ގައުމުގެ ކަންތައްތަކާ މެދު ކަލޭ ފިކުރު ހިންގަމު ހެއްޔެވެ؟
ކައިގެން ބޮއިގެން ނިދުނީމާ އެ ނިމުނީ ހެއްޔެވެ؟
ގައުމަށް ކޮންމެ ގޮތެއް ވިޔަސް އެންމެ ރަނގަޅު ހެއްޔެވެ؟
އަހަރެން އަހައިފީމެވެ.
ގައުމަށް ކަމެއް ވެގެން އެބަ އުޅޭ ހެއްޔެވެ؟
ބަލަގަ ކަންތައް ހިފަހައްޓަމުން ގޮސް މިހާރު ވާހަކަ ދެއްކުންވެސް މަނާވާ ހިސާބަށް ހިނގައްޖެއެވެ.
ވަކިވަކި ލަފުޒަށް ގާނޫނު ހަދަން ފަށައިފިއެވެ.
ވަކި މީސްމީހުން ރައްކާތެރި ކުރަން ގާނޫނު ހަދަން ފަށައިފިއެވެ.
އެންމެ ފަހުން ގާނޫނެއްގައި ވަކި މީހެއްގެ ނަން ޖަހަންވެސް އުޅެފިއެވެ.
މިހާރު މިދާ ވަރުން ދަންޏާ ޑިމޮކްރަސީއޭ ކިޔާ އެއްޗެއް އަމިއްލަށް ދަންޖެހި މަރުވެގެންފާނެއެވެ.
އަހަރެން އަހައިފީމެވެ.
ތިޔައީ ސިޔާސީ މީސްމީހުންގެ ކުޅިވަރެވެ.
އެމީހުން އެ ކުޅިވަރު ކުޅެން ދޫކޮށްލާށެވެ.
އަހަރެމެން ހަމަޖެހިގެން ދިރިއުޅުނީމާ އެނިމުނީއެވެ.
ދިރިއުޅެވޭނީ ހަމަޖެހޭ މުޖުތަމައެއްގައެވެ.
އިންސާފު ގާއިމު ވެފައި އޮންނަ ގައުމެއްގައެވެ.
މިހާރު މި ދާ ގޮތަށް ދަންޏާ އަހަރެމެންގެ ގިނަ މީހުން ދިރިއުޅެން ޖެހޭނީ ޖަލުގައެވެ.
ސްޓާލިން ގެ ވާހަކަ ކަލޭ އަޑު އެހިން ހެއްޔެވެ؟
އަހަރެން ބުނެފީމެވެ.
މިހާރު ތިޔަ ދައްކަނީ ކޮން ވާހަކައެއް ހެއްޔެވެ؟
ސްޓާލިން އެއީ މީގެ އެތައް އަހަރެއް ކުރިން މަރުވެފައިވާ މީހެއް ނޫން ހެއްޔެވެ؟
އަޑުއަހާށެވެ.
އެއްދުވަހަކު އިނގިރޭސި ބޮޑު ވަޒީރު ޗަރޗިލް ނޯޓު ފޮތުގައި އެއްޗެއް ލިޔުއްވިތަން ފެނިވަޑައިގެން އެމެރިކާގެ ރައީސް ރޫޒްވެލްޓް ސުވާލު ކުރެއްވިއެވެ.
މިތާނގައި ހިނގާ ކަންތައް ލިޔުއްވަނީތޯއެވެ؟
ޗަރޗިލް ވިދާޅުވިއެވެ.
ނޫނެކެވެ.
އަޅުގަނޑު ނުރުހޭ އެއްޗެއް މީހަކު އަޅުގަނޑަށް ނިސްބަތްކޮށް ބުނެފިއްޔާ އެ އެއްޗެއް އަޅުގަނޑު ނޯޓުކޮށްލަމެވެ.
މިހާރު މި ނޯޓުކޮށްލީ މިއަދު ހެނދުނު އިވުނު ވާހަކައެކެވެ.
މިހާރު އެކަހަލަ ސަތޭކަ ވާހަކަ ހަމަވެއްޖެއެވެ.
މިވާހަކަ އަޑު އައްސަވަން އިންނަވާފައި ރޫސީ ބޮޑުވަޒީރު ސްޓާލިން ވިދާޅުވިއެވެ.
ތިޔައީ ވަރަށް ރަނގަޅު ކަމެކެވެ.
އަޅުގަނޑުވެސް ތިޔަކަހަލަ ވާހަކަ އެއްކުރަމެވެ.
ޗަރޗިލް ސުވާލު ކުރެއްވިއެވެ.
މިހާރު ކިތައް ވާހަކަ ނޯޓު ކުރެއްވިއްޖެތޯއެވެ؟
ސްޓާލިން ވިދާޅުވިއެވެ.
ތިން ޖަލު ފުރިއްޖެއެވެ!