އިޓަލީގެ އުތުރުގައި މަރުބަދައެެއްގެ މައްޗަށް މީހުން އުފުލާ ކޭބަލް ކާރެއް ކަނޑައިގެން ވެއްޓުމުގެ ސަބަބުން 13 މީހުން މަރުވެ ކުޑަ 2 ކުދިން ވަރަށް ބޮޑަށް ޒަޚަމްވެެއްޖެއެެވެ. ޒަޚަމްވެފައި ވަނީ 5 އަހަރާ 9 އަހަރުގެ ދެ ކުދިންނެވެ. އެ ދެ ކުދިން ވަނީ ހެލިކޮޕްޓަރުގައި ޓޫރިންގެ ހޮސްޕިޓަލަަކަށް ގެންގޮސްފައެވެ.
ކަނޑައިގެން ވެއްޓިފައިވަނީ ޕިއެޑްމޮންޓް ސަރަަހައްދުގައި ފަތުރުވެރިންގެ މެދުގައި މަގުބޫލު ރަށެއް ކަމުގައިވާ ސްޓްރެސާއިން މޮޓަރޯނޭ ފަރުބަަދައިގެ ކުރިއަށް މީހުން އުފުލުމަށް ބޭނުންކުރާ ކާރެކެވެ. މިއީ ކަނޑުގެ ސަތަހައަށްވެރު 1400 މީޓަރު (4600 ފޫޓު) އުހުގައި ކުރެވޭ 20 މިނެޓްގެ ދަތުރެކެވެ.
އިޓަލީގެ ފަޔާ ޑިޕާޓްމަންޓުުން އާއްމުކުރި ފޮޓޯތަކުން ފެންނަނީ ޕައިން ގަސްތަކުގެ ތެރެއަށް ވެއްޓި ހަލާކުވެފައި އޮތް ކޭބަލް ކާރެކެވެ. އެއީ ކޭބަލް ކާރުގެ މަންޒިލާ 100 (328 ފޫޓު) ވަރަކަށް މީޓަރު ދުރުގައެވެ. އެމަޖެންސީ ސާވިސަސްއާ ހަވާލާދީ ބައެއް ޚަބަރުތައް ބުނި ގޮތުގައި ހާދިސާގެ ޚަބަރު އެ ފަރާތަށް ލިބިފައި ވަނީ މެންދުރު 12 ޖެހިއިރު (ރާއްޖޭ ގަޑިން މެންދުރު ފަހު 3 ޖެހިއިރު) އެވެ. އެހެންނަމަވެސް، އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނެފައިވާ ގޮތުގައި ހާދިސާ ހިނގާފައި ވަނީ މެންދުރު 12:30 ގައެވެ.
ކޭބަލް ކާރު ވެއްޓުނު ސަބަބެއް އަދި ހާމަކޮށްފައި ނުވެއެވެ. އެހެންނަމަވެސް، އެ ސަރަހައްދުން ލިބޭ ޚަބަރުތައް ބުނާ ގޮތުގައި ފަރުބަދައިގެ ކުރިއާ ގާތްގަނޑަކަށް 300 މީޓަރު (984 ފޫޓު) ދުރު ހިސާބަކުން ކޭބަލް ކަނޑައިގެން ދިޔައީކަމަށް ލަފާކުރެވެއެވެ. ކޭބަލް ކާރު ވެއްޓިފައި ވަނީ ވަރަށް މަތިން ކަަމަށްވާއިރު، އެ ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.
އޮގަސްޓް 1970 ގައި ޚިދުމަތް ފެށި މި ކޭބަލް ކާރުގެ ދަތުރު ކުރަނީ ދެ ބަަޔަކަށެވެ. އެއީ ސްޓްރެސާއިން އަލްޕީނޯއަށް 2 ކިލޯމީޓަރުގެ ދަތުުރަކާއި، އަލްޕީނޯއިން މޮޓަރޯނޭ ފަރުބަދައިގެ ކުރިއަށް 3 ކިލޯމީޓަރުގެ ދަތުރެކެެވެ.
މިއަދުގެ ހާދިސާއަކީ 1998 ވަނަ އަހަރަށް ފަު އިޓަލީގައި ހިނގި ކޭބަލް ކާރުގެ އެންމެ ހިތާމަވެރި ހާދިސާއެވެ. އެ ފަހަރު ތިރިން ދަތުރުކުރި އެމެރިކާގެ އަސްކަރީ މަތިންދާބޯޓެއް ޑޮލޮމައިޓްސް ސަރަހައްދުގެ ކަވަލީސްގައި ކޭބަލް ކާރު ދަތުރުކުރާ ކޭބަލެއްގައި އަޅައިގަނެ، ކޭބަލް ކަނޑައިގެން ދިއުުމުގެ ސަބަބުން 20 މީހުން މަރުވެފައި ވެއެވެ.