އޮމިކްރޯން 23 ގައުމަކަށް ފެތުރިއްޖެ، އަދިވެސް ވާނީ އިތުރު: ޑަބްލިޔުއެޗްއޯ

2019 ވަނަ އަހަރުގެ ފަހުކޮޅުއްސުރެ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން ގޮސްފައިވާ ކޮވިޑް=19 ވައިރަހުގެ އެންމެ ފަހު ވޭރިއެންޓް 'އޮމިކްރޯން'، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) ގައި ހިމެނޭ 6 ސަރަހައްދުގެ ތެރޭން 5 ސަރަހައްދެއްގެ 23 ގައުމަަކަށް މިހާރު ފެތުރިފައިވާ ކަމަށާއި، އަދިވެސް ފެތުރޭ ގައުމުތައް ދާނީ އިތުރުވަމުން ކަމަށް އެ ޖަމްއިއްޔާއިން ބުނެފިއެވެ.

"އޮމިކްރޯން ވޭރިއެންޓް ފެނުމާއެކު، މުޅި ދުނިޔެ ސަމާލުކަަށް އައިސްފައިވާކަން އެނގޭ." ކޮވިޑް-19 އާ ބެހޭގޮތުން ބޭއްވި ވެބިނާއެއްގައި ވާހަކަފުޅުދައްކަވަަމުން ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް ގެބްރެޔޭސަސް ވިދާޅުވިއެވެ.

"މިކަން ޑަބްލިޔުއެޗްއޯއިން ދެކެނީ އިންތިހާއަށް ސީރިއަސް ކަމެއްގެ ގޮތުގައި. ކޮންމެ ގައުމަކުންވެސް އެކަން ދެކެންވާނީ އެހެން. އެހެންނަމަވެސް އެކަމާމެދު އަހަރުމެން ހައިރާންވާކަށް ނުޖެހޭ. އެއީ (އާ ވޭރިއަންޓްތައް ފެނުމަކީ) ވައިރަސްގެ އާދަ." އޭނާ ވިދާޅުވިއެވެ.

މިހާތަނަށް އޮމިކްރޯން ވޭރިއެންޓް ފެނިފައިވާ ގައުމުތަކުގެ ތެރޭގައި އެފްރިކާގެ ދެކުނު ބިތުގެ އަށް ގައުމެއް ކަމަށްވާ ދެކުނު އެފްރިކާ، ބޮޓްސުވާނާ، އެސްވަޓީނީ، ލެސޯތޯ، މަލާވީ، މޮޒަމްބީކް، ނެމީބިޔާ އަދި ޒިމްބާބްވޭގެ އިތުރަށް އެމެރިކާ، ކެނެޑާ، ނައިޖީރިޔާ، ސައޫދީ އަރަބިއްޔާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)، ހޮންކޮންގް، ޖަރުމަނު، އިސްރާއީލު، އިޓަލީ، އިނގިރޭސިވިލާތް، ބެލްޖިއަމް، ގާނާ، ދެކުނު ކޮރެޔާ އަދި އޮސްޓްރޭލިޔާ ހިމެނެއެވެ.

ޔޫރަޕުން މިހާރު ލިބޭ ޚަބަރުތައް ބުނާގޮތުގައި ކޮވިޑް-19 ގެ އާ ވޭރިއެެންޓް ދެކުނު އެފްރިކާއިން ފެނުމުގެ ކުރިން ޔޫރަޕްގައި އެ ވޭރިއެންޓަށް ޕޮޒިޓިވް މީހުން ތިއްބެވެ.

ނެދަލޭންޑްސްގެ ސައިންސުވެރިން ފާއިތުވި އަންގާރަ ދުވަހު ބުނެފައިވާ ގޮތުގައި އެ ގައުމުން ފެނުނު އޮމިކްރޯން ކޭސްތަކަކީ އޭގެ 11 ވަަަރަކަށް ދުވަސް ކުރީގެ ކޭސްތަކެކެވެ. އަދި ދެކުނު އެފްރިކާއިން އެ ވައިރަހުގެ ފުރަަތަމަ ކޭސް ފެނުމުގެ ކުރިން ހުޅަނގު ޔޫރަޕުގެ ގައުމުތަކުގައި އެ ވައިރަސް އުޅުނެވެ.

ނެދަލޭންޑްސްގެ އާރްއައިވީއެމް ހެލްތު އިންސްޓިޓިއުޓުން ބުނިގޮތުގައި އެތަނުން ނެގި ސާމްޕަލްތަކަކީ ނޮވެންބަރު 19 އާއި 23 އާއި ދެމެދުގެ ސާމްޕަލްތަކެކެވެ.

ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ފާހަގަކުރެއްވި ގޮތުގައި ދުނިޔެއިން ފާއިތުވި ހުކުރު ދުވަހު ފެނުނު ވައިރަސްގެ އާ ވޭރިއެންޓް ފެތުރެން ދޫކޮށްލައިފިނަމަ އެ ދާނީ އިތުރަށް ތަރައްގީ ވަމުންނެވެ.

އޭނާ އިތުރަށް ވިދާޅުވިގޮތުގައި މިހާރު ދުނިޔޭގައި އެންމެ ހަލުވިކަމާއެކު ފެތުރެމުންދާ ޑެލްޓާ ވޭރިއަންޓް ކޮންޓުރޯލު ނުކުރެވިއްޖެނަމަ، ދުނިޔެއަށް އޮމިކްރޯން ވޭރިއެންޓްވެސް ކޮންޓުރޯލުނުކުރެވޭނެއެވެ. އެެހެންކަމުން ޑެލްޓާ ވޭރިއެންޓް ކޮންޓުރޯލުކުރަން އިތުރަށް މަސައްކަތްކުރަން ޖެހެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.