ދުނިޔޭގައި ކޮވިޑް-19 އިން ދިފާއުވުމަށް ޖަހަން ފަށާފައިވާ ވެކްސިން 107 ގައުމަކާއި ސަރަހައްދެއްގެ 200 މިލިއަން މީހުންގެ ގަޔަށް ޖަަަހައިފިއެވެ. މިކަން މިއަދު (ހޮނހިރު ދުވަހު) ހާމަކޮށްފައި ވަނީ ރަސްމީ މަސްދަރުތަކުން މައުލޫމާތު ހޯދުމަށް ފަހު އޭއެފްޕީންނެވެ.
އޭއެފްޕީން ހާމަކުރި ހިސާބުން ދައްކާ ގޮތުގައި 201 މިލިއަން 42 ހާސް މީހުންނަށް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ދެވިފައެވެ. އެއީ، ރަޝިޔާއާއި ޗައިނާގެ ފަހުގެ އަދަދުތައް ނުލައެވެ. އެއީ، އެ ދެގައުމުން ފަހުގެ އަދަދުތައް ހާމަނުކުރާތީއެވެ.
މުޅި ދުނިޔޭގަައި ދެވުނު ވެކްސިންގެ %45 ދީފައިވަނީ މުއްސަނދި ގައުމުތަކުގެ ޖަމާއަތް ޖީ-7 ގެ މީހުންނަށެވެ. ދުނިޔޭގެ އާބާދީގެ %10 ހިއްސާކުރާ އެ ހަތް ގަައުމަކީ އެމެރިކާ، ކެނެޑާ، އިނގިރޭސިވިލާތް، ޖަރުމަނު، ފްރާންސް، އިޓަލީ އަދި ޖަޕާނެވެ.
އަމަލީ ގޮތުން ވެކްސިން ޖެހުން މިހާ ނަަހަމަގޮތަކަށް އޮތް ނަަމަވެސް، މި ހަތް ގައުމުން އެންމެ ފަހުން ބޭއްވި ބައްދަލުވުމުގައި ވައުދުވެފައި ވަނީ ހަމަހަމަ ގޮތެއްގައި ފަގީރު ގައުމުތަކުގެ މީހުންނަށް ވެކްސިން ލިބޭނެ ގޮތް ހަދާނެ ކަމަށް ވައުދުވެފައެވެ.
ފާއިތުވި ހަފުތާގައި އދ. ގެ ސަލާމަތީ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުޓަރޭޝް ވަނީ ކޮވިޑް-19 ވެކްސިން ލިބުމުގައި ހަމަހަމަކަން ނެތް ވަރު ހާމަކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި ދުނިޔޭގައި މިހާތަނަށް ޖެހި ވެކްސިންގެ %75 ޖަހާފައިވަނީ މުއްސަނދި 10 ގައުމެއްގައެވެ.
ޖީ-7 ގެ އެންމެ އިސްވެރިން ވަނީ ދުނިޔޭގައި ވެކްސިން ޖެހޭ މިންވަރު އިތުރުކުރުމަށް އެ ގައުމުތަކުން ދޭ އެހީ 7.5 ބިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ނިންމާފައެވެ. އެހީ ދޭން ނިންމާފައިވާ ޕްރޮގްރާމުތަކުގެ ތެރޭގައި ޑަބްލިޔުއެޗްއޯގެ ކޮވެކްސް ފެސިލިޓީވެސް ހިމެނެއެވެ.
މިހާތަނަށް ދެވުނު ވެކްސިންގެ %92 ދީފައިވަނީ އދ. "މަތީ ފަންތީގެ އާމްދަނީ ލިބޭ" އަދި މަތީ-މެދު ފަންތީގެ" ގައުމުތައް ކަމުގައި ގިންތިކޮށްފައިވާ ގައުމުތަކުގައެވެ. އެއީ ދުނިޔޭގެ އާބާދީގެ ދެބައިކުޅަ އެއްބައެވެ.
"އާމްދަނީ ދަށް" ގައުމުތައް ކަމުގައި އދ.ން ގިންތި ކޮށްފައިވާ 27 ގައުމުގެ ތެރޭން ވެކްސިން ދޭން ފަށާފައި ވަނީ ގިނީއާއި ރުވާންޑާގައި އެކަންޏެވެ.
އާބާދީގެ ނިސްބަތުން ދުނިޔޭގައި އެންމެ ގިނަ ބަަޔަކަށް ވެކްސިން ދީފައިވަނީ އިސްރާއީލުގައެވެ. އިސްރާއީލުގެ އާބާދީގެ ދެބައިކުޅަ އެެއްބަޔަށް ފުރަތަމަ ޑޯޒްް ޖަހާފައި ވާއިރު، ތިންބައިކުޅަ އެއްބަޔަށ ދެވަނަ ޑޯޒްވެސް ވަނީ ޖަހާފައެވެ.
އާބާދީގެ %10 އަށްވުރެ މަތީ އަދަދަކަށް ފުރަތަމަ ޑޯޒް ދީފައިވާ އެހެން ގައުމުތަކަކީ: ސީޝެލްސް (%43)، އިނގިރޭސިވިލާތް (%25)، ބަހްރޭން (%16)، އެމެރިކާ (%13)، ދިވެހިރާއްޖެ (%12) އަދި ޗިލީ (%12) އެވެ.