުރަމުންދާ ޠާލިބާން ޖަމާއަތުން 30 ދުވަހުގެ ތެރޭގައި ވެރިރަށް ކާބުލް އެކަހިކޮށް، 90 ދުވަހުގެ ތެރޭގައި މުޅި އަފްޣާނިސްތާނު ހިފުން އެކަށީގެން ވެއެވެ. މިއީ އެމެރިކާއިން ލަފާކުރިވަަރަށްވުރެ މާ ކުރު މުއްދަތެކެވެ. އެމެރިކާގެ ޖާސޫސީ ރިޕޯޓަކާ ހަވާލާދެއްވައި މިކަން ހާމަކުރައްވާފައި ވަނީ އެމެރިކާގެ ދިފާއީ ވުޒާރާ، ޕެންޓަގަންގެ އޮފިޝަލެކެވެ.

ޠާލިބާން ހަނގުރާމަވެރިން ވަނީ 6 ދުވަހުގެ ތެރޭގައި އަފްޣާނިސްތާނުގެ 9 ޕްރޮވިންސެއްގެ ވެރިރަށް ހިފާފައެވެ. މި އަވަސް ކުރިއެރުމާމެދު އެމެރިކާގެ އޮފިޝަލުންވެސް ތިއްބެވީ ހައިރާންވެފައެވެ. ޔޫރަޕިއަން ޔުނިއަން (އީޔޫ) ގެ އޮފިޝަލަކު ވިދާޅުވިގޮތުގައި، ޠާލިބާނުން އިތުރު 2 ޕްރޮވިންސެއްގެ ވެރިރަށް ހިފުމަށް ތައްޔާރު ވަމުންދާއިރު، އެ ޖަމާއަތުން މިހާރު ވަނީ އެގައުމުގެ %65 ހިިފާފައެވެ.

"ހުރިހާ ކަމެއް އެނބުރެމުން ދަނީ އިދިކޮޅަށް." އަފްޣާނިސްތާނުގައި ހަލުވިކަމާއެކު ބަދަލުވަމުންދާ މަސްރަހާމެދު ކަންބޮޑުވުން ފާޅުކުރައްވަމުން އެމެރިކާގެ އޮފިޝަލަކު ވިދާޅުވިއެވެ.

އަފްޣާނިސްތާނުގެ މިހާރުގެ ހާލަތާމެދު އެމެރިކާގެ އޮފިޝަލުން ކަންބޮޑުވުން ފާޅުކުރެއްވިއަސް، އަފްޣާނިސްތާނު އެމެރިކާ ސިފައިން ފޭބުން އަވަސްކުރަން ނިންމެމި ނިންމެވުމާމެދު ރައީސު ޖޯ ބައިޑަން ހިތާމަފުޅެއް ނުކުރައްވައެވެ.

"ނިކަން ދެކިބަލަ. އަހަރުމެން ވަނީ 20 އަަހަރުދުވަހުގެ ތެރޭގައި 1 ޓްރިލިއަން ޑޮލަރު ޚަަރަދުކޮށްފަ." ވައިޓްހައުސްގައި ނޫސްވެރިންނާ ބައްދަލުކުރައްވަމުން ރައީސު ބައިޑަން ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި ގައުމުގެ ދިފާއުގައި ހަނގުރާމަކުރަން ޖެހޭނީ އަފްޣާން ސިފައިންނަށެވެ.

އަފްޣާނިސްތާނުން ލިބޭ ޚަަބަރުތައް ބުނާ ގޮތުގައި އުތުރު ރަށެއް ކަމުގައިވާ މަޒާރެޝަރީފަށް މިހާރު ޒިޔާރަތްކުރައްވަމުން ގެންދަވާ ރައީސު އަޝްރަފް ޣަނީ ވަނީ ޠާލިބާން ހަނގުރާމަވެރިންގެ ކުރިމަތީގައި ފަހަަތަށް ޖެހެމުންދާ އަފްޣާން ސިފައިންގެވެރިޔާ މަގާމުން ދުރުކުރައްވައި އެމަގާމަށް އެހެެން ޖެނެރަލެއް ހަމަޖައްސަވާފައެވެ. އަދި ޚަބަރު ލިބޭގޮތުގައި ރައީސު ޣަނީ ވަނީ ޠާލިބާން ޖަމާއަތާ ދެކޮޅަށް ދެވޭ ހަމަލާތައް ވިލަރެސް ކުރާނެ މަރުކަޒެއް މަޒާރެޝަރީފުގައި ގާއިމުކޮށް، އެޖަމާއަތާ ދެކޮޅަށް ހަމަލާތައް ރޭވުމުގެ މަސްއޫލިއްޔަތު އުތުރުގެ ބާރުގަދަ ހަނގުރާމަވެރި ލީޑަރު ޖެނެރަލް ޢަބްދުއްރަޝީދު ދޯސްތަމާ ހަވާލުކުރުމަށް ނިންމަވާފައެވެ.

ޕެންޓަގަންގެ އޮފިޝަލަކު ނަން ހާމަނުކުރަން ޝަރުޠުކޮށް މައުލޫމާތުދިން ގޮތުގައި މިދިޔަ މަހު އެމެރިކާގެ ޖާސޫސީ އިދާރާތަކުން ލަަފާކުރި ގޮތުގައި ޠާލިބާނުން 6 މަސްދުވަހުގެ ތެރޭގައި އަފްޣާނިސްތާން ހިފާނެއެވެ. އެހެންނަމަަވެސް، އެ ޖަމާއަތުން ހޯދަމުންދާ ހަލުވި ކުރިއެރުންތަކާއެކު، މި މުއްދަތު އަވަސްކުރަން ޖާސޫސީ އިދާރާތަކަށް މަޖުބޫރުވީއެވެ.

"އެެހެންނަމަވެސް، މިއީ އެންމެ ފަހުގެ ނަތީޖާއަށް ނުވެ ހިނގައިދާނެ." އެ އޮފިޝަލް ބުނެފައި ވެއެވެ. އޭނާ އިތުރަށް ހާމަކުރި ގޮތުގައި ޠާލިބާނުންނާ ދެކޮޅަށްދޭ ހަމަލާތައް ވަރުގަަދަކޮށްފިނަމަ، އަފްޣާން ސިފަައިންނަށް ހަނގުރާމައިގެ އޮއިވަރު ޠާލިބާނުންނާ ދެކޮޅަށް އަނބުރާލެވިދާނެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.