ކޮވިޑް-19 ގެ ވެކްސިން ގަތުމަށް ބޭނުންވާ އެހީތެރިކަން ފަގީރު ގައުުމުތަކަށް ފޯރުކޮށްދިނުމުގައި މުއްސަނދި ގައުމުތަކުން ފޭލިވެފައި ވާކަމުގައި ވަބާއަށް އިޖާބަދިނުމުގައި ދުނިޔޭގެ ގައުމުތަކުން އަމަލުކުރަމުންދާ ގޮތް ބަލައި ދިރާސާކުރުމަށް އެކުލަވާލާފައިވާ މިނިވަން ތަޖުރިބާކާރުންގެ ޕެނަލުން ބުނެފިއެވެ.
އިންޑިޕެންޑެންޓް ޕެނަލް ފޯ ޕެންޑަމިކް ޕްރިޕެއަޑްނެސް އެންޑް ރެސްޕޮންސް (އައިޕީޕީޕީއާރް) އިން އިއްޔެ ބުނި ގޮތުގައި، ސެޕްޓެންބަރުގެ ނިޔަލަށް ފަގީރު އަދި މެދު ފަންތީގެ ގައުމުތަކަށް 1 ބިލިއަން ޑޯޒް ވެކްސިން ދިނުމަށް ކަނޑައަޅާފައިވާއިރު، އެ ވެކްސިން މުއްސަނދި ގައުމުތަަކަށް އަދި ތައްޔާރުކުރެވިފައި ނުވެއެވެ. އެ ޕެނަލުން ވަނީ މޭ 2022 އާ ހަމައަށް އިތުރު 1 ބިލިއަން ޑޯޒު ވެކްސިން ފޯރުކޮށްދިނުމަށް އެދިފައެެވެ.
"ދުުނިޔެ ވަނީ އެ ލަނޑުދަނޑިތަަކަށް ވާސިލު ވާ ވަރަށްވުރެ މާ ފަހަތުގައި." ބުދަ ދުވަހު އދ. އާއްމު މަޖިލީހުގައި ވާހަކަފުޅުދައްކަވަމުން އެ ޕެނަލްގެ ކޯ-ޗެއާ ހެލެން ކްލާކް ވިދާޅުވިއެވެ.
"ކަން ކުރާނެ ކަމުގެ ޔަގީންކަން ކޮންމެވެސް ވަރަކަށް ދީފައިވޭ. ކުރަންޖެހޭ ކަންކަން އަދި ވަރަށް ގިނަ. އެކަން ވަރަށް އަވަހަށް ވެސް ކުރެވިދާނެ." އޭނާ ވިދާޅުވިއެވެ.
ކްލާކްއާއި، ޕެނަލްގެ އަނެއް ކޯ-ޗެއާ އެލެން ޖޯންސަން ސާލީފް ވިދާޅުވިގޮތުގައި ވެކްސިނާއި ފަރުވާ ދޭ ގޮތްތައް ކަނޑައެޅުމުގައި އާ ގޮތްތަކެއް ވިސްނައި އަވަހަށް ހޯދުން މުހިއްމެވެ.
ކްލާކް އިތުރަށް ފާހަގަކެއްވި ގޮތުގައި އެފްރިކާއާއި، އޭޝިޔާއާއި. ލެޓިން އެމެރިކާގައި މަރުވާ މީހުން އިތުރުވަމުން ދިއުމުގެ މައިގަނޑު އެއް ސަބަބަކީ ވެކްސިން ލިބުމުގައި ހަމަހަމަަކަން ނެތުމެވެ.
ދުނިޔޭ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިންވެސް ވަނީ ވެކްސިން ދިނުމުގައި ހަމަހަަމަކަަން ގެއްލިފައިވާކަން ފާހަގަކޮށްފައެެވެ. އެ ޖަމްއިިއްޔާއިން ދާދި ފަހުން ނެރުނު ރިޕޯޓެއްގައި ވާގޮތުން ދުނިޔޭގެ ގައުމުތަކުން ޖެހި ވެކްސިންގެ އަދަދު 1 ބިލިއަން ޑޯޒަށް އަރާފައި ވާއިރު، އޭގެތެރޭން %81 ޖަހާފައި ވަނީ މުއްސަނދި ގައުމުތަކުންނާއި، މަތީ މެދު ފަންތީގެ ގައުމުތަކުންނެވެ. ފަގީރު ގައުމުތަކަށް ލިބިފައި ވަނީ އެ ވެކްސިންގެ އެންމެ %0.3 އެވެ،
އައިޕީޕީޕީއާރްގެ ކޯ-ޗެއާ އަދި ނިއުޒީލޭންޑުގެ ކުރީގެ ބޮޑުވަޒީރު ހެލެން ކްލާކް ފާހަގަކުރެއްވި ގޮތުގައި ބޭސް އުފައްދާ ކުންފުުނިތަކުން، ވެކްސިން އުފައްދާނެ ގޮތް އެހެން ފަރާތްތަކާ ހިއްސާކުރަން ދެކޮޅު ހެދުމަކީ ހައިރާންވެ، އަމިއްލަ ނަފުސުގެ ނިކަމެތިކަން އިހުސާސުކުރެވޭ ކަމެެކެވެ. އެފަދައިން ހިއްސާކުރާނަމަ ދުނިޔޭގެ ކަންކޮޅުތަކުގައި ވެކްސިން އުފައްދާ މިންވަރު އިތުރުވެގެން ދިޔައީހެވެ. އޭނާ ވިދާޅުވިގޮތުގައި މިކަމުގައި ވިޔަފާރީގެ އުސޫލު ދޫކޮށްލައި ދުނިޔޭގެ އާއްމު މަސްލަހަތަށް ވިސްނައި ކުރިއަށް ދާންޖެހެއެވެ.