ޚިޔާނާތުގެ ކުށުގައި ޤަޠަރުގެ ފިނޭންްސް މިނިސްޓަރު ހައްޔަރުކޮށްފި

ޤަޠަރުގެ މިނިސްޓަރ އޮފް ފިނޭންސް ޢަލީ ޝަރީފު އަލްޢިމާދީ: އިއްޔެ އޭނާ ހައްޔަރުކުރުމުގެ އަމުރު ވަނީ ނެރެފައި

އަމިއްލަަ މާލީ ފައިދާއަށް މަގާމުގެ ބޭނުންކުރުމާއި، ޚިޔާނާތުގެ ކުށުގައި ޤަޠަރުގެ ފިނޭންސް މިނިސްޓަރު ޢަލީ ޝަރީފު އަލްޢީމާދީ ހައްޔަރުކޮށްފިއެވެ.  

"ރައްޔިތުންގެ މުދަލަށް ގެއްލުންވާ ފަދަ އަމަލުތައް ހިންގުމާއި، މަގާމުގެ ބޭނުންކޮށްގެން އަމިއްލަ ފައިދާ ހޯދުމާއި، މަގާމުގެ ބާރު ނަހަމަގޮތުގައި ބޭނުންކޮށްފައިވާތީ، ސަރުކާރުގެ ވަޒީފާއާއި ގުޅުންހުުރި ކުށްތަކެއްގައި" އޭނާ ހައްޔަރުކުރުމަށް އެ ގައުމުގެ އެޓާނީ ޖެނެރަލް ނެރުއްވި އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައި ވަނީ އޭނާއާ ދެކޮޅަށް އުފުލާފައިވާ މައްސަލަތައް ތަހުގީގުކުރުމަށެވެ.

ޖޫން 2013 އިން ފެށިގެން ފިނޭންސް މިނިސްޓަރުކަމުގައި ހުންނެވި އަލްޢިމާދީ ހައްޔަރުކުރުމުގެ އަމުރާއެކު ޤަޠަރުގެ އަމީރު ތަމީމް ބިން ޙަމަދް އާލްޘާނީ ވަނީ ފިނޭންސް މިނިސްޓަރުކަމުގެ މަގާމުން އޭނާ ވަކިކުރައްވައި އެ މިނިސްޓްރީ ވަގުތީގޮތުން ހިންގެވުން މިނިސްޓަރ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީ ޢަލީ ބިން އަޙްމަދު އަލްކަވާރީއާ ޙަވާލުކުރައްވާފައެވެ.

2005 ވަނަ އަހަރުން ފެށިގެން ފިނޭންސް މިނިސްޓަރުކަމާ ހަވާލުވެވަަޑައިގަންނަވަންދެން މެދު އިރުމަތީގައި އެންމެ ގިނަ ލޯނު ދޫކޮށްފައިވާ ބޭންކު، ޤަޠަރު ނޭޝަނަލް ބޭންކް (ކިއުއެންބީ) ގެ ޗީފް އެގްޒެކެޓިވްކަން ކުރެއްވި އަލްޢިމާދީއަކީ އިއްޔެ މިނިސްޓަރުކަމުން ވަކިކުރެއްވުމާ ހަމައަށްވެސް ކިއުއެންބީގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަނެވެ. އަދި ޤަޠަރު އެއާވޭޒްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަންވެސް މެއެވެ.

މީގެ އިތުރަށް އޭނާއަކީ ޤަޠަރުގެ ސޮވެރިން ވެލްތު ފަންޑް، 300 ބިލިއަން ޑޮލަރުގެ ޤަޠަރު އިންވެެސްޓްމަންޓް އޮތޯރިޓީގެ ބޯޑު މެންބަރެކެވެ.

ފިނޭންސް މިނިސްޓަރު ހައްޔަރުކުރުމުގެ އަމުރާ ގުޅިގެން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ޤަޠަރުގެ ފޮރިން މިނިސްޓަރު މުޙައްމަދު ބިން ޢަބްދުއްރަޙްމާން ބިން ޖާސިމް އާލްޘާނީ ވިދާޅުވީ އޭނާ ހައްޔަރުކުރި މައްސަލަ ގުޅިފައިވަނީ ފިނޭންސް މިނިސްޓަރުގެ ހައިސިއްޔަތުން އޭނާ ކުރައްވާފައިވާ ކަންކަމާއެވެ. އަދި އޭނާ ފުރުއްވާ އެހެން މަގާމަކާ އެކަމާ އެއްވެސް ގުޅުމެއް ނެތެވެ.

"އެެެހެން އެެއްވެސް އިދާރާއެއްގައި އޭނާ އަދާކުރައްވާ މަގާމާ މި ތުހުމަތުތަކާ އެެއްވެސް ގުޅުމެެއް ނެތް. އަހަރުމެންެގެ އިދާރާތަކާއި ކުންފުނިތައް ހިންގަނީ ކޯޕަރެޓް ގަވަނެންސްގެ އެންެމެ މަތީ ފެންވަރުގެ އުސޫލުތަކާ އެއްގޮތަށްކަން އަހަރުމެންނަށް ޔަގީން. އަހަރުމެން ދަނީ ކުންފުނިތަކުގެ ހިންގުން ގަވާއިދުން އޮޑިޓްކުރަމުން މުރާޖައާކުރަމުން." ފޮރިން މިނިސްޓަރު ވިދާޅުވިއެވެ.

"އަހަރުމެންގެ ސްވެރިން ވެލްތު ފަންޑާއި ކުންފުނިތައް ދަނީ އާދައިގެ ގޮތަށް ހިނގަމުން." އޭނާ އިތުރަށް ވިދާޅުވިއެވެ.

ގުދުރަތީ ގޭހުގެ މުއްސަނދިކަން ލިބިފައިވާ ޤަޠަރުގެ އިގްތިސާދު ތަފާތު ދާއިރާތަކަށް ފުޅާކުރުމަށް  2014 އާއި 2015 ގައި ކުރެވުނު މަސައްކަތުގައި ފިނޭންސް މިނިސްޓަރު އަލްޢިމާދީ ވަނީ މުހިއްމު ދައުރެއް އަދާކުރައްވާފައެވެ.

އިއްޔެ އަލްޢިމާދީ ހައްޔަރުކުރެވުނު އިރު، ޤަޠަރުން ދަނީ ދުނިޔޭގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް، ފީފާ ވާލްޑް ކަޕް 2022 ވަނަ އެ ގައުމުގައި ބޭއްވުމަށް ތައްޔާރުވުމުގެ ގޮތުން އެތައް ބިލިއަން ޑޮަލަރުގެ މަޝްރޫއުތައް ހިންގަމުންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.