ފައިޒާއާއި ބަޔޯއެންޓެކް ގުޅިގެން އުފެއްދި ވެކްސިނާއި، މޮޑާނާއިން އުފެއްދި ވެކްސިންގެ ތަޖުރިބާތަކުން ލިބުނު ބޮޑު ކާމިޔާބީއަށް ފަހު، މި އަހަރު ނިމުމުގެ ކުރިން އެމެރިކާގައި އެ ދެ ވެކްސިން ބޭނުންކުރަން ފެށުން ގާތްކަމަށް ބެލެވެން ފަށައިފިއެވެ.
ފައިޒާއިން އިއްޔެ ބުނެފައި ވަނީ އެކުންފުނީގެ ވެކްސިންގެ ތަޖުރިބާތަކުގެ ތިންވަނަ އަދި ފަހު ފިޔަވަހި ކާމިޔާބުކަމާއެކު ނިންމާލާފައިވާ ކަމުގައެވެ. އަދި ވެކްސިންގެ ކާމިޔާބީގެ ރޭޓް %95 އަށް އަރާ ކަމުގައެވެ. މި ކާމިޔާބީއަށް ފަހި ފައިޒާއި ބަޔޯއެންޓެކުން މިހާރު ތައްޔާރުވަމުން ދަނީ ވެކްސިންއަށް ހުއްދަ ދިނުމަށް އެދި ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމަށް ތައްޔާރުވަމުންނެވެ.
ހުއްދަ ލިބިއްޖެނަމަ ފައިޒާ އޮތީ އަންނަ ޑިސެންބަރު މަހުގެ ތެރޭގައި ވެކްސިން ދުނިޔޭގެ ކަންކޮޅުތަކަށް ފޮނުވަން ތައްޔާރަށެވެ.
ވެކްސިން އުފެއްދުމުގައި ފައިޒާއާއި އެކު މަސައްކަތްކުރާ ޖަރުމަނު ކުންފުނި ބަޔޯއެންޓެކް ޗީފް އެގްޒެކަޓިވް ޔުގޫރް ސަހިން ވިދާޅުވި ގޮތުގައި ހުރިހާ ކަމެއް ރަނގަޅަށް ގޮސްފިނަމަ އަންނަ ޑިސެންބަރު މަހުގެ މެދުތެރޭގައި ވެކްސިންއަށް ހުއްދަ ލިބޭނެއެެވެ. ހުއްދި ލިބުމާއެކު ވެކްސިން ނެރެން ދެކުންފުނިން އޮތީ ތައްޔާރަށެވެ.
ފައިޒާގެ ވެކްސިނަށް އެމަޖެންސީ ޔޫޒް އޮތަރައިޒޭޝަން (އީޔޫއޭ) ލިބޭތާ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މޮޑާނާގެ ވެކްސިނަށް ހުއްދަ ލިބޭނެކަމަށް ބެލެއެެވެ. ދެ ވެކްސިނަށްވެސް އެންމެ ފަހުގެ ރަސްމީ ހުއްދަ ލިބޭނީ 3 މަސް ފަހުންނެވެ. އެހެންނަމަވެސް، އީޔޫއޭ ލިބުމާއެކު ވެކްސިން ބޭނުންކުރަން ފަށާނެއެެވެ.
"މިހާރުު ރައްކާތެރި ނުލާހިކު ނަތީޖާ ރަނގަޅު ދެ ވެކްސިނެއް އަހަރުމެންނަށް ލިބިފައި އޮތީ. މި ވެކްސިންތައް ނެރުމަށް ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން މަދު ހަފުތާތެރޭގައި ހުއްދަ ލިބިދާނެ ކަމަށް ބެލެވެނީ." އެމެރިކާގެ ހެލްތު އެންޑް ހިއުމަން ސާވިސަސް ސެކްރެޓަރީ (މިނިސްޓަރު) އެލެކްސް އަޒާރ ވިދާޅުވިއެވެ.
ދެ ވެކްސިންގެ ވެސް ދެ ޑޯޒް ޖަހަން ޖެހެއެވެ. އެއީ ދެ ޑޯޒުގެ ދެމެދަށް ހަތަރު ހަފުތާ ދޫކުރުމަށް ފަހުއެެވެ.
ދެ ކުންފުނިން މި އަހަރު ނިމުމުގެ ކުރިން 40 މިލިއަން ޑޯޒް ބާޒާރަށް ނެރޭނެ ކަމަށް ދެ ކުންފުނީގެ އޮފިޝަލުން ވަނީ ބުނެފައެެވެ. އަދި އެމެރިކާގެ ސްޓޭޓްތައް އޮތީ ވެކްސިން ނުކުންނަތާ 24 ގަޑިއިރުގެ ތެރޭގައި އެ ބޭނުންކުރަން ފަށަން ތައްޔާރުވެފައެެވެ.
ދެ ވެކްސިން ވެސް ފުރަތަމަ ބޭނުންކުރާނީ އެމެރިކާގައެވެ. ކޮވިޑް-19 ގެ ހާލަތު ދުނިޔޭގައި އެންމެ ގޯސް ގައުމަކީވެސް އެމެރިކާއެވެ. އެމެރިކާގައި މިހާތަނަށް 11.6 މިލިއަނަށްވުރެ ގިނަ މީހުންނަށް މި ބަލި ޖެހިފައި ވާއިރު، މި ބަލީގައި 2 ލައްކަ 50 ހާހަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެެވެ.