ފަޅިމޫނު - 86

(3 މެއި 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"މި ވަގުތު އެންމެ މުނާސިބުވާނީ ދެމީހުންވެސް އެކަު އަނެކަކަށް ފައިދާއެއް ކުރާނޭ ވާހަކައެއް ދެއްކިއްޔާ. ފަރީގެ ވަޒީފާ ހަމަޖެހޭތޯ އަހަރެން ވަރަށް ބޮޑަށް މަސައްކަތް ކުރާނަން. ފަރީ ވަނީ އަހަރެންގެ ވާހަކަ އެއްވެސް މީހަކު ގާތު ނުދައްކަން އަނގަބަހުން މުއާހަދާއެއް ކޮށްފައި. އެންމެ ރަނގަޅެއްނު ދޯ؟"

ރުޚްސާނާ ކޮޅަށް ތެދުވެއްޖެއެވެ. ފަރުޒާނާވެސް އޭނާޔާއެކު ހިނގައިފައި އައިސް ކުލިނިކަށް ވަދެއްޖެއެވެ. އަދި ބޭރަށް ނުކުންނާން ހުންނަ ދޮރު ހުޅުވައިލުމަށް ފަހު ދޮރުގެ ނިވަލުގައި ހުއްޓި ހުރެއްޖެއެވެ. ރުޚްސާނާ އޭނާގެ ހަރަކާތްތަކަށް ފަރުވާތެރިކަމާއެކު ބަލަހައްްޓައިގެން ހުރެފައި ބުންޏެވެ. "އޭތް... އަހަރެން އަދި މިހިރީ ހަނދާން ނެތިފައޭ. ފަރީ މިހާރު މޫނުބުރުގާ އަޅާން ފަށައިފިން ދޯ؟ ފިލައި ތިޔަ އިނީވެސް އެހެން ވެގެން ދޯ؟"

ފަރުޒާނާ ދެރަވެފައި ބުނެލިއެވެ. "އަހަރެމެން ދެމީހުންވެސް ޖާނީއަށް މަކަރު ހެދިން. ރުޚްސާނާ ތިޔަ ދިރިއުޅުން ވޭތުކުރަނީ އޭނާޔާ ދިމާއަށް ސީދާ ބަލަހައްޓައިގެން އިނދެ. އަހަންނަށް މި ޖެހެނީ ފިލަފިލައިގެން އުޅެން. ކުށްވެރިއެއްހެން ދިރިއުޅެން ޖެހޭނީ ކިހައި ދުވަހެއް ވާންދެން ކަމެއްވެސް ނޭނގޭ."

ރުޚްސާނާ އޭނާގެ ކޮނޑުގައި އަތް ޖައްސައިލިއެވެ. "ފަރީއަށް ތިޔަހެން އުޅެން ޖެހެނީ އަހަންނާ ހެދިކަން އެނގޭ. ވަރަށް އަވަހަށް ފަރުޒާނާއަށް ލަންޑަނަށް ދެވޭނޭ ގޮތް ހަމަޖައްސާނޭ ކަމަށް އަހަރެން ވައުދުވަން. ދަމުންވެސް އެންމެ ފަހުގެ އެދުން ހާމަކޮށްލާނަން. މޫނުބުރުގާ އަޅައިގެން އުޅޭތި."

"މިއީ މޫނުބުރުގާއެއް ކަމަކަށް އަހަރެން ނުބަލަން. އަހަރެން މި އަޅައިގެން އުޅެނީ މުކައްބައެއް ކަމަށް ބަލައިގެން. މި މުކައްބައިގެ ދަށުގައި އަހަރެން އޮންނާނަން."

ރުޚްސާނާ ލޯތްބާއެކު އޭނާއާ ދިމާއަށް ބަލައިލިއެވެ. އަދި ސަލާން ކުރުމަށްޓަކައި އަތް ދިއްކޮށްލިއެވެ. "ފަރީ. އަހަރެން މި ދަނީ އެތައް ހާސް މޭލެއްގެ ދުރަށް. އެހައި ދުރުގައި އުޅެނިކޮށް މަށަށް ކަމެއް ވެއްޖެއްޔާ ވަރަށް ނުބައި އިހުސާސްތަކެއް ކުރެވޭނެ. އެނބުރި ނާދެވުނިއްޔާ އަހަރެމެން ދެމީހުންގެ އަމިއްލަ އެދުމާއި މައްކާރުކަމާއި ވިޔާނުދާކަން ބޭކާރު ވެގެން ހިނގައިދާނެ. އެވަގުތު ހިތާމަވެސް ކުރެވޭނެ. ކުޑައިރުކޮޅަކަށް ނަމަވެސް ދެމީހުން އެކަކު އަނެކަކު ދެކެ ލޯބި ނުވީ ކީއްވެގެން ބާވައޭ ހިތަށް އަރާނެ. އެކަކަު އަނެކަކާ އަތާ އަތް ޖޯޑުކޮށް ސަލާން ނުކުރީ ކީއްވެގެން ހެއްޔޭ ދެމީހުން ބައްދައިނުލީ ކީއްވެގެން ހެއްޔޭ ހިތަށް އަރާނެ."

ރުޚްސާނާ ކައިރިއަށް ޖެހިލިއެވެ. ކުއްލިއަކަށް ދެމީހުން އޮޅުލައިގެންފައި ރޯން ފަށައިފިއެވެ. "ފަރީ. ތިޔައީ ވަރަށް ރަނގަޅު އެކުވެރިއެއް. އަހަންނަށްޓަކައި ވަރަށް ގިނަ ހެޔޮ ކަންތައް ކޮށް ދީފީމު. އަދިވެސް އެބަ ކުރަމު."

"ރުޚްސާނާ. ހެޔޮ ވާހަކަ ދައްކާފައި އެ ވާހަކަތަކުގެ މައްޗަށް އަމަލު ކުރުމަކީ މީހުން ކޮށް އުޅޭ ކަމެއްތަ؟"

"ހެޔޮ ވާހަކައެއް ކަމަށް ވަންޏާ އަހަރެން އަމަލުވެސް ކުރަން."

"ތިޔަ ދައުވާ ސަލާމަތުން ލަހައްޓަވާށި. ތިޔަ ބުނާހެން އެނބުރި ނާދެވިއްޖެއްޔާ އަހަރެމެން އެންމެވެސް ހިތާމަކުރާ ކަންތައްތަކެއް ހުންނާނެ. ދެމީހުން ނުލާހިކު އެކުގައި އެއް ހަށިގަނޑެއްހެން އުޅުނު ދުވަސްވަރު އެކަކު އަނެކަކު ދެކެ ލޯބި ނުވީ ކީއްވެގެން ހެއްޔޭ... އެކަކު އަނެކަކަށް މަކަރު ހެދީ ކީއްވެގެން ހެއްޔޭ ހަމަ ހަގީގަތުގައިވެސް ހިތަށް އަރާނެ. ރުޚްސާނާ. ތިޔަ ދެއްކި ވާހަކައަކީ ރަނގަޅު ވާހަކައެއް ކަމަށް ގަބޫލުކުރާ ކަމަށް ވަންޏާ އެޔަށް އަމަލުވެސް ކުރޭ. ޖާނީއަށް މަކަރު ހެދުން ހުއްޓައިލާ. ލަންޑަނަށް ގޮސް އުޅޭނީ ހުސްހަށިބައި މީހަކަށް ހެދިގެން ކަމަށް ވަންޏާ އެ ވާހަކަވެސް ބުނެފައި ބާއްވާ."

ރުޚްސާނާގެ ހަށިގަނޑަށް ބާވަތެއްގެ ވާންކަމެއް ވެރިވެއްޖެއެވެ. ސިކުނޑީގައި ވަރުގަދަ ތޫފާނެއް އުފެދިއްޖެއެވެ. ރަނގަޅު ވާހަކައަކަށް ހަވާލާ ދިނުމަށް ފަހު އެ ވާހަކައަށް އަމަލު ކުރާށޭ ފަރުޒާނާ އެ ބުނީ އެންމެ ފުރިހަމަ ދަނޑިވަޅުގައެވެ. ޖާނީއަށް މަކަރު ހަދަމުން ދިޔައިރު ޚުދު އޭނާއަށްވެސް ހުރެވެނީ އެކަމާ ދެރަވޭވެއެވެ. އެކަމަކުވެސް ކަންތައް ކުރަމުން ދިޔައީ މަކަރުވެރިކަމާ އެކީގައެވެ. އޭނާގެ އެހީތެރިއަކަށް އަބަދުވެސް ހުންނަނީ މަންމައެވެ. ފަރުޒާނާ އެ ދެއްކި ވާހަކަ އޭނާގެ ސިކުނޑީގައި ރަނގަޅަށް ހަރުލައިފިއެވެ.

"ފަރީ. ޖާނީއަށް ދޭ ވަރުގެ އިސްކަމެއް މި ދުނިޔޭގެ އެހެން އެއްވެސް ފިރިހެނަކަށް އަހަރެން ނުދޭކަން ފަރީ ރަނގަޅަށް ދަންނާނެ. އޭނާއަށް މަކަރު ހަދާނަމޭ ހިތަށް އެރުމާއެކުވެސް އަހަރެންގެ އެތެރެހަށީގައި ވަރުގަދަ ތޫފާނެއް އުފެދޭ. ޝައްކެއްގެ ސަބަބުން އަހަރެން ދެކެ އޭނާ އެވާ ލޯބި އުނިވެގެން ހިނގައިދާނެތީ ވަރަށް ބޮޑަށް ބިރުގަނޭ. ފަރީ ތިޔަ ދިނީ ވަރަށް ވަރަށް ރަނގަޅު ލަފައެއް. އަހަރެން ހަދާނީވެސް ތިޔަހެން."

ދެ އެކުވެރިން އުފާވެފައި ލޯތްބާއެކު ސަލާންގަލާން ކުރުމަށް ފަހު ވަކިވެއްޖެއެވެ. ރުޚްސާނާ ނުކުތީމާ ފަރުޒާނާ ދޮރު ލައްޕައިލިއެވެ.

ރުޚްސާނާ ރެކިސާއަކަށް އަރައިފިއެވެ. ރެކިސާ ނާގިން ޗޯރަންގީއާ ދިމާއަށް ދުއްވާފައި ދިޔައިރުވެސް އޭނާގެ ސިކުނޑީގައި އުފެދުނު ތޫފާން މަޑެއް ނުވެއެވެ.

ލޯބީގެ ޖަޒުބާތު ބޯ ހިއްލައިލުމަށް ފަހު އޭނާއަށް ވިސްނައިދެނީއެވެ. ފަރުޒާނާ ދެއްކީ ތެދު ވާހަކައެކެވެ. ޖާނީއަށް މަކަރު ހެދުމަކީ ރަނގަޅު ކަމެއް ނޫނެވެ. އެކަހަލަ އިތުބާރުކުރާ ފިރިއަކު ލިބޭނީ ވަރަށް ނަސީބުވެރި މީހަކަށެވެ. އެހެންވީމާ އަމިއްލަ ނަސީބުގައި ކޮޅުފައިން ޖަހާކަށް ނުވާނެއެވެ. ފަރުޒާނާ ދެއްކީ ރަނގަޅު ވާހަކައެކެވެ.

ކުއްލިއަކަށް އޭނާގެ ސިކުނޑީގެ އެއް ކަނަކުން ޑައިނަކު ވާހަކަ ދައްކާން ފަށައިފިއެވެ. އެ ވާހަކަ ހުރީ މަންމަގެ ވާހަކަޔާ ވައްތަރު ގޮތަކަށެވެ. "ފަރުޒާނާ ދެއްކީ ކޮން ރަނގަޅު ވާހަކައެއް ހެއްޔެވެ؟ ދުޝްމިނަކު ހެޔޮ މަޝްވަރާއެއް ދޭނޭ ހެއްޔެވެ؟ މޮޔަ ހެއްދޭ ކަހަލަ މީހަކަށް ނުވާށެވެ. ލަންޑަނަށް ދާން ކުރާން ޖެހޭ ހުރިހައި ކަމެއް ކޮށް ނިމިއްޖެއެވެ. މާދަމާ ފުރަން ތިޔަ އިނީ ތައްޔާރު ވެގެންނެވެ. މިހާރު ޖާނީ ގާތު ތެދު ބަހުން ވާހަކަ ދައްކައިފިއްޔާ ދަތުރު ހުއްޓިދާނެއެވެ. ފަޅިމޫނު ހުރި ގޮތަށް ހުރެދާނެެެއެވެ."

މޫނުގައި ކުޑަ ލަކެއް ޖެހިއްޖެ ނަމަ ލޯގަނޑު އަންހެންމީހާއަށް ވިސްނައިދެއެވެ. ތިޔައީ އެހައި ބޮޑު ކަމެއް ނޫނެވެ. އެވަރުން ގަބޫލު ނުކޮށްފިނަމަ ބުނާނެއެވެ. ތިޔައީ ހަނދުގައި ހުންނަ ކަހަލަ ލަކެކެވެ. ތިޔަ ލައް ހުރީމާ ރީތިކަން ވާނީ ބޮޑެވެ.

އަންހެނުންގެ އެންމެ ބޮޑު އެކުވެރިއަކީ މޫނުބަލާ ލޯގަނޑެވެ. ލޯގަނޑުން ދުވަހަކުވެސް އަންހެނަކު ރުޅިއެއް ނާރުވައެވެ. މާޔޫސު ވިޔަކަ ނުދެއެވެ. ލޯގަނޑުން ފެންނާން ހުންނަ ސޫރައަކީ މުޅި ދުނިޔެހެން ހީވާ ގޮތް ހަދައިލައެވެ. އެ ނޫން އެހެން އެއްވެސް އެއްޗެއް ނުފެންނަވަރު ކޮށްލައެވެ. ފެންނަނީ ހަމައެކަނި ތިމާގެ ސޫރައެވެ.

އެކަމަކު ރުޚްސާނާގެ މޫނު ހުތުރުވެފައިވާ ވަރުން ލޯގަނޑުގެ ކުރިމަތީގައިވެސް އޭނާއަކަށް އުފަލަކުން ނީނދެވެއެވެ. އަދި ލޯގަނޑުގެ މަކަރުވެރި އުކުޅަކުން ހިތެއް ހަމައެއް ނުޖެހެއެވެ. މޫނު މިހާރު އެހެރަ ގޮތަށް ލޯގަނޑުން ބަލަބަލައި ވިހި އަހަރު ދުވަސް ވާންދެން ހުރުމަކީ އޭނާއަކަށް ކުރެވޭވަރުގެ ކަމެއް ނޫނެވެ. މުސްކުޅިވީމާ މޫނު ރީތި ކުރާންވީ ކާކަށް ދައްކާން ހެއްޔެވެ؟ ލޯގަނޑުގެ ކުރިމަތީގައި އިނދެގެން ބަލާނީ އޭނާގެ ފުރިހަމަ މޫނަށް ހެއްޔެވެ؟ ނުވަތަ ބޮލުގައި ހުރި ނުރައަށް ހެއްޔެވެ؟

ރުޚްސާނާއަށް ހެޔޮ ވިސްނުނީ ކަހަލައެވެ. ބައެއް ފަހަރަށް ނުބައި ހެވަށްވެސް ވެދެއެވެ. އޭނާގެ ހިތަށް އެރިއެވެ. "އަހަރެންވެސް މިއީ ކޮން ކަހަލަ މޮޔައެއް ހެއްޔެވެ؟ ފަރުޒާނާގެ ވިޔާނުދާ ވާހަކައިގައި ޖެހިގެން ޖާނީ ގާތު ތެދު ބަހުން ވާހަކަ ދައްކާން ގަސްތުކުރީއެވެ. ތެދުބަހުން ބުނެފިއްޔާ އޭނާ އަހަރެން ލަންޑަނަށް ފޮނުވާނެ ހެއްޔެވެ؟ ބުނެފިއްޔާ އަހަރެންގެ މޫނު ހަމަ މިހިރަ ގޮތަށް ހުންނާނީއެވެ. ޖާނީ ފަރުޒާނާގެ ފަހަތުން ދުވާނީއެވެ. ފަރީގެ މަޅިއަކީ ކޮބައިކަން މި ވިސްނުނީ އަދި ކިރިޔާއެވެ. އޭނާ ބޭނުންވަނީ އަހަރެން ފުރިހަމަ މީހަކަށް ނުވާ ގޮތް ހަދާށެވެ. އަހަރެންގެ މޫނު ފަޅިމޫނެއްގެ ގޮތުގައި ބަހައްޓާށެވެ. ޖާނީ އޭނާގެ ފަހަތުން ނުނެއްޓޭނީ އޭރުންތާއެވެ. މޫނުބުރުގާ އެޅުމުން ވާނީ ވަކި ކީއްހެއްޔެވެ؟ އެއީ ޝައުގުވެރިކަން އިތުރު ކުރުވާ ކަމެކެވެ. ނިކަން އަހަރެން ހޯދައިބަލާށޭ ބުނުން ކަހަލަ ކަމެކެވެ. ފިރިހެނުންނަކީ އަތުނުވާ އެއްޗެހީގެ ފަހަތުން ނިކަން ބާރަށް ދުވާ ބައެކެވެ."

ރެކިސާ ބާރަށް ދުވެފައި ދެއެވެ. ރުޚްސާނާގެ ސިކުނޑީގައި އުފެދުނު ތޫފާން މައިތިރި ވެއްޖެއެވެ. ފަރުޒާނާގެ އަސްލު ސިފަ އޭނާއަށް ފެނުނު ކަހަލައެވެ. މިހާރު ވިސްނަމުން ގެންދަނީ ރުޅިވެރިކަމާ އެކީގައެވެ. "އެއީ ކޮން ކަހަލަ އަންހެނެއް ހެއްޔެވެ؟ އެކުވެރިއަކަށް ވެގެން އެ އުޅުނީ ކަރުގައި ވަޅި އަޅާށެވެ. ވަކިވީ ވަގުތު އޮޅުލައިގެންފައި އެ އުޅުނީ ފުންމިން ނޭނގޭ ވަޅުގަނޑަކަށް އަހަރެން ވައްޓައިލާށެވެ. އަހަރެންގެ ފިރިމީހާގެ ވާހަކަ ދައްކަން އެއީ ކާކު ހެއްޔެވެ؟ ފިރިމީހާއަށް އަހަރެން ވަފާތެރި ވިޔަސް ނުވިޔަސް އެެކަން ކަލާނގެ ދެނެވޮޑިގެން ވާނެއެވެ. އޭނާގެ ހިތުގައި އޮތީ މަކަރުވެރި ރޭވުމެކެވެ. ބަހަނާއެއް ދައްކައިގެން ޖާނީގެ ވާހަކަ ދައްކާން ބޭނުން ވަނީއެވެ. ހަމްދަރުދީގެ ދަޅަ ވަރަށް ދައްކައިފިއެއް ނޫން ހެއްޔެވެ؟ އަދި ޖާނީއަށް މަކަރު ނުހަދާށޭވެސް ބުނެފިއެވެ. އަހަރެން ކޮންމެ ގޮތަކަށް ކަންތައް ކުރިއްޔާ އޭނާއަކާ ކީކީހެއްޔެވެ؟ ގައުމުން ބޭރަށް ދިއުމުގެ ހުވަފެންވެސް އެބަ ދެއެއެވެ. އެކަމަކު މީހަކާ އިންނާކަށް ބޭނުމެއް ނުވެއެވެ. އެއީ މީހަކާ އިނީމާ ޖާނީ އަތުއަޅުވައިލާން އޮންނަ ފުރުސަތު ގެއްލޭނެކަން އެނގޭތީއެވެ. ހަޔާތްކުޑަ... ގޮތްކުޑަ..."

ތާއަބަދު އެހެން މީހުންގެ ގޮތްކުޑަ ކަމާއި ވިޔާނުދާކަމުގެ ހިސާބު ޖަހަޖަހައި ހުރުމުގެ ފައިދާއެއް އޮވެއެވެ. އަމިއްލަ ނުބައިކަމާއި ގޮތްކުޑަކަމާ މެދު ވިސްނައިލާނޭ ފުރުސަތެއް ނުލިބޭނެއެވެ.

* * *

ބާދްޝާ ޖާނީ އިނީ އެނދުގައި އިށީނދެގެންނެވެ. އޭނާގެ އުނގުގައި ތުއްތު ކާމްރާން އިނެވެ. ދޭތެރެއަކުން ރޯ ވައްތަރު ދައްލައިލައެވެ. ބާދްޝާ ބުނެލިއެވެ. "ދަރިފުޅާ. ތިޔަހެން ރުއިމުގެ ބިރު ބައްޕައަށް ދައްކަން ނޫޅޭ. މީގެ ފަހުން މަންމަގެ އުނގުގައި އިނދެވޭ ގޮތެއްވެސް ނުވާނެ. މަންމަ އެ އުޅެނީ ބީރައްޓެއްސަކަށް ވާން."

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.