(23 ޖޫން 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ބާދްޝާ އެ ފޮށި މޭގައި ޖައްސައިލިއެވެ. "ނޫނޭ. އަހަރެން މި އިސްތަށި އަންދައެއް ނުލާނަން. އަންދާލައިފިއްޔާ އަހަރެންގެ އަތުގައި އޭނާގެ އެއްޗެއް ނޯންނާނެ."
"ސިހުރަށް މައިތިރިއެއް ހަދަން ވާނެ. އެންމެ ރަނގަޅު. ހުރިހައި އިސްތަށްޓެއް އަންދައި ނުލިޔަސް އެއް އިސްތަށި އަންދައިލަމާ ހިނގާ. މިއީ ކިހިނެއް ހިނގާ ކަމެއްތޯ ބަލަން އެބަ ޖެހެއެއްނު؟"
ދެމީހުން އިރުކޮޅެއް ވާންދެން އެކަމުގައި ބަހުސުކުރިއެވެ. އެންމެ ފަހުން ބާދްޝާ އެއްބަސް ވެއްޖެއެވެ. މުސައްވިރު ބާ ނޫހެއް ގެނެސް ވީދައި ބަދިގޭ ދޮރުމަތީގައި ފުންޏަކަށް ޖަހައިފައި އެ ކަރުދާސްތަކުގައި ހުޅު ރޯކޮށްފިއެވެ. ބާދްޝާ ވަރަށް ފަރުވާތެރިކަމާއެކު ފޮށިން އެއް އިސްތަށި ނަގައި އަލިފާނަށް ލައިފިއެވެ.
އިސްތަށީގައި ހުޅުހިފުމާއެކު އަސަރު ފެނިއްޖެއެވެ. ރެކިސާއެއްގެ އަޑު އިވިއްޖެއެވެ. ރެކިސާ އައިސް މަޑުކޮށްލީ އެގޭ ދޮށަށްކަން އަޑު އިވުނު ގޮތުން އެނގުނެވެ. މުސައްވިރާއި ބާދްޝާއާ ދެމީހުން ހައިރާން ވެފައި އެކަކު އަނެކެއްގެ މޫނަށް ބަލައިލިއެވެ. މުސައްވިރު ވައިއަޑުން ބުނެލިއެވެ. "އިސްތަށި އަންދައިލީމާ އެ އެންދި ތަނަކަށް ފުރޭތަ އަންނާނެ."
ފެންޑާއިން ފިޔަވަޅުގެ އަޑު އިވޭން ފަށައިފިއެވެ. އަނދަމުން ދިޔަ އަލިފާނުގެ ކުރިމަތީގައި ދެމީހުން ދެ ހިލަބުދުހެން ތިއްބެވެ. ތެދުވާކަށްވެސް ނުކެރުނެވެ. ފިޔަވަޅުގެ އަޑު ހުޅުވިފައިވާ ދޮރުމައްޗަށް އައިސް ހުއްޓިއްޖެއެވެ. އަނދަމުން ދިޔަ ކަރުދާހުން އަރާ ދުމުގެ ތެރެއިން ދެމީހުން އިސް އުފުލައި ބަލައިލިއެވެ. ޑައިނު އެހެރީ ދިމާ ކުރިމަތީގައި ފެންނާށެވެ. ހިނިތުންވަނީއެވެ. އަތުގައި ތަށިބަރިއެއް އޮތެވެ.
ބާދްޝާގެ ދެލޯ ދެކާށިކިބަހެން ވެއްޖެއެވެ. ހައިރާންވީ ވަރުން އަނގަ ހުޅުވިއްޖެއެވެ. އެ ޑައިނު އެބަ ބުނެއެވެ. "ދަރިފުޅާ. ގާތް މީހަކު ނިޔާވީމާ މޫނު ދެކިލަން މަންމަ ދިޔައީ. އެނބުރި އައީމާ އެނގުނީ ދަރިފުޅު ހުރީ މިރޭ ނުކައިކަން. ރުޚްސާނާ ފުރަމުން ބުނެފައި އޮތީ ދަރިފުޅު ކާން ނައިއްޔާ މިގެއަށް ކާ އެއްޗެހި ގެނެސްދޭށޭ. އެހެން ވެގެން މި އައީ ތަށިބަރި ހިފައިގެން."
ބާދްޝާ ދެ އަތުން ބޮލުގައި ހިފަހައްޓައިލިއެވެ.
* * *
ޑޮކްޓަރ ލުއިސް މާކޯ ބޮޑު މޭޒެއްގެ އެއް ފަރާތުގައި އިނދެގެން ކަޅިވެސް ޖަހައިނުލައި ރުޚްސާނާގެ މޫނަށް ބަލަމުން ގެންދިޔައެވެ. ރުޚްސާނާ އިސް ޖަހައިލައިގެން އިށީނދެގެން އިނެވެ. އޭނާ އިނީ ޑަކްޓަރުގެ ދުލުން އުފާވެރި ޚަބަރެއް އިވޭނޭ ދަނޑިވަޅެއްގެ އިންތިޒާރުގައެވެ. އޭނާގެ މޫނު މުޅީން ރަނގަޅުވާނެއޭ ބުނާ އަޑު އިވޭނޭ ވަގުތެއްގެ އިންތިޒާރުގައެވެ.
ކައިރީގައި ހުރި އެހެން ގޮނޑިއެއްގައި ޖަމްޝީދު އިށީނދެގެން އިނެވެ. އޭނާވެސް އިނީ އަޖައިބެއް ފަދަ ބޭގަރާރު ހާލަތެއްގައެވެ. ހިތުގައި އޮތީ މަކަރުވެރިކަމެވެ. އިރުއޮއްސި އަނދިރި ވާނީ ކޮން އިރަކުން ހެއްޔޭ ހިތާހިތާ ސުވާލު ކުރަމުން ދަނީއެވެ. ރާހަތުގެ ދަނޑިވަޅު އަންނާނީ ކޮން އިރަކުން ބާވައޭ ހިތަށް އަރަނީއެވެ.
ޑަކްޓަރު ހިނިތުންވެލާފައި ބުންޏެވެ. "މިސް. މިސްޓަރ ޖަމްޝީދަށް ޝުކުރު އަދާކުރޭ. އޭނާގެ އެހީތެރިކަމާއެކު އަހަރެމެން މިހާރު މި ވަނީ ރުޚްސާނާގެ މޫނުގެ ފުރިހަމަ ދިރާސާއެއް ހަދާފައި. މާނައަކީ އަހަރެމެން ރުޚްސާނާގެ މޫނު އެކުގައި ހަދައިފީމޭ."
ރުޚްސާނާ ސިހިފައި ޑަކްޓަރުގެ މޫނަށް ސުވާލުގެ ނަޒަރަކުން ބަލައިލިއެވެ. އެ ދެއްކި ވާހަކަ މާ ރަނގަޅަކަށް އޭނާއަކަށް ފަހުމެއް ނުވިއެވެ. އޭނާގެ އަދިވެސް ހުރީ ބައިމޫނެކެވެ. މޫނު އެކުގައި ހަދައިފީމޭ އެ ބުނީ ކީއްވެގެން ބާވައެވެ؟
ޑަކްޓަރު އޭނާގެ ކުރިމަތީގައި އޮތް ފައިލެއް ހުޅުވައިލިއެވެ. "ރުޚްސާނާ އެކި ގޮތްގޮތުން މިކޮޅަށް ފޮނުވާފައި ހުރި ހުރިހައި ފޮޓޯއެއްގައިވެސް ރީތިކޮށް ހުރީ މޫނުގެ އެއް ފަޅި. ދެން ފޮނުވާފައި ހުރީ އަނދާފައި ހުރި ފަޅީގެ ރިޕޯޓުތައް. އެ އެއްޗިއްސަށް ބަލައިގެން އަހަރެމެން ހަދާފައި ހުރި މޫނު މިހިރީ."
ޑަކްޓަރު ރުޚްސާނާއަށް ފޯރުކޮށްލީ ބޮޑު ފޮޓޯއެކެވެ. އޭނާ ފޮޓޯ އަތުލައިގެން ބަލައިލިއެވެ. ފުރިހަމަކޮށްފައިވާ މޫނު ފެނުނީމާ އޭނާ ހައިރާންވިއެވެ. އެ މޫނަކު ކުޑަވެސް އައިބެއް ނެތެވެ. އޭނާ ޑަކްޓަރާ ދިމާއަށް ބަލައިލިއެވެ.
"އަހަރެމެން މި ފޮޓޯ ތައްޔާރު ކުރި ގޮތް ނޭނގިގެން ހައިރާންވީތަ؟ މިއީ އެހައި ބޮޑު ސިއްރެއް ނޫން. އަދި މާ ބޮޑު މަސައްކަތެއްވެސް ނޫން. މޫނުގެ ރީތި ފަޅީގެ ނަކަލެއް ނުފުށުން ޖަހާފައި ނުބައި ފަޅީގެ މައްޗަށް ލީމާ އެހެރީ ނިމިފައި. އެއީ އެވަރުގެ ކަމެއް ނޫން."
ރުޚްސާނާ އުފާވެފައި ބުނެލިއެވެ. "ޑޮކްޓަރ. އަޅުގަނޑަށް އަޅުގަނޑުގެ ފުރިހަމަ މޫނެއް މި ފެނުނީ ލައްކަ ދުވަސް ކޮށްފައި. ފޮޓޯއަކުން ވިޔަސް ފެނުނީމާ އުފާވެއްޖެ. އަޅުގަނޑުގެ އައިބު ފިލާނީ ކޮން ދުވަހަކުތޯ؟"
ޑަކްޓަރު ވިސްނައިލާފައި ބުންޏެވެ. "ލަފާ ކުރެވޭ ގޮތުގައި... ހަމަހާއި ދިހަމަހާ ދެމެދުގެ މުއްދަތެއް ހޭދަވާނެ."
ރުޚްސާނާ ކުޑަކޮށް ކަންބޮޑުވެއްޖެއެވެ. "ޕްލާސްޓިކް ސާޖަރީގެ ކަންތައް އޮންނަ ގޮތާއި އެކަމުގައި ހުންނަ ދަތިތައް ޑޮކްޓަރަށް މާ މޮޅަށް އެނގިވަޑައިގަންނަވާނެ. އަޅުގަނޑަކީ ޑޮކްޓަރެއް ކަމުގައި ވިޔަސް އަދި މަސައްކަތެއް ނުފައްޓަން. އަޅުގަނޑަކީ މާ ބޮޑު ތަނަވަސްކަމެއް ހުރި މީހަކީމެއް ނޫން. މި ރަށުގައިވެސް އާމްދަނީ ހޯދާނޭ ގޮތެއް އަދި ހަމަޖެހިފައެއް ނެތް. ސާޖަރީއަށް ހޭދަވާ މުއްދަތު ދިގުވީ ވަރަކަށް އަޅުގަނޑަށް ކުރިމަތިވާ ދަތިތައް ދާނީ ގިނަވަމުން. އެހެންވީމާ ޒާތީ ހައިސިއްޔަތުން މަސައްކަތް ކުރައްވައިގެން ނަމަވެސް އަޅުގަނޑުގެ ސާޖަރީ އަވަސް ވާނެ ގޮތެއް ހައްދަވައި ދެއްވައިފިއްޔާ ވަރަށް ހެޔޮފުޅު."
"ވީހައިވެސް އަވަހެއް ކުރެވޭތޯ އަހަރެން މަސައްކަތް ކުރާނަން. އެހެން ގައުމުތަކުން އަންނަ މީސްމީހުންނަށް ކުރިމަތިވާ ދަތިތަކެއް ހުންނަ ކަމަށް އަހަރެންވެސް ގަބޫލު ކުރަން. އެކަމަކު ކީއްކުރާނީ؟ ކޭސްތައް އެހައި ގިނަ. އެކަމަކުވެސް އަވަސް ކުރެވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރާނަން."
"އަޅުގަނޑު ޑޮކްޓަރުގެ ހެޔޮފުޅުކަން ދުވަހަކުވެސް ހަނދާން ނައްތައެއް ނުލާނަން. އަޅުގަނޑު މި ރަށުގައި މި އިންނަނީ މުޅީން ހުހާ. ޑޮކްޓަރަށް އެހީތެރިއަކު ބޭނުންފުޅު ވެއްޖެއްޔާ އަންގަވައިލައްވާ. އަޅުގަނޑު އަންނާނަން."
ޑަކްޓަރު ހިނިތުން ވެލާފައި މޭޒުމަތީގައި ހުރި ރަނގަބީލަކަށް ފިތާލައިފިއެވެ. "ބޭނުމެއް ޖެހިއްޖެއްޔާ އަންގައިލާނަން."
އަންހެނަކު އެ ވަގުތު ކޮޓަރިއަށް ވަދެއްޖެއެވެ. ޑަކްޓަރު އެމީހާޔާ މުޚާތަބުކޮށް ބުނެލިއެވެ. "މިސް ރުޚްސާނާ ފަރީދުގެ ގްރާފް ސްކެޗާއި ރިޕޯޓު ގެނެސްދީ."
އެމީހާ ނުކުމެގެން ހިނގައްޖެއެވެ. މާ ގިނަ އިރުތަކެއް ނުވަނީސް އެ މީހާ އަނެއްކާވެސް ޑަކްޓަރު އެދުނު ތަކެތި ހިފައިގެން އަތުވެއްޖެއެވެ. އެއީ ވަރަށް ބޮޑު ގްރާފް ކަރުދާސްގަނޑެއްގައި ކުރަހާފައި އޮތް މޫނެކެވެ. ވަރަށް ތަފުސީލުކޮށް ނަންބަރު ޖަހައި ފާހަގަ ކޮށްފައި ހުއްޓެވެ. އެޔާއެކު އޮތް ރިޕޯޓުގައި ވަރަށް ތަފުސީލުކޮށް ހުރިހައި އެއްޗެއް ލިޔެފައި ހުއްޓެވެ. ޑަކްޓަރު ލުއިސް މާކޯ އޭގައި ހުރި އެއްޗެއް ރުޚްސާނާއަށް ކިޔައިދެމުން މަޝްވަރާ ކުރަމުން ގެންދިޔައެވެ. ފުރަތަމަ ބައްދަލުވުމާއެކުވެސް ޑަކްޓަރުގެ އަޚްލާގު ރަނގަޅުކަމާއި ހިތްހެޔޮކަން ފާހަގަ ކުރެވުނެވެ. އެއީ ރުޚްސާނާއަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނު ކަމަކަށް ވިއެވެ.
ވަރަށް ގިނަ ވާހަކަތަކަށް ފަހު ޑަކްޓަރު ބުނެލިއެވެ. "މިސްޓަރ ޖަމްޝީދު. އިއުތިރާޒު ނުކުރާ ކަމަށް ވަންޏާ ކުޑައިރުކޮޅަކު ބޭރުގައި މަޑުކޮށްލެއްވިދާނެތޯ؟ އަދި ބައެއް ކަހަލަ ޓެސްޓުތައް ހަދައިލާން ބޭނުންވޭ. ހަމުގެ ކުލައާއި އެލަޖީގެ ކަންތައްތައް ބަލަން ވާނެ."
ޖަމްޝީދު ތެދުވެއްޖެއެވެ. "މުހިއްމު ކަމަކު ތަނަކަށް ދާންވެސް އަޅުގަނޑަށް އެބަޖެހޭ. އަންނާންވީ އަންދާސާ ގަޑިއެއް ވިދާޅުވެވިދާނެތޯ؟"
ޑަކްޓަރު ގަޑިއަށް ބަލައިލިއެވެ. "މިހާރު އެ ޖެހީ އެގާރަ. މެންދުރުކާން ދާނީ ބާރަގަޑި ބައިގައި. އެ ގަޑީގައި އައިސް މިސް ރުޚްސާނާ ގެންދޭ. އޭގެ ފަހުން މެންދުރު ފަހު ދޭއް ޖަހާއިރު އަނެއްކާވެސް ގޮވައިގެން އާދޭ."
ޖަމްޝީދު ހިނިތުންވެލާފައި ރުޚްސާނާއާ ދިމާއަށް ބަލައިލިއެވެ. އަދި މަޑުމަޑުން ޑަކްޓަރުގެ ކޮޓަރިން ނުކުމެއްޖެއެވެ. މިއަދު މިއީ ނިމޭނޭ ދުވަހެއް ނޫނޭވެސް އޭނާގެ ހިތަށް އަރާން ފަށައިފިއެވެ. ރޭގަނޑު ނައިސްގެން އޭނާ ކުރަމުން ގެންދާ އިންތިޒާރު އަހަރަކަށްވުރެވެސް ދިގޭ ހީވާން ފަށައިފިއެވެ. އޭނާ މަޑުމަޑުން ގޮސް ކާރަށް އަރައިފިއެވެ. ކުރަން ޖެހޭ މަސައްކަތް ހުރި ނަމަވެސް މިއަދަކު އޮފީހަށް ދާ ހިތެއް ނުވެއެވެ. އެތެރެހަށީގައި ވަނީ އާދަޔާ ޚިލާފު ހައިޖާނެއް އުފެދިފައެވެ.
(ނުނިމޭ)