ފަގީރު ގައުމުތަކަށް ކޮވެކްސް ޕްރޮގްރާމުގެ ދަށުން ހަދިޔާކުރި ވެކްސިންގެ އަދަދު އެއް ބިލިއަން ޑޯޒަށްވުރެ މައްޗަށް

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން އިސްނަަގައިގެން ފަގީރު ގައުމުތަކަށް ކޮވިޑް-19 ގެ ވެކްސިން ހަދިޔާކުރުމަށް ހިންގާ ކޮވްކްސް ޕްރޮގްރާމުގެ ދަށުން ހަދިޔާކުރި ވެކްސިންގެ އަދަދު އެއް ބިލިއަން ޑޯޒަށް އަރައިފިކަމަށް އެ ޖަމްއިއްޔާއިން އިއްެޔެ ބުނެފިއެވެ. މި ޕްރޮގްރާމުގެ ދަށުން 144 ގައުމަކަށް ވެކްސިން ފޯރުކޮށްދީފައި ވާއިރު، އެއީ "ކުރިއަށް ކުރަން ހުރި މަސައްކަތް ހަނދާނަށް ގެނެސްދޭ" ކަމެއްކަން އެ ޖަމްއިއްޔާއިން ފާހަގަކުރެއެވެ.

ޑަބްލިޔުއެޗްއޯއިން ބުނިގޮތުގައި ހޮނިހިރު ދުވަހު ރުވަންޑާއަށް ފޮނުވި އެއް ބިލިއަން ޑޯޒް ވެކްސިންގެ ތެރޭގައި ކޮވެކްސް ޕްރޮގްރާމުން ފަގީރު ގައުމުތަކަށް ހަދިޔާކުރާ އެއް ބިލިއަން ވަނަ ޑޯޒް ހިމެނެއެެވެ.

އެ ޖަމްއިއްޔާއިން އަބަދުވެސް އަންނަނީ ގައުމުތަކަށް ވެކްސިން ލިބުމުގައި ހަމަހަމަކަން ނެތްކަން ފާހަގަކުރަމުންނެވެ. އަދި ކޮވެކްސް ޕްރޮގްރާމަށް ވެކްސިން ފޯރުކޮށްދޭން އިސްކަންދިނުމަށް ވެކްސިން އުފައްދާ ގައުމުތަކަށާއި، ކުންފުނިތަކަށް އެ ޖަމްއިއްޔާއިން ވަނީ ގޮވައިލާފައެވެ. ޑަބްލިޔުއެޗްއޯއިން ހާމަކުރި ގޮތުގައި ފާއިތުވި ބުރާސްފަތި ދުވަހާއި ހަމައަށް އެ ޖަމްއިއްޔާގެ 194 މެންބަރު ގައުމުގެ ތެރޭން 36 ގައުމެއްގެ %10 އަށްވުރެ މަދު މީހުންނަށް ވެކްސިން ދެވިފައިވާއިރު، 88 ގައުމެއްގައި ވެކްސިން ދެވިފައި ވަނީ %40 އަށްވުރެ މަދު މީހުންނަށެވެ.

ފާއިތުވި ޑިސެންބަރު މަހު ދެއްކެވި ވާހަކަފުޅެއްގައި ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ވަނީ މިއަހަރުގެ ޖުލައި މަހުގެ ކުރިން ދުނިޔޭގެ %70 މީހުންނަށް ވެކްސިން ފުރިހަމަކުުރުމަށް އަަޒުމު ކަނޑައެޅުމަށްް ގައުމުތަކަށް ގޮވައިލައްވާފައެވެ.

ޖަރުމަނުގެ ބައެއް ނޫސްތަކަށް މައުލޫމާތުދެއްވަމުން އެ ގައުމުގެ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް މިނިސްޓަރުކަމާ އަލަށް ހަވާލުވެވަޑައިގަތް ސްވެންޔާ ޝުލްޒް ވިދާޅުވީ ޖަރަމަނުން މިއަހަރު ޖީ-7 ރިޔާސަތު ބަލަަހައްޓަމުންދާއިރު، އެ ގައުން އެންމެ އިސްކަންދޭނެ އެެއްކަމަކީ 2022 ވަނަ އަހަރު ކޮވެކްސް ޕްރޮގްރާމަށް ބޭނުންވާ ކަންކަން ފުރިހަމަކޮށްދިނުމެވެ.

"ހިތާމަޔާއެކު ފާހަގަކުރަން ޖެހެނީ ދުނިޔެއަށް ވެކްސިން ފޯރުކޮށްދިނުމަށް ހިންގާ ޕްރޮގްރާމުގައި ބައިވެރިވަނީ މާ މަދުގައުމުތަކެއްކަން. ސުވިޑަންއާ، ނޯވޭގެ އިތުރަށް އެންމެ ގިނައިން ދެ ގައުމުތަކަކީ ކެނެޑާއާއި އެމެރިކާ." އޭނާ ވިދާޅުވިއެވެ.

ޖަރުމަނުން ބުނި ގޮތުގައި އެ ގައުމުން ވަނީ ފަގީރު ގައުމުތަކަށް ކޮވިޑް-19 ވެކްސިންގެ 103 މިލިއަން ޑޯޒް ހަދިޔާކޮށްފައެވެ. އަދި މިހިނގާ 2022 ވަނަ އަހަރު 75 ޑޯޒު ހަދިޔާކުރާނެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.