އީރާނާ ގުޅުންހުރި 33 ވެބްސައިޓެއް އެމެރިކާއިން ބަންދުކޮށްފި

އެެމެރިކާއިން ބަންދުކޮށްފައިވާ ވެބްސައިޓްތަކަށް ވަނުމުން ފެންނަ މެސެޖް

އީރާނާ ގުޅުންހުރި 33 ވެބްސައިޓަކަށް ނުވަދެވޭ ގޮތަށް އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްއިން ހަދައިފިއެވެ. އެމެރިކާއިން ބުނީ އެ ވެބްސައިޓްތައް ޖަސްޓިސް ޑިޕާޓްމަންޓްގެ ކޮންޓުރޯލުގެ ދަށަށް ގެނައީ އެ ސައިޓްތަކުން ދޮގު މައުލޫމާތު ފަތުރާތީއެވެ.

ބަންދުކުރި ވެބްސައިޓުތަކުގެ ތެރޭގައި އީރާނުގެ ރޭޑިޔޯތަކާއި ޓީވީތަކުގެ އިއްތިހާދުގައި ހިމެނޭ ޚަބަރުފަތުރާ ވަސީލަތްތަކުގެ ވެބްސައިޓްތަކާއި، ޙިޒްބުﷲގެ 3 ވެބްސައިޓަކާއި، ޔަމަނުގެ ޙޫޘީންެގެ ވެބްސައިޓެއް ހިމެނެއެެވެ.

އީރާނު ރަސްމީ ނިއުސް އެެޖެންސީ އިރްނާއާއި، އަރަބި ބަހުން ދުރަށް ފޮނުވާ އަލްއާލަމް ޓީވީއާއި، އިނގިރޭސި ބަހުން ދުރަށް ފޮނުވާ ޕްރެސް ޓީވީއިން ބުނެފައި ވަނީ ކުރިން އެއްވެސް ސަބަބެއް ބަޔާންކުރުމަކާއި ނުލައި އެ ތަންތަނުގެ ވެބްސައިޓްތައް ބަންދުކޮށްފައިވާ ކަމަށެވެ. އީރާނުގެ ތާއީދާއެކު ޔަމަނުގައި ހަނގުރާމަކުރާ ޝީޢާ ޖަމާއަތް، ޙޫޘީންގެ އަލްމަސީރާ ޓީވީން ވެސް ބުނެފައި ވަނީ އެ ޓީވީގެ ވެބްސައިޓް ބަންދުކޮށްފައިވާ ކަމުގައެވެ.

އީރާނު ސަރުކާރުގެ ޓީވީ އެއް ކަމުގައިވާ 'އިރިބް ޓީވީ' އިން ބުނެފައިވާ ގޮތުގައި އެމެރިކާއިން މި ވެބްސައިޓްތަަކާ ދެކޮޅަށް ފިޔަވަޅުއެއީ އެ ވެބްސަައިޓްތަކުން އެމެރިކާއާއި އެގައުމުގެ ބައިވެރިންގެ ޖަރީމާތައް ބޭޒާރުކުރާތީއެވެ.

"ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ތާއީދުކުރާ ކަމަށް އެމެރިކާގެ ޑިމޮކްރެޓިކް ސަރުކާރުން ބުނާއިރު، އެގައުމުން ދަނީ މެދުއިރުމަތީގައި އެގައުމުގެ ތާރީޚީ ދެބައިވެރިން ކަމުގައިވާ އިސްރާއީލާއި ސައޫދީ އަރަބިއްޔާގެ އެހީއާއެކު ޚަބަރުފަތުރާ ވަސީލަތްތައް އަމަލީގޮތުން ބަންދުކުރަމުން." އިރިބް ޓީވީން ބުނެފައި ވެއެވެ.

އީރާނާ ގުޅުންހުރި ވެބްސައިޓްތަކުގެ އިތުރަށް ދާދިފަހުން ފެށި 'ޕެެލެސްޓައި ޓުޑޭ" ވެބްސައިޓުވެސް ވަނީ ޖަސްޓިސް ޑިޕާޓްމަންޓްގެ ކޮންޓުރޯކުގެ ދަށަށް ގެނެސްފައެވެ. ޕެލެސްޓައިން ޓުޑޭއަކީ ޣައްޒާގައި ވެރިކަންކުރާ އިސްލާމިކް ރެސިސްޓެންސް މޫވްމަންޓް (ހަމާސް) ޖަމާއަތާއި، އިސްލާމިކް ޖިހާދަށް ތާއީދުކުރާ ވެބްސައިޓެެކެވެ.

އެމެރިކާއިން އީރާނާ ގުޅުންހުރި ވެބްސައިޓްތަކާމެދު ފިޔަވަޅުއަޅާފައި މިވަނީ އީރާނުގެ ރައީސުކަމަށް އެގައުމުގެ ޖުޑިޝަރީގެ ކުރީގެ ވެރިޔާ އިބްރާހީމް ރައީސީ އިންތިޚާބުވެވަޑައިގަތްތާ މާގިނަ ދުވަހެއް ނުވެއެވެ. ރައީސީއަކީ ހަރުކަށި ޚިޔާލުގެ ބޭފުޅެއްކަަމަށް ބުނެ އެމެރިކާއާއި، ޔޫރަޕްގެ ބައެއް ގައުމުތަކުން ދަނީ އޭނާއާ ދެކޮޅަށް ގިނަ ވާހަކަތަކެއް ދައްކަަމުންނެވެ. ބައެއް ގަައުމުތަކުން ވަނީ އޭނާއަކީ އީރާނުގެ ރައީސު ކަަމަށް ބަލައިނުގަތުމަށް ވެސް ގޮވައިލާފައެވެ.

މެދުއިރުމަތީގެ މަސްރަހު ދިރާސާކުރާ ބައެެއް ފަރާތްތަކުން ދެކޭގޮތުުގައި، އެމެރިކާއިން އެޅި މިފިޔަވަޅުގެ އަސަރު، އީރާނާއެކު ވެފައިވާ ނިއުކުލިޔާ އެއްބަސްވުން 'ސަލާމަތްކުރުމަށް' ވިއެނާގައި ދެގައުމުގެ ދެމެމުގައި ކުރިއަށްދާ ނުސީދާ މަޝްވަރާތަކަށް ވަރަށް ބޮޑަށް ކުރާނެކަމަށް ބެލެވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.