އަފްޣާނިސްތާނު ސަރުކާރު ސިފައިންނާ ހަނގުރާމަކުރަމުންދާ ޠާލިބާން ޖަމާއަތުން ދަނީ އެގައުމުގެ ގިނަ ސަރަހައްދުތަކެއް ހިފަމުންނެވެ. ޚަބަރުތައް ބުނާގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނި ޠާލިބާނުން ވަނީ 4 ޑިސްޓްރިކްޓެއް ހިފާފައެވެ.
ޠާލިބާނުން ބުނާ ގޮތުގައި ފާއިތުވި މޭ މަހު އެޖަމާއަތުން ފެށި ހަމަލާތަކުގައި އެ ޖަމާއަތުން ވަނީ މިހާތަނަށް އަފްޣާނިސްތާނުގެ 400 ޑިސްޓްރިކްޓްގެ %90 ހިފާފައެވެ. އެހެންނަމަވެސް، އެ ޖަމާއަތުގެ މިދައުވާ މިނިވަން ގޮތަކަށް ޔަގީންކުރެވޭ ގޮތް ވަނީ ނުވެފައެވެ.
ޠާލިބާން ޖަމާއަތުން ހަލުވިިިކަމާއެކު އަފްޣާނިސްތާނު ހިފަމުންދާއިރު، ޕާކިސްތާނުން ބުނެފައި ވަނީ އަފްޣާނިސްތާނުގެ ހާލަތު ގާތުން ބަލަމުންދާ ކަމުގައެެވެ. އަދި ޠާލިބާނުން އަފްޣާނިސްތާނުގެ ވެރިކަން އަތުލައިފިނަމަ، އަފްޣާނިސްތާނާ ޕާކިސްތާނާ ގުޅޭ ސަރަހައްދީ ރޮނގު ބަންދުކުރާނެ ކަމުގައެވެ.
"އަހަރުމެންނަށް އިތުރަކަށް ނުވެއްދޭނެ. އަހަރުމެންނަށް ޖެހޭނީ ސަރަހައްދީ ރޮނގު ބަންދުކުރަން. އަހަރުމެން ޖެހޭ އަަަހަރުމެންގެ ގައުމީ މަސްލަހަަތު ހިމާޔަތްކުރަން." ޕާކިސްތާނުގައި މިހާރުވެސް 3.5 މިލިއަން ރެފިއުޖީން ތިބިކަން ފާހަގަކުރައްވަމުން ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ޝާހް މަޙްމޫދު ޤުރައިޝީ ވިދާޅުވިއެވެ.
އެމެރިކާއާއި ނޭޓޯ (ނޯތު އެޓްލާންޓިކް ޓްރީޓީ އޮގަނައިޒޭޝަން) ގެ ސިފައިން އަފްޣާނިސްތާނުން ފައިބަން ފެށުމާއެކު ޠާލިބާނުން ވަނީ ގައުމުގެ ގިނަ ސަރަހައްދުތަކެއް ހިފަން ފަށާފައެވެ. އަދި ގިނަ ބަޔަކު ދެކޭގޮތުގައި ބޭރުގެ އަސްކަރީ އެހީ ނުލިބޭނަމަ، ރައީސު އަޝްރަފް ޣަނީގެ ސަރުކާރަށް ޠާލިބާން ޖަމާއަތުގެ ކުރިމަތީގައި ހިފަހައްޓާނުލެވޭނެއެެވެ.
މިވަގުތު މަންޒަރު ފެންނަން އޮތްގޮތުން، ބޭރުގެ އަސްކަރީ އެހީ ލިބުމަކީ ދުރު ކަމެކެވެ. އެމެރިކާއަށް ވަޑައިގެެން ރައީސު އަޝްރަފް ޣަނީ އެމެރިކާގެ ރައީސު ޖޯ ބައިޑަންއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުތަކަށް ފަހު، ރައީސު ބައިޑަން ވިދާޅުވެފައި ވަނީ އެމެރިކާއިން އަފްޣާން ސަރުކާރުގެ ދިފާއުގައި އަސްކަރީ ގޮތުން ހަރަކާތްތެރިނުވާނެ ކަމުގައެެވެ.
ޠާލިބާން ޖަމާއަތުން ވަނީ 1996 އަހަރުން ފެށިގެން 2001 ވަނަ އަހަރާ ހަމައަށް އަފްޣާނިސްތާނުގައި ވެރިކަންކޮށްފައެވެ. ޠާލިބާން ޖަމާއަތުގެ ވެރިކަން ވައްޓާލީ 2001 ވަނަ ސެޕްޓެންބަރު 11 ވަނަ ދުވަހު ނިއުޔޯކުގެ ވާލްޑް ޓްރޭޑް ސެންޓަރަަށް ދިން ހަމަލާއާ ގުޅިގެން އަފްޣާނިސްތާނަށް އެރި އެމެރިކާ ސިފައިންނެވެ. އޭގެ 20 އަަހަރު ފަހުން އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފައިބަން ފެށުމާއެކު، ޠާލިބާނުން މިވަނީ އެޖަމާއަތުގެ ބާރުގަދަކުރަން ފަށާފައެވެ.
ޠާލިބާން ޖަމާއަތުން މިހާރު ދެމުންދާ ހަމަލާތަކުން ދިފާއުވުމަށް އަފްޣާން ސަރުކާރުން މިހާރުވަނީ ސަރުކާރުގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކުގެ އާއްމުންެެގެ 30 ހާސް މީހުންގެ އަަތަށް ހަތިޔާރު ދީފައި، ހަނގުރާމައިގެ މައިދާނަށް ނެރެފައެވެ.