އެމެރިކާ މީހަކު 10 އަހަރަށް ޖަލަށްލުމަށް އީރާނުގައި ހުކުމްކޮށްފި

އީރާނުގައި 10 އަހަރަށް ޖަލަށްލާން ހުކުމްކުރި މައިކަލް ވައިޓް

އެމެރިކާ ކަނޑުގެ ސިފައިންގެ ތެރޭގައި ކުރިން އުޅުނު މީހަކު 10 އަހަރަށް ޖަލަށްލުމަށް އީރާނުގެ ކޯޓަކުން ހުކުމްކޮށްފިއެވެ.

އާއިލާއިން ބުނިގޮތުގައި މައިކަލް ވައިޓްގެ މައްޗަށް ހުކުމްކޮށްފައި ވަނީ އީރާނުގެ ދީނީ ލީޑަރު އާޔަތުﷲ ޚާމަނައީއަށް ބަދުބަސްބުނުމާއި، އާއްމުކުރަން ނުޖެހޭ ޒާތީ މަންޒަރުތަކެއް މީސްމީޑިޔާގައި އާއްމުކުރުމުގެ ކުށުގައެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ ލޯބީގެގޮތުން އޭނާ ގުޅިގެން އުޅޭ އީރާނު އަންހެނަކާއި ބައްދަލުކުރުމަށް ފާއިތުވި އަހަރުގެ ޖުލައި މަހުގެ ތެރޭގައި މަޝްހަދަށް ގޮސް އުޅެނިކޮށެވެ. އެހެންނަމަވެސް، އޭނާ ހައްޔަރުކޮށްފަވާކަން އީރާނުން ޔަގީންކޮށްދީފައި ވަނީ ފާއިތުވި ޖަނަވަރީ މަހުގެ ތެރޭގައެވެ.

ވައިޓްގެ ވަކީލު މާކް ޒައިދު އިއްޔެ ބުނީ އޭނާގެ މުވައްކިލުގެ މައްޗަށް ހުކުމްކޮށްފައި ވަނީ ދީނީ ލީޑަރު އާޔަތުﷲ ޚާމަނައީއަށް ބަދުބަސްބުނުމުގެ ކުށުގައި 2 އަހަރު ދުވަހަށް ޖަލަށްލުމަށާއި، ފޮޓޯއެއް އާއްމުކުރުމުގެ ކުށުގައި 10 އަހަރު ދުވަހަށް ޖަލަށް ލުމަށް ކަމަށެވެ. މި މާރިޗު މަހުގެ 6 ވަނަ ދުވަހާއި 9 ވަނަ ދުވަހު ވަކިން އިއްވި މި ދެހުކުމް ތަންފީޒުކުރާނީ އެކުއެކީގައެވެ. އެހެންކަމުން އޭނާ 10 އަހަރަށް ވުރެ ގިނަ ދުވަހު ޖަލުގައި ހުންނަން ނުޖެހޭނެއެވެ.

އެމެރިކާގެ ކަނޑުގެ ސިފައިންގެތެރޭގައި ކުރިން ޚިދުމަތްކޮށްފައިވާ ވައިޓު ޖަލަށްލާން ހުކުމްކުރިކަން އާއިލާއަށް އެންގީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓު (ޚާރިޖީ ވުޒާރާ) އިންނެވެ. އެއީ ތެހެރާނުގައި ހުންނަ ސުވިސް އެންބަސީން ސްޓޭޓް ޑިޕާޓްމަންޓަށް އެކަން އެންގުމުންނެވެ. އެމެރިކާއާއި އީރާނާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ނުއޮންނާތީ އީރާނުގެ އެމެރިކާގެ ކަންކަން ބަލަހައްޓަނީ ސުވިސް އެންބަސީންނެވެ. ވައިޓުގެ އާއިލާއިން ބުނިގޮތުގައި ސުވިސް އެންބަސީގެ އޮފިޝަލުން ވަނީ އޭނާ ބަންދުކުރިފަހުން އޭނާއާ ދެފަހަރު ބައްދަލުކޮށްފައެވެ.

މައިކަލް ވައިޓަކީ ޑޮނާލްޑް ޓްރަމްޕް އެމެރިކާގެ ރައީސުކަމާ ހަވާލުވެވަޑައިގަތް ފަހުން އީރާނުގެ ކޯޓަކުން ހުކުމް އިއްވި ފުރަތަމަ މީހާއެވެ. މީގެ ކުރިން ކުރި ހުކުމްތަކަކާ ގުޅިގެން އެމެރިކާގެ ތިން މީހަކު މިހާރުވެސް އީރާނު ޖަލުތަކުގައި ހުކުމް ތަންފީޒުކުރަމުން އެބަގެންދެއެވެ. އަދި 2007 ވަނަ އަހަރު އީރާނުގައި އެމެރިކާ މީހަކު ވީނުވީއެއް ނޭނގި ގެއްލިފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.