ފަޅިމޫނު - 107

(5 ޖުލައި 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"އަހަރެން ފޮޅުވައިލިން. އަހަރެން ވަރަށް ސާފުކޮށް ބުނިން... ގިނައިން ބޯ މީހަކާ ދިމާވެއްޖެއްޔާ އަހަރެން އިންނާނީ އެމީހަކާއޭ."

"އަހަ... އަހަރެން... އޭނާއަށް... ޣުރެ... މާ ގިނައިން ބޮން." ޖަމްޝީދު ތަށި ނަގައިގެން، ނޭވާ ހިފަހައްޓައިލައިގެން ހުރެ މުޅި ތަށި އެކީގައި ބޮއި ހުސްކޮށްލައިފިއެވެ. އޭގެ ފަހުން އޭނާގެ ހާލަތު ބަދަލު ވެގެން ދިޔަ ގޮތް އެނގޭބނީ ހަމައެކަނި އޭނާއަށެވެ. ރުޚްސާނާ އަވަސް އަވަހަށް ތަށި އަތުލައިފިއެވެ. ޖަމްޝީދު ހުރީއަކީ ކޮޅަށް ހުރެވޭފަދަ ހާލަތެއްގައެއް ނޫނެވެ. ލޯމެރެނީއެވެ. އެތެރެހަށިގައި ޖަހަންނަމަ ވަރުގެ ކޮޅަށް އަނދަމުންދާ ކަމުގައި ހީވާން ފަށައިފިއެވެ. ރުޚްސާނާގެ އަޑުވެސް އޭނާއަށް އިވެނީ ވަރަށް ދުރުންނެވެ.

"ޖަމްޝީދު. އިށީނދޭ!"

އޭނާ އިށީންނާން ފަރިވެލީ ވަގުތު ރުޚްސާނާ ގޮނޑި ދަމައިގެންފިއެވެ. ޖަމްޝީދު އެ ދިޔަ ގޮތަށް ގޮސް ތަޅުންގަނޑު މައްޗަށް ވެއްޓިއްޖެއެވެ. މޫނުމައްޗަށް އަނދިރިވާން ފަށައިފިއެވެ. ހިޔަންޏެއްހެން ރުޚްސާނާ ފެނެއެވެ. އަތުގައި ހުރި ތަށިވެސް ފެނެއެވެ. އޭނާ ވާހަކަ ދައްކަނީއެވެ. "ކަލޭމެން ފިރިހެނުން ތިޔައީ ކޮން ކަހަލަ ބައެއް ހެއްޔެވެ؟ އަތްފައިގެ ބާރު ކެނޑުމާއެކީ އަންހެނަކަށްވުރެވެސް ބަލިކަށި މީހަކަށް ވެދޭ. ތަށްޓެއްގައި ހިފައިލާނޭ ވަރުވެސް ގަޔަކު ނުހުރޭ. ތިޔަވަރުގެ މީހަކު އަހަރެންގެ އަތުގައި ހިފާނީ ކިހިނެއް؟"

ރުޚްސާނާ ތަށްޓަށް ރާ އެޅުމަށް ފަހު ޖަމްޝީދުގެ ތުނބުގައި ޖައްސައިލިއެވެ. އޭނާ ބޯކަށް ބޭނުމެއް ނޫނެވެ. އިންކާރު ކުރުމުގެ ގޮތުން ކިޔާނުކިޔާ އެއްޗެއް ނޭނގޭ ކަހަލަ އެއްޗެހިތަކެއް ކިޔަމުން ގެންދިޔައެވެ. ރުޚްސާނާ އެއް އަތުން އޭނާގެ ނޭފަތުގައި ހިފަހައްޓައިފިއެވެ. އަނގައިން ނޭވާ ލާން ޖެހުމާއެކު ނޭވަޔާއެކު ދެ ކޯވަރު އެތެރެއަށް ހިނގައްޖެއެވެ. ތިން ވަނަ ކޯވަރާއެކު އޭނާގެ ހަށިގަނޑަށް ވަރުގަދަ ލޮޅުމެއް އެރިއެވެ. ރުޚްސާނާ ދުރަށް ގޮސް ހުއްޓި ހުރެއްޖެއެވެ. ޖަމްޝީދު ބައެއް ފަހަރަށް ތެދުވެވޭތޯ ބަލައެވެ. ބައެއް ފަހަރު ފޮރުޅިގަންނަ ކަހަލަ ގޮތަކަށް ހަދައެވެ. އިންތިހާއަށް އަމަލުވީމާ ބޯ މީސްމީހުންގެ އަމަލުތައް ހުންނަނީ އެކަހަލަ ގޮތަކަށެވެ.

ރުޚްސާނާ ތަށި އެއް ފަރާތަކަށް އެއްލާލައިފިއެވެ. އަދި ކުއްލިއަކަށް މޫނުގައި ދެއަތް އަޅައިގެން ރޯން ފަށައިފިއެވެ. "އަހަރެން އައިސް މި ބެދުނީ ކޮން ކަހަލަ ނުބައި މަޅިއެއްގައި. މަންމާ. މަންމަގެ މަޝްވަރާއަށް އަމަލު ކުރީމާ އަހަރެން މުޅީން ހަލާކު ވެއްޖެ. މަންމަ ދަސްކޮށް ދިނީ ޖަމްޝީދު ހައްދަން. ބީރަށްޓެރި ރަށެއްގައި، ބީރަށްޓެހި ގެއެއްގައި، ބީރަށްޓެހި ބައެއްގެ ތެރޭގައި އަހަންނަށް ވާނޭ ގޮތަކާމެދު އެއްގޮތަކަށްވެސް މަންމައެއް ނުވިސްނާ. އަހަރެންވެސް ނުވިސްނަން."

އޭނާ މޫނުން އަތް ނަގައިފިއެވެ. "ކުށްވެރިއަކީ ޖަމްޝީދެއް ނޫން. ކުށް އޮތީ އަހަރެމެންގެ ކިބައިގައި. ސީދާ ސާފު ތެދު ބަހުން ވާހަކަދެއްކި ނަމަ މިހެންނެއް ނުވާނެ. އަހަރެންގެ ފިރިއަކު އެބަހުއްޓޭ، ދަރިއަކު އެބައޮތޭ ބުނި ނަމަ ޖަމްޝީދު މިފަދަ ގޮތަކަށް ނޫޅުނީސް. މާޔޫސްވެގެން އަހަންނަށް އެހީތެރި ނުވުމަކީ އެކަށީގެންވާ ކަމެއް. އެކަމަކު އެއީ އެވަރުގެ ކަމެއް ނޫން. ފިރިމީހާގެ އެހީއާއެކު ފަސް އަހަރެއްހައި ދުވަހުގެ ތެރޭގައި އަހަރެން އަމިއްލައަށް މިތަނަށް އައިސް ސާޖަރީ ހެއްދުނީސް. ޖަމްޝީދުގެ މުސީބާތެއް ކުރިމައްޗެއް ނުވީސް."

ގިނަ ކަންތައްތަކަކީ އެ ކަމަކަށް އޮންނަ އެންމެ މުހިއްމު ދަނޑިވަޅުގައި ހަނދާންވާ ކަންތައްތަކެއް ނޫނެވެ. ރުޚްސާނާ ހުރީ ޕްލާސްޓިކް ސާޖަރީ ހައްދާ ހިތުން ކެތްތެރިކަން ކޮޅުންލައިފައެވެ. އެހެންވީމާ ފަސް އަހަރުގެ ދިގު އިންތިޒާރަކީ އޭނާއަށް މާ ދިގު މުއްދަތެކެވެ. މަންމަގެ ބަހަށް ހެއްލުނީ އެހެން ވެގެންނެވެ. ރުޚްސާނާއަކީ މޮޔައެއް ނޫނެވެ. އެކަމަކު މޫނު ފުރިހަމަ ކުރުމުގެ އެދުން ހިތުގައި އޮތް ބޮޑުކަމުން މޮޔަ ފިޔަވަޅެއް އެޅުނީއެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟

ދެން މޫނު ފުރިހަމަ ކުރާނީ ކިހިނެއް ހެއްޔެވެ؟ މި ގެއަކީ މިހާރު އޭނާއަށް އުޅެވޭނޭ ގެއެއް ނޫނެވެ. ޖަމްޝީދާ ވަކިވުމާއެކު އޭނާ މަގުމަތި ވާނެއެވެ. އޭނާގެ އަތުގައި އޮތީ ޖުމުލަ ތިން ހާސް ޕައުންޑެވެ. ތަނެއް ކުއްޔަށް ހިފައިގެން ހުރުމާއި ކެއިންބުއިމާއި ޕްލާސްޓިކް ސާޖަރީގެ ހުރިހައި ޚަރަދެއް އެ ފައިސާކޮޅަކުން ހަމައެއް ނުޖެއްސޭނެއެވެ. އޭނާ ފަޅިމޫނު ފުރިހަމަ މޫނަކަށް ހަދާނީ ކިހިނެއް ހެއްޔެވެ؟

އޭނާއަށް ރޮވެން އުޅެނީއެވެ. އެކަމަކު ގަދަކަމުން ކަރުނަ ހިފަހައްޓައިފިއެވެ. ތުން ފިއްތައިގެން ހުރެ މާނޭވާ ލަނީއެވެ. ރަނގަޅު ދަނޑިވަޅުގައި އެޅި ރަނގަޅު ފިޔަވަޅެއްގެ ސަބަބުން އަބުރު ސަލާމަތް ކުރެވުނީތީ އޭނާ އުފާ ކުރަން ޖެހެއެވެ. އެކަމަކު ކުރިއަށް އޮތީ ވަރަށް އުނދަގޫ މަގެކެވެ. މި ގޭގެ ބޭރުގައި މިކަހަލަ އެތައް ޖަމްޝީދެއް އޭނާ ނޮޅައިލާން ތައްޔާރަށް ތިބޭނެއެވެ.

މޭވާ އަޅާ ގަހެއް ކަމުގައި ވީކަމުން ހަލާކު

ނޭވާ ސަލާމަތުން ވާކަށް ނެތް އަލުން މިތާކު

ޖަމްޝީދު އެއްވެސް ހަރަކާތެއް ނެތި ބިންމަތީގައި އެބައޮތެވެ. އަމަލުގެ އިންތިހާގައި ގޮސް ނިދައިމަރުވެއްޖެއެވެ. ރުޚްސާނާ ޖަމްޝީދުގެ ޖީބުތައް ފާސް ކުރަން ފަށައިފިއެވެ. އެއް ޖީބުން އޭނާއަށް ތަޅުދަނޑިފަތި އަތުޖެހިއްޖެއެވެ. ތަޅުދަނޑި ހިފައިގެން ކޮޓަރިއާ ދިމާއަށް ހިނގައިގަތް ވަގުތު ހިތަށް އެރިއެވެ. "ފުރަތަމަ ހަލާކު ކޮށްލީ އަހަރެންގެ މޫނެވެ. މިއަދު ހަލާކު ކޮށްލީ އަހަރެންގެ ހާލަތެވެ. ދިރިއުޅުމެވެ. މިތަނުން އެނބުރި ރަށަށް ގޮސް ބާދްޝާ ގާތު ބުނާނީ ކީކޭ ހެއްޔެވެ؟ ބޮޑޫބޭބެ ޖަމްޝީދު އެހައި ދުރަށް އޭނާ ގެންގޮސްފައި ސާޖަރީ ނުހެއްދީ ކީއްވެގެންހޭ ބާދްޝާ އަހާނެއެވެ. ކުރަން ދިޔަ ކަންތައް ނުކޮށް އެނބުރި އައީ ކީއްވެގެން ހެއްޔޭ އަހާނެއެވެ."

އޭނާ ކޮޓަރިއަށް ވަދެ އޭނާގެ ސާމާނު އެއްތަން ކުރާން ފަށައިފިއެވެ. ސާޖަރީއަށް ހިނގާ ޚަރަދު ދަރަނީގެ ގޮތުގައި ދޭނޭ ކަމަށް ޖަމްޝީދުގެ ބައްޕަ ބާާޤިރް ޢަލީ އޮތީ ބުނެފައެވެ. ރުޚްސާނާއަށް އެ ފައިސާ އަނބުރައި ދޭން ޖެހޭނީ މަހުން މަހަށް ދައްކައި އަދާކުރާ ގޮތަށެވެ. ދަރަންޏަކީ މީސްމީހުން އިންސާނީ ހަމްދަރްދީއާއި އިޚްލާސްތެރިކަމުގެ ސަބަބުން ދޭ އެއްޗެކެވެ. ޖަމްޝީދު މިހާރު އެވަނީ އިޚްލާސްތެރިކަން ކަތިލާފައެވެ. ހަމްދަރްދީއަކީ ހިލޭ ލިބޭ އެއްޗެއް ނޫނެވެ. ބާޤިރް ޢަލީގެވެސް ބޭނުމެއް އެބައޮތެވެ. އެއީ ރުޚްސާނާއާއި ޖަމްޝީދާ ދެވުމެވެ. އެހެން ނޫންނަމަ އެހައި ގިނަ އަދަދެއްގެ ފައިސާ ދަރަންޏަށް ކަމުގައި ވިޔަސް އޭނާ ދޭން ޖެހޭ ސަބަބެއް ނެތެވެ.

ހުރިހައި ސާމާނެއް ފޮށިވަށްޓައް އަޅައި ނިމިއްޖެއެވެ. އޭނާ ރަށުން އައިއިރު ގެނައީ ފުރޮޅުލީ ބޮޑު ފޮށްޓަކާއި އެޔަށްވުރެ ކުޑަ ފޮށްޓަކާއި ވަށިގަނޑަކާއި ކޮނޑުމަތީ ދަބަހެކެވެ. އޭނާ ދަބަސް ކޮނޑުގައި އަޅުވައިލިއެވެ. އެއް އަތުން ކުޑަފޮށި ނަގައިފިއެވެ. ވަށިގަނޑު ބަހައްޓާފައި އަނެއް އަތުން ފުރޮޅުލީ ފޮށި ދަމަމުން ހިނގައިގެންފިއެވެ. ބޭރު ދޮރު ހުޅުވައިލުމަށް ފަހު ހުރިހައި ސާމާނަކާއެކު ބޭރަށް ނުކުމެއްޖެއެވެ.

ބޭރަށް އޮތީ އަނދިރިކަން ވެރިވެފައެވެ. އުޑުމަތިވެސް އޮތީ ކަޅުކުލައިގައެވެ. ބީރަށްޓެހި ރަށެކެވެ. މަގުތައް ބައިވަރެވެ. މަންޒިލެއް ނެތެވެ.

އަހަރެން ޖާނީއެވެ. އަހަރެންގެ އުޑާއެވެ. އަހަރެންގެ ބޮލުގައި އަޅުވައިލާ ތާޖެވެ. ޚުދު ތިމާގެ އުޑުގެ ހިޔަލުން ނުކުންނަ އަންހެނެއްގެ ފައިދަށުން ބިންގަނޑުވެސް ދެމިގެން ހިނގައިދާނޭކަން އެނގުނީ މިއަދުއެވެ.

އެކަމަކު ޖާނީއެވެ. އަހަރެން އަދި އެނބުރިއެއް ނާންނާނަމެވެ. އަހަންނަކީ އިންސާނަކީމެވެ. ފުރިހަމަ މީހަކަށް ވުމުގެ ހައްގަކީ އަހަންނަށް ލިބިގެންވާ ހައްގެކެވެ. އެއް ގޮތަކީ މި ރަށުގައި މަރުވެދިއުމެވެ. އަނެއް ގޮތަކީ މޫނު ފުރިހަމަ ކުރުމެވެ. އެކަނި އިންނަ އަންހެނެއްގެ ހުންނަނީ ކިހައި ވަރުގަދަ އަޒުމެއްކަން އަހަރެން ދުނިޔެއަށް ދައްކައިދޭނަމެވެ.

ޔާ ﷲ. މިއަޅާގެ ހިތްވަރާއި އަޒުމަށް ގުޑުމެއް އެރިޔަ ނުދެއްވާށިއެވެ.

މިއަޅާގެ އެހީތެރިޔަކީ އިބަރަސްކަލާނގެއެވެ.

* * *

ބާދްޝާ އަލަމާރި ހުޅުވައިލިއެވެ. އެތެރެއިން ދުވީ ވަރަށް މީރު ވަހެކެވެ. އެ އަލަމާރި ހުޅުވައިލާ ކޮންމެ ފަހަރަކު އޭނާއަށް އަނބިމީހާގެ ހަނދާންވެއެވެ. ސޫރަކުރެވެއެވެ. އޭނާ އިރުކޮޅެއް ވާންދެން ހިމޭނުން ހުއްޓެވެ. އޭނާގެ ކުރިމަތީގައި އެހެރީ ރުޚްސާނާއެވެ. އޭނާގެ ހެދުންތައް ރުޚްސާނާ ބެހެއްޓި ގޮތަށް ތަރުތީީބުން އެބަހުއްޓެވެ. ރުޚްސާނާ ބޯ އައްސާ ފޮތިކޮޅުތައް ކޮނޑެއްގައި އަޅުވައިފައި އެބަހުއްޓެވެ. އޭނާ އެތަނުން ފޮތިކޮޅެއްގައި ފިރުމައިލިއެވެ.

ރުޚްސާނާ ހީނގެންފިއެވެ. "ދޫކޮށްލާ... އަހަރެންގެ ހުޅި ރޫޅިދާނެ... ދޫކޮށްލާ."

(ނުނިމޭ)


ނޯޓު: މިބައިގައި ހިމަނާފައި އެވާ ޅެންބައިތު އަޅުގަނޑަށް ހައްދަވައިދެއްވީ ރާއްޖޭގެ މަޝްހޫރު ޅެންވެރިޔަކު ކަމުގައިވާ ޙަސަން ޝާކިރު މުޙައްމަދެވެ.

3 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.