ފަޅިމޫނު - 100

(19 ޖޫން 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ޖަމްޝީދު ފުންނޭވައެއް ލިއެވެ. "އިސް ދަށަށް ޖަހަލައިގެން އިނދެ ފިކުރު ކުރުމުގެ ބަލި ޖެހިދާނެތީ އަހަރެން މިހާރު އެބަ ބިރުގަނޭ. އެބަލި ޖެހުނަސް އަހަންނަށްޓަކައި ޖެހިއްޖެއްޔާ އެންމެ ރަނގަޅު."

ކުއްލިއަކަށް އިމާރާތެއްގެ ކައިރިއަށް ކާރު މަޑުކޮށްލައިފިއެވެ. "މަޑުކޮށްލާ. އަހަރެންގެ ސާމާނު މިތަނަށް ލާފައި އެބަ އަންނަން."

ޖަމްޝީދު ކާރު ފައިބައިގެން އޭނާގެ ފޮށި ހިފައިގެން ގޮސް އެ އިމާރާތުގެ ތެރެއަށް ވަދެއްޖެއެވެ. އޭނާގެ އެންމެ ފަހުގެ ޖުމުލަ ރުޚްސާނާގެ ސިކުނޑީގައި ތަކުރާރުވާން ފަށައިފިއެވެ. އަޒަލުއްސުރެ އިންސާނާގެ އެންމެ ބޮޑު އެދުމަކަށް ވެފައި އޮންނަނީ ދުނިޔޭގެ އެންމެންގެ ލޯތްބާއި އަޅައިލުން ހަމައެކަނި ތިމާއަށް އަމާޒު ވެފައި ހުރުމެވެ. މީހަކުގެ ތައުރީފުގެ ބަހެއް ލިބޭ ގޮތް ވުމަކީ ކޮންމެ މީހެއްގެމެ އެދުމެކެވެ. ހިތާމައާއި އުފަލުގައި ބައިވެރިވުމާއި ތައުރީފު ކުރުމަކީ ކޮންމެ މީހަކުވެސް އެކަންކަމަށް އެދޭ އަދި ލޯބިކުރާ ކަންކަމެވެ. އެފަދަ ކަމެއް ކުރާ މީހެއްގެ މައްޗަށް އިޚްތިޔާރުގައި ނުވަތަ ބޭއިޚްތިޔާރުގައި ނަމަވެސް ހިތް ލެނބިގެންދާ ގޮތް ވުމަކީ އިންސާނީ ތަބީއަތެވެ. ޖަމްޝީދުގެ ތައުރީފުގައި އެންމެ ފަހުން ޖެހިގެން ދާނީ ކޮން ކުލައެއް ކަމެއް ނޭނގެއެވެ. މި ވަގުތަށް ބަލާނަމަ ރުޚްސާނާގެ މުޅި ވުޖޫދުގައި ޖެހިފައި ވަނީ އެންމެ ކުލައެކެވެ. އެއީ ބާދްޝާ ޖާނީގެ ކުލައެވެ. އެހެންވީމާ ޖަމްޝީދުގެ ވާހަކަތައް ވަރަށް ފަސޭހައިން ސިކުނޑިން ނެރެ އެއްލައިލެވެއެވެ.

މީހަކު ދައްކާ ވާހަކައެއް ހަނދާން ނައްތައިލުމާއި ހަދަހަދައިގެން ވާހަކަ ދައްކާ މީހަކު ހަނދާން ނައްތައިލުމާ މިއީ މުޅީން ދެ ކަމެކެވެ. ރުޚްސާނާގެ ސިކުނޑީގައި ބޮޑު ބުރައެއް އެބައޮތެވެ. މަކަރާއި ހީލަތުގައި ދެމި ހުރެވޭނީ ކިހައި ދުވަހެއް ވާންދެން ހެއްޔެވެ؟

ރެސްޓޯރަންޓެއްގައި ރޭގަނޑު ކާން ތިބެފައި ޖަމްޝީދު ބުންޏެވެ. "ރުޚްސާނާ. ތިޔަ ކުރަނީ މާ ބޮޑުވަރު. އަންހެން ކުދިންނަކީ ތިޔަހެން ބަސް ހުއްޓިފައި ޚިޔާލުގެ ތެރެއަށް ގެއްލިފައި ތިބޭ ބައެއް ނޫން."

"މިއީ އިރުމަތީގެ އަންދާޒު. މިއީ އަހަރެމެންގެ މުޖުތަމައު ދަސްކޮށްދޭ ގޮތް."

"ރުޚްސާނާއަށް ތިޔަހަރީ މާ ބޮޑަށް ދަސްކޮށް ދީފައި. ރޭލުގައި އައި އިރު އަތުގައި ހިފައިލީމާވެސް ފޮޅުވާލައިފި."

"އެއީ އަހަންނަކަށް ރަނގަޅު ކަމެއް ނޫން. ޚިޔާލު ތާހިރު ކުރެވޭނީ ގާތްކަން ބޭއްވުމާވެސް އެކު ދުރުކަމެއް ދަމަހައްޓައިގެން."

ޖަމްޝީދު ތާއީދު ކުރުމުގެ ގޮތުން ބޯ ޖަހައިލިއެވެ. "ބަލައިގެން ރައްކާތެރިވެގެން އުޅެން ރުޚްސާނާ ދަނޭ. އެއީ ވަރަށް ރަނގަޅު ކަމެއް. އެކަމަކު މިހާރު އެއް ކަމަކަށް އިގުރާރުވޭ. ދެމީހުން އެނބުރި ގައުމަށް ދާނީ ހަޔާތުގެ ބައިވެރިންނަށް ވެގެން."

"އަހަރެން މި ރަށަށް އައީ މީހަކާ އިންނާކަށް ނޫން."

"އެކަން ދެނަހުރިން. މޫނުގެ ސާޖަރީ ނިމުނީމާ..."

"ނިމުނީމާ އަހަރެން އެނބުރި ގައުމަށް ދާނީ. ރަށަށް ގޮސް ޑަކްޓަރުކަން ކުރާނީ. އަހަރެންގެ ކުރިމަގު އާރާސްތު ކުރާނީ އަހަރެން އަމިއްލައަށް."

"ދެން މުސްކުޅި ވާނީ. މީހަކާ ނީންނާނަންތަ؟"

"އަހަރެންގެ މިޒާޖު އެހެން އަންހެން ކުދިންނާ ވަރަށް ތަފާތު ވާނެ. އެހެން މީހަކާ ބެހޭ ގޮތުން ވިސްނައި އުޅުމަކީ އަހަރެން ކުރާ ކަމެއް ނޫން."

"އަހަންނާމެދު ވިސްނައިލުމުގެ ފުރުސަތެއްވެސް ނެތްތަ؟"

ރުޚްސާނާ ހިނިތުން ވެލައިފައި ޖަމްޝީދާ ދިމާއަށް ބަލައިލިއެވެ. ދެވަނަ ސިކުންތުގައި އިސް ދަށަށް ޖަހައިލިއެވެ. "ނެތް."

އެއީ ސާފު ބަހުން އިންކާރު ކުރުމެވެ. އެކަމަކު ހިނިތުންވެލީމާ އެ އިންކާރުގެ މުޅި މަފުހޫމު އޮޅުންބޮޅުން ވެގެން ހިނގައްޖެއެވެ. ސާފުކޮށް ވާހަކަ ދެއްކި ނަމަވެސް އުއްމީދުގެ ހިޔަނިވެސް ދައްކައިފިއެވެ. ހިނިތުންވުމަކީ ހާދަހާ ގިނަ މާނައެއް އެކުލެވޭ ކަމެކެވެ. އެ ހިނިތުންވުމުގެ ސަބަބުން ޖަމްޝީދުގެ ހިތް ހަމަ ޖެހިގެން ހިނގައްޖެއެވެ.

ރުޚްސާނާ ހުންނަ އެޕާޓްމަންޓަށް އާދެވުނީ ރޭގަނޑު ދިހައެއް ޖެހިއިރުއެވެ.

"ހެނދުނު އަށެއް ޖަހާއިރު އަހަރެން އަންނާނަން. ނުވައެއް ޖަހާއިރު ހަސްފަތާލަށް ދާން ޖެހޭނެ. މެންދުރު ކައްކާނޭ ވަގުތެއް ނުލިބޭނެ. އެހެންވީމާ..."

"ވަގުތު ލިބޭނެ. މެންދުރުވެސް ރޭގަނޑުވެސް ޖަމްޝީދު ކާނީ މިގެއިން."

ރުޚްސާނާ ހިނިތުން ވެލާފައި ގޭތެރެއަށް ވަދެ ދޮރު ލައްޕައިފިއެވެ. ޖަމްޝީދު އިރުކޮޅެއް ވާންދެން ލައްޕާފައި ހުރި ދޮރާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. އޭނާގެ ކުރިމަތީގައި ސިފަވަމުން ދަނީ ފުރިހަމަ މޫނެއްގެ ވެރި ރުޚްސާނާއެވެ. ކޮލެޖުގެ ދުވަސްވަރު ހަނދާންތަކެވެ. އެއީ އޭނާ ސިއްރުސިއްރުން ރުޚްސާނާ ދެކެ ލޯބިވީ ދުވަސްވަރެވެ. ރުޚްސާނާއަކީ ވަރަށް ބޮޑާ ކުއްޖެކެވެ. ރުހުމާއެކީ އަނގައިންވެސް ބުނެއެއް ނުލައެވެ. އެކަމަކު މިއަދު އެހެރީ ގާތްތިމާގެ އެންމެންނާ ވަކިވެގެން އޭނާގެ ގާތަށް އައިހެވެ. އޭނާ އަތް ދިއްކޮށްލުމާއެކު އަތު ޖެހޭހައި ކައިރީގައެވެ. އެކަމަކު އެއީ އެހައި ފަސޭހަ ކަމެއް ނޫނެވެ. ފަސޭހަ ހިސާބެއްގައި އުޅުނު ނަމަވެސް މި އަންހެން ކުއްޖާގެ ކިބައިން އަދި ލިބެނީއަކީ މާ އުއްމީދީ އިޖާބައެއް ނޫނެވެ.

ހިތްވަރު ޖައްސައިލުމުގެ ބޭނުމުގައި އޭނާ ގޮސް ވަނީ ރާޚާނާއަކަށެވެ. ހޮޓަލުން ދިމާވެގެން އޭނާ އޮތީ ފަޚްރީ އަޙްމަދާ ބައްދަލުވާން ބުނެފައެވެ. ރާޚާނާގެ ކައުންޓަރު ކައިރީގައި ފަޚްރީ އިށީނދެގެން އިނެވެ. އޭނާ ގޮސް ކައިރީގައި އިށީނީމާ އަހައިލިއެވެ. "ބިއަރު ރަނގަޅުތަ؟"

ޖަމްޝީދު ބުންޏެވެ. "އެއަށްވުރެ ރަނގަޅު ކޮށްލާ. ބިއަރަށްވުރެ ކުރިއަށް ދާކަށް ބައްޕަ ޖާގައެއް ނުދޭ. އަނެއްކޮޅުން ރުޚްސާނާގެ ކުރިމަތީގައި މުޅި ދުވަހު ޖެހުނީ މާ ދީންވެރި މީހަކު ކަމުގައި ހެދިގެން އުޅެން."

"އެކުވެރިޔާ. ކަލެއަކީ ވަރަށް ބޮޑު ނަސީބުވެރިއެއް. ބައްޕަޔާއެކީ ބިއަރު ބޮވެއެއްނު. އަހަރެންގެ މައިންބަފައިން މި ގައުމުގައި ދިރިއުޅޭތާ އެތައް އަހަރެއް ވެއްޖެ. މާ ދީންވެރި ބައެއް. އެ ވާހަކަ ބާއްވާފައި ކަލޭގެ ލޯބިވެރިޔާގެ ވާހަކަ ކިޔައިދީބަލަ. ކުރިއަށް ފިޔަވަޅެއް އެޅިއްޖެތަ؟"

"ނޫނޭ. އަދިއެއް ނޭޅޭ. އެކަމަކު އުއްމީދު އެބައޮތް."

"ތިޔަ އުއްމީދުގެ ވާހަކަ ބާއްވާ. ތިޔަ އުއްމީދެއްގައި ކަލޭ އުޅޭތާ ކިހާރު ކިތައް އަހަރު ވެއްޖެ؟ އުއްމީދެާ އެކީގައި އެކީ ކަހަލަ ރޭވުންވެސް ރާވައިފީމު. ކިތައް ކުޅިގަނޑު ކުޅެފިން؟ އޭނާގެ ޕްލާސްޓިކް ސާޖަރީގެ މަގުވެސް ހޯދައިފީމު. މިއަދު ހޮޓަލަށް އައީމާ އަހަރެން މަޝްވަރާއެއް ދިނީމެއްނު؟ އެ މަންޖެގެ އަތުގައި ހިފާށޭ ބުނީމެއްނު؟"

"ހިފީމޭ. އޭނާ ފޮޅުވާލައިފި."

ފަޚްރީ ތަށިން އެތިފޮދެއް ބޮައިލަމުން ބުންޏެވެ. "އަތް ފޮޅުވައިލީމާ އޭގެ މާނައަކީ ފަސްބައިވެސް ފޮޅުވައިލީއޭ. ދުރުދުރުން ފަސްބައިގެ ވައި ޖައްސައިފައި ކަލޭ މޮޔަ ހައްދަނީ. ކަލޭ ތިޔަ ހުންނަނީ މޮޔަ ހެއްދިގެން."

"މަލާމާތް ނުކޮށް މޮޅު ގޮތެއް ކިޔައިދީ. އަހަރެންގެ ލޯބީގައި އޭނާ ޖައްސާނޭ ގޮތެއް ކިޔައިދީ."

"ކަލެއަށް އޮތީ އެންމެ ގޮތެއް. ލޯ މަރައިލާ. ހުވަފެނުގައި އައިސް އޭނާ ކަލޭ ބޭނުންވާހައި ކަމެއް ކޮށް ދީފައި ހިނގައިދާނެ."

"ފަޚްރީ. އަހަރެން މިހިރީ ވަރަށް ކަންބޮޑުވެފައި. އޭނާގެ ހަގީގީ ރީތިކަން ކަލެއަކަށް ފެނިފައެއް ނެތް. ކޮލެޖުގެ ދުވަސްވަރު ކަލެއަށް އޭނާ ފެނުނު ނަމަ އޭނާއަށްޓަކައި ޖާނުން ފިދާވީސް. އޭނާގެ ސާޖަރީއަށް ފަހު މޫނު ފުރިހަމަވީމާ މިތަނުން ފުރައިގެން ދިޔަޔަކަ ނުދޭނަން."

"ޖަމްޝީދު. އޭނާޔާ ބެހޭ ގޮތުން ކަލޭ ދެއްކި ވާހަކަތަކުން އަހަންނަށް ސާފުކޮށް އެނގުނު ކަމެއް ބުނަންތަ؟ އެއީ އިންތިހާއަށް އަމިއްލަ އެދުންބޮޑު ޗާލާކު އަންހެނެއް. އޭނާގެ މޫނު ފުރިހަމަވެ ނިމުނީމާ ކަލެއަށް ފުއްކިބަ ދައްކާފައި ބަޗައިގެން ހިނގައިދާނެ."

"ތިޔަހެން ނުބުނޭ. އޭނާ އަހަރެންގެ އިހުސާސްތަކަށް އިހުތިރާމު ނުކޮށް އަހަރެންގެ ލޯބީގައި ކޮޅުފައިން ޖަހައިފިއްޔާ އަހަރެން އޭނާ މަރައިލާނަން."

"ސާބަހޭ. ފިރިހެނުން ތިބޭނީ ތިޔަހެން. ހަމަ މިހާރު ގޮސް އޭނާ މަރައިލާ." މިހެން ބުނެފައި ޖަމްޝީދުގެ ކަންފަތްދޮށުގައި ވައިއަޑުން ބުނެލިއެވެ. "އަބުރުގެ ހަރާން މަރަކުން މަރައިލާ."

(ނުނިމޭ)

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.